ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދެވަނަ މަރު ކޮވިޑް އާ ގުޅުން އޮތް ކަމަކަށް ނުބެލެވޭ

އިއްޔެ މަރުވި ބިދޭސީ މީހާ މަރުވީ ކޮވިޑް-19 ޖެހިގެން ކަމަށް ނުބެލެވޭ ކަމަށް އޭނާއަށް ފަރުވާދިން އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން ބުނެފި އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަަދު ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު ފައިޒާން ވިދާޅުވީ، ބަންގްލަދޭޝްގެ މީހާ މަރުވީ ސިކުނޑިއަށް ލޭ އެޅިގެން ކަމަށާއި އޭނާއަށް ފިޓް ޖެހުނީވެސް އެކަމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ، ކޮވިޑްގެ ސަބަބުން ބައެއް ފަހަރު ސިކުނޑިއަށް ލޭ ފޮނުވުމަށް އަސަރު ކުރާ ނަމަވެސް އިއްޔެ މަރުވި ބިދޭސީ މީހާގެ އައިޖީއެމްއެޗަށް ގެނެސް ސީޓީ ސްކޭން ހެދި އިރުވެސް ސިކުނޑިއަށް ފުދޭވަރަކަށް ލޭ އެޅިފަައި ހުރި ކަމަށެވެ. އަދި ލޭ އެޅުނީ ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެންކަމަށް ވެސް ޑރ. ފައިޒާން ވިދާޅުވި އެވެ.

"ކޮވިޑް އާ ގުޅުން ހުރި އެއްވެސް އަަލާމާތެއް ހުރި ކަމަކަށް މިވަގުތު ބަލާއިރު ފެންނާކަށް ނެތް. ބޮޑަށް ލަފާ ކުރެވެނީ ނިޔާވި ސަބަބަކީ މުޅިން އެހެން ސިއްހީ ކަަމެއްގެ ސަބަބުން" ޑރ. ފައިޒާން ވިދާޅުވި އެވެ.

އިތުރަށް ފާހަގަކުރެއްވީ ސިކުނޑީގެ މި މައްސަލަ ބަލިމީހާގެ ނެތްނަމަ މި ކޭސް ވާނީ އެސިމްޓޮމެޓިކް ކޭސް އެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންނަމަވެސް، ފާއިިތުވެ ދިޔަ ދުވަސްތަކުގައި ބަލީގެ އެއްވެސް އަސަރެއް އޭނާގެ ގައިގައި ހުރިތޯ ބަލަމުން އަންނަ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އެ މީހާއަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކަށް ވާތީ ޑަބްލިއުއެޗްއޯގެ ކްލެސިފިކޭޝަން އަށް ބަލާއިރު، މިއީ ކޮވިޑް-19 އާ ގުޅުން ހުރި މަރެއްގެ ގޮތުގައި ގުނާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.