ކޮރޯނާ ވައިރަސް ފެތުރެން ފެށުމާ ގުޅިގެން، ސަރުކާރުން ވަނި ރައްޔިތުން ބޭނުން ކުރާ ބައެއް ބާވަތްތަކުގެ އަގު ކޮންޓްރޯލް ކޮށްފަ އެވެ. ރޯދަ މަހު އެންމެ ގިނައިން ބޭނުން ކުރާ ފިޔާ، އަލުވި އަދި ބިސް ސަރުކާރުގެ "ކޮންޓްރޯލް" އަގުގެ ލިސްޓަށްލި އެވެ. މިހާރު ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 20ރ. އެވެ. އަދި ބިހެއް ވިއްކޭނީ 1.80ރ. އަށެވެ. ނަމަވެސް ރޯދަ މަހުގެ ހަފުތާއެއް ނިމިގެންދާއިރު ބައެއް ވިޔަފާރި ތަކުން ދަނީ މި ކޮންސްޓްރޯލް އަގަށް ވުރެ ބޮޑުކޮށް މި ބާވަތްތައް ވިއްކަމުންނެވެ. އަދި މި ނޫން ވެސް އާއްމު ގިނަ އަދަދަކަށް ބޭނުންކުރާ ބާވަތްތަކުގެ އަގު ބޮޑުކޮށް ދަނީ ވިއްކަމުންނެވެ. އަގު ބޮޑުކޮށް މުދާ ވިއްކުން ވެގެން ދަނީ ކޮވިޑް-19 އާ ގުޅިގެން، އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައި ވަނިކޮށް ރައްޔިތުންނަށް ކުރިމަތިވެފައިވާ އިތުރު ވޭނަކަށެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވަނިކޮށް، މުދާއަގު ބޮޑު ކުރުމާއެކު އާއިލާތައް އިތުރަށް ބިކަވާން ކޮށާ އިތުރު މަގަކަށެވެ.
ދިވެހިން އާއްމުކޮށް ކާން ބޭނުން ކުރާ ބާވްތައް އެތެރެ ކުރާ ކުންފުނި ތަކުން މި ބާވަތްތަކުގެ އަގުތައް ކުރިންވެސް ވިއްކި އަގުގައި ބެހެއްޓިނަމަވެސް، މި ތަކެތި ގަނެ ރައްޔިތުންނާ ހަމަ އަށް ފޯރުކޮށް ދޭ ވިޔަފާރި ތަނުން އަގުތައް މައްޗަށް ޖައްސާލައިފި އެވެ. އެކަން ވަނީ މި ތަކެތި އެތެރެކުރާ ބޮޑެތި ވިޔަފާރި ތަކުން ވެސް ފާހަގަ ކޮށްފަ އެވެ.
"އަޅުގަނޑުމެން އަގު ތަކަށް އެއްވެސް ބަދަލެއް ނުގެންނަން. އެކަމަކު މި ކުންފުނިން ތަކެތި ގަނެގެން، ރައްޔިތުންނާ ހަމައަށް ވިއްކާ ވިޔަފާރި ތަކުން މާބޮޑު އެއްޗެއް ލާފަ ހުންނަކަން ފާހަގަ ކުރެވޭ. މިއީ ވަރަށް ދެރަ ކަމެއް،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.
އިމްޕޯޓަރުން ބުނަނީ އަގު ބޮޑު ނުވާނެ ކަމަށް
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާ ވެފައިވާ ގައުމެވެ. އެހެންވެ ދިވެހިންގެ އާއްމު ކެއުމަށް ކާޑުގެ ބާވަތްތަކުގެ އިތުރުން ޒަމާނީ ގިނަ ރަހަތަކެއް ވަނީ އިތުރުވެފަ އެވެ. މިގޮތުން ޒަމާނުއްސުގެ ދިވެހިންގެ މެދުގައި މަގުބޫލު ބައެއް ބާވަތް ތަކެއް ހުރެ އެވެ. މި ބާވަތްތަކަކީ ރާއްޖޭގެ ކޮންމެ ގޭ ބިސީއެއްގެ ސުފުރާ މަތިން ވެސް ނުގެއްލި ހުންނަ ބާވަތް ތަކެވެ. މި ފަދަ ބައެއް ބާވަތްތަކުގެ އަގު ވެސް މި ރޯދަ މަހު ވަނީ ބޮޑުކޮށްފަ އެވެ. މީގެ ތެރޭގައި ޓޮމާޓޯ ޕޭސްޓް އާއި އެކި ފަޅު ކާނާގެ ބާވަތްތައް ހިމެނެ އެވެ. އެކަން ވަނީ މި ތަކެތި އިމްޕޯޓް ކުރާ ކުންފުނި ތަކުން ވެސް ފާހަގަ ކޮށްފަ އެވެ.
