ކީރިތި ރަސޫލާއަށް ޖޯކު ޖަހައި ކާޓޫނު ކުރެހި ފްރާންސްގެ ނޫސް އިދާރާއަށް ބަޔަކު ވަދެ ބަޑިން ހަމަލާދީ 12 މިއަދު މީހަކު މަރާލައިފި އެވެ.
މާސްކް އަޅައިގެން ތިބި ބަޔަކު ދިން އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެ ނޫހުގެ ޗީފް އެޑިޓަރާއި އެހެނިހެން ބައެއް މުވައްޒަފުންގެ އިތުރުން ދެ ފުލުހަކު ވެސް ހިމެނޭ ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން އިތުރު ބަޔަކަށް ވެސް އެ ހަމަލާގައި އަނިޔާވެފައިވެ އެވެ.
ޗާލީ ހޭބްދޫ ނަމަކަށް ކިޔާ އެ ނޫހުން ރަސޫލާއަށް ކާޓޫނު ކުރަހައި ޖޯކު ޖެހުމުގެ އިތުރުން އެ ނޫހުން ވަނީ އައިއެސްގެ ލީޑަރަށް ވެސް ޖޯކު ޖަހައި ކާޓޫނު ކުރަހައިފަ އެވެ. އެކަމާ ގުޅިގެން އެ ނޫހުގެ ޗީފް އެޑިޓަރަށް ބަޔަކު މަރުގެ އިންޒާރު ދިނުމުން އޭނާ އުޅެމުން ދިޔައީ ވެސް ފުލުހުންގެ ހިމާޔަތުގަ އެވެ.
ހަމަލާދިން މީހުންތައް ހޯދުމަށް ފްރާންސްގެ ސަލާމަތީ ބާރުތަކުން ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާއިރު އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ބޮޑެތި ގައުމުތަކުން ވެސް ވަނީ އެ ހަމަލާ ކުށްވެރިކޮށްފަ އެވެ.