ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިހާރު ޕޮޒިޓިވްވާ އަދަދު ގިނައެއް ނޫން

މިފަހުން ރާއްޖެއިން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ގިނަ ނޫން ކަމަށް އެންއީއޯސީއިން ބުނެފި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ފިޔަވަޅުތަކަށް ލުއިދޭން ނިންމި ނަމަވެސް އަދިވެސް ކޮންމެ ދުވަހަކު ފަންސާހަކަށް މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވާއިރު މިހާރުވެސް ކޮވިޑްގެ ބަލި މީހުން ފެންނަމުންދާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ލޮކްޑައުން މުޅިން ނަގަނީ ނޫން ކަމަށާ ލޮކްޑައުންއަށް ފަސޭހަތަކެއް ދެނީ ކަމަށެވެ.

މިފަހުން މާލެއިން ދުވާލަކު ޕޮޒިޓިވްވަމުންދަނީ ފަންސާހަކަށް މީހުން ކަމަށާ މިއީ މާލެ ކަހަލަ އާބާދީ ބޮޑު ރަށެއްގައި ބޮޑު އަދަދެއް ނޫން ކަމަށް އަފްޒަލް ވިދާޅުވިއެވެ.

"ދުވާލަކަށް 50 ކޭސް ފެނުމަކީ މިފަދަ ބައްޔަކަށް ބަލާއިރު މިއީ ހައި ނަންބަރެއް ނޫން އިނގޭތޯ. މިފަދަ ސްޕްރެޑްވާ ބައްޔަކަށް ބަލާއިރު، އަދި މިއީ މާލޭގެ އާބާދީގެ ނިސްބަތުން ދުވާލަކު 50 މީހުން ފެނުމަކީ އެހާ ހައި އަދަދެއް ނޫން."

އަފްޒަލް ވިދާޅުވީ މަސައްކަތް ކުރަނީ އެ އަދަދު ސުމަކަށް މަދު ކުރުމަށް ކަމަށާ ނަމަވެސް މިހާރު އޮތް ހާލަތުގައި ލުއިތަކެއް ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ލޮކްޑައުންއަށް ލުއި ދޭނީ ޑަބްލިއުއެޗްއޯގެ އިރުޝާދުތަކާއި އެެއްގޮަތަށް ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވަނީ ލުއި ދިން ނަމަވެސް ސިއްހީ އިރުޝާދުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

ކޮވިޑްގެ ބަލިމީހުން މާލެއިން ފެނިގެން މާލެ ލޮކްޑައުން ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެ މުއްދަތު މިމަހުގެ 28 ވަނަ ދުވަހަށް ދެމި އޮންނާނެއެވެ. އޭގެ ފަހުން ލޮކްޑައުން އުވާލާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ވަނީ ދީފައެވެ.