ވާހަކަ

ލޯބިން ބުނެލަން

(28 އެޕްރިލް 2020 އާ ގުޅޭ)

"ޓްރީޓްމެންޓެއް ނަގަން އަހަރެން ބައްޔެއްނޫން" ލައިތު ނިކަން އަވަހަށް ބުނެލިއެވެ. ފަރުވާތެރިކަމާއެކު ލައިތުއަށް ބަލަން އިރުކޮޅަކު އިނދެފައި ސެހްރާނު ފުންނޭވާއެއް ދޫކޮށްލިއެވެ. އިތުރަށް ވާހަކަދެއްކި ނަމަވެސް ލައިތު އެއްވެސް ކަމެއް ކިޔާނުދޭނެއޭ ސެހްރާނަށް ވިސްނުނީ އެވެ.

ލައިތުގެ އުމުރުގެ ބޮޑުބައި ގޭގެ އެހެން ކުދީންނާ ޚިލާފަށް ހޭދަކުރީ ބޮޑުދައިތަ ފަރުޒީނާއި ސެހްރާނާއެކުއެވެ. އެހެންކުދީންނާ އޮންނަ ގާތްކަމަށްވުރެ ސެހްރާނާއި ލައިތުގެ ދެމެދުގައި އޮންނަ ގާތްމާއި ލޯބި އިތުރުވެފައިވަނީ އެހެންވެއެވެ. ފަރުޒީނުވެފައިވަނީ ފުރާވަރުން ފެށިގެން ލައިތުގެ ދިރިއުޅުން ބަލަހައްޓައިދިން ދެވަނަ މަންމައަށެވެ. ފަރުޒީނަށް ޤަދަރުކުޑަވެދާނޭ އެއްވެސް ކަމެއް ލައިތު މިވީހާތަނަށް ނުކުރެއެވެ. މާމަ ކަމަކަށް އެދެފިނަމަ އެއީ ލައިތުއަށް ދެކޮޅު ހަދާނޭ ފުރުޞަތެއް ނޯންނަ އަމުރެކެވެ. އެކަމަކު ފަރުޒީނުގެ ވާހަކަތަކުގައި މައިވަންތަކަމުގެ ލޯތްބާއި އޯގާތެރިކަން ވެއެވެ. ފަރުޒީނު އަމުރު ނުކުރި ނަމަވެސް އޭނާގެ ބަސް ލައިތު ޤަބޫލުކުރަނީ އެ އޯގާތެރިކަމަށް ދަރަނިވެރިވެފައިވާ ދަރިއަކު ފަދައިންނެވެ.

"ސެހެރް!" ވެރިވެފައި އޮތް ހިމޭންކަން ނެތިކޮށްލީ ލައިތުއެވެ. ސެހްރާނު އިސްއުފުލާލައި ލައިތުއަށް ބަލާލިއެވެ. އޭނާ ބުނަން އުޅޭ އެއްޗެއް އަޑުއެހުމުގެ ޝައުގުވެރިކަން އެމޫނުން ދައްކާލިއެވެ.

"ކެންޒާތަ އޭނައަށް ކިޔަނީ؟" ލައިތު އަހާލިއެވެ. ސެހްރާނުގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. ލާނެތް ހިނިތުންވުމަކުން ތުންފަތް ދެމިލިއެވެ.

"އެނގެން ބޭނުންވަނީތަ؟ ކީއްވެ؟" ސެހްރާނުގެ އަޑާއި މީހާގެ ޠަބީޢަތް ވެސް ކުއްލިއަކަށް ބަދަލުވި ކަހަލައެވެ.

"ހެޔޮ ނުބުންޏަސް" ޝައުގެއްނެތްކަން ވަގުތުން ލައިތު ފާޅުކޮށްލިއެވެ.

"ނޯ ނޯ ނޯ... ދެން ތިހެން ބުންޏަސް ޤަބޫލެއްނުކުރެވޭނެ، ނަން ރީތިވީތަ؟" ސެހްރާނު ކުރިއަށް ހަށިގަނޑު ގުދުކޮށްލިއެވެ.

