ވާހަކަ

ލޯބިން ބުނެލަން

(3 މެއި 2020 އާ ގުޅޭ)

"މީ... ނަންބަރު ލިބިދާނެތަ؟" މިފްރާހު އަހާލިއެވެ.

"އެ ކީއްކުރަން؟" ޚިޔާލުތައް އެއްފަރާތްކޮށްލުމާއެކު ކެންޒާ ބުންޏެވެ.

"ވާހަކަދައްކާލަން" މިފްރާހު ހިނިއައިސްފައި އިނދެ ބުންޏެވެ.

"އަހަރެމެން ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ... ތި އަވަހަށް ކައިބަލަ، އަހަރެން ދާންވެއްޖެ" ކެންޒާގެ އިޙްސާސްތައް ބެހިގެން ދިޔަނުދޭން އޭނާ ހަރުކަށިކަން ޚިޔާރުކުރިއެވެ.

"އަހަރެން ދައްކަން ބޭނުންވާ ވާހަކައެބަހުއްޓޭ، އަހަރެން ވާހަކަދައްކާއިރު ކިޓީއަށް އަޑުއެހިދާނެއެއްނު... ދެން ދީބާ ނަންބަރު، ޕްލީޒް، އެނގޭ ދޯ އަހަރެން ބޭނުންނަމަ ހޯދި ދާނެކަން" މިފްރާހު ބުންޏެވެ. އޭނާއާ ދިމާއަށް ބަލަން ކެންޒާއަށް އިނދެވުނީއެވެ.

"ކީއްވެތަ ބައެއް ފިރިހެނުން އެހާ އެގޯސެންޓްރިކްއީ" ކެންޒާ މިހެން ބުނިއިރު އޭނާގެ ސިކުނޑީގައި މިފަހަރުވީ މިފްރާހެއްނޫނެވެ. އެހެންނަމަވެސް އެ ޒުވާނާގެ ސޫރަ ސިކުނޑީގައި ކުރެހުނީ މިފްރާހުގެ ސަބަބުންނެވެ.

"އަހަރެން އަމިއްލަ އެދުން ބޮޑުތަ؟" މިފްރާހު ސުވާލުކޮށްލިއެވެ.

"އަހަރެން ނުދަންނަ މީހުންނަށް ނަންބަރެއް ނުދެން، ޚާއްޞަކޮށް ބައްޕައާއެކު މިގެއަށް އަންނަ މީހުންނަށް" ކެންޒާ ބުންޏެވެ. މިފްރާހަށް ކެންޒާ ގަދަކޮށްލުމަށް ޖަހާލި ބަސްތަކުން ކުރީ ތަފާތު އަސަރެކެވެ. އޭނާ ހުނުން ގަދަވިއެވެ. ހެމުންހެމުން ދެފަރާތަށް ބޯހޫރުވާލިއެވެ. އޭނާއަށް ކެންޒާ ކަމުދިޔައީ އެހެންވެއެވެ. ފާޅުކުރާ ރުންކުރުކަމާއި ހަރުކަށިކަމުގެ ފަހަތުގައި ފޮރުވިފައި އޮތް ނާޒުކު ހިތް މިފްރާހުގެ ލޮލަށް ފެނެއެވެ. އޭނާ ބޭނުންވަނީ އެ ހިތާއެކު ކެންޒާ މިލްކުކުރާށެވެ. އޭނާގެ މިލްކަކަށްވުމަށެވެ. އެއީ ގަސްދަކާ ނުލާ އުފެދުނު ވަރުގަދަ ޖަޒުބާތެކެވެ. ބޭރުފުށުގެ ރީތިކަމަށްވުރެ އެ ނަފްސުގެ މައުސޫމްކަން މިފްރާހަށް ކަމުގޮސްފިއެވެ. ޚާއްޞަކޮށް މީހަކު ބިނދެލަން ހިތަށް ވެސް ނާރާ އިންމަލަކަށްވާތީ އެ މައު ބިނދެލުމުގެ ޝައުގު މިފްރާހުގެ ހިތުގައި އުފެދުނީއެވެ.

"ކިޓީ... އަހަރެން..." ހިތުގައި އޮތް އިޙްސާސްތައް ދުލުން ބޭރުކޮށްލެވެން އުޅުނު ހިނދު މިފްރާހު އަމިއްލައަށް ދުލުގައި ދަތް އަޅާލިއެވެ.

"ނޯ! ނުލިބޭނެ... ތީ ކާކުކަން އެނގިއްޖެއްޔާ މޭބީ އައި ވިލް ތިންކް އަބައުޓް އިޓް" ކެންޒާ ބުނެލިއެވެ. އަދި ގޮނޑިން ތެދުވިއެވެ.

"ދަނީތަ؟ ނުދޭ..." މިފްރާހު ނިކަން އަވަހަށް ބުންޏެވެ.

