ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ކޮމިޓީތަކުން 300 އަށްވުރެ ގިނަ ހުށަހެޅުން ލިބިފައިވޭ: ނަޝީދު

ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ އިދާރާތަކުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ގޯސް ވާތީ ސަރުކާރުން ފަށާ ޕްރޮގްރާމްތަކާއި ތައާރަފު ކުރާ ޕެކޭޖްތަކުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ފޮނުވާ ލަފާގައި ހިމަނާނެ 300 އަށްވުރެ ގިނަ ހުށަހެޅުން ކޮމިޓީތަކުން ފޮނުވާފައިވާ ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އެ މައްސަލަ ވަނީ މަޖިލީހުގައި ހިމެނޭ ދާއިމީ 17 ކޮމިޓީގެ ތެރެއިން 12 ކޮމިޓީއަކުން ދިރާސާ ކޮށްފަ އެވެ.

ކޮންމެ ކޮމިޓީއަކުން ވެސް ދިރާސާ ކޮށްފައި ވަނީ އެ މައްސަލާގައި އެ ކޮމިޓީގެ މެންޑޭޓާއި ދާއިރާއާ ގުޅުން ހުރި ކަންކަމެވެ. ކޮންމެ ކޮމިޓީއަކުން މައްސަލަ ދިރާސާ ކުރުމަށް ފަހު ތަޅުމަށް ކޮމިޓީގެ ރިޕޯޓު ފޮނުވަނީ މަޖިލީހުގެ ލަފާގައި ހިމަނާނެ ކޮމިޓީގެ ހުށަހެޅުންތަކަކާ އެކުގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މައްސަލަ ދިރާސާ ކުރުމަށް ޓަކައި ކޮމިޓީތަކުން މަޝްވަރާ ނުކުރާ ދައުލަތުގެ މުއައްސަސާއެއް އަދި އިދާރާއެއް ވެސް ނޯންނާނެ ކަމަށެވެ. އޭގެ އިތުރަށް ޖަމިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކާއި އާންމު ފަރުދުންގެ ހިޔާލު ވެސް މެންބަރުން ހޯދާފައިވާ ކަމަށެވެ.

މަޖިލީހުގެ 12 ކޮމިޓީއަކާ މައްސަލަ ދިރާސާ ކުރަން ހަވާލު ކުރިއިރު، ދެ ކޮމިޓީއެއް ފިޔަވައި އެހެން ކޮމިޓީތަކުގެ ރިޕޯޓު މިހާތަނަށް ތަޅުމަށް ލިބިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެ ކޮމިޓީތަކުގެ ރިޕޯޓުތަކުގައި އެތައް ހޯދުންތަކެއް ހޯދާފައިވާ ކަމަށާއި 300 އަށް ވުރެ ގިނަ ހުށަހެޅުން ލިބިފައިވާ ކަމަށެވެ.

"މިހާތަނަށް ތަޅުމަށް އައިސްފައިވާ 10 ކޮމިޓީގެ ރިޕޯޓުތަކުގައި 1500 އަށް ވުރެ ގިނަ ސަފްހާ ހިމެނޭ. އެތައް ހޯދުންތަކެއް ހޯދާފައިވާ. އަދި އޭގައި 300 އަށް ވުރެ ގިނަ ހުށަހެޅުން އެބަ ވޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ބަލިމަޑުކަމުގެ ހާލަތުގައި ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ ގިނަ ރައްޔިތުންތަކެއް އެބަ ތިބި ކަމަށެވެ. އެކި ބޭނުންތަކަށް މާލެ އައިސް ބަންދުވެފައި ތިބި ރަށްރަށުގެ އެތައް މީހުނާއި އެތައް ރަށެއްގައި އެކި ގޮތް ގޮތަށް އެތައް ބަންދުވެފައި އެބަ ތިބި ކަމަށެވެ. އާމްދަނީ ނުލިބި ބޯހިޔާވަހިކަން ގެއްލޭ ހާލަތަށް އެތައް ބަޔަކު ދާއިރު، އެ އެންމެނަށް އެހީވެވޭނެ ގޮތްތަކާ މެދު މަޖިލީހުގެ ކޮމިޓީޓަކުން ވިސްނާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމިޓީތަކުން ދިރާސާކޮށް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުތައް މަޖިލީހުގެ ތަޅުމުން ފާސްވުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ރިޕޯޓުތައް ދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެ ރިޕޯޓުތައް އެކުލާވާލަން މެންބަރުން ކުރެއްވި މަސައްކަތަށް ރައީސް ނަޝީދު ޝުކުރު އަދާ ކުރެއްވި އެވެ.

މިހާތަނަށް މަޖިލީހުގެ ތަޅުމަށް ފޮނުވި ކޮމިޓީތަކުގެ ރިޕޯޓުތަކުގެ ހުށަހެޅުންތަކުގެ ތެރޭގައި، އެޕާޓްމަންޓްތަކާއި ގެ ކުލި ކުޑަވާނެ ގޮތަކަށް ސަރުކާރުގެ ޕެކޭޖްތައް ހަމަޖެއްސުމަށާއި އެންމެނަށް ބޯހިޔާވަހިކަން ކަށަވަރު ވާނެ ގާނޫނުތައް ގެނައުމަށާއި، ކަރަންޓާއި ފެނުގެ ބިލު ނުދެއްކުނަސް ހިދުމަތް ނުކަނޑަން އެންގުން ފަދަ ކަންކަން ހިމެނެ އެވެ.

ކޮމިޓީތަކަށް ދިރާސާ ކުރަން އެ މައްސަލަ ފޮނުވުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި ވެސް އެ މައްސަލައަށް 72 މެންބަރަކު ބަހުސް ކުރެއްވި އެވެ. އެއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މައްސަލައެއްގެ ބަހުސްގައި އެންމެ ގިނަ އަދަދަށް މެންބަރުން ބައިވެރިވެވަޑައިގެންނެވި މައްސަލަ އެވެ.