ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ދެ މަހަށްފަހު ކުރެއްދޫން އެނބުރި ރަށަށް

"އެންމެ ފުރަތަމަ ވެސް ރަށުގައި ހުރި އަންހެނުންނަށް ވައިބާ އިން ރިލީސް ލެޓާ ފޮނުވީ. ފޮނުވާފަ، ގުޅާފައި ބުނިން މިއީ މި އަހަރު ދެވޭނެ އެންމެ އުފާވެރި ހަބަރޭ. ދަރިންނާ ވާހަކަ ދައްކަމުން ބުނިން ބައްޕަގެ ލޮކު ފިލައިފި އޭ. ދެން ވަރަށް އަވަހަށް ރަށަށް ދާނަމޭ. ދެން މަޑެއް ނުކުރާނަމޭ!"

ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުން އައި ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެމީހުންނަށް ވައިރަސް ޖެހިފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރި އިޓަލީ ޓޫރިސްޓެއްގެ ފަަރާތުން ކަމަށް ސަރުކާރުން ބުންޏެވެ. އެއާއެކު މުޅި ރިސޯޓު ބަންދުކޮށް އަަރާ ފޭބޭނެ އެއްވެސް ހުއްދަ އެއް ނުދިނެވެ. އެގޮތުގައި އެ ރިސޯޓު މުވައްޒަފުން ތިބޭތާ މިހާރު ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ކުރެއްދޫ ކޭސް މިއީ ކޮވިޑްގެ ފުރަތަަމަ ކޭސް އަށް ވުމުން ތަފާތު ވި އެވެ. ރިސޯޓު ލޮކް ކުރީ އެ ރިސޯޓު ހުރިހާ މުވައްޒަފުންގެ ޓެސްޓުތައް ހެދުމަށެވެ. ރިސޯޓުގައި ތިބި 649 މީހުންވެސް މިއަަދު ތިބީ އެތައް ދުވަހެއް ވަންދެން ކުރި އިންތިޒާރެއް ނިމުނީތީ ހިތްހަމަޖެހުމުގެ ނޭވާ އެއް ލައިގެނެވެ. މިއަދު ފޮށިތައް ތައްޔާރުކޮށް އެމީހަކު އެމީހެއްގެ ރަށަށް ދާން ތައްޔާރުވަނީ އެވެ. ފޯނުން ގުޅައި އާއިލާތަކަށް އުފާވެރި ހަބަރު ދީފި އެވެ. ގޭގައި ތިބި ދަރިންނާއި އަންހެނުން ކެތްމަދުވެފަ އެވެ. ތައްޔާރުވަނީ އެވެ.

މި އެންމެންގެ ތެރޭގައި، ރިސޯޓުގެ އެސިސްޓަންޓް އެގްޒެކެޓިވް ހައުސްކީޕާގެ މަގާމުގައި ހުރި އާދަމް ނިޔާމް ވެސް ހިމެނެ އެވެ. ޅ އަތޮޅުގައި އޮންނަ ކުރެއްދޫ އިން ނިޔާމްގެ އުފަން ރަށް، ނ. ކުޑަފަރި އަށް ދާކަށް މާ ގިނަ އިރެއް ނުނަގާނެ އެވެ. އެޗް.އާރް އިން ސިޓީ ތައްޔާރުކޮށް ރަށު ކައުންސިލަށްވެސް އަންގައިފި އެވެ. ކެތްމަދުވެގެން ހުރެ ގަޑީގެ ކަށި ހިނގާ ވަރު ބަލަން މިހާރު ހުއްޓަސް މިއީ ދެ މަހަށް ވުރެ ގިނަ ދުވަހުގެ ދިގު އިންތިޒާރެއް ކަމަށް ނިޔާމް ބުންޏެވެ.

"އެންމެ ފުރަތަމަ ހަބަރާއެކު ވަރަށް ގިނަ ކޯލްތަށް އައި. ރަށުގެ ރައްޓެހިންނާ އާއިލާގެ މެންބަރުން ވެސް ގުޅައިގެން ވަރަށް ބަލައިގެން އުޅެން ބުނި. މަންމަ ގުޅާފަ ބުނީ، ދަރިފުޅާއޭ ވަރަށް ބަލައިގެން އުޅެއްޗޭ. ނުނިކުންނައްޗޭ ކޮޓަރިންވެސް ބޭރަށް. އަހަރެން ވިސްނައިދިނިން، މިއީ މުޅި ދުނިޔޭގަ އުޅޭ ބައްޔެކޭ. ހާސް ނުވާށޭ. މިއަދު ނުވަތަ މާދަމާ ރަށަށް އެނބުރި ދެވޭނެ އޭ! އެ މާދަމާ އެއް އަންނާނެ ކަމަށް އެތައް ފަހަރަކު ގުޅައިގެން ބުނިން" ފުރަތަމަ ހަބަރާއެކު ކަން ހިނގި ގޮތް ނިޔާމް ކިޔައިދިނެވެ.

ލޮކްޑައުންއާއެކު އެންމެން ގެންދިޔައީ ހާސްކަމެއްގެ ތެރެއަށެވެ. ރިސޯޓުގައި ތިބި ޖޫނިއާ ސްޓާފުން ސީނިއާ ސްޓާފުންނަށް ގުޅާ ވާނުވާ އޮޅުންފިލުވަން މަސައްކަތް ކުރި އެވެ. ނިޔާމް ކިޔައިދިން ގޮތުގައި މެނޭޖްމަންޓުންވެސް މަސައްކަތް ކުރީ އެންމެން ޕެނިކް ނުވެ ކަންކަން ރަނގަޅަށް ކުރެވޭތޯ އެވެ. ކޮންޓްރޯލް އެއް ގެނެވޭތޯ އެވެ. އިޓަލީ ދެ ޓޫރިސްޓުންނާ ޑައިރެކްޓު ކޮންޓެކްޓުވި އެންމެން ވަކިން އައިސޮލޭޓް ކުރި އެވެ. އަދި، މެނޭޖްމަންޓުގެ ފަރާތުން ހާއްސަ ފިޔަވަޅުތަކެއް އެޅި އެވެ. އެހެންނަމަވެސް، އެޗްޕީއޭގެ ފަރާތުން ރަނގަޅަށް މައުލޫމާތު ނުދެވި އެތައް ދުވަހެއް ވާނުވާ ނޭނގި ތިބެން ޖެހުނު ކަމަށް ކިޔައިދިނެވެ.