"މިފްރާހު ނޫޅޭ އަވަސްކުރާކަށް، އަހަރެން ހެނދުނު ހޭލަން ޖެހޭނެ، ކުރަން ޖެހޭ މަސައްކަތް ހުންނާނެ، މިފްރާހުހެން ވަޒީފާއަކަށް ނުގޮސް އަހަންނަކަށް އުޅެވޭކަށްނެތް، މިގެން ކާން ތިލިބެނީ ވެސް އަހަރެން މަސައްކަތްކުރާތީ... އާވާރާ ދިރިއުޅުމަކީ އަހަރެން އެންމެ ފޫހިވާ ކަންތައް" ކެންޒާ ބުންޏެވެ. އޭނާއަށް މިފްރާހު ބަލަން އިން ގޮތުން ހީވަނީ ކެންޒާ ދެއްކި ވާހަކައާމެދު އޭނާ ވިސްނަނީހެންނެވެ.

"އަހަރެން އެހީވާން ކިޓީ އެއްބަސްނުވަނީނު، އަހަރެން އަތުގައި ފައިސާ އެބަހުއްޓޭ... ކިޓީ ބޭނުމިއްޔާ މިގެ ހަދާ ވެސް ދީފާނަން، އޭރުން މަސައްކަތެއް ނުކުރިޔަސް ގެ ކުއްޔަށް ދީގެން ލާރި ލިބޭނެއެއްނު، ކިޓީ ބުނެބަލަ ބޭނުން ގޮތެއް، އަހަރެން މިހުރީ ހެލްޕްވާން" މިފްރާހު ބުންޏެވެ.

"އަހަރެން ދައްކާ ވާހަކައެއް މިފްރާހަށް ހަމަ ނީވޭތަ؟" ކެންޒާ ބަލާލީ މާޔޫސްކަމާއެކުއެވެ.

"ވަޓް؟" މިފްރާހަށް ދޭހަނުވާކަން އޭނާގެ މޫނުން ފާޅުވެއެވެ.

"އަހަންނަށް ތީ ކާކުކަމެއް ނޭނގެއޭ" ކެންޒާ އަޑަށް ބާރުލާފައި ބުނެލިއެވެ. މިފްރާހު އިރުކޮޅަކު ކެންޒާއަށް ބަލަން އިނދެފައި މޭޒުކައިރިން ތެދުވިއެވެ. އެއާއެކު ކެންޒާ ހިނގައިގަތީ ބަދިގެއިން ނުކުންނާށެވެ. ނަމަވެސް ކެންޒާގެ ކަނާއަތުގެ ކުޑަހުޅާ ހިސާބުގައި މިފްރާހު އެއްލި އަތުން ހިފައިފިއެވެ.

"އެކަކަށް ވެސް އަނެކަކުގެ ގޮތެއް ނޭނގޭނެ، ކިތަންމެ ދުވަހަކު މަސައްކަތްކުރިޔަސް މީހެއްގެ ގޮތެއް ދަހެއްނުވާނެ... ފެންނާނީ ދެއްކި ކުލައެއް" މިފްރާހުގެ ގާތަށް ކެންޒާ ދަމާލުމާއެކު އޭނާ ވާހަކަދެއްކީ މަޑުންނެވެ. ޖެހިލުންވެފައި ހުރި ކެންޒާއަށް އެއަޑު އިވޭނޭ ވަރަށެވެ. ކެންޒާގެ ދެ ލޮލުން ބިރުގެންފައި ހުރިކަން ފާޅުވާތީ މިފްރާހަށް ފެނުމާއެކު ވަގުތުން ކެންޒާގެ އަތުން ދޫކޮށްލިއެވެ. ފަހަތަށް ދެފިޔަވަޅެއް އަޅާލުމާއެކު ކެންޒާ ދުއްވައިގަނެއްޖެއެވެ.

"ޝިޓް!..." މިފްރާހުގެ ބާރުކޮށްލެވުނު މުށާއެކު މޭޒުމަތީ ޖެހިއެވެ. އޭނާގެ އެތެރެ ހަށީގައި ނިދާފައި އޮތް ސިންގާ ހޭލަފާނެތީ ކިތަންމެ ބަލައިގެން އުޅުނަސް ބައެއްފަހަރު ނަފްސު ބެހިގެން ދަނީ އަމިއްލަ އިޙްތިޔާރަކުނޫނެވެ. ބޭނުންވި އެއްވެސް ކަމެއް ހާސިލުނުވެފައި މިހާތަނަށް ނެތްއިރު ދިރިއުޅުން މިއަދު އޭނާ އިމްތިހާނުކުރާ ކަހަލައެވެ. ފުރަތަމަ ފަހަރަށް ތަފާތު ޝައުގުވެރިކަމެއް އުފެދި އެކަމަށް ހިތްލެނބެމުންދާއިރު މިފްރާހަށް ކުރިލިބޭނޭކަމުގެ ނިޝާނެއް ނުފެނުމަކީ އޭނާ ނުހަނު ބޮޑަށް މާޔޫސްކުރުވި ކަމެކެވެ. ކެންޒާގެ މައުސޫމްކަން ނެތިގެންދިއުމަށް ފުރުޞަތު ދޭން މިފްރާހު ނޭދެއެވެ.

