ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދުވަސްވީ މީހުންގެ ސާމްޕަލް ނަގަން މަޖުބޫރެއް ނުކުރާނަން: އެންއީއޯސީ

އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ކޮވިޑްގެ ނުރައްކާ އޮތް މިންވަރު ބެލުމަށް ނަގަމުންދާ ރެންޑަމް ސާމްޕަލް މަޖުބޫރުކޮށްގެން ނެގުމުގެ ވިސްނުމެއް ނެތް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް ފަށާފައިވާ މަސައްކަތަށް އާންމުންގެ އެއްބާރުލުން ލިބެމުންނުދާ ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ. އަދި އާންމުންގެ އެއްބާރުލުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.

ސާމްޕަލް ދިނުމަށް ދެކޮޅު ހަދާ މީހުންގެ މައްސަލަ ކޯޓަށް ހުށައަޅާ ކޯޓް އަމުރުގެ ދަށުންވެސް ބައެއް މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ. ދުވަސްވީ މީހުންގެ ތެރެއިން ސާމްޕަލް ދިނުމަށް ދެކޮޅު ހަދާ މީހުންގެ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ އުމުރުގެ އެއްވެސް މީހަކަށް "ފޯސް"ކޮށްގެން ސާމްޕަލް ނެގުމުގެ ވިސްނުން ނެތް ކަމަށެވެ.

ދުވަސްވީ މީހުންގެ ސާމްޕަލް ނަގާ ޓެސްޓް ކުރަމުންދަނީ ހައިރިސްކް ގުރޫޕްތަކުގެ ތެރޭގައި ބަލި އޮތް މިންވަރު ދެނެގަތުމުގެ ގޮތުން ކަމަށާ އެއީ ބައްޔަށް ޝައްކު ކުރެވިގެން ނަގަމުންދާ ސާމްޕަލްތަކެއް ނޫންކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. ބައެއް އާއިލާތަކުން އެ އާއިލާތަކުގައި ތިބި ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް ދެކޮޅު ހަދަނީ އެމީހުންނަށް ބަލި ޖެހޭނެ ސަބަބެއް ނެތްކަމަށް ގަބޫލުކޮށް ކަމަށާ އެގޮތަށް ގަބޫލުކުރަނީ އެ މީހުން ބޭރަށް ނިކުމެ ނޫޅޭތީ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދަންނަވާލަން ބޭނުން މިއީ ބައްޔަށް އެއްވެސް ޝައްކެއް ކުރެވިގެން ނަގާ ސާމްޕަލްތަކެއް ނޫނޭ. މިއީ ބަލި ނެތްކަން ނުވަތަ ވައިރަސް ނެތްކަން ޔަގީންކުރުމުގެ ގޮތުން ނަގާ ސާމްޕަލްއެއް."

ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް މަޖުބޫރު ނުުކުރިނަމަވެސް ބަލި ނެތްކަން ޔަގީންވުމަކީ އާއިލާއަށްވެސް ލިބޭނެ ހިތްހަމަޖެހުމަށްވާތީ އެކަމަށް އެއްބާރުލުން ދިނުމަށް އެންއީއޯސީން ވަނީ އެދިފައެވެ.

އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ކޮވިޑްގެ ނުރައްކާ އޮތް މިންވަރު ބެލުމަށް ނަގަމުންދާ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއް މީގެ ކުރިން ވަނީ ޕޮޒިޓިވްވެފައެވެ.

ކޮވިޑް ޖެހޭ މީހުންގެ ތެރެއިން އެންމެ ރިސްކް ބޮޑީ ކުޑަކުދިންނާއި، ދުވަސްވީ މީހުންގެ އިތުުރުން ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ މީހުންނެވެ.