ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަދު އެކަނި 81 މީހުން ޕޮޒިޓިވް ވެއްޖެ

އިތުރު ބަޔަކު ޕޮޒިޓިވްވެ މިއަދުގެ މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 81 އަށް އަރައިފި އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް އަޒީޒް ވިދާޅުވީ ރޭ 00:00 ގެ ފަހުން މިރޭގެ މިހާތަނަށް 81 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ މި ހަފްތާގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ. މި އަދަދަށް ކޮވިޑަށް މީހުން ޕޮޒިޓިވެފައި މިވަނީ ރައްކާތެރިކަމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފައިވަނިކޮށެވެ.

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވީ އަދަދު ވަނީ 1672 އަށް އަރާފައެވެ. އެ މީހުންގެ ތެރެއިން 401 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ފަސް މީހަކު ވަނީ މަރުވެފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 1264 މީހުންނެވެ. އަދި 1291 މީހުން އައިސޮލޭޝަންގައި ތިބިއިރު 1478 މީހަކު ކަރަންޓީންގައި އެބަތިއްބެވެ.

މަބުރޫކް ވިދާޅުވީ ކޮވިޑްގެ ހާލަތު އޮތް މިންވަރު ވަޒަންކުރުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނަގަމުންދާ ކަމަށެވެ. އަދި ޕޮޒިޓިވްވާ މީހުންނާއި ގުޅިގެން ގިނަ ބައެއްގެ ސާމްޕަލްތައްވެސް ދަނީ ނަގަމުންނެވެ. މިއަދުގެ ނިޔަލަށް 23،860 މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ. ކޮންމެ ދުވަހަކު 800 ވުރެ ގިނަ މީހުންގެ ސާމްޕަލްތައް ދަނީ ޓެސްޓް ކުރެވެމުންނެވެ.