ރޭގެ ބާކީބައިގަ ކެންޒާ ކޮޓަރިއަކުން ނުނިކުތެވެ. ދެތިން ފަހަރަށް ތެދުވެ ދޮރު ހުރީ ތަޅުލެވިފައިތޯ ޔަގީންކުރިއެވެ. މިފްރާހުގެ ރީތި ސޫރަ ބަލާ ފޫހިނުވިޔަސް އެ ހިތްގައިމުކަން އިޙްސާސްކޮށްލުމަށް ކެންޒާގެ ޟަމީރު ދެކޮޅު ހަދައެވެ. މުޅި އުމުރު ބައިވެރިއަކު ނެތި ހޭދަކޮށްލަން ޖެހިދާނެކަމުގެ ބިރު ކެންޒާގެ ހިތުގައި އަބަދުމެ އޮވެއެވެ. އޭނާގެ އުމުރުގެ އެހެން އަންހެންކުދީންނަށް ލޯބިވެރިން ލިބުނެއްކަމަކު އޭނާއާ ދިމާއަށް ބަލާލާނެ ޒުވާނަކު ނުވެއެވެ. ގާތްކަމެއް އުފެދުނަސް އެގާތްކަމުގެ އަސްލަކީ އެކުވެރިކަމެވެ. އެކުވެރިއެއްގެ ގޮތުގައި ފިރިހެން ކުދީންނަށް ކެންޒާ ކަމުދެއެވެ.

"ކެންޒާ!... ކެންޒާ!... ޕްލީޒް ޑޯންޓް ކްރައި، މިވަގުތު އަހަންނަށް އިތުރު ގޮތެއްނެތީ، އަހަރެން ވެސް ހިޔެއްނުކުރަން މިހެންވާނެކަމަށް" ޔުނިވާސިޓީގެ ކުލާސްތައް ހިންގާ އިމާރާތުގެ ބިއްދޮށުގައި ހުރެ އެ ޒުވާނާ ބުންޏެވެ. ކެންޒާގެ ދެ ލޯ ވަނީ ކަރުނުން ފުރިފައެވެ. އެތަނުގައި ހުރި ބިޔަގަސްތަކާއި ފާރަށް އަރުވާފައި އޮތް ވެޔޮގަނޑުގެ ނިވަލުގައި ދެ ޒުވާނުން ތިބިއިރު އެމީހުން ފިޔަވައި އިތުރު މީހަކު ނެތެވެ.

"އައި ވިލް ކަމްބެކް ފޯ ޔޫ" އެ ޒުވާނާ ކެންޒާގެ ކޯތާފަތުގައި ހިފާލިއެވެ. ނަމަވެސް ކެންޒާ އޭނާގެ އަތް ދުރުކޮށްލީއެވެ.

"ޑޯންޓް... އަހަރެން ބޭނުމެއްނޫން... ހެދި ދޮގު ބަދަލެއްނުވާނެ..." ރޮވެމުންދިޔަ ކެންޒާ ބުނެލިއެވެ.

"އަހަރެން ލޯބިވެޔޭ ބުނީ ކެންޒާއާ ވަކިވާކަށްނޫން، ޕްލީޒް، ޕްލީޒް... ވެއިޓް ފޯ މީ" އެ ޒުވާނާ އާދޭސްކުރިއެވެ.

އެލާމް އަޅަންފެށީ ކޮންތާކުންކަމެއް ކެންޒާއަކަށް ނޭނގުނެވެ. އޭނާ އެ ޒުވާނާގެ ގާތުން ދުރަށް ދިއުމަށް އެނބުރިލި ވަގުތު ވެއްޓުނީއެވެ.

"އައުޗް!... ވަޓް؟... ހުވަފެނެއްތަ؟" ރަޖާގަނޑާއެކު ތަޅުންމަތީ އޮތް ކެންޒާ ލޯ ހުޅުވާލުމާއެކު ހިތާ ހިތުން ބުނެލެވުނެވެ. ފުންނޭވާއެއް އޭނާ ދޫކޮށްލުމާއެކު ތަޅުންމަތީ ހަމަޖެހިލިއެވެ. ފެނުނު ހުވަފެނާ މެދު އޭނާ ވިސްނާ ކަހަލައެވެ.

"އަހަރެން ހަނދާނެއް ވެސް ނެތް، އޭގެ ފަހުން ތިން އަހަރުވެގެން ދިޔައީ... އަހަރެންމަތިން މިހާރު ހަނދާން ވެސް ނުހުންނާނެކަން އެނގޭ، ރޭގައި ވިސްނަން އޮއްވަ ނިދުނީމަ ކަންނޭނގެ އެހުވަފެން އެ ފެނުނީ... ބެޓާ ފޮގެޓް އިޓް" ކެންޒާ އަމިއްލަ ނަފްސަށް ބުނެލިއެވެ. ފޯނުގެ އެލާމްކެނޑި ދެވަނަ ފަހަރަށް އެލާމްވާން ފެށުމުން ކެންޒާ ތެދުވިއެވެ.

