ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އާރުސީސީގެ މުވައްޒިފުން އެނބުރި މެޑިކަލް ފެސިލިޓީގެ މަސައްކަތަށް

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދަމުންދާ މެޑިކަލް ފެސިލިޓީގެ ނުނިމިހުރި ބައެއް މަސައްކަތްތައް އާރުސީސީގެ ވޯކްޝޮޕްގައި ފަށައިފި އެވެ.

މެޑިކަލް ފެސިލީޓީގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުންދަނިކޮށް އެ މަސައްކަތް ހުއްޓުނީ އެ ތަނުގައި މަަސައްކަތްކުރާ ބަޔަކު ކޮވިޑަށް ޕޮޒިޓިވްުމާއި ގުޅިގެންނެވެ.

ކޮވިޑް-19 ގައި މީހުން އައިސޮލޭޓް ކުރަން 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ގާއިމް ކުރަނީ ހުޅުމާލޭގައި ޓްރީޓޮޕް ކުރިމަތިން އޮންނަ ހުސް ބިމުގަ އެވެ. ވެންޓިލޭޓަރުގެ ހިދުމަތް ވެސް ދެވޭ ގޮތަށް ތަރައްގީ ކުރާ އެ ފެސިލިޓީގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރި ވަނީ ސިފައިންނާއި ދައުލަތުގެ އެހެން އިދާރާތަކެވެ. މީގެ އިތުރުން އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނިތަކުންވެސް ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. އޭގެ ތެރޭގައި އާރުސީސީ ހިމެނެއެވެ.

އެ ކުންފުނިން މިއަދު ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މިހާރު ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް އެ ކުންފުނީގެ ވޯކްޝޮޕްގައި ފަށާފައިވާ ކަމަށެވެ. އެ މަސައްކަތުގައި ކުންފުނީގެ ގިނަ މުވައްޒިފުންތަކެއް ދަނީ ބައިވެރިވަމުންނެވެ،

އާރުސީސީން ބުނީ ގައުމު ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ ކުންފުނީގެ ހިދުމަތް ދިނުމަށް އޮންނާނީ ތައްޔާރަށް ކަމަށެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ތެރޭގައި އާރުސީސީ ހިމެނެއެވެ.

ހުޅުމާލޭގައި އަޅާ މެޑިކަލް ފެސިލިޓީގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު ސަރުކާރުން މަސައްކަތް ކުރީ އެތަން މިދިޔަމަހުގެ 15 ދުވަހަށް ނިންމާށެވެ.