ރާއްޖެ އަށް މުދާ އިމްޕޯޓް ކުރާ ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު ވިދާޅުވި ގޮތުގައި އެ ކުންފުނިން އެއްވެސް އެއްޗެއްގެ އަގަށް ބަދަލު ނުގެނައި ނަމަވެސް، އެ ތަނުން ތަކެތި ގަނެގެން އަގު ބޮޑުކޮށް ވިއްކާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މަމީ ނޫޑުލްސް ހޯލްސޭލް ކުރަނީ 115ރ. އަށް ކޭސް. އެކަމަކު އެ ނަގައިގެން ވިއްކާ ވިޔަފާރިތަކުން އެބަ ވިއްކާ ކޭހެއް 160ރ. އަށް. މިއީ ވަރަށް ދެރަކަމެއް. މިހާލަތުގައި އެގޮތަށް އަގުތައް މަތި ކުރުމަކީ ވަރަށް ދެރަކަމެއް. މި ކުންފުނީގެ ޕޮލިސީއެއް ނޫން މިގޮތަށް އަގު މަތި ކުރުމަކީ،" އާމިރު ވިދާޅުވި އެވެ.
އަގު ހެޔޮކޮށް މުދާ ވިއްކާ ކުންފުނިތަކުގެ ތެރޭގައި އާއްމު ގިނަ ބައެއްގެ މަދުގައި މަގުބޫލު އެއް ވިޔަފާރި އަކީ ރެޑްވޭވުގެ ފިހާރަ ތަކެވެ. އެތަނުން ވެސް މީގެ ކުރިން ވަނީ އެ ފިހާރަ އިން މުދާ ނަގައިގެން އަގު ބޮޑުކޮށް ބައެއް ފަރާތްތައް ވިއްކާ ކަމަށް ބުނެފަ އެވެ.
އެ ކުންފުނިން އަބަދު ވެސް ބުނަމުން ގެންދަނީ ރެޑްވޭވުގެ ޕޮލިސީއަކީ މުދާ ގަންނަން އަންނަ މީހާ އަށް އަގު ހެޔޮކޮށް މުދާ ލިބޭނެ ގޮތް ހެދުން ކަމަށެވެ. އެހެންވެ ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކުން 100ރ. ގެ ޑިސްކައުންޓެއް ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން އަބަދުވެސް ދެ އެވެ.
މި ހާލަތުގައި އަގު ބޮޑު ކުރުން ދެރަކަމެއް
މި ހާލަތުގައި އާއްމު ބާވަތްތަކުގެ އަގު ބޮޑު ނުކުރަން ސަރުކާރުން ދަނީ ތަކުރާރުކޮށް އަންގަމުންނެވެ. ހާއްސަކޮށް ސަރުކާރުން އަގު ކޮންޓްރޯލް ކޮށްފައިވާ ބާވަތްތައް އަގު ބޮޑުކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އަދި އަގު ކޮންޓްރޯލްކޮށްފައިވާ ބާވަތްތައް އަގު ބޮޑުކޮށް ވިއްކަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ބުނެފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގު ގާނޫނުން ބާރު ލިބިގެން، މުދަލެއް ވަކި ވަކިން ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާފައިވަނިކޮށް، ކޮންޓްރޯލުކުރެވުނު އަގަށް ވުރެ ބޮޑުކޮށް، މުދާ ވިއްކަމުންދާ ކަމަށާ، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަން ތަކުރާރުކޮށް އަންގާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ އަގު ބޮޑުކޮށް މުދާ ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން، އެފަދަ ޝަކުވާ އެ މިނިސްޓްރީ އަށް އީމެއިލް ކޮންސިއުމާ އެޓް އޯގް ޑޮޓްއެމްވީ އަށް މެއިލް ކުރަން އެދިފަ އެވެ.
މި ހާލަތުގައި ރައްޔިތުން ތިބި ގޮތް އެންމެންނަށް ވެސް އެނގެ އެވެ. ރާއްޖޭގެ ގިނަ ބަޔަކު ތިބީ ހާލަތުގަ އެވެ. އެހެންވީއިރު، ރޯދަ މަހުގެ ޑިމާންޑު ބޮޑުވާ ވަގުތުގެ ތަންވަރު ބަލާފަ، އަގު ބޮޑު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. މިހާރު ބަލަންވީ އަގު ބޮޑުނުކޮށް ރައްޔިތުންނާ ހަމަ އަށް މުދާ ފޯރުކޮށްދެވޭނެ ގޮތަކަށެވެ. މުދާ ރޯލުކޮށްގެން ވެސް ހަމަ ފައިދާ ނެގޭނެ އެވެ.