* * * * *

ނަސީމު ކާރު މަޑުކޮށްލުމުން ކެންޒާ ކާރުން ފޭބިއެވެ. އޭނާ ގޭތެރެއަށް ވަދެގެން އައިއިރު ފަތާފެންގަނޑު ކައިރީ ހުރި ގޮނޑިއެއްގައި ލައިރާ އިންތަން ފެނުނެވެ. އެއްއަތުން ފޯނު ހިފަހައްޓާލައިގެން އެއަށް ބަލަން އިންއިރު އަނެއްއަތުގައި އޮތް ޓިޝޫކޮޅުން އޭނާ ލޯކައިރި ފުހެލަނީއެވެ. އަޅާނުލާ ގޭތެރެއަށް ވަންނަން ކެންޒާ ހިތަށް އެރި ނަމަވެސް އޭނާއަށް ކުރިއަކަށް ނުދެވުނެވެ. ހިމޭންކަންވެރިވެފައި އޮތް އެ މާޙައުލުގައި ލައިރާ އެކަނިވާން ބޭނުންވެފައި އިނީބާއޭ ވެސް ކެންޒާގެ ހިތަށް އެރިއެވެ. ލައިރާ އިސްއުފުލާލީ ކެންޒާ ހުއްޓުން އަރާފައި ހުއްޓައެވެ.

"އޯ! ކެންޒާ!... މޯނިންގް..." ލައިރާ ޓިޝޫކޮޅުން އަވަސްއަވަހަށް ދެ ލޯ ފުހެލައި ތެދުވިއެވެ. ކެންޒާ ވެސް ހެނދުނުގެ ސަލާމްކޮށްލިއެވެ.

"އާ ޔޫ އޯކޭ" ކެންޒާއަށް އަހާނުލާ ނުހުރެވުނެވެ. އެތައް އަސަރެއް ފޮރުވިފައިވީ ލުއި ހިނިތުންވުމެއް ލައިރާ ބަދަލުކޮށްލިއެވެ.

"ތެންކިޔު... އައި އޭމް ފައިން" ލައިރާ ބުންޏެވެ.

ކެންޒާއާއެކު ލައިރާ ވެސް ބަދިގެއަށް ވަނެވެ. ކޮފީއެއް ހެދުމަށް ލައިރާ ކައިރިވެލުމާއެކު ކެންޒާއަށް ގޮވާލިއެވެ. ވަގުތުއޮތިއްޔާ ލައިރާއާއެކު ކޮފީގައި ބައިވެރިވާން ދަޢުވަތު ދިނެވެ. ލައިރާގެ ހިތްހަމަޖެހުމަށް ކެންޒާ އެ ދަޢުވަތު ޤަބޫލުކުރިއެވެ.

"އަދި އެކަކުވެސް ހޭނުލަނީތަ؟" ކެންޒާ އަހާލިއެވެ.

"މަންމައާއި ބައްޕަ ހޭލާ އުޅޭނީ، މާމަ އެންމެ ކުރިން ތެދުވާނީ... މަރިއާ ކޮފީ ގެންގޮސްދޭނެ ކޮޓަރިތަކަށް، އެހެންވެ އެންމެން ވެސް އަންނާނީ ސައިބޯން" ލައިރާ ބުންޏެވެ.

"ކޮބާ ދަރިފުޅު؟ އަދި ނުހޭލާތަ؟" ކެންޒާގެ އެ ސުވާލުން ލައިރާގެ މޫނު އަލުން މިލައިގެން ދިޔައެވެ.

"އަދި ނުހޭލާ" ލައިރާގެ އަޑު ވެސް މަޑުވިއެވެ.

"މީރު ފޮނިއެއްޗެއް ކާލީމަ މޫޑު ރަނގަޅުވާނެ، ހަދައިދެންތަ؟" ލައިރާއަށް ބަލަން އިރުކޮޅަކު ހުރެފައި ކެންޒާ ބުންޏެވެ.

"ޔޫ އާ ވެރީ ކައިންޑް، އެކަމަކު މިވަގުތު ކޮފީއަކުން ފުދޭ، ކެންޒާ އަހަންނާއެކު ކޮފީއެއް ބޯލަން މަޑުކޮށްލަދިނީމަ ޝުކުރިއްޔާ" ލައިރާ ހިނިތުންވުމެއް ދިނެއްކަމަކު އެ ހިނިތުންވުމުގައި އުފާވެރިކަމެއްނެތެވެ.

ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވި ވަގުތުކޮޅެއް ދިޔައެވެ. ލައިރާގެ ސަމާލުކަން އެހެން ކަމަކަށް ދެވިފައިވާ ކަހަލައެވެ. އޭނާ ދޭތެރެއަކުން ދޫކޮށްލާ ފުންނޭވާ މާޔޫސްކަން އެކުލެވިފައިވާ އާހެއް ފަދައެވެ. ފޯނުން ބަލަނީ ކޮންއެއްޗެއް ކަމެއް ކެންޒާއަކަށް ނޭނގެއެވެ. އެހެންއިނދެފައި ލައިރާގެ ފޯނު ކެންޒާއަށް ދައްކާލިއެވެ.

"އިލީ ވިހޭއިރު އޮތްގޮތްމީ... ދުވަސްތައް ދިޔަ ގޮސް ވެސް ނޭނގެ" ލައިރާ ބުންޏެވެ. ކެންޒާ ފޯނުން ފެންނަ ފޮޓޯއަށް ބަލާލައި ހިނިތުންވެލިއެވެ.

"ކެންޒާ މަސައްކަތްކުރާއިރު މިތާ އަހަރެން މަޑުކޮށްލިޔަސް އެންމެ ރަނގަޅުތަ؟" ކެންޒާ ކޮފީތަށި ހުސްވެގެން ތެދުވުމުން ލައިރާ އަހާލިއެވެ. ކެންޒާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ލައިރާ އެކަނިވެގެންހެން އެއުޅެނީ ކެންޒާއަށް ހީވިއެވެ.

"ކެންޒާގެ ބޯއިފްރެންޑެއް ހުރޭތަ؟" ލައިރާ ކުރި ސުވާލުން ކެންޒާއަށް ސިހުން ލިބުނެވެ. ލަދުން ހުރެ ނޫނެކޭ ބުނުމަށް އޭނާ ބޯހޫރުވާލިއެވެ.

"އެކަމަކު ލޯބިވާ ކުއްޖަކު ހުރޭ ދޯ، އައި މީން ކްރަޝްއެއް ހުންނާނެއެއްނު" ލައިރާ ބުންޏެވެ. ކެންޒާއަށް ހީނލެވުނެވެ. ދެން ވެސް އޭނާ ދެފަރާތަށް ބޯހޫރުވާލީއެވެ.

"ކެން ޔޫ ކީފް އަ ސީކްރެޓް" މާނަވީ ބެލުމަކުން ބަލަން އިނދެ ލައިރާ ބުންޏެވެ. ކެންޒާގެ މޫނުން ހައިރާންކަން ފާޅުވިއެވެ. ލައިރާ ސިއްރު ޚިއްޞާކުރާހާ އެ ދެމީހުންނަކީ ގާތް ދެމީހުންނެއްނޫނެވެ. އެހެންވިޔަސް މީހަކު ސިއްރެއް ބުނުމުން ސިއްރު ހިފަހައްޓަން ކެންޒާއަށް އެނގެއެވެ. އެހެންވެ އެ ޔަގީންކަމުގައި އޭނާ ބޯޖަހާލިއެވެ.

"އަހަރެންގެ ދިރިއުޅުން ރޫޅެނީ، އަހަންނަށް ހަދާނެ ގޮތެއް ނޭނގުނު، މިދުވަސް އަންނާނޭކަން އޮތީ ކުރިން އެނގިފަ، އެކަމަކު ތައްޔާރުވާކަށް ނޭނގުނު" ލައިރާގެ އަޑު ކުރެހުނެވެ. ކެންޒާއަށް ވަގުތުން އައިސް ލައިރާގެ ގާތުގައި ހުއްޓެވުނެވެ. ހުއްދައެއްނެތި އޭނާ ލައިރާގެ ކޮނޑިގައި ފިރުމާލިއެވެ.

"އައި އޭމް ސޮރީ" ކެންޒާ ބުންޏެވެ. ލައިރާ އޭނާގެ ގައިގާ ބައްދާލީ އެހިނދުއެވެ. ހިތުގައިޖެހިފައިވާ މީހަކު ފަދައިން ލައިރާ ރޯންފެށިއެވެ. ގިސްލާފައި ލައިރާ ރޯއިރު ކެންޒާގެ ހިތަށް ވެސް އަސަރުކުރިއެވެ. ލައިރާގެ ހިތާމައިގެ އަސްލު ނޭނގުނެއްކަމަކު އޭނާއަށް ބޮޑުކަމެއް ދިމާވެގެންކަން އެ އުޅެނީ ކެންޒާ ދެނެގަތެވެ.

"ފީލިންގް ބެޓާ" ލައިރާ ހަމައަށް އެޅި ކެންޒާއާ ދުރަށް ޖެހިލުމުން ކެންޒާ އަހާލިއެވެ. ލައިރާގެ ދެއަތްތިލައިގައި ހިފަހައްޓާލައިގެން ހުރެ ހިނިތުންވެލިއެވެ. ލައިރާ ބޯޖަހާލިއެވެ. ކެންޒާ ޓިޝޫ އެތިން ދެތިން ޓިޝޫ ގެނެސް ލައިރާއަށް ދިނެވެ.