"މޮޔަވީތަ؟ އަހަރެން އެހިކަން ވެސް ހަނދާންނައްތާލާ، އޭނާއޭ ކިޔައިގެން އެއްވެސް އެއްޗެއް ދެން ނުބުނާތި" ލައިތު ބުންޏެވެ. ސެހްރާނު ގަޔާނުވެފައި ތުންފަތަށް ވައްތަރެއް ޖައްސާލިއެވެ. ލައިތުއަށް ފޯނެއް އައީ އެވަގުތެވެ. އޭނާއަށް ގުޅަނީ ހިރާއެވެ. ސެހްރާނުގެ ކުރިމަތީ ވާހަކަދެއްކުމުގެ ބަދަލުގައި ފޯނު ހިފައިގެން ލައިތު އެނދުން ފޭބިއެވެ.

"ބިޓުތަ؟" ލައިތު ނުކުންނަން ދާން ފެށުމުން ސެހްރާނު ބުނެލިއެވެ. ނަމަވެސް އޭނާ ކިޔާ އެއްޗަކަށް ލައިތު ސަމާލުކަމެއްނުދިނެވެ. އޭނާ އައިގޮތަށް ކޮޓަރިން ނުކުމެއްޖެއެވެ. ދޮރުފަތް ލައްޕާލުމުން ސެހްރާނު އެނދުމައްޗަށް ވެއްޓިގަތެވެ. ކޮޓަރީގައި ހުރި ޓީވީ ހުޅުވާލުމަށް އޭނާ ވައަތްފަރާތު އެނދުއަރިމަތީ ހުރި ކަބަޑުމަތިން ރިމޯޓު ނެގިއެވެ.

* * * * *

އިރުއޮއްސުނުއިރު ގޭތެރެއަށް އޮތީ ހިމޭންކަން ވެރިވެފައެވެ. ހަމީމާއި މިފްރާހު ވެސް ގޭތެރެއިން ކެންޒާއަކަށް ނުފެނުނެވެ. މިފްރާހު އުޅޭތީ އޭނާ މެންދުރު އައިސް ކޮޓަރިއަށް ވަން ގޮތަށް އޮތީ ނުނިކުންނާށެވެ. ބަނޑުހައިވެގެން ހާންތިވާވަރު ކެންޒާ ވެއްޖެއެވެ. ކޮޓަރީގައި ހުރެ ދަބަސްތެރެއަށް ލާފައި އޮތް ދެ ސްނީކާސް ޗޮކުލެޓު ވެސް ކާލެވިއްޖެއެވެ. އެއީ އޭނާ ދުވާލުގެ ހަތަރުދަމުގައި އެކިކަންކަމުގައި އުޅޭއިރު ހަކަތަ އިތުރުކޮށްލުމަށާއި އަނގަމީރުކޮށްލުމުގެ ގޮތުން އަބަދުވެސް ގެންގުޅޭ ޗޮކުލެޓެވެ. ފޮނި އެއްޗެއް ދޭތެރެއަކުން ކާނުލާ ކެންޒާ ހިތްހަމައެއް ނުޖެހޭނެއެވެ.

އެކަކުވެސް ނެތި މިނިވަންކަން ލިބިއްޖެކަން އިޙްސާސްވުމުން އަވަހަށް ކޮޓަރި ތަޅުލާފައި ކެންޒާ އައިސް ބަދިގެއަށް ވަނެވެ. އޭނާއަށް ކާމޭޒުމަތިން ތަށްޓެއް ނުފެނުމުން ހައިރާންވިއެވެ. ހަމީމަކީ ދުވަހަކުވެސް ކައިފަ ތަށްޓެއް ނެގި މީހެއްނޫނެވެ. ސިންކު ބަލާލަން ކެންޒާ ކައިރިވެލިއިރު އޭގެ ތެރޭގައި ތަށިހުއްޓާ ފެނުނެވެ. އެހިނދު ވަގުތުން މިފްރާހުގެ ނަން ކެންޒާގެ ހިތާއި ސިކުނޑިއަށް ވެރިވެއްޖެއެވެ.

