ވާހަކަ

ލޯބިން ބުނެލަން

(30 އެޕްރިލް 2020 އާ ގުޅޭ)

"ލައިތު!... ކޮންތާކަށް؟" ލައިރާ ގޮވާލިއެވެ.

"ބޭރަށް..." ގޭގެ ބިއްދޮށަށް ނުކުމެވެން ހުރި ދޮރާދިމާއަށް ލައިތު ހިނގައިގަތެވެ.

ބޭރު ގޭޓު ކައިރީ ލައިތު މަޑުކޮށްލައިގެން ހުރީ ވަކި ބޭނުމަކު ނޫނެވެ. އޭނާއާ މެދު ލައިރާ ޝައްކެއްކޮށްފާނޭތީ އަވަހަށް ބަދިގެއާ ދުރަށް ދިއުމަށް ދެއްކި ބަހަނާގެ ސަބަބުންނެވެ. އިރުކޮޅަކު އެހެން މަޑުކޮށްލާފައި ގޭތެރެއަށް ވަންނަން ނިންމައިގެން ހުއްޓާ މީހެއްގެ ސައިކަލު ފަހަތުގައި އައިސް ދޮރުމައްޗަށް މަޑުކޮށްލީ ޖިނާނެވެ. ލާފައި ހުރި އެއްޗެހިން އޭނާ އެއައީ ކުޅިވަރު ކުޅެން އުޅެފައިކަން އެނގެއެވެ. ޖިނާންގެ ބޮލަށް ފެންއަޅާފައި ހުރުމުން އިސްތަށިގަނޑުން ފެން ފައިބަފައިބަ ހުއްޓެވެ. އޭނާ ލައިގެން އިން ކޮނޑުކެނޑީގެ ފުރަގަހުން ބޮޑުބައެއް އޮތީ ތެމިފޯވެފައެވެ. ސައިކަލުން ފުންމާލި ގޮތަށް އޭނާ ނިތްކުރީގައި ކަނާއަތުގެ ދެއިނގިލި ޖައްސާލައި އެކުވެރިޔާއާ ވަކިވުމުގެ ސަލާމެއްކޮށްލިއެވެ.

"ބްރޯ!..." ގެއަށް ވަންނަން އައިރު ގޭޓު ކައިރީ ހުރި ލައިތު ފެނި ޖިނާނު ނިތްއަރުވާލިއެވެ. ލައިތު ވެސް ނިތްއަރުވާލީއެވެ. ތޭވީސް އަހަރުގެ ޖިނާނަކީ ގޭގެ އެންމެ ހަގު ކުއްޖާއަށް ވެފައި އެންމެންނާ ވެސް ގުޅޭ ޒުވާނެކެވެ. އެހެންނަމަވެސް ލައިތުއާ މާގިނަ ވާހަކައެއް އޭނާ ނުދައްކައެވެ. ލައިތުއަކީ ގޭގެ އެހެން ކުދީންނާ މާގިނަ ވާހަކަދައްކާ އުޅޭ ޒުވާނަކަށް ނުވާތީ ޖިނާނު ވެސް ބޭބެއާ ދައްކާނޭ ވާހަކައެއް ނޯންނަނީއެވެ. ޢާއިލާ ތެރޭގައި އެހެން ކުދީންގެ ދެމެދުގައި އޮންނަ ގުޅުންތަކާމެދު ޖިނާނު ނުވިސްނައެވެ. އޭނާ ބޭނުންވާ ކަންކަން އޭނާއަށް ވާނަމަ އެ ނިމުނީއެވެ. ޢާއިލާގެ ވަކި މީހަކުދެކެ އޭނާ މާލޯބިންނެއް ނޫޅެއެވެ. އަބަދުވެސް އެންމެ ބޭނުންތެރި މީހަކަށް ޖީނަށް ވަނީ އޭނާގެ ބައްޕައާއި މަންމައެވެ. ކަމަކު ޖެހިއްޖެނަމަ އެންމެ ފުރަތަމަ ދެވެނީ އެމީހުންގެ ގާތަށެވެ. އެހެންވެސް އެންމެ ގިނައިން ޖިނާނު އަންނާނީ ބައްޕަގެ ގާތަށެވެ. އެންމެ ފަސޭހައިން ހައްލު ހޯދަ ދޭނޭ ފަރާތަކީ ބައްޕަ ވީމައެވެ. ކުޅިވަރު ކުޅުމާއި ކަސްރަތަކީ ޖިނާނުގެ ދިރިއުޅުމުގެ ޒަރޫރީ ދެކަމެވެ. ހަށިގަނޑުދެކެ އޭނާހާ ލޯބިވާ މީހަކު އެގޭތެރެއިން ނުފެންނާނެއެވެ. ވަޒީފާއަކަށް ދިއުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ނެތެވެ. ލަންޑަނުގައި މާސްޓާސް ހަދަން ހުރެފައި ކިޔެވުން މެދުކަނޑާލާފައި އޭނާ މާލެ އައީއެވެ. ތަންކޮޅެއް ފަހުން އަލުން ކިޔެވުން ކުރިއަށް ގެންދާނީ ކަމުގައި ބުނެ ބައްޕަ ގާތު އެތައް އާދޭހެއްކޮށްގެން މަޑުކުރީއެވެ. ގޭގައި ހުރި ޖިމްގައި ކަސްރަތުކުރުމަކީ ފޫހިކަމެއްކަމުގައި ޖިނާނު ދުށްޓެވެ. މައްސަލައަކީ އެކަނި ކުރަންވީމައެވެ. ބޭރަށް ނުކުންނަންފެށީ އެ ބޭނުމުގައެވެ. މިހާރު އޭނާގެ ޝައުގުވެރިކަން ހުރީ ރާއްޖޭގައި ބާއްވާ "މިސްޓަރ މޯލްޑިވްސް" މުބާރާތުގައި ވާދަކުރުމެވެ. ޢާއިލާގެ ވިޔަފާރިއަށް ކުޑަ ވެސް ޝައުގުވެރިކަމެއް ނުހުރެއެވެ.

