ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 72 މީހަކު ޕޮޒިޓިވްވެއްޖެ

އިތުރު 72 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ބުރާސްފަތި ދުވަހަކީ ރާއްޖެއިން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެ އެކަނިވެސް 119 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 191 އަރާފައެވެ.

ފަހުން ޕޮޒިޓިވްވި 72 މީހުންނަކީވެސް ބަންގްލަދޭޝްގެ މީހުން ކަމަށް އެޗްޕީއޭ ބުންޏެވެ.

ބުރާސްފަތި ދުވަހު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 95 މީހުންނަކީވެސް ބިދޭސީންނެވެ. އަދި އެ އެންމެންނަކީވެސް އެއް ތަނެއްގައި އުޅެމުންދިޔަ ބައެއް ކަމަށް އެންއީއޯސީއިން ވަނީ ބުނެފައެވެ. އެ 95 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަަށް ނިސްބަތްވާ 61 މީހަކާއި އިންޑިއާގެ 32 މީހެއްގެ އިތުރުން ނޭޕާލްގެ ދެ މީހެކެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ބިދޭސީން ދިރިއުޅޭ ތަންތަނުގައި ބަލި ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި އެތަންތަން މޮނިޓާކޮށް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މަބުރޫކް ވިދާޅުވީ މިވަގުތު އެފަދަ 23 ތަނެއް ފުލުހުން މޮނިޓާ ކުރަމުން ގެންދާ ކަމަށާ އެ ތަންތަނުގައި 1085 މީހުން އުޅެމުން ގެންދާ ކަމަށެވެ. އަދި އެ ތަންތަނުގައި އުޅޭ ހުރިހާ މީހުންގެ ސާމްޕަލްތައް ނަގާ ޓެސްޓް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

އެ ތަންތަނުގައި އުޅޭ މީހުންގެ ހާލަތު އަދި އެމީހުންނަށް ބޭނުންވާ ތަކެތި ރެޑްކްރެސެންޓުން ބަލަހައްޓަމުން ގެންދާ ކަމަށެވެ.