"އަޅާލާނޭ މީހަކުނެތް، އުޅޭނޭ ތަނެއް ނެތިފައި ހުރި މީހެއްފާޑު އޭނާ ނުޖަހާ، ލާފައި ހުންނަ އެއްޗެހީގައި ބާވައްތަރެއް ވެސް ނުޖަހާ، ފަހުގެ ރީތި ގަމީސްތައް ލާފައި ހުންނަނީ، ވަޒީފާއަކަށް ދާހެނެއް ވެސް ހިޔެއްނުވޭ... ދެން ކިހިނެއްބާ؟ ސޯފާގަތީ އޭނާއޭ ބުނީ، އެހެންވިޔަސް ލާރި ހޯދިގޮތެއް ވެސް އޮންނާނެތާ... އެކަމަކު، އޭނާއާ ސުވާލުކުރަން ފަށައިފިއްޔާ ހީވެ ދާނެ އޭނާއާ ވާހަކަދައްކާ ހިތުންނޭ އަހަރެން އުޅެނީ" އަމިއްލަ ނަފްސާ ވާހަކަދައްކަމުން ކެންޒާ ކާއެއްޗެހި އަޅައިގެން އައިސް މޭޒުދޮށުގައި އިށީނެވެ.

އެކި ގޮތްގޮތަށް ކެންޒާ ވިސްނަވިސްނާ ވެސް މިފްރާހުގެ އެއްވެސް ކަމެއް ދެނެގަންނާކަށް ނޭނގުނެވެ. އޭނާއާ ވާހަކަދައްކަން ކެންޒާ ނިންމި ނަމަވެސް އޭނާ މިފްރާހުގެ ދެކެ ޖެހިލުންވެއެވެ. މެންދުރު ބަދިގެ ތެރޭގައި ހުރެފައި ކެންޒާއާ ދިމާއަށް މިފްރާހު އައި ގޮތް ހަނދާންވުމާއެކު ކެންޒާގެ ގައިން ހީބިހިނެގިއެވެ. ބޭއިޚްތިޔާރުގައި މޭމަތިން ޓީޝާޓު ބޮނޑިކޮށްލެވުމާއެކު މޭގައި ޖައްސާ ކެންޒާއަށް ބާރުކޮށްލެވުނެވެ. ފަޅިސިކުންތަކަށް ވިޔަސް މިފްރާހުގެ ލޮލުން އަނދިރިކަމާއި ނާމާންކަމުގެ އަސަރު ކެންޒާ ދުށްޓެވެ. ފެނުނީ ދެކޮޅުނުހެދޭނޭވަރުގެ ގަދަފަދަ އެދުމެއްގެ އަސަރު ކަހަލައެވެ. އޭނާގެ އެ ބޭނުންވުމަކީ ކޮބައިކަމެއް ނޭނގެއެވެ.

* * * * *

ކަސްރަތުކޮށް ނިމިގެން ޖިމް އިން ނިކުތް ލައިތު ފޭބީ ގޭގެ އެންމެ ތިރިއަށެވެ. ބިއްދޮށުގައި އޮތް ފަތާފެންގަނޑަށް އޭނާ އެރެން އައިއިރު ބަދިގޭގައި މީހަކު އުޅޭކަން އެނގުނެވެ. ކުޑަދޮރުތަކުން ބަދިގޭގައި އުޅޭ މީހަކަށް ފަތާފެންގަނޑު އޮންނަ ސަރަހައްދުން ބައެއް ފެންނާނެއެވެ.

"ކެންޒާ!" ފަތާފެންގަނޑުގެ ކައިރިއަށް އައުމުގެ ބަދަލުގައި ބަދިގެތެރެއަށް ލައިތުގެ ނަޒަރު ހުއްޓިފައި ހުއްޓެވެ.