"ސޮރީ..." މޫނު ފުހެމުން ލައިރާ ބުންޏެވެ.

"އައި އޭމް ހެޕީ ޓު ހެލްޕް އެނީޓައިމް" ކެންޒާގެ އަޑުގައިވި ދިރިއުން ލައިރާއަށް ހަމަޖެހުން ގެނުވިއެވެ.

"ކެންޒާ ފްރީވާނީ ކޮންއިރަކު؟ މާމަ ބުނި ކެންޒާ ކިޔަވާވާހަކަ" ލައިރާ އަހާލިއެވެ.

"ރޭގަނޑު މިހާރު އެންމެ ގިނަ ވަގުތުވަނީ، ކަމެއް ކޮށްދޭންވީތަ؟" ލައިރާ ހަމަޖެހިއްޖެހެން ހީވުމުން ކެންޒާ މަސައްކަތްތައް ފަށަން އުޅުނެވެ.

"އަހަންނާއެކު ޑިނާއަށް ދާންވީނު، ގާލްސް ނައިޓް އައުޓް..." ލައިރާ ހިނިތުންވެލިއެވެ.

"އޭރުން... މީ އަހަރެން ވޯކްކުރާތަން..." ވަޒީފާއަށް ބުރޫ އަރާފާނޭތީ ކެންޒާއަށް ވިސްނާލެވުނެވެ. ލައިރާ ހީނލިއަޑު އިވުނެވެ.

"އަހަރެންގެ ރަޙުމަތްތެރިއަކަށް ނުވެވޭނެތަ؟" ލައިރާ ބުންޏެވެ. ކެންޒާގެ ގާތް ރަޙުމަތްތެރިއަކު ނުހުންނަކަން އޭނާ ހަނދާންވިއެވެ. އެއްވެސް މީހަކު އެގޮތަށް އިސްވެ ރަޙުމަތްތެރިކަމަށް ކެންޒާގެ ގާތުން އެދިފައެއްނުވެއެވެ.

"ކެންޒާ، ލެޓްސް ހޭންގް އައުޓް... އައި ލައިކް ޔޫ" ލައިރާ ބުންޏެވެ. މިފަހަރު ކެންޒާ ހީނލީއެވެ.

"ލައިކް މީ... ހެ ހެ ހެ... ނުބައި މާނައެއް މީހަކު ނަގާފާނެ" ކެންޒާ ހިނިއައިސްފައި ހުރެ ބުންޏެވެ. ލައިރާ ހީނލީ ދެނެވެ. އޭނާއާއެކު ބޭރަށް ދާން ކެންޒާ އެއްބަސްވިއެވެ.

ކެންޒާގެ މަސައްކަތްތައް ނިމެންދެން ލައިރާ ބަދިގޭ އައިލެންޑް ދޮށުގައި އިނެވެ. އެ ދެމީހުންގެ ދެމެދުގައި އެތައް ވާހަކައެއް ދެކެވުނެވެ. ކެންޒާ ތަށިތަކުން ރަހަބަލާ ކޮންމެ ފަހަރަކު ލައިރާ ވެސް ރަހަބަލަން ވެއެވެ. ކެއްކުމާ ބެހޭ ގޮތުން ކެންޒާގެ ގާތުން ލައިރާ އިރުޝާދުތައް ނެގިއެވެ. ހުރިހާ ގޮތަކުން ބެލިޔަސް ލައިރާއާއި ކެންޒާ އަޅާނުކިޔޭނެކަން ކެންޒާއަށް އެނގެއެވެ. އެހެންވިޔަސް ލައިރާ އުޅޭ ގޮތުން އެދެމެދުގައި އެފަދަ އެއްވެސް ފަރަގެއްނުވާ ކަހަލައެވެ.

ބަދިގެއަށް ޖިނާނު ވަދެގެން އައީ އެވަގުތެވެ. އޭނާގެ ޕްރޮޓިން ޝެކް ހެދުމަށެވެ. ލައިރާއާއި ކެންޒާ ފެނުމުން ޖިނާނު ހައިރާންވިއެވެ.

"ދޮން ވެސް ކައްކަން ފެށީތަ؟" ޖިނާނު އަހާލިއެވެ.

"ކަމް ހިއާ، ޓޭސްޓް ދިސް" ކެންޒާ ގެންގުޅުނު ސަމްސާ އަތުލަމުން ލައިރާ ބުންޏެވެ. ޖިނާނު ދެކޮޅު ހެދިއެވެ. އެހެންނަމަވެސް ލައިރާ އޭނާގެ އަތުގައި ހިފާ ދަމަމުން ގެނެސް ރަހަދެއްކިއެވެ.

"އިޓްސް ރިއަލީ ގުޑް" ޖިނާނު ބުނެލިއެވެ.