ޖިނާނު އައިސް ބަދިގެއަށް ވަންއިރު ކެންޒާ ކެއުންތައް ނަގާ ތައްޔާރުކުރަނީއެވެ. ކެންޒާ ފެނުމުން ޖިނާނު ހިނިތުންވެލިއެވެ. ބަދިގޭ އައިލެންޑަ މަތީ އޭނާގެ ކޮނޑުގައި އޮތް ދަބަހުން ނެގި ފެންފުޅި ބެހެއްޓިއެވެ.

"ކެންޒާ ދޯ... ދިވެހި ޝެފެއް އައިކަން އަޑުއިވިފަ އޮތީ، އަދި އަހަރެމެން މީޓު ނުވޭ ދޯ، ކޯއްޗެއްތަ ހެދީ މިރެއަށް" އެކުވެރި ރާގެއްގައި ޖިނާނު ވާހަކަދެއްކިއެވެ. ކެންޒާ އިރުކޮޅަކު ޖިނާނަށް ބަލަން ހުރެފައި ކެއްކި ބާވަތްތަކަށް އިޝާރާތްކޮށްލިއެވެ. ތައްޔާރުކުރި ތަށިތައް އޭނާ ކިޔާދިނެވެ.

ކެންޒާގެ މަސައްކަތް ނިމުމުން އެގެއިން ނުކުންނަން ތައްޔާރުވެލިއެވެ. އޭރު ބަދިގެ ތެރެއިން ޖިނާނު ވެސް ނުކުމެގެން ހިނގައްޖެއެވެ. ބުރަކަށީގައި ދަބަސް އަޅާލުމާއެކު ފޯނާއި ހެޑްސެޓް ނެގިއެވެ. އެއަށް ބަލާލުމާއެކު ބަދިގެ ތެރޭ ހިނގައިދިޔަ ކަންތައް ހަނދާންވިއެވެ. ހެޑްސެޓު ޖަހަން އުޅެފައި ވެސް އެ ޚިޔާލު ކެންޒާ ދޫކޮށްލީ އެހެންވެއެވެ. އޭނާގެ އަތްތިލައިގެ ނުފުށަށް ބަލާލިއެވެ. އަތްޖެހުނީ ފިހޭ ވަރަކަށް ނޫނެވެ. ދިލައެއް ވެސް ނުނަގައެވެ. އެހެންނަމަވެސް ލައިތުގެ ހަލުވި ހަރަކާތްތަކާ މެދު އަނެއްކާ ވެސް ކެންޒާއަށް ވިސްނާލެވުނެވެ. އަތުން ދިލަ ނުނެގީ އޭނާގެ އަތް ލައިތު ގެން ގޮސް އިސްކުރު ދޮށަށް ދިއްކޮށްލީމަބާއޭ ކެންޒާގެ ހިތަށް އެރިއެވެ. އޭނާއަށް އެމީހަކީ ލައިތުކަން ޔަގީންވީ ތަޅައިގެން ދިޔަ ވާސްގެ ވާހަކަ ދެއްކީމައެވެ. އެހެންނަމަވެސް އޭނާ ވާހަކަދެއްކީ ބޮޑާ ކަމާއި އަމުރުކުރާ ފަދައިން ކަމަށްވީމަ އޭނާދެކެ ކެންޒާ ފޫހިވިއެވެ. އެގޭތެރެއިން އޭނާއާ މިހާތަނަށް ބައްދަލުވި އެންމެ ބޮޑާ ފިރިހެނާގެ ގޮތުގައި ސިކުނޑީގައި ކާލި