"ދެޓް ނޭމް... އިޓްސް ސޯ ފެމިލީއާ" ލައިތުގެ ހިތް ބުނެލިއެވެ. އޭނާ އެ ޚިޔާލުގައި ހުރެ އައިސް ފަތާފެންގަނޑު ކައިރީ ހުރި މާގަނޑުދަށަށް ވަދެ ގަޔަށް ފެންއަޅާލައި ފެންގަނޑަށް ފުންމާލިއެވެ. ދެތިން ބުރު އެއްކޮޅުން އަނެއްކޮޅަށް ޖަހާލާފައި ލައިތު ހުއްޓާލިއެވެ. އޭނާގެ ސިކުނޑީގައިވަނީ "ކެންޒާ" އެ ނަމެވެ. އެކަމަކު އެ ނަމަކީ ދުރު ހަނދާނެއް ކަހަލައެވެ. އެއީ ހަނދާނަކަށް ވާނަމަ އެ ހަނދާން އިޔާދަވާ ގޮތެއް ނުވިއެވެ. ޢާންމުކޮށް ފަތާފެންގަނޑުގައި ތިރީސް ބުރު ޖަހާ ލައިތަށް އެކަމަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާ ފެންގަނޑުން އެރީ އެހެންވެއެވެ.

ކޮޓަރިއަށް އައި ލައިތު ފެންވަރައިގެން ނުކުމެ ތައްޔާރުވެލިއެވެ. ހުދު ޓީޝާޓު ހުރީ ގަޔަށް ހިސާބަކަށް ހިފާފައެވެ. ދެކޮނޑަށް ފުޅާވެލާފައި ހުރި އެ ހަށިގަނޑު ބިޔަކަމަށް ދައްކައެވެ. އިސްތަށިގަނޑުގައި ބުރުސް އަޅާފައި ހުއްޓެއްކަމަކު ނިތްކުރި މައްޗަށް ބައެއް ވެއްޓިފައި އޮތެވެ. އަދިވެސް އެ އިސްތަށިގަނޑުގައި ތެތްކަން ހުއްޓެވެ. އެލެވޭޓާއިން ނުކުމެ އޭނާ ވަށައިގެން ބަލާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ގޭގެ ތިރީބައިން ވޭތޯ އޭނާ ޔަގީން ކުރި ކަހަލައެވެ. ދެން މަޑު ހިނގުމުގައި އޭނާ މިސްރާބު ޖެހީ ބަދިގެއާ ދިމާއަށެވެ. ދެއަތް އެލުވާލައިގެން އައުމުގެ ބަދަލުގައި ޖީންސުގެ އަރިމަތީ ޖީބަށް ދެއަތްތިލައިން ބައެއް ކޮށްޕާލިއެވެ. ގޭގެ ބޮޑުމީހަކު ފެންނާނީ ރޭގަނޑު ކާން ނެރޭ ވަގުތަކަށްކަން ލައިތަށް އެނގެއެވެ. އެހެންނަމަވެސް ދެން އުޅޭ ކުދީންގެ ގޮތެއް ނޭނގޭނެއެވެ. ކޮންމެ ކަމަކު ވެސް ތިރިއަށް އަތުވެދާނެއެވެ.

ދޮރުމަތީ ލައިތު ހުރި ކަމެއް ކެންޒާ ނުދެނަ ހުއްޓެވެ. އޭނާ އުނދުން ކައިރީ ހުރެފައި ސަމްސަލެއް ނަގައި ތެލިން ރަހަ ބަލާލިއެވެ. ރަހަ ހެޔޮވަރުވުމުން "ހޫމް"އޭ ލައްވާލެވުނީ ތަންކޮޅެއް ބާރަށެވެ. ދެކަންފަތަށް ހެޑްސެޓް ޖަހާފައި ހުރިއިރު އޭނާއަށް ހަމައެކަނި އިވޭ އަޑަކީ އެޑްޝީރަންގެ ތިންކިން އައުޓް ލައުޑްގެ އަޑެވެ.

