ރާއްޖެ ކުޅިވަރު

އެފްއޭއެމްގެ ރައީސްކަން ޝަވީދަށް

Sep 17, 2015

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަމުގެ މަގާމަށް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ހޮވިއްޖެ އެވެ.

އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީގެ ހިންގާ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ޝަވީދަށް މަގާމު ޔަގީންވީ އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވާ ގައުމީ ފުޓްބޯޅަ އިދާރާގެ އިންތިހާބުގައި ރައީސް ކަމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައިނުވާތީ އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތެއް ކަމަށް އެފްއޭއެމުން ހަމަޖައްސާފައިވަނީ ބުދަ ދުވަހުގެ ރޭ 12 ޖެހުމާ ހަމައަށެވެ. އެ ވަގުތި ހަމަވިއިރު ރައީސް ކަމަށް ކުރިމަތިލެއްވީ ޝަވީދު އެކަންޏެވެ.

ވަކިވަކިން މަގާމުތަކަށް ކުރިމަތިލުމުގެ ބަދަލުގައި ޓީމެއްގެ ގޮތުގައި އެފްއޭއެމުގެ މަގާމުތަކަށް ކުރިމަތިލާންޖެހޭތީވެ، ޝަވީދުގެ ނާއިބް ރައީސެއްގެ ގޮތުގައި އެފްއޭއެމްގައި މަސައްކަތް ކުރައްވާނީ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަދި ކުރީގެ ގައުމީ ފޯވަޑް އަލީ އުމަރެވެ. ޖެނެރަލް ސެކްރެޓަރީ އަކީ ރައީސް އައްޔަންކުރާ މަގާމެވެ. މިހެންވެ މި މަގާމު ލިބުން އެންމެ ގާތީ މިހާރުގެ ވެސް ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލަށެވެ.

އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލެއްވުމަށް އެންމެ ބޮޑަށް ތައްޔާރުވަމުން އައީ ވެލެންސިއާގެ މުއައްސިސް ހިޔަލީ މުހައްމަދު ރަޝީދެވެ. ނަމަވެސް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ހިޔަލީ ރައީސްކަމަށް ވާދަނުކުރަން ނިންމީ ސަރުކާރުގެ ތާއީދު ނެތުމުންނެވެ.

އެފްއޭއެމަށް އާ ރައީސަކު ހޮވަން ޖެހުނީ 2012 ވަނަ އަހަރު ބޭއްވި ވާދަވެރި އިންތިހާބު ކާމިޔާބު ކުރެއްވި އދ. ދަގެނތީ ދާއިރާގެ މަޖިލިސް މެމްބަރު އިލްހާމު އަހުމަދުގެ ދައުރު ފީފާއިން މިއަހަރު ކުރީކޮޅު ނިމުމަކަށް ގެނައުމުންނެވެ.