ޓެގުކުރެވުނެވެ. ކަސްތޫރީވަނީ ވަޒީފާގެ ޒިންމާތައް ކިޔާދީފައެވެ. ލައިތުގެ ސުވާލުތަކަށް ރައްދުދޭން ކެންޒާއަށް ކެރުނީ އެހެންވެއެވެ. އެކަމަކު ލައިތު މަލާމާތް ކުރަން ފެށިނަމަ ކެންޒާއަށް ރައްދުދޭނޭ ހިތްވަރެއް ނުލިބުނީހޭ އޭނާގެ ހިތަށް އެރިއެވެ. އޭނާގެ ސިފައާ ބެހުނު ނަމަ އޭނާ ބަލިކަށިވީސްކަން ޔަގީނެވެ. މިފަދަ ޚިޔާލުތަކެއްގައި ހުރެ ކެންޒާ ގޭޓުން ނުކުތެވެ.

"ދަނީތަ؟" ކައިރިން އިވުނީ ލައިތުގެ އަޑެވެ. ކެންޒާ ބަލާލިއިރު އެއްފަރާތު ފާރުކައިރީ ލައިތު ހުއްޓެވެ. ކެންޒާ ހޫން ލައްވާލާފައި ހިނގައިގަންނަ އުޅުމުން އަނެއްކާ ވެސް ލައިތު ވާހަކަދެއްކިއެވެ.

"ކިހާ ހިސާބަކު އުޅެނީ" ލައިތު އަހާލިއެވެ. ކެންޒާއަށް ދެބުމަ ކައިރިކޮށްލެވުނެވެ. ލައިތުގެ ގަސްދާމެދު ސުވާލު އުފެދުނީއެވެ. ޒާތީ މަޢުލޫމާތު ޚިއްޞާ ކުރުމުގެ ވިސްނުމެއް ކެންޒާގެ ނެތެވެ. މަޑުކުރުމެއްނެތި ހަލުވިކޮށް ކެންޒާ ހިނގައިގަތެވެ. ތަންކޮޅަކަށް ދެވުމުން ފަސްއެނބުރި ކެންޒާ ބަލާލިއެވެ. އޭނާއާ ދިމާއަށް ބަލަހައްޓައިގެން ލައިތު ހުރީއެވެ. އެގެއާ ދުރަށް ދެވެންދެން ކެންޒާ އިރުއިރުކޮޅުން ފަސްއެނބުރި ބަލައެވެ.

* * * * *

ރޭގަނޑު ދިހަގަޑި ބައިވަނިކޮށް އެޕާޓްމެންޓަށް ލައިތު ވަދެގެން އައިއިރު ޓީވީ ހުޅުވާފައި ހުރި އަޑު އިވުނެވެ. ސިޓިންރޫމުގައި ހުރި ސޯފާތަކުން ބޮޑު ސޯފާގޮނޑީގައި ރިމޯޓު ހިފައިގެން އަރިއަކަށް ހިރާ އޮތެވެ. ލައިތުގެ އަޅިކުލައިގެ ރޯބް ލައިގެން އޮތްއިރު ހިރާ އެ އޮތީ ފެންވަރައިގެން ނުކުމެކަން ލައިތު ދެނެގަތެވެ. ފުޅާ ހިނިތުންވުމަކާއެކު ހިރާ ތެދުވިއެވެ. ލައިތުގެ އަތުގެ ތެރެއަށް ވަނުމަށް އޭނާ އައި ނަމަވެސް ލައިތު އޭނާގެ ދެއަތުގައި ހިފަހައްޓާލީއެވެ.