"ކެން ވަރުގެ ޝެފެއް ނާދެއޭ އެހެންވެއޭ މިބުނަނީ" ކެންޒާގެ ކޮނޑުގައި ޖަހާލަމުން ލައިރާ ބުންޏެވެ. ނިއުޓްރިޝަނިސްޓަކަށްވާން ކެންޒާ ބޭނުންވާކަން ލައިރާ ބުނި ހިސާބުން ޖިނާނުގެ ސަމާލުކަން ވެސް ކެންޒާއަށް ހުއްޓިއްޖެއެވެ.

އެހެން ދުވަސްދުވަހާ ޚިލާފަށް ބަދިގެ ތެރޭގައި އަޑު ހުއްޓެވެ. އަމިއްލަ ދުނިޔެއްގައި ހުރެ ކައްކާނިންމާލާ ކެންޒާއަށް މިއަދު ތަފާތުވީ އެހެންވެއެވެ. އޭނާގެ ތުންފަތުގައި ކުރިން ނުހުންނަ ހިނިތުންވުމެއް ވިއެވެ. އޭނާގެ ރަނގަޅު ރަޙުމަތްތެރިއަކަށް ލައިރާ ވާނެތޯ އަމިއްލަ ޟަމީރާ ކެންޒާއަށް ސުވާލުކުރެވުނެވެ. ހުރިހާ ފަރަގެއް ހަނދާންނައްތާލާ ލައިރާ ދިއްކޮށްލި އެކުވެރިކަމުގެ އަތުގައި ބާރަށް ހިފަހައްޓާ ހިތް ކެންޒާވިއެވެ. ކަންކަން ޚިއްޞާކުރާނޭ ގާތް މީހަކު ހުރުމަކީ ވެސް އެކަނިވެރިކަން ކުޑަވާ ކަމެކެވެ. އެކަމަކު ހަޤީޤީ އެކުވެރިން އުޅޭކަމާމެދު ކެންޒާ ސުވާލު އުފެދެއެވެ.

"މެންދުރު ދޯ ދެން އަންނާނީ؟... ސައިބޮއެގެން ދާންވީނު" ލައިރާ ބުންޏެވެ.

"ސައިބޮއެގެން އައީ..." ކެންޒާ ބުންޏެވެ.

ގޭގެ ބިއްދޮށް ފަރާތުން ކެންޒާ ނުކުންނަން އައިއިރު މައިދޮރާ ދިމާ ޕޯޓިކޯގައި ޒުވާނަކު ހުރިތަން ފެނި ބަލާލެވުނެވެ. ސްވެޓްޕޭންޓްސްއާއި ޓީޝާޓެއްގައި އޭނާ ހުރީ ފޯނުން މީހަކާ ވާހަކަދައްކާށެވެ. އޭނާގެ ލޮލުގައިވި ނަންބަރު އައިނު ރަނގަޅުކޮށްލުމާއެކު ކެންޒާއަށް ބަލަން ފެށިއެވެ. ކެންޒާ ހިނގުން ބާރުކޮށްލިއެވެ. އެއްފަރާތުގައި ހުރި ގަސްމުށިގަނޑުގައި ފައި ޖެހި ކެންޒާއަށް ތަދުވެގެން ހުއްޓެވުނެވެ. އޭރު ވެސް އެ ޒުވާނާ ބަލަން ހުރިތަން ފެނުމުން ކަށިމަތީ ފިރުމާލާފައި އަނެއްކާ ވެސް ކެންޒާ ހިނގައިގަތީއެވެ.

ފޯނުކޯލު ނިންމާލާފައި ކެންޒާ ދިޔަ ދިމާއަށް ބަލަން ހުރި ޔާދިން އެތެރެއަށް ވަނެވެ. ކެންޒާ އުޅުން ގޮތް ފެނި އޭނާގެ ބޮލަށް އުނދަގޫވެފައި ހުރި ކަހަލައެވެ. އެލެވޭޓާއަށް ދިމާއަށް އައިއިރު އިލިޔާނާ ގޮވައިގެން ސެހްރާނު ނުކުންނަނީއެވެ.

"ފޭސް މާސްކު ބަދަލުކުރާކަށްނުވޭތަ؟" ޔާދިން ފެންނައިރަށް ސެހްރާނު ބުންޏެވެ. ޔާދިން ކަޅިއަޅާލިއެވެ.

"އިލީ ބޭނުން މާސްކެއް" އިލިޔާނާ ވަގުތުން ބުނެލިއެވެ.

