ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި އީގަލްސް އާއި ވިކްޓަރީ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
އައްޑޫ ސިޓީގައި ކުޅުނު މެޗުގައި ލަނޑު ޖަހަން ހުސް ތިން ފުރުސަތު ވިކްޓަރީ އަށް ލިބުނެވެ. ފަހުހާފުގެ 10 ވަނަ މިނިޓްގައި ބޯޅައާއެކު ހުސްކޮށް ކުރިއަށް އަރައި މުހައްމަދު ތަސްނީމް ޖެހި ބޯޅަ ދިޔައީ ގޯލު ހުރަސްކޮށް ދަނޑިކައިން ބޭރަށެވެ. އެގެ މިނިޓެއް ފަހުން ބިދޭސީ ފޯވަޑް އޮމޮޑޫ ވެސްޓް ކުރިއަށް އަރައި ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އެބޯޅަ އޭރިޔާތެރެއިން ދެ ވަނަ ފަހަރަށް ލިބުނުން ޗިންދާ ކަކާ ފޮނުވާލުމުން އީގަލްސްގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ ދިފާއުކުރި އެވެ.
މެޗު ފެށިތާ މާގިނައިރެއްނުވެ އީގަލްސްގެ ސްޕޭން ޑިފެންޑަރު ޕެޑްރޯ އެންޓޯ އަށް އޭނާ ބާލަން ޖެހުނު މެޗުގައި އެ ޓީމަށް މާރަނގަޅު ކުޅުމެއް ނުދެއްކުނެވެ. ހާއްސަކޮށް އެންމެ ކުރިއަށް ކުޅުނު ބިދޭސީ ސްޕޭން ފޯވަޑް ޖިމެނޭޒް ރޭޔޭސް އަށް އެއްވެސް ކަމެއް ނުކުރެވުމުން ފަހުހާފުގެ ކުރީކޮޅު އޭނާ ބާލަންޖެހުނެވެ. ނަމަވެސް ފަހު 20 މިނިޓްގައި އީގަލްސްއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ގޯލަށް ދުރުން ފޮނުވާލި ބޯޅަތައް ކީޕަރު ތޮލާލް ހަސަން ދިފާއުކުރި އެވެ.
މެޗަށް ފަހު ވިކްޓަރީގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މެޗުގައި ވިކްޓަރީ ދެއްކި ކުޅުން ވަރަށް ރަނގަޅު ކަމަށާއި ކުރިއަށް އޮތް މެޗުގައި މާޒިޔާއަ ދެކޮޅަށް މި އަށްވުރެ ރަނގަޅަށް ކުޅޭނެ ކަމަށެވެ.
"އަޅުގަނޑުމެން ޓީމު ވަރަށް ރަނގަޅަށް މިއަދު މި ކުޅުނީ. ވަރަށް ރަނގަޅަށް މި މުބާރާތަށް ޕްރެކްޓިސް ކޮށްފައިމިވަނީ. އިރާދަކުރެއްވިއްޔާ މިއަށްވުރެ ރަނގަޅަށް މާޒިޔާއާ ދެކޮޅަށް ކުޅޭނަން،" ނާދު ބުންޏެވެ.
އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ މެޗުގައި ރަނގަޅަށް ނުކުޅެވުނު ކަމަށާއި ބައެއް ކުޅުންތެރިން ރުޅިގަދަވެގެން ވެސް އުޅުނު ކަމަށެވެ.
"ފަހަރުގައި އެހެންވެދާނެ އެއީ އަޅުގަނޑުމެންގެ ބިދޭސި ކުޅުންތެރިޔާ ބާލަންޖެހުމުންވެސް. ދެން މިހާރު އީގަލްސް އަކީ ބޮޑު ކުލަބެއް. އެތަން ފެނުނު މިއަދު. އަޅުގަނޑުމެންނާ މިކުޅުނު ޓީމަކީ ކުރިން ބޮޑުކުލަބެއް. އެކަމަކު މިހާރު އީގަލްސްބޮޑީ. އެތަން ފެނުނު. އެއީ އިދިކޮޅު ޓީމު ކީޕަރު އަބަދު ވެއްޓިފައި އޮންނަނީ. އޭނާ ކޮޅަށް ބަހައްޓާނެގޮތެއް އީގަލްސްއަށް ހޯދަން ޖެހުނީވެސް. އެކަމަކު އަދި މިގްރޫޕުގައި ކޮންމެ ޓީމަކަށް ވެސް ފުރުސަތު އެބައޮތް،" ސާންތީ ބުންޏެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި ކުޅޭ މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އައްޑޫގައި ކުޅޭ ގްރޫޕްބީގެ ފުރަތަމަ މެޗު އިއްޔެ މާޒިޔާ ކާމިޔާބު ކުރީ ވެލެންސިއާއާ ބައްދަލުކޮށް 2-0އިންނެވެ. މި ގްރޫޕުގެ މެޗެއް ދެން ކުޅޭނީ ހުކުރު ދުވަހު އެވެ. އެ ދުވަހު ކުޅޭނީ ވެލެންސިއާ އާއި އީގަލްސް އެވެ. ހޮނިހިރު ދުވަހު ކުޅޭނީ މާޒިޔާ އާއި ވިކްޓަރީ އެވެ.