"ކިހިނެއްވީ؟" ހިރާއަށް އަހާލެވުނެވެ.

"ނޮޓް ޓުނައިޓް" ސޯފާގައި އިށީންނަމުން ލައިތު ބުންޏެވެ. އޭނާގެ ދާދި ގާތުގައި ހިރާ ވެސް އިށީނެވެ.

"ކޮންވާހަކައެއްކަތަ ދައްކަން އުޅުނީ" ލައިތު އެޕާޓްމެންޓަށް އައީ ހިރާ ފަހުން ވެސް އޭނާއަށް މެސެޖުކޮށް އަންނާނަންތޯ އެހުމުންނެވެ. މުހިންމު ވާހަކައެއް ދައްކަންވެފައި އޮތްކަން ބުނީމައެވެ.

"އެއީ... މާދަން އަހަރެން އޮފީހަށް ނުކުންނަން ފަށަން" ހިރާ ބުންޏެވެ.

"ޗުއްޓީ ހަމައެއްނުވެއެއްނު" ލައިތު ބުންޏެވެ.

"ޗުއްޓީ ނެގީ ލައިތުއާއެކު ވަގުތު ހޭދަކުރަން" ހިރާ ގަސްދުކުރި ގޮތް ބުންޏެވެ.

"ހިރާ!... އަމިއްލައަށް މަސައްކަތެއް ފަށަންވީނު، އޮފީހަށް އައިސް ވެސް ހިރާ ފޫހިވުން ނޫންކަމެއްނުވާނެ، ޗުއްޓީ ނަގަން އަހަރެން ޚިޔާލު ދިނީ އޮފީސްތެރޭގަ ހިރާ ފޫހިވެފައި އިންނާތީ، އަހަރެން އެއްފަހަރު ވެސް ނުބުނަން ހިރާއާއެކު އަހަރެން ޗުއްޓީ ނަގާނަމޭ" ލައިތު ވާހަކަދެއްކިއެވެ.

"އަހަރެން ފޫސެއްނުވޭ، އެހެން ވެސް އަހަންނަށް ލައިތު ފެންނާނެއެއްނު" ލިބޭ ހިތްހަމަނުޖެހުން ފަރުދާކުރަމުން ހިރާ ހިނިތުންވެލިއެވެ. ލައިތުގެ ކޮނޑުގައި ދެއަތްތިލަ އަޅުވާލައި އޭނާގެ މޫނާ ހިރާގެ މޫނު ގާތްކޮށްލިއެވެ. މިފަހަރު ހިރާގެ އެގާތްކަން ލައިތު ނުހުއްޓުވިއެވެ. މަޑުމަޑުން ހިރާ ތެދުވެ ލައިތުގެ އުނގުގައި އިށީނެވެ. ލައިތުގެ ލޮލާ ލޯ އަމާޒުވުމަށް ހިރާ ބޭނުންވީއެވެ.

"ހިނގާ ކޮޓަރިއަށް" ގުޅުވިފައިވި ތުންފަތް ވަކިކޮށްލުމާއެކު ހިރާ ބުންޏެވެ.

"މިރެއަކުނޫން..." ހިރާގެ ދަތްދޮޅީގައި ހިފަހައްޓާލައިގެން އިން ލައިތު ފިރުމާލަމުން ބުންޏެވެ.

"އައި މިސްޑް ޔޫ" ހިރާގެ އަޑުގައި މާޔޫސްކަންވިއެވެ. އޭނާގެ ނިތްކުރި ގެނެސް ލައިތުގެ ނިތްކުރީގައި ޖައްސާލިއެވެ.

"މާދަމާ އޮފީހުން ފެންނާނެއެއްނު" ލައިތު ބުނެލިއެވެ.

"ބަޓް އައި ނީޑް ޔޫ ޓުނައިޓް... އައި ވޯޒް ވެއިޓިން ފޯ ޔޫ" ލައިތުގެ ކޮނޑުގައި ބޯ ބާއްވާލަމުން ހިރާ ބުނެލިއެވެ.

"ހިރާ ސްޓޮޕް" ހިރާގެ އަތްތިލައިގެ ބީހުން އިޙްސާސް ވުމާއެކު އަތުގައި ލައިތު ހިފެހެއްޓިއެވެ. އޭނާގެ އުނގުން ހިރާ ބޭލުވުމާއެކު ލައިތު ކޮޅަށް ތެދުވިއެވެ.

"އަހަރެން ދާން ޖެހިއްޖެ" ލައިތު ބުނެލިއެވެ. ނަމަވެސް އެއަޑު ހިރާއަށް އިވުނު ހެނެއް ހިޔެއްނުވިއެވެ. އުނަގަނޑުގައި އައްސާލެވިފައި އޮތް ވާކޮޅަށް ދަމާލައި ނައްޓާލުމާއެކު ލައިގެން ހުރި ރޯބް ފަހަތަށް ވާހެން ހިރާ ދޫކޮށްލިއެވެ.

"ހިރާ!" ލައިތު މަޑުމަޑުން ގޮވާލިއެވެ. ހިރާގެ ހަރަކާތްތައް ނުހުއްޓާނޭކަން އެނގުމުން ލައިތު އައިގޮތަށް އައިސް އަތްދަނޑިމައްޗަށް ހިރާ އުފުލާލިއެވެ. އެހިނދު ހިރާގެ ހުނުމުގެ އަޑާއި ހަޅޭކުގެ އަޑު ގޭތެރޭ ގުގުމާލިއެވެ. ހިރާ ގޮވައިގެން ލައިތު އައިސް ވަނީ ކޮޓަރިއަށެވެ.

* * * * *

ކޮޓަރީގެ ދޮރުގައި ޓަކި ދިނުމުން އެނދުމަތީ އިނދެފައި ކެންޒާ ބަލާލިއެވެ. އެނދުމަތީގައި ހުޅުވާފައި އޮތް ދެތިން ފޮތާއި ލެޕްޓޮޕް ހުއްޓެވެ. ގަޑިއަށް ބަލާލާފައި އަނެއްކާ ވެސް ކެންޒާއަށް ދޮރާ ދިމާއަށް ބަލާލެވުނެވެ. ރޭގަނޑު ބާރަޖަހައި ދިޔައީއެވެ. އެހާއިރު އެ ކޮޓަރީގައި ޓަކިދޭނޭ މީހަކު ނުހުންނޭކަން އެނގެއެވެ. ދޮރުނުހުޅުވަން ކެންޒާ އިންދާ ޓަކިދޭ އަޑު ކެނޑިއްޖެއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ކެންޒާ ފިލާވަޅުތަކަށް ސަމާލުވެލިއެވެ. އެގޮތުގައި ގިނައިރެއްނުވަނީސް ހަމީމުގެ އަޑު އިވުނެވެ. ބައްޕަ ގެއަށް އައީއޭ ކެންޒާގެ ހިތަށް އެރިއެވެ.

"މޭޒުމަތީ ހުންނާނެ ކާން ނަގާފަ" ދޮރުކައިރިއަށް އައިސް ކެންޒާ ބާރަށް ބުނެލިއެވެ. ދޮރުހުޅުވަން އޭނާ ގަސްދެއްނުކުރިއެވެ. ބައްޕަ ހުރީ މަސްތުގެ ހާލަތުގައިހެން ހީވާތީއެވެ.

"އެވަރަކުން ނުވާނެ... ނުކުމެބަލަ، މިދޮރު ވައްޓާލަންވީތަ؟" ހަމީމު ވެސް ދޮރުކައިރީ ހުރެ ހަޅޭލެވިއެވެ.

ކެންޒާ ދޮރުހުޅުވީ ހަމީމު ހަޅޭލަވާ ވަރުންނެވެ. އެއާއެކު އޭނާއަށް ދޮރުމަތީ ހުރި ހަމީމުގެ އިތުރުން ސޯފާގައިން މިފްރާހު ވެސް ފެނުނެވެ. އިތުރު ހައިރާންކަމެއް ލިބުނީ ހަމީމު އެނބުރި މިފްރާހަށް ބަލާލާފައި އެ ނިކުތީއޭ ބުނީމައެވެ. އަދި މިފްރާހުގެ އަތުގައި ހުރި ރުފިޔާތައް ހަމީމު ޖަހައިގަތެވެ. ބައްޕައަށް އެއްފަހަރު އަނެއްފަހަރު މިފްރާހަށް ކެންޒާ ބަލާލިއެވެ.

"ހޭ!..." މިފްރާހު ސޯފާއިން ތެދުވެ ކަނާއަތް ހިއްލާލައި ބުނެލިއެވެ. ކެންޒާ ބަލަން ހުރީ ހިތްހަމަނުޖެހިފައި ހުރިހެންނެވެ.

"ރުޅިއައީތަ؟ އަހަރެން ޓަކި ޖެހީމަ ވެސް ޖަވާބެއް ނުދީނީމަ ހަމްބެ ބެޓުކުރީ" މިފްރާހު ހިނިތުންވެލައިގެން ހުރެ ބޯކަހާލިއެވެ.

"މީ ނިދާގަޑި، މިގަޑީގައި މިގެއަށް ބައްޕައާއެކު އަންނަ މީހުންނާ މަށާ ކޮންކަމެއް" ހިތްހަމަނުޖެހިފައި ކެންޒާ ބުންޏެވެ.

"ކާއެއްޗެއް ދީބަލަ، ތިއަތުން ތައްޔާރުކުރާ އެއްޗެއް ނޫނީ މިހާރު ކާހިތެއްނުވޭ" މިފްރާހު ކުރިއަށް ޖެހިލިއެވެ. އެ ދެމެދުގައި ހިނގާ އެއްވެސް ކަމަކަށް ހަމީމުގެ ފަރުވާލެއް ނެތެވެ. އޭނާ ގޮސް ކޮޓަރިއަށް ވަނީއެވެ.

"ނުހެދާނެ" ކެންޒާ ވަގުތުން ބުނެލިއެވެ.

"ޕްލީޒް... ކާއެއްޗަކަށް ބުނީމަ ކިޓީ ތިހެން ހަދާނޭކަމަކަށް ހިޔެއްނުކުރަން" މިފްރާހު އިސްޖަހާލިއެވެ. އޭނާ ޖަހާލި ބަސް ކެންޒާއަށް ވީ ބޮޑު އެއްޗަކަށެވެ. އޭނާއަކީ މީހަކު ކަމަކަށް އެދުނީމާ ނުކޮށްދޭނަމޭ ބުނަން އާދެވެފައި ހުރި ޒުވާނެއްނޫނެވެ. ޖަޒުބާތުގައި ކެންޒާ ޖައްސަނީކަމުގައި ހީވިއަސް އެކަމާ އޭނާއަށް މާބޮޑުކަމެއް ނުކުރެވުނެވެ.

"މަޑުކުރޭ... އަންނާނަން ހިފައިގެން" މިފްރާހު އެކި އެއްޗެހި ކިޔަމުން ދަނިކޮށް ކެންޒާ ބުނެލިއެވެ. އެއާއެކު ވަގުތުން މިފްރާހުގެ މޫނުން ފުޅާ ހިނިތުންވުމެއް ފެނިއްޖެއެވެ.

ކޮޓަރި ތަޅުލާފައި ބަދިގެއަށް އައުމާއެކު ކެންޒާގެ ފަހަތުން މިފްރާހު ވެސް އަތުވެއްޖެއެވެ. އޭނާ ވަދެ ކާމޭޒުދޮށުގައި އިށީނެވެ. ކެންޒާ ތައްޔާރުކުރަނީ ކޮންއެއްޗެއްތޯ މިފްރާހު އެއްސެވެ.

"މިގަޑީގަ ހެދޭނީ ނޫޑުލިސް" ކެންޒާ ނެގި ނޫޑުލިސް ޕެކެޓަށް ފިތާލަމުން ބުނެލިއެވެ. އެމޫނުގައިވި އަސަރުތަކުން މިފްރާހު އެއިނީ ގަޔާވެފައިކަން އެ ތުންފަތުގައިވި ހިނިތުންވުން ހެކި ދެއެވެ.

"ހީވީ ތި ޕެކެޓުގެ ބަދަލުގައި އަހަރެން ތިއަތުގައި އޮތްނަމަ ހަދާލާނޭ ގޮތްހެން" މިފްރާހު ބުނެލިއެވެ. ކެންޒާ ލޯ އަޅާލިއެވެ.

"އަހަންނަށް ކައްކައިދޭންވީނު، ކިޓީ ބޭނުމިއްޔާ އަގެއް ކިޔަސް އޯކޭ... އައި ވިލް ޕޭ" މިފްރާހު ޚިޔާލެއް ފާޅުކުރިއެވެ.

"ނުވާނެ މަށަކަށް" ކެންޒާ ބުނެލިއެވެ.

"ޑޯންޓް ބީ ލައިކް ދެޓް" މިފްރާހުގެ ރާގު ބަދަލުވެލިއެވެ. ކެންޒާ ފަރުވާތެރިކަމާއެކު މިފްރާހަށް ބަލާލިއެވެ. މިފްރާހު ދެނެގަންނަން ކެންޒާ ގަސްދުކުރިއެވެ.

"މިފްރާހު އުޅެނީ ކޮންތާކު؟" ކެންޒާ އަހާލިއެވެ.

"ގޭގައެއްނު" މިފްރާހު ނިކަން އަވަހަށް ބުނެލިއެވެ.

"ޓްރައިން ޓު ބީ ސްމާޓް" ކެންޒާ އެއްބުމަ ހިއްލާލިއެވެ. މިފްރާހު ލުއި ގޮތަކަށް ހީނލިއެވެ.

"ކޮންހިސާބެއް؟ ފެމެލީ ކޮބާ؟ އެކަނިތަ އުޅެނީ؟" ކެންޒާ ސުވާލުތައް އަމުނާލިއެވެ. މިފްރާހު މޭޒު ކައިރިން ތެދުވިއެވެ. ކެންޒާއާ ކައިރިއަށް އޭނާ އައެވެ.

"އެނގެން ބޭނުންވަނީ، އަހަންނާ މެދު ޝައުގުވެރިވީތަ؟" މިފްރާހުގެ ނަޒަރު ކެންޒާއަށް ހުއްޓިފައި ވިއެވެ.

"އަހަރެންގެ އަތުން ކައްކާފަ ކާން މިދެވެނީ ކާކުކަން އަހަންނަށް ވެސް އެނގެންވާނެއެއްނު" ކެންޒާ ވެސް ވާހަކަދެއްކީ މިފްރާހާ ނަޒަރު ވަކިކޮށްލުމެއްނެތިއެވެ. މިފަހަރު އޭނާ ވެސް ފަހަތަށް ޖެހެން ގަސްނުކުރާ ކަހަލައެވެ.

"އޭގެ މާނައަކީ ކިޓީ އަހަންނަށް ކާން ހަދައިދޭނަމޭތަ؟" މިފްރާހު ކުރިއަށް ވުރެ ވެސް ގާތަށް ޖެހިލިއެވެ.

"ތީކާކުކަން ނުބުނަން ތިއުޅެނީ ކީއްވެތަ؟" ކެންޒާ ފޫހިކަން ދައްކާލިއެވެ. އަދި އުނދުނާ ދިމާއަށް އެނބުރިލިއެވެ. މިފްރާހުގެ ނަޒަރު ކެންޒާގެ ބޮލުން ފެށިގެން ތިރިއަށް ހިންގާލިއެވެ.

"ކިޓީ ބިރުން ފިލާފާނެތީވެ" މިފްރާހު ބުނެލިއެވެ.

"ނޯ! އައި ވޯންޓް" ކެންޒާ ބުނެލީ ނިކަން އަވަހަށެވެ. މިފްރާހު ހީނލިއެވެ. އޭނާއާ ބެހޭ ގޮތުން ކެންޒާ އެނގެން ބޭނުންވެފައި ހުރިވަރު މިފްރާހު ދެނެގަތެވެ. އޭނާ ފާޅުނުކުރި ނަމަވެސް ހިތްހަމަޖެހުނެވެ. ކެންޒާގެ ސަމާލުކަން ލިބުނީތީއެވެ.

"މާލޭގަ އުޅެނީ، ބައްޕަގެ ގޭގައި... ފެމެލީގެ ބައެއް މީހުންނާއެއްކޮށް" މިފްރާހު ބުންޏެވެ.

"ވަޒީފާއަކަށް ނުދަންތަ؟" ކެންޒާ އަހާލިއެވެ.

"އަދި ނުދަން، މާލެ އައީ ވަރަށް ފަހުން" މިފްރާހު ބުންޏެވެ. ކެންޒާއަށް މިފްރާހު ވާހަކަދައްކާ ގޮތުން އުނދަގޫވިއެވެ. މިފްރާހު ހުރިހާ ކަމެއް ހާމަކުރަން ބޭނުންނުވާހެން ހީވެއެވެ.

"ބައްޕައާއެކު މިފްރާހު އުޅެނީ ކީއްވެ؟" މިފަހަރު ކެންޒާގެ ސުވާލަށް މިފްރާހު ވަގުތުން ޖަވާބެއް ނުދިނެވެ. އެހެންނަމަވެސް އޭނާގެ ނަޒަރު ހުރީ ކެންޒާއަށް ހުއްޓުނު ގޮތަށެވެ.

"އަހަންނަކަށް ވެސް ނޭނގެ، ފުރަތަމަ އާދެވުނު ދުވަހު ދިމާވިކަމަކުންހެން ހީވަނީ" މާނަފުން ހިނިތުންވުމެއް މިފްރާހު ބަދަލުކޮށްލިއެވެ.

"މިތާ ހުއްޓަކަށް އަވަހެއްނުވާނެ، ދޭބަލަ އިށިންނަން" މިފްރާހު ކައިރިވާހެން ހީވެ ކެންޒާ ބުނެލިއެވެ. ނުދާން ހުރެފައި ވެސް މިފްރާހު ގޮސް މޭޒުދޮށުގައި އިށީނެވެ.

ކެންޒާ ނޫޑުލިސް ތަށި ހިފައިގެން އައިސް މޭޒުމަތީ ބެހެއްޓިއެވެ. މިފްރާހަށް ފެންތަށްޓެއް އަޅައިދީފައި ދަނީ ކަމުގައި ކެންޒާ ބުންޏެވެ. އެވަގުތު ކެންޒާގެ އަތުގައި މިފްރާހު ހިފިއެވެ.

"މަޑުކޮށްލަބަލަ ޕްލީޒް" މިފްރާހު އާދޭސްކޮށްލިއެވެ.

"ވަރަށް ލަސްވެއްޖެ" ކެންޒާ ބުނެލިއެވެ.

"ނުވާނެ ގިނައިރެއް، އަހަރެން ކާލަންދެން މަޑުކޮށްލަދީބާ، ކައިގެން އަހަރެން ހިނގައިދާނަން" ކެންޒާގެ އަތުން ދޫކޮށްނުލާ މިފްރާހު ވާހަކަދެއްކިއެވެ. ވިސްނަން ހުރި މީހަކު ފަދައިން ކެންޒާ ބަލަން ހުރެފައި މިފްރާހުގެ އަތުން އަތް ނައްޓުވާލިއެވެ. އަދި އައިސް މިފްރާހުގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.

"ވަރަށް މީރު... ތެންކިއު" މިފްރާހު ކާން ފެށުމާއެކު ބުނެލިއެވެ.

"ދެން ނިދާނީތަ؟" މިފްރާހު އަހާލިއެވެ.

މޭޒުމަތީ އޮތް ކެންޒާގެ ވައަތު އަތްތިލައިގެ އިނގިލިތަކުގެ ކޮޅުގައި މިފްރާހުގެ އިނގިލިތަކުން ކުޅެލިއެވެ. ކެންޒާ ގަޔާ ކައިރިއަށް އަތް ދަމާލަމުން ހޫން ލައްވާލިއެވެ. އެހެން ފަހަރުތަކަށްވުރެ މިރޭ މިފްރާހު ރީތިހެން ކެންޒާއަށް ހީވިއެވެ. އަނެއްކާ އޭނާއަށް ފެންނަ ގޮތް ތަފާތުވީބާއޭ ވެސް ހިތަށް އެރިއެވެ. ޖަހާފައި ހުރީ ކޮން ސެންޓެއްކަން ބުނަން ނޭނގުނަސް އެ ފިރިހެންވަހުގައި ޚާއްސަގޮތެއް ހުރިކަން ކެންޒާއަށް އިޙްސާސް ކުރެވުނެވެ. ވިސްނަން ބޭނުންނުވާ އެތައް ޚިޔާލުތަކެއް ކެންޒާގެ ސިކުނޑިއަށް ވެރިވަމުންދިޔައެވެ. ތޭވީސް އަހަރުވީއިރު ވެސް ލޯބީ ފޮނިކަން އިޙްސާސް ކުރެވިފައިނުވާކަމުގެ ހުސްކަން ހިތުގައި ވިއެވެ. ލޯބީގެ ގޮތުން އޭނާއާ ގުޅެން ބޭނުންވާނޭ މީހަކު ހުރެދާނެބާއޭ ކިތަންމެ ފަހަރަކު ކެންޒާގެ ހިތަށް އަރައެވެ.

"މީ... ނަންބަރު ލިބިދާނެތަ؟" މިފްރާހު އަހާލިއެވެ.

(ނުނިމޭ)