ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވި އުމުރުން ދުވަސްވީ ދެ މީހުންގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ކަމަށް އެންއީއޯސީއިން ބުނެފި އެވެ.
ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި 87 އަހަރުގެ މީހަކާއި 78 އަހަރުގެ މީހެއްގެ ސާމްޕަލް ނަގާ ކޮވިޑަށް ވަނީ ޓެސްޓްކޮށްފައެވެ. އެ ދެ މީހުންނަކީ ވެސް ނޭވާލުމުގެ މައްސަލަތަކެއް ކުރިމަތިވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ދެ މީހުންނެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން މަބުރޫކް ވިދާޅުވީ އެ ދެ މީހުންގެ ސާމްޕަލްވެސް ނެގެޓިވް ކަމަށެވެ.
ތިނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެވި ގދ. މަޑަވެލި، އާގޭ، ހަސަން އަހުމަދު 87، މެދު އަމަލުކޮށްފައިވާ ގޮތާމެދު އާއިލާއިން ވަނީ ގިނަ ސުވާލުތަކެއް އުފައްދާފައެވެ. އާއިލާއިން ބުނީ އޭނާ މަރުވުމާއި ހަމައަށްވެސް ކޮވިޑް-19 އަށް ޝައްކު ކުރެވޭ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރާއި ނަރުހަކު ވެސް ވިދާޅުވެފައި ނުވާ ކަމަށެވެ.
އަދި ހަސަން އަހުމަދަށް އައިސީޔޫގައި ތިން ދުވަސް ވަންދެން ފަރުވާދިން އިރު ކޮވިޑް-19 އަށް ޝައްކު ކުރާނަމަ އެކަމަށް ޓެސްޓު ނުހެދުމަކީ އެ ހޮސްޕިޓަލުގެ ނުކުޅެދުންތެރި ކަމެއް ކަމަށެވެ. އަދި ތަޔަންމަމުކޮށް އެމީހާ ވަޅުލާފައިވާތީ އެކަމާވެސް އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާއި ގުޅިގެން ތިނަދޫ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ މަރުވި ހަސަން އަހުމަދުގެ ކިބައިގައި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން (ސާރީ) ގެ އަލާމާތްތައް ހުރުމާ ގުޅިގެން އެ ހޮސްޕިޓަލުން އެ މައުލޫމާތު އެޗްޕީއޭއާ ހިއްސާ ކުރި ކަމަށާއި އެޗްޕީއޭގެ އިރުޝާދުގެ ދަށުން މިދިޔަ އާދީއްތަ ދުވަހު އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެއަށް ފަހު މާލެ ފޮނުވާލުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހުގެ ރޭ އޭނާ މަރުވި ކަމަށެވެ.
ކަށުނަމާދުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ގދ. މަޑަވެއްޔަށް ގެންދިޔުމަށް އާއިލާއިން އެދުމުން އެ ހާލަތުގައި އެޗްޕީއޭއިން އަމަލު ކުރަން ނިންމާފައިވާ ނިންމުން އާއިލާއާ ހިއްސާކޮށްފައިވާ ކަމަށާއި މައްޔިތާ އާއިލާއާ ހަވާލު ކުރުމަށް ފަހު ޖަމާއަތްތެރިން ހޯދުމުގަ އާއި ވަޅުކޮންނާނެ އިންތިޒާމްތައް ތިނަދޫ ކައުންސިލާ ގުޅިގެން ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.