"އެންމެންވެސް އުއްމީދު ކޮށްގެން ތިބީ އެންމެ ފުރަތަމަ ޕޮސިޓިވް ވި / ލޮކްޑައުން ފެށިގެން 14 ދުވަސް ހަމަވުމުން ދެވޭނެ ކަމަށް. އޭގެ ފަހުން ބުނި 28 ދުވަސް ހަމަވީމަ އޭ ދެވޭނީ. ދެންވެސް ޖެހުނީ މަޑުކުރަން. އިތުރު ކޭސް ތަކެއް އައިސް އެކި ކަންކަން ހިނގައިގެން. އަހަރެމެން ކުރެއްދޫގައި ތިބި މުވައްޒަފުންނަށް ދިމާވީ ވަރަށް ބަދުނަސީބު ގޮތަކޭ ބުނެވޭނީ"

ކޮންމެ ދުވަހެއްގެ ޕްރެސް ކޮންފަރެންސް ފަށާ ގަޑިއަށް މި ރިސޯޓު އެންމެން ކަހަލަ ގޮތަކަށް އެކި ތަންތަނަށް އެއްވެ އެވެ. ފޯނުންްނާއި ޓީވީ އިން ޕްރެސް ބަލަންށެވެ. އެންމެންވެސް ހިތާ ހިތުން އާދޭސްކުރަނީ އެންމެ ޖުމްލަ އެއް އިވޭތޯ އެވެ. ރިސޯޓުން އެނބުރި ރަށަށް ދެވޭނެ ކަމަށް އިއުލާން ކުރުމެވެ. އެއީ އައިސޮލޭޝަންގައި ތިބެން ނަމަވެސް ހެޔޮ ކަމަށެވެ. 14 ދުވަސް ކަމަށް ހީކޮށްގެން ތިއްބާ ކޮމިއުނިޓީ ސްޕްރެޑް އަކަށް އެ ރިސޯޓު ވުމުން އިތުރު ކުރީ 28 ދުވަހެވެ. އެއަށްފަހު މާލެ އިން ކޭސްއެއް ފެނި އަނެއްކާވެސް އިތުރު ދުވަސްތަކެކެވެ. 55 ދުވަސްފަހުން މިއަދު އެމީހުންގެ މޫނުމަތިން ފެންނަނީ ތަފާތު ކަމެކެވެ.

"ފުރަތަމަ މަހު ހުރިހާ އެންމެންވެސް ވަރަށް ބިޒީކޮން އުޅުނީ މަސައްކަތުގައި. އެއީ ފަތުރުވެރިންވެސް ރިސޯޓްގައި އުޅުނު. އެމީހުންނަށް ހިދުމަތް ދިނުމުގައި. އަހަރެމެން ޑިޕާޓްމެންޓް ކުދިން އުޅުނީ ވަރަށް ބުރަކޮށް، އަދި އެހާމަ ރިސްކު ބޮޑުކޮށް. އޭރު ނޭގެ ކޮން ގެސްޓަކަށް ކަމެއްވެސް ބަލި ޖެހިފަ ތިބީ. އެކަމުވެސް ހުރިހާ މުވައްޒަފުންވެސް މެނޭޖުމަންޓުން އެންގި ގޮތަށް ވަރަށް ކިޔަމަންތެރި ކަމާއެކު ގެސްޓުންނަށް ހިދުމަތް ދިނުމުގައި އުޅުން. ފުރާނަ އަތްމައްޗަށް ލައިގެން އެވީ ވަރަށް ބޮޑު ގުރުބާނީ އެއް"

ރިސޯޓުގެ މާހައުލު މިހާރު އޮތީ މުޅިން ބަދަލުވެފަ އެވެ. މިހާރުވެސް ކުރެއްދޫ ކައިރި ނައިފަރު ކުދިންނަށް ހުއްދަ ލިބުނީމަ އަމިއްލަ ޓްރާންސްފާގައި ރަށަށް ދާން ފުރައިފި އެވެ. ކައިރި ރަށްރަށުން ރިސޯޓުގައި އުޅޭ ކުދިން އަމިއްލަ އަށް ލޯންޗު ހަމަޖައްސައިގެންނެވެ. ދުރުގައި ތިބި މީހުންނަށް ރިސޯޓުންވެސް ޓްރާންފާ ހަމަޖައްސައިދޭ ކަމަށް ނިޔާމް ބުންޏެވެ.
އޭނާ އެ ހުރީ، އޭނާގެ ރަށަށް ދާން ލޯންޗު ހަމަޖެހޭނެ ވަގުތަށް ބަލާށެވެ. އެންމެ ފަހުން ޗުއްޓީ އެއް ނަގައި ރަށަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހު އެވެ. އާއިލާ އާ ދުރުގައި ހާސްްކަމެއްގެ ތެރޭގައި ހޭދަ ކުރި ދުވަސްތަކަށްފަހު އެނބުރި ފަސްގަނޑަށް ދެވޭތީ އެވެ.

ނިޔާމް ބުންޏެވެ. "މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން"