ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރޯދަ މަސް

ދެ އަހަރަށް ފަހު އުފާވެރި ރޯދަމަހެއް

ވޭތުވެދިޔަ ދެ އަހަރަކީ ހިތްދަތިކަމާއި ހާސްމަކެއްގެ ތެރޭ އުޅެން ޖެހުނު ދެ އަހަރެވެ. ބަލިމަޑުކަމެއް ލައްވައިލުމާއެކު އެންމެން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ގޭގޭގައި ބަންދުވެ ތިބުމަށްފަހު ބޭރަށް ނިކުމެލެވޭހާ ވީ ކޮވިޑް-19 ކޮންޓްރޯލް ވުމުންނެވެ. އެކަމަކު ދޭތެރެއަކުން ހާލަތު ގޯސްވެދާނެ އެވެ. ގޯސްވާ ކޮންމެ ފަހަރަކު އަނެއްކާވެސް ގޭގައި ގައިދުވެގެން ތިބޭން ޖެހެ އެވެ. މީގެ ތެރެއިން ވެސް އެންމެ ހިތްދަތިވީ މިދިޔަ ދެ ރޯދަމަހާ ބައްދަލުވި އިރުވެސް ބަލިން އަރައިނުގަނެވުމުންނެވެ.

ރޯދަމަހަކީ ވަރަށް ހާއްސަ މައްސަރެކެވެ. އަޅުކަން ކުރަން އަބަދުވެސް މިސްކިތްތައް ފުރާލައިފައި އޮވެ އެވެ. 2020 ވަނަ އަހަރު ފެށިގެން އައިއިރު ރާއްޖެއަށް ބިންދައިލި ކޮވިޑްގެ ނުރައްކާތެރި ރާޅާއެކު ގައުމު ލޮކްޑައުންއަކަށް ދާން ޖެހުނެވެ. ރޯދަމަސް އައިސް ބައްދަލުކުރި އިރު ބޭރަށް ފިޔަވަޅެއް އެޅޭ ގޮތެއް ނުވި އެވެ. މިސްކިތްތައް ބަންދުކުރުމުން ޖަމާއަތުގައި ތަރާވީސް ނަމާދު ކުރުން ވެސް އޮތީ މަނާވެފަ އެވެ.

ހަމައެޔާއެކު ރޯދަމަހަކީ ކެއުން ބުއިމަށް ވެސް ހާއްސަ ސަމާލުކަން ދޭ މަހެއް ކަމުން، ގިނަ ގޭބިސީތަކުން މާރުކޭޓާއި ފިހާރަތައް އަބަސްދުވެސް ފުރާލަ އެވެ. ބާޒާރު ކުރުމަކީ ރޯދަ މަހު ދިވެހިން ވަރަށް ފޯރީގައި ކުރާ ކަމެކެވެ. އެކަމަކު އެ ދޮރު ވެސް އޮތީ ބަންދުވެފަ އެވެ. އޭރު ވަކި ހުއްދައެއް ލިބިގެން ބާޒާރުކުރާން ދެވެނީ ކޮންމެ ގެއަކުން އެންމެ މީހަކަށެވެ. އެވެސް އެންމެ ގަޑިއިރަކަށެވެ. އެހެން ނޫނީ އިހުތިޔާރު ކުރަން ޖެހެނީ ޑެލިވަރީގެ ހިދުމަތެވެ.

ދިވެހިންނަކީ ރޯދަ ކުރުކުރުމަށް އުފާވެރި ވަގުތުތައް ހޭދަކުރާ ބައެކެވެ. ރޯދަމަހު އެންމެ ފޯރީގައި ކުރާ އެއް ކަމަކީ ހަވީރު ފިންޏަށް ނިކުމެ މަޑި އެއްލުމެވެ. 2020 ވަނަ އަހަރު މިއިން އެއްވެސް އުފަލެއް ލިބޭ ގޮތެއް ނުވި އެވެ. އިވޭ އަޑަކީ އިތުރު ބައެއް ބައްޔަށް ޕޮޒިޓިވްވި ހަބެރެވެ. ނޫނީ ކޮންމެވެސް މީހަކު ބަލީގައި މަރުވި ހިތާމަވެރި ހަބަރެވެ. ރައްޔިތުންގެ މޫނު މަތިން ހިނިތުންވުން ފިލައިދިޔަ އެވެ.

އޭގެ ފަހުން 2021 ވަނަ އަހަރުގެ ރޯދަ މަސް އަޅުގަނޑުމެންނާ ބައްދަލުކުރިއިރު އޭގެ ކުރީ އަހަރު އޮތް ހާލަތުން ކޮންމެވެސް ވަރަކަށް ވަނީ އަރައިގެންފަ އެވެ. އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ އެއްގޮތަށް ބޭރުގައި އުޅެވޭނެ ކަމަށް އޮތީ އަންގައިފަ އެވެ. މިސްކިތްތަކުގައި ގައި ދުރުކޮށްގެން ނަމާދު ކުރަން ހުއްދަ ވެސް އޮތީ ދީފަ އެވެ. މާސްކު އެޅުން މަޖުބޫރެވެ.

މިދިޔަ އަހަރުގެ ރޯދަމަސް ފެށިގެން އައިއިރު ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިސްކިތްތައް އަލުން ހުޅުވުމެވެ. ތަރާވީސް ނަމާދު ކުރެވުމެވެ. ރޯދަ ވީއްލުންތަކަށް އާއިލާ އާއި ގާތް މީހުންނާއެކު ބޭރަށް ދެވުމެވެ. ހަވީރު ރޯދަ ކުރުކޮށްލަން ފިނި ބުރު ޖަހައިލަން ނިކުމެވުމެވެ.