"...ހޫމް! އައި ނޯ ޔޫ ވިލް ސްޓިލް ލަވް މީ ދި ސޭމް... ކޯޒް ހަނީ ޔޯ... ސޯލް، ކޭން ނެވޭ ގްރޯ އޯލްޑް... އިޓްސް އެވާ ގްރީން ބޭބީ ޔޫ، ސްމައިލް ފޮރެވާ އިން މައި މައިންޑް އެންޑް މެމޮރީ... އައިމް ތިންކިން އަބައުޓް ހައު ޕިޕަލް ފޯލް އިން ލަވް އިން މިސްޓީރިއަސް ވޭޒް، މޭބީ އިޓްސް އޯލް ޕާޓް އޮފް އަ ޕްލޭން..." ކެންޒާ ލަވައާ އެއްވަރަށް ލިރިކްސް ކިޔަމުން ދިޔައިރު އޭނާގެ ހަނދާންތައް ފުރާވަރުގެ މާޒީއާ ގުޅިފައިވިއެވެ. އަދި ރާގާއެކު މަޑުމަޑުން އޭނާގެ ބުޑު ދެފަރާތަށް ހަރަކާތްކޮށްލައެވެ. ކެންޒާގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިކަމާއެކު ބަލަން ލައިތު ހުއްޓެވެ. އެގޮތުގައި އިރުކޮޅަކު ހުރެފައި ލައިތު ވަދެގެން އައިސް ބަދިގެ އައިލެންޑް ދޮށުގައި އިށީނެވެ. ކެންޒާ އައިސް އަލަމާރިއާ ދިމާއަށް ދިއުމަށް އެނބުރިލީ އެވަގުތެވެ. އޭނާއަށް ލައިތު ފެނި ސިހުނުވަރުން ހެޑްސެޓުގެ ވާގަނޑުގައި ހިފާ ދަމައިގަނެވުނެވެ. ހަމައެއާއެކު ފަހަތަށް ޖެހެވުނު ގޮތަށް އަތްޖެހުނީ ހޫނު ތެލީގައިކަމަށްވީތި އަތްފޮޅާލެވުނެވެ.

"ސްޓުޕިޑް" ލައިތު ބުނެލިއެވެ. އެއާއެކު ވަގުތުން ތެދުވެގެން އައެވެ. ކެންޒާގެ އަތުގައި ހިފާ ދަމާލި ވަގުތު ހެޑްސެޓަށް ވާންވެ ފޯނު ވެއްޓުނީ ހެޑްސެޓް ނެއްޓިގެންނެވެ. އެހިނދު ލަވައިގެ އަޑު މުޅި ބަދިގޭގައި ގުގުމާލިއެވެ. ކެންޒާގެ އަތް ސިންކު ދޮށަށް ލައިތު ދިއްކޮށްލުމާއެކު ފެންއަޅަން ފެށިއެވެ. ކެންޒާ އަތް ދަމައިގަންނަން އުޅުމުން ވެސް ލައިތު ހިފަހައްޓާލީ ތަންކޮޅެއް ބާރަށެވެ.

"ބޭބީ ނައު... ޓޭކް މީ އިންޓު ޔޯ ލަވިން އާމްސް، ކިސް މީ އަންޑާ ދި ލައިޓް އޮފް ތައުޒަންޑް ސްޓާސް... އޯ ޑާލިން! ޕްލޭސް ޔޯ ހެޑް އޮން މައި ބީޓިން ހާޓް... އައިމް ތިންކިން އައުޓް ލައުޑް!... މޭބީ ވީ ފައުންޑް ލަވް ރައިޓް ވެއާ ވީ އާ..." އިވެމުންދިޔަ ލަވައިގެ ލިރިކްސްއާ މެދު ދެމީހުންނަށް ވެސް ވިސްނާލެވުނީ އެވަގުތެވެ. އޭރު ދެމީހުންނަށް ވެސް ތިބެވުނީ ނުހަނު ގާތުގައިކަން އިޙްސާސް ވެއްޖެއެވެ. ލޮލާ އަމާޒުވެލުމާއެކު ލައިތުގެ ނަޒަރު މަޑުމަޑުން ކެންޒާގެ ތުންފަތަށް ހުއްޓުނެވެ. އެއްޗެކޭ ބުނަން އުޅޭހެން ކެންޒާގެ ތުންފަތް ހަރަކާތްކޮށްލިއެވެ.

"އޯކްވާޑް..." ކެންޒާއަށް ހިތާހިތުން ބުނެލެވުނެވެ.

"ޔޫ އާ ތިންކިން އައުޓް ޓޫ ލައުޑް" ލައިތު ބުނެލިއެވެ. ކެންޒާގެ ބެލުން ހައިރާންކަމަށް ބަދަލުވިތަން ލައިތު ދުށްޓެވެ. ކެންޒާގެ އަތުން ލައިތު ދޫކޮށްލިއެވެ. ދުރަށް ޖެހިލުމާއެކު އޭނާ ލޮލުން އިޝާރާތްކޮށްލީ ކެންޒާގެ ފޯނު އޮތް ދިމާއަށެވެ.

