(5 މެއި 2020 އާ ގުޅޭ)
ލޮލުގައިވި އައިނު ނަގައި ނިތްކުރިއާއި ނޭފަރާ ގުޅިފައިވި ހިސާބުގައި ޔާދިން ދެއިނގިލިން ހިފަހައްޓާލިއެވެ. އޭނާ ކުރާ ބުރަ މަސައްކަތް ބައްޕަ ބަލައިގަނެބާއޭ ހިތަށް އެރިއެވެ. ފިކުރުތައް އެއްފަރާތްކޮށްލަން ޔާދިންއަށް މަޖުބޫރުވީ ސިޔާދު ގޮވާލުމުންނެވެ. މޫނާ ވަކިކޮށްލި ނަންބަރު އައިނު އަލުން ލޮލަށް ހެޔޮވަރުކޮށްލުމާއެކު ޔާދިން ކުރަން އިން މަސައްކަތަށް ސަމާލުވެލިއެވެ. މޭޒު ކައިރީ ޔާދިންގެ ވައަތްފަރާތަށް ވާހެން ސިޔާދު މަޑުކޮށްލައިގެން ހުރީ ޖަވާބެއްގެ އިންތިޒާރުގައެވެ.
"ޝޯޓްލިސްޓު ކުރި ތަރުތީބުންތަ ހުންނާނީ" ޔާދިން އަހާލިއެވެ. އެއާއެކު ސިޔާދު ނިކަން އަވަހަށް ލައްބައޭ ބުންޏެވެ.
"އަހަރެން ޗެކުކޮށްފައި މާކްކުރާނަން، އެހެންޏާ ވެސް ކަންތައްކުރާހެން އެ ސިޓީތައް ފައިނޭންސަށް ފޮނުވާ ޗެކު ރެޑީވީމާ ހުރިހާ އެއްޗެއް އެއްކޮށް ގެނޭ" ޔާދިންގެ އިރުޝާދު ލިބުމުން ސިޔާދު މަޑެއް ނުކުރިއެވެ. ސިޔާދުގެ މަސައްކަތަށް އެނބުރި ދިޔައީއެވެ. ޔާދިންއަކީ ބުރަކޮށް މަސައްކަތްކުރާ ވެރިއަކަށްވާއިރު އެފަދަ ވެރިއެއްގެ ޕީއޭއަކީ ވަރަށް ހީވާގި މުވައްޒަފަކަށްވާން ޖެހެއެވެ. ސިއްރު ހިފެހެއްޓުމާއި ތެދުވެރި އަމާނާތްތެރިއަކަށް ވާން ޖެހެއެވެ. ވެރިޔާގެ އަގު ހިފަހައްޓަންޖެހޭ ދަނޑިވަޅުތަކުގައި އެކަން ކުރާ މީހަކީ ވެސް ސިޔާދެވެ. އެހެންނަމަވެސް ޔާދިންގެ މިޒާޖާއި ޠަބީޢަތުގައި ހުންނަ އެކަހެރި ގޮތުން އޭނާ އެއްވެސް މީހަކަށް އިތުބާރު ކުރާހެން ހިޔެއްނުވެއެވެ.
ސޮއެކުރަން ހުރި ލިޔުންތަކުގައި ސޮއިކޮށް ނިންމާލުމަށްފަހު ފައިސާގެ އެހީތެރިކަމަށް އެދިފައި ހުރި ސިޓީތައް ޔާދިން ބަލަން ފެށިއެވެ. ކޮންމެ ސިޓީއަކާއެކު ހުރި ޑަކްޓަރީ ލިޔުންތަކުގެ ސައްޙަކަން ޔާދިން ބަލައެވެ. އެކަމަކު އެ ހުރިހާ ލިޔުމެއް ބެލުމަކީ އޭނާގެ ސިކުނޑި ވަރުބަލިކުރުވާ ކަމެކެވެ. މަސައްކަތްތަކުގެ ތެރެއިން ފަންޑު ސިޓީތައް ފަސްކުރެވެނީ އެހެންވެއެވެ. އިތުރު ހިތްހަމަނުޖެހުމެއް ލިބުނީ