* * * * *

މިންނާގެ ކޯލު ނިންމާލިއިރު ކެންޒާ ހުރީ އިހުނަށްވުރެ ބޮޑަށް ހިތްހަމަޖެހިފައެވެ. ބޭބެގެ ހާލު ރަނގަޅުވަމުން އަންނާތީއެވެ. މަންމައާއި ބޭބެ ގެއަށް އައުމުން ހުރިހާ ނުތަނަވަސްކަމެއް ފިލާނޭކަން ކެންޒާއަށް އެނގެއެވެ. އަދިވެސް ހަމަނުޖެހި އޮތް ފަންޑުގެ ޚަބަރު ބެލުމަށް ކެންޒާ ޔުނިވަސިޓީގެ ގޯތިތެރޭގައި ހުރި ބެންޗެއްގައި އިށީނދެ ފޯނުން ނަންބަރު ހޯދަން ފެށިއެވެ. އޭގެ ކުރިން އޭނާގެ މެއިލް ބަލާލިއެވެ. އެތަނުން އީމެއިލްއެއް ފޮނުވާފައި އޮތްތޯއެވެ. މިއަދުވެސް ވެސް ވީ އެހެން ދުވަސްވަހެކޭ އެއްވަރެވެ. ލިބުނީ އެއްޖަވާބެކެވެ. ހަމަޖެހުނުހާ އަވަހަށް ކެންޒާއަށް އަންގާނޭކަމެވެ.

* * * * *

މޭޒުކައިރީ އިން ޔާދިން އިސްއުފުލާލީ ދޮރުގައި ޓަކި ދިނީމައެވެ. އޭނާގެ ޕީއޭ ސިޔާދު އައިސް ވަނީ އެވަގުތެވެ. އަތުގައި ހުރި ލިޔުންތައް ގެނެސް ޔާދިންގެ މޭޒުމަތީ ހުރި ޓްރޭއަށް ލިއެވެ. ބަރިބަރިއަށް ހުރި ލިޔުންތަކުން އެ މޭޒުމަތީ ހުސްޖާގަކޮޅެއް ފެންނާކަށް ނެތެވެ.

"އިކުއިޕްމެންޓް އޯޑާ ލިސްޓް ގެނައިންތަ؟" ޔާދިން އަހާލިއެވެ.

"ލައްބަ، ސަރ!... ކެންސަރ ޕޭޝަންޓްސްގެ ފަންޑުން ކްލިއާ ކުރަންޖެހޭ ލިޔުންތައް ޕެންޑިންގަ ހުރީ" ސިޔާދު ހަނދާންކޮށްދިނެވެ.

ކުންފުނީގެ ސިއްޙިދާއިރާގެ ހުރިހާކަމަކާ ބެހޭ މަސައްކަތެއް ހަވާލުވެފައި އޮތީ ޔާދިންއާއެވެ. އެހެންނަމަވެސް އޭނާގެ އަމާޒަކީ ލައިތުގެ ގޮނޑިއެވެ. ބައްޕަ ރޫމާން އަސަދަށްފަހު ކުންފުނީގެ އެންމެ ބާރުގަދަ މަޤާމުގައި ލައިތު ހުރީމައެވެ. އޭނާ އުންމީދުކޮށްގެން ހުރީ ވެސް ބައްޕަ އެ މަޤާމު ދޭނީ އޭނާއަށް ކަމަށެވެ. ހަނދާންނެތުނީ ހުރިހާކަމެއްގައި ބައްޕަ ލައިތުއަށް އިސްކަމެއް ދޭކަމެވެ. އޭނާއަކީ ވެސް ރޫމާން އަސަދުގެ ދަރިއެކެވެ. މޮޅަށް ކިޔަވައިގެން ހުރި ހުނަރުވެރި ޑަކްޓަރެކެވެ. އެހެންނަމަވެސް ބައްޕަގެ ލޮލުގައި ޔާދިން އަޅައިނުގަތުމަކީ އޭނާގެ ޝަކުވާއެވެ. ލައިތުއާއި އޭނާއަށް ފަންސަވީސް އަހަރެވެ. ދެމީހުން އުމުރުގެ ގޮތުން އެއްވަރު ވެސް މެއެވެ. އެހެންވިޔަސް ޔާދިންއަށްވުރެ ބޮޑަށް އެ ބައްޕަ ލައިތުދެކެ ލޯބިވާކަން އޭނާއަށް އެނގެއެވެ. ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކުރީ ވެސް ޔާދިންނެވެ. އެކަމަކު އެކަމަށް ބައްޕަގެ ނިންމުން އައީ ހީކުރި ގޮތަކަށްނޫނެވެ. މާލެ އަންނަން ބޭނުންނުވެފައި ހުރި ލައިތު މާލެ ގެނެސް ވިޔަފާރީގެ ތެރެއަށް ވެއްދީއެވެ.

ލޮލުގައިވި އައިނު ނަގައި ނިތްކުރިއާއި ނޭފަރާ ގުޅިފައިވި ހިސާބުގައި ޔާދިން ދެއިނގިލިން ހިފަހައްޓާލިއެވެ. އޭނާ ކުރާ ބުރަ މަސައްކަތް ބައްޕަ ބަލައިގަނެބާއޭ ހިތަށް އެރިއެވެ.

(ނުނިމޭ)