އެކަމަކު އޭރު ވެސް އާންމު ހާލަތެއް ނެތެވެ. އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. ގައިދުރުކުރަން މަޖުބޫރެވެ. އެޗްޕީއޭ އިން އަންގާ އެންގުންތަކަށް ތަބާވާން މަޖުބޫރެވެ. އެއްވުންތައް އޮތީ ލިމިޓްކޮށްފަ އެވެ. މާސްކް ނާޅާނަމަ ޖޫރިމަނާ ކުރުން ވެސް ކުރިޔަށްދިޔަ އެވެ.

މިއަހަރު އާންމު ހާލަތަށް

ކޮވިޑްގެ އެކިއެކި ރާޅުތަކަށްފަހު ގައުމު އާންމު ހާލަތަށް ގެނެސްފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެދުވަހު 656 ދުވަހަށްފަހު ގައުމުގައި އިއުލާނުކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުވައިލެއްވި އެވެ. އެޔާއެކު ހުރިހާ ފިޔަވަޅުތަކެއް އުވިގެން ދިޔަ އެވެ. މާސްކު އެޅުން ވެސް މަޖުބޫރެއް ނޫނެވެ. އެކަމަކު ކޮވިޑް އެއްކޮށް ފިލައިގެން ދިޔައީއެއް ނޫނެވެ. އަދިވެސް ބައްޔަށް މީހުން ޕޮޒިޓިވްވާ މީހުން އުޅެ އެވެ. މިހާރު ކޮންމެ ދުވަހެއްގެ ނަންބަރުތައް ހުރީ 200 އާއި 300 އާއި ދެމެދު ހިފެހެއްޓިފަ އެވެ. ރައްކާތެރިވެ އުޅުމަށް އަދިވެސް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.

"މީގެ ކުރިން މާހެފުމެއް އެއްޗެއް ވެސް ނުބޭއްވުނު ކޮވިޑާ ހުރެ. ރޯދައަށް ތައްޔާރުވާން ގިނަ ކަންކަން ކުރަން އަޅުގަނޑުމެން. މިސާލަކަށް ބަދިގެއަށް އެއްޗެހި ގަނެ ގޭތެރޭގެ ކުލަ ބަދަލުކޮށްލާ ކަންކަން ކުރަން. އެކަމަކު ކޮވިޑްއާ ގުޅިގެން ލިބޭ މުސާރަ ވެސް ކުޑަވީމައާ އެކީ އެއިން އެއްވެސް ކަމެއް ނުކުރެވި ވަރަށް ދެރަކޮށް ދެ ރޯދަ މަސް ވެސް ނިމިގެން ދިޔައީ. މިއަހަރު ހާލަތު ބަދަލުވެ ތަފާތު ވާނެ ކަމަށް އުންމީދު ކުރަނީ،" އާންމުންގެ މީހަކު ބުންޏެވެ.

އެހެން މީހަކު ބުނިގޮތުގައި ދިވެހިންނަކީ ކެތްތެރި ބައެކެވެ. އެގޮތުން ކަމާ ބެހޭ އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް މަދު ބަޔަކު ނޫނީ އައީ ބޯލަނބަމުންނެވެ. މިކަމުން އަރައިގަނެވުނީ ރައްޔިތުން ދިން އެއްބާރުލުމާ ވެސް އެކީ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ދިވެހިން ވަރަށް ކެތްތެރި އަސްލުގަ. އަޅުގަނޑުމެން 2020 ވަނަ އަހަރު ކިހާ ހާލަކު އުޅުނީ. ހަމަ އެޗްޕީއޭ ތަންތަނުން ބުނިއްޔާ ބުނި ގޮތެއް ހަދައިގެން ގޭގަ ތިބީ. މަދު މީހަކު ދެން ބަސް ނާހަޔެކޭ ނޫން. އަނެއް އަހަރުގެ ރޯދަޔަށް ލުއިތަކެެއް ލިބިގެން ދިޔައީ ނޫންތޯ. އަނެއްކާ މިއަހަރު މިއޮތީ ހަމަ ކޮވިޑް ނާންނައިރު އޮތް އާންމު ހާލަތު. އަޅުގަނޑު މާތް ﷲ ޙަމްދުކުރަން އަޅުގަނޑުމެންނަށް މި ވަބާއިން އަރައިގަނެވުނީމަ،" މެދު އުމުރުގެ މީހަކު ބުންޏެވެ.

ދިވެހިން މިސްކިތްތަށް ނުގޮސް ތިބެފި އެވެ. ރޯދަމަހު ތަރާވީސް ނަމާދު ގޭގައި ވެސް ކޮށްފި އެވެ. ގައިދުރުކޮށްގެން ވެސް މިކިތްތަކުގައި ނަމާދުކޮށްފި އެވެ. މާސްކު ނާޅާ އުޅުމަކީ ކުށެއް ކަމަށް ވެސް ގަބޫލުކުރި ހާލަތަށް ދިޔަ އެވެ. އެކަމަކު މިހާރު އެއިން އެއްވެސް ކަމެއް ނެތެވެ. އިހު އޮތްގޮތަށް ހުރިހާ ކަމެއް އިޔާދަވެއްޖެ އެވެ.