"ފޯނު" ލައިތު ބުނެލިއެވެ.

"އޯ!..." ކެންޒާ އަވަހަށް ފޯނު ނެގިއެވެ. ފުރަތަމަ ވެސް އަވަހަށް ލަވަ ނިއްވާލިއެވެ. ލައިތުގެ ތުންފަތުގައިވި ފަނޑު ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައީ ކެންޒާ އެނބުރި ބަލާލުމުންނެވެ. ދެބުމަ ކައިރިކޮށްލުމާއެކު ލައިތު އައިސް އައިލެންޑް ދޮށުގައި އިށީނދެއްޖެއެވެ.

"ބަލައިގެން އުޅޭކަށް ނޭނގޭތަ؟" ލައިތުގެ އަޑުގައި ހުރި ހަރުކަށިކަމެވެ. ކެންޒާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

"މިތާ މީހަކު ހުންނާނެކަމެއް ނޭނގޭ" ކެންޒާ ހިތްހަމަނުޖެހުނެއްކަމަކު ނުރުހުމާއެކު ބުނާކަށް ނުކެރުނެވެ. އޭގެ ބަދަލުގައި އޭނާ ވާހަކަދެއްކީ މަޑުމަޑުންނެވެ.

"އަހަރެން ކުރި ކަމެކޭ ބުނަންތަ ތިއުޅެނީ، މާމަގެ އެއޮށް އަގުބޮޑު ފްލޯ ވާސް ތަޅާލައިފި، އެވެސް އަހަރެން ކުރިކަމެއްތަ؟ އެނގޭ ބުނާނީ އަހަރެންގެ ސަބަބުންވީ ކަމެކޭކަން... އައި ނޯ ޔޫ ނޮޓް އަ ފްރޮފެޝަނަލް ޝެފް، މާމަ ވެސް ނޭނގެ ކޮންތަންތާކުން ކަމެއް މީހުން މިގެއަށް ގެންނަނީ" ލައިތުގެ ވާހަކަތަކުން ކެންޒާ ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. ލައިތު ހީކުރީ ކެންޒާ ހުރި ގޮތުން ރޯންފަށާނެކަމަށެވެ. އެހެންނަމަވެސް އެ ދެލޮލުން ރުޅިވެރިކަމުގެ ވިދުވަރެއް ކަނޑައިގެން ދިޔަހެން އޭނާއަށް ހީވިއެވެ. ނަމަވެސް ކެންޒާ އެއްވެސް އެއްޗެއް ނުބުނެ އޭނާގެ މަސައްކަތަށް އެނބުރިލީއެވެ.

"ކޮފީއެއް ހަދާބަލަ؟" އިރުކޮޅަކު ކެންޒާއަށް ބަލަން އިނދެފައި އޭނާ އަނގައިން ނުބުނާނެކަން ޔަގީންވުމުން ލައިތު ބުންޏެވެ.

"އަހަރެން ކައްކަނީ" ކެންޒާ އުނދުން ކައިރީ އުޅެމުން ބުނެލިއެވެ. އޭރު ވެސް އޭނާގެ ދަތްތައް ޖައްސާ އިރުއިރުކޮޅަކުން ބާރުކޮށްލެވެއެވެ.

"ކެއްކިޔަސް އަހަންނަށް ކޮފީ ހެދިދާނެއެއްނު" ލައިތު ބުންޏެވެ.

"އައި ކާންޓް" ކެންޒާ މިފަހަރު ވެސް ވާހަކަދެއްކީ ލައިތުއަށް ފުރަގަސްދީގެން ހުރެއެވެ.

"ޔޫ ކާންޓް އޯ ޔޫ ވޯންޓް، ވަޒީފާއިން ވަކިކޮށްލަފާނެތީ ބިރެއްނުގަނޭތަ؟" ލައިތު ބުނެލިއެވެ. ކެންޒާ އެނބުރުނީ ދެނެވެ. ލައިތުއަށް ބަލަން އިރުކޮޅަކު ހުރެފައި އޭނާ ވާހަކަދެއްކިއެވެ.

