މާދަމާއިން ފެށިގެން ފަތިހު 5:00 ފެށިގެން ރޭގަނޑު 11:00 ޖަހަން ދެން ބޭރުގައި އުޅެވޭނެ ކަމަށް އެންއީއޯސީން ބުނެފި އެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސިޓީގައި އަދިވެސް ވަނީ ފިޔަވަޅުތައް އަޅާފަ އެވެ. ނަމަވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ބައެއް ލުއިތައް ވަނީ ދީފައި ވެއެވެ. އަދި މާދަމާއިން ފެށިގެން އިތުރު ލުއިތަކެއް ދޭން ވަނީ ނިންމާފައެވެ.
މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މާދަމާ ދޭ ލުއިތަކާއެކު ފަތިހު 5:00 އިން ފެށިގެން ރޭގަނޑު 11:00 އަށް ބޭރުގައި އުޅެވޭނެ ކަމަށެވެ.
މީގެ ކުރިން އެކި ކަސްރަތު ކުރުމާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ހާއްސަ ވަގުތެއް ކަނޑައަޅާފައިވީ ނަަވެސް މާދަމާއިން ފެށިގެން މިރޭ ފަތިހުން ފެށިގެން ކޮންމެ ރެއެއްގެ ރޭގަނޑު 11:00 ޖަހަންދެން އެންމެންނަށް ވެސް ބޭރަށް ނުކުމެ އުޅެވޭނެ އެވެ.
މީގެ އިތުރުން އެއްތަނަކަށް 30 މީހުންނަށްވުރެ އިތުރު ނުވާ ގޮތެއްގެ މަތިން އެއްވެ އުޅެވޭނެ އެވެ. އެގޮތުން ހިދުމަތްދޭ ތަންތަނުން ވެސް އެއް ފަހަރާ 30 މީހުނަށް ހިދުމަތް ދޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ. އެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޗްޕީއޭއިން މިހާރު އާންމުކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި މާލެ ސަރަހައްދުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ވެސް މާދަމާއިން ފެށިގެން ވަނީ ދީފަ އެވެ. ނަމަވެސް އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ކުޅިވަރުގެ ހަރަކާތްތައް ހިންގާ އެކަޑަމީތަކަށް އަދި ހުއްދައެއް ނުދެ އެވެ.