ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް މަރުވި މީހާއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިހުމާލެއް އޮތްތޯ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާ އިހުމާލެއް އޮތްނަމަ އެކަން ނުފޮރުވާ ހާމަކުރާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން މަރުވި ފުރަތަމަ މީހާއަކީ މާފަންނު ބަހީޖު ޕެލަސް އައިމިނަތު އާދަމް އެވެ. އޭނާ މަރުވީ އިއްޔެ އިރުއޮއްސި 7:10 އެހާކަންހާއިރު އެވެ.
އެ މީހާއަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހެކެވެ. އެމީހާގެ ނަތީޖާ ލިބިފައިވަނީ މަރުވި ފަހުންނެވެ. އެމީހާއަކީ ޕޭޝަންޓް 126އާ ގުޅުން އޮތް މީހެކެވެ. ޕޭޝަންޓް 126 ޕޮޒިޓިވްވެފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ގެ ހުރީ މޮނީޓަރިން ހާލަތުގަ އެވެ.
ދުވަސްވީ އަދި އެހެން ބަލިތައް ވެސް ހުރި އެ އަންހެން މީހާއަކީ ހައި ރިސްކް ކެޓެގެރީގެ މީހެކެވެ. ނަމަވެސް އޭނާގެ ސާމްޕަލް ނަގާފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ގުޅުންހުރި މީހާ ޕޮޒިޓިވްވި ކަމުގެ ރިޕޯޓް ލިބުނުތާ ހަތަރު ދުވަސް ފަހުންނެވެ. މަރުވި މީހާގެ ސާމްޕަލްގެ ނަތީޖާ ލިބުނީ ވެސް މިރޭ އޭނާ މަރުވި ފަހުންނެވެ.
އެކަމާ ގުޅިގެން، މޮނީޓަރިންގެ ހާލަތުގައި ހުރި ގެއެއްގައި ހުރި މީހަކަށް އެކަށީގެންވާ ފަރުވާ ނުދެވުނު ކަމަށް އާއިލާގެ ފަރާތުން ވަނީ ތުހުމަތު ކޮށްފައެވެ.
އެކަމާއި ގުޅިގެން މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކަށް ގިނަ ސުވާލުތަކެއް އަމާޒުވިއެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ހެލްތް މިނިސްޓްރީން އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
މަރުވި މީހަކީ އެމްއެޗްއޭ ކޭސްއާ ގުޅުންހުރި މީހެއް ކަމަށާ އޭނާގެ ސާމްޕަލް ނުނެގި ދެ ދުވަސް ހޭދަވި މައްސަލައާއި އަދި އޭގެ ފަހުންވެސް ކަންކަން ހިނގާދިޔަގޮތް ރަނގަޅަށް ބެލުމަށްފަހު ދެފުށްފެންނަ ގޮތަށް މައުލޫމާތު ހާމަކުރާނެ ކަމަށެވެ. އަދި އިހުމާލެއް އޮތްނަމަ އެއްވެސް ކަމެއް ނުފޮރުވާ މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.
މަބުރޫކް ވިދާޅުވީ އެއީ ދުވަސްވީ އަދި އެހެން ބަލިތަކަކަށްވެސް ބޭސް ކުރަމުން ގެންދާ މީހަކަށްވެފައި ސާމްޕަލް ނެގުމަށް ދެ ދުވަސް ހޭދަވެގެން ދިއުން އެއީ ލަސްވުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އެކަން ހިނގާދިޔަގޮތް މުޅިން ޔަގީންވާނީ ހެލްތްގެ ތަހުގީގަށް ފަހު ކަމަށެވެ. އަދި ދުވަސްވީ މީހުންގެ ސާމްޕަލްތައް ނެގުން އަވަސް ކުރުމާއި ގުޅޭގޮތުން ޓެގުން މިހާރު ލަފާވެސް ދީފައިވާ ކަމަށެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ އެކަން ހިނގާދިއަގޮތް ބައްލަވާނެ ކަމަށާއި، އަދި މިހާރު އަމަލުކުރާ އުސޫލުތަކަށް ބަދަލުގެންނަންޖެހޭނަމަ އެކަންވެސް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
"މިކަމުގައި އިހުމާލެއްއޮތްތޯ ނުވަތަ ނޫންތޯ ބަލާނަން. އަދި މިކަމާ ގުޅިގެން މީހުން ކަރަންޓީނު ކުރުމާއި، ސާމްޕަލް ނެގުމާއި އަދި ޓެސްޓު ކުރުމުގެ އެސްއޯޕީތަކަށް ބަދަލު ގެންނަންޖެހޭނަމަ އެކަންވެސް އަޅުގަނޑުމެން ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ތެރެއިން ފާހަގަވާ މީހުން ގޭގައި ބައިތިއްބައިގެން ސާމްޕަލް ނެގުމަށްފަހު ޓެސްޓުގެ ނަތީޖާ ލިބެންދެން ހޭދަވާ މުއްދަތުގެ ތެރޭގައި، ސިއްހީ ހާލަތު ގޯސްވާނަމަ އަންގާނެ ހާއްސަ އުސޫލުތަކެއް ހަމަޖެހިފައި އޮންނަ ކަމަށެވެ.
އެގޮތުން، މި ބަލީގެ ޒާތުން، އެކަމަށް ދޭނެ ވަކި ހާއްސަ ފަރުވާއެއް ނޯންނަކަމަށް ޑރ. އަލީ ލަތީފު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅަށް ބާރު ދެއްވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ، ހާލަތު ބަދަލުވަމުން އަންނަ މިންވަރަކުން އެޗްޕީއޭއިން އަމަލު ކުރަމުންދާ އެސްއޯޕީއަށް މީގެ ކުރިންވެސް ބަދަލު ގެންނަމުންދާ ކަމަށެވެ. އެ ގޮތުން، ހައި ރިސްކު މީހުންގެ ސާމްޕަލް ނެގުން އަވަސްކޮށް، އެ މީހުންގެ ހާލަތު މިހާރަށްވުރެ ބޮޑަށް މޮނީޓާ ކުރުން ފަދަ ބަދަލުތައް ގެންނާނެކަމަށް އޭނާ ވިދާޅުވި އެވެ.