"ކޮފީ ހަދާފަ ގޭގެ މެންބަރުންނަށް ސާވްކުރަން ޖެހޭނެކަމަކަށް ވަޒީފާ ދިންއިރަކުނެތް" ގަސްދަކާ ނޫނަސް ކެންޒާގެ އަޑުގައި ހަރުކަށިކަން ވިއެވެ.

"ޔޫ އާ ފަޔާޑް" ލައިތު ބުނެލިއެވެ. ކެންޒާ ކުރިއަށް ޖެހިލިއެވެ. ލައިތުއާ ކުރިމަތިވާހެން ބަދިގޭ އައިލެންޑްގެ އަނެއްފަރާތުގައި ކެންޒާ ހުއްޓެވެ. އައިލެންޑްގައި ދެއަތްތިލަ ޖައްސާލުމާއެކު ކެންޒާ ވާހަކަދެއްކިއެވެ.

"އަހަންނަށް ވަޒީފާ ދިނީ ކަސްތޫރީ" ދަތްކުނޑިވިކާލައިގެން ހުރެ ކެންޒާ ބުންޏެވެ.

އެއްޗެއް ބުނަން އަނގަހުޅުވާލި ލައިތުގެ ފޯނު ރިންގުވީ އެވަގުތެވެ. ފޯނަށް ބަލާލާފައި ލައިތުގެ ނަޒަރު ކެންޒާއަށް ހުއްޓުނެވެ. ދެން ގޭގެ ބިއްދޮށަށް އޭނާ ނުކުންނަން އޭނާ އައެވެ.

"ހެލޯ!" ލައިތުގެ އަޑު ކުރިއަށްވުރެ ވެސް ހަރުކަށިވެއްޖެއެވެ.

"ނުދިޔަޔަސް މިރޭ މީޓުނުކޮށްލާނަންތަ؟" ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކީ ހިރާއެވެ.

"ދިހައެއްގަ އެޕާޓްމެންޓަށް އާދޭ... ދެން ނުގުޅާތި!، ދައްކަންހުރި ވާހަކައެއްވިއްޔާ މިރޭ މީޓުވީމަ ދައްކަން ބަހައްޓާ" ލައިތު ބުނެލިއެވެ. އަދި ފޯނުކޯލު ކަނޑާލީއެވެ.

ފުންނޭވާއެއް ލާފައި ލައިތު ބަދިގެއާ ދިމާއަށް ބަލާލިއެވެ. ކެންޒާ އޭނާގެ މަސައްކަތުގައި އުޅެއެވެ. ލައިތު ނިތްކުރިމަތިން އިސްތަށިގަނޑު ރީތިކޮށްލިއެވެ. ފަހަތަށް އަތްފުނާއަޅާލި އަތްތިލައިން ކަނދުރާގައި ހިފަހައްޓާލިއެވެ.

"ކެންޒާ!" އެ ނަން ލައިތު ކިޔާލިއެވެ.

އެނބުރި ބަދިގެއަށް ވަން ވަގުތު ކުރިން ލައިތުއަށް އަޅައިނުގަތްކަމެއް ލޮލުގައި އަޅައިގަތެވެ. ކެންޒާގެ ބެކްޕެކްއެވެ. އެއަށް ބަލާލުމަށްފަހު ކެންޒާއަށް ބަލާލިއެވެ. ކުރިއަށް ފިޔަވަޅެއް އަޅާލަން އުޅެނިކޮށް އިލިޔާނާގެ އަޑު ލައިތަށް އިވުނެވެ. އައިކޮޅަށް ވަގުތުން ލައިތު އެނބުރިލިއެވެ.

"ލައިތު!... ކޮންތާކަށް؟" ލައިރާ ގޮވާލިއެވެ.

"ބޭރަށް!..." ގޭގެ ބިއްދޮށަށް ނުކުމެވެން ހުރި ދޮރާދިމާއަށް ލައިތު ހިނގައިގަތެވެ.

(ނުނިމޭ)