ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށް ފިލި މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިނުވާ ދެ މީހުންގެ ތެރެއިން އެކަކު ފުލުހުން ހޯދާފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.
އެކި ސައިޓްތަކާއި ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ހަތް މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވި ނަމަވެސް އެމީހުން ދިން ނަންބަރުތަކަށް ނުގުޅުމުން ފުލުހުންނަށް އެ މައުލޫމާތު ހިއްސާކޮށް އެ މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެންއޯސީން އެކަން ހާމަކުރީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
އެ މީހުންގެ ތެރެއިން ހަތަރު މީހަކު ފުލުހުން ވަނީ ހޯދާފައެވެ. އަދި އެތަނުން އެކަކު ހޯދަމުންދަނިކޮށް އޭނާ އޮތީ ޓްރީޓޮޕް ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައިކަން ވަނީ އެނގިފައެވެ. އަދި ނުފެނިވާ ތިން މީހުންގެ ތެރެއިން އެކަކު އިއްޔެ ވަނީ ހޯދާފައެވެ.
އެންއީއޯސީން މިރޭ ބުނީ ފިލައިގެން އުޅޭ ދެ މީހުންގެ ތެރެއިން އެކަކު މިހާރު ހޯދާފައިވާ ކަމަށެވެ. އެމީހާ ފެނިފައިވަނީ ވިލިމާލެ ޑިޓެންޝަން ސެންޓަރުން ޕޮޒިޓިވްވި ދެ މީހުންނާއި ގުޅިގެން ހެދި ކޮންޓެކްޓްރޭސިންގެ ތެރެއިންނެވެ. ވިލިމާލެ ޑިޓެންޝަން ސެންޓަރުން ޕޮޒިޓިވްވި ދެ މީހުން ކުރިން އުޅެފައިވަނީ ޕޮޒިޓިވްވީ ފަހުން ފިލައިގެން އުޅެނިކޮށް ފެނުނު މީހާ ދިިރިއުޅެމުންދިޔަ ލިވިން ބްލޮކުގައި ކަމަށް އެންއީއޯސީން ބުންނެވެ. އެހެން ކަމުން މިހާތަނަށް ނުފެނި ވަނީ އެކަކު އެވެ.
އެ މީހުން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް އެންއީއޯސީން ބުންޏެވެ. އެ ސެންޓަރުން މިރޭ ބުނީ އެ މައުލޫމާތު އާންމު ކުރާނީ އެ މީހާ ނުފެނުނު ކަމަށް ފުލުުހުން ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތަށް އެންގުމުން ކަމަށެވެ.