ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މި ހާލަތުގައި މިނިވަން މީޑިއާއެއް އޮތުން މުހިއްމު: ރައީސް

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ސައްހަ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށާއި އެ ކަމަށް ޓަކައި މިނިވަން ނޫސްވެރިކަން ދެމިއޮންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ބަލިމަޑުކަމުގެ ހާލަތްތަކުގައި ސައްހަ ނޫން މައުލޫމާތުތަކުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ. ކަމަށެވެ.

އެހެންކަމުން އާންމުންނަށް ސައްހަ ކަށަވަރު މައުލޫމާތު ދިނުމަށް ޓަކައި އެއްވެސް ބިރުވެރިކަމެއް ނެތި ނުވަތަ ވަކި ކޮޅަކަށް ނުޖެހި ހަރަކާތްތެރިވާނެ މިނިވަން މީޑިއާއެއް އޮތުން ކޮންމެހެން ވެސް މުހިއްމު ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މީޑިއާގެ މިނިވަންކަން ދަމަހައްޓަން އެމަނިކުފާނުގެ ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވެގެން އަބަދުވެސް އަޅުގަނޑުގެ ސަރުކާރުން މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް މި މަސައްކަތް ކުރަނީ،" ރައީސްގެ ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

ނޫސްވެރިކަމުގެ މިނިވަން ކަން ދަރަޖަ ކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި 2018 ވަނަ އަހަރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން މިދިޔަ އަހަރުގައި ރާއްޖެ އޮތީ ޕްރެސް ފްރީޑަމް އިންޑެކްސްގައި 79 ވަނައިގަ އެވެ.

ނޫސްވެރިކަމުގެ މިނިވަން ކަން ދަރަޖަ ކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ކުރި ހޯދާފައިވާއިރު، ކޮވިޑް-19 ގެ މައުލޫމާތުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ވާހަކަތައް ފެތުރެމުންދެ އެވެ. އެހެންކަމުން މި ހާލަތުގައި އެ ބައްޔާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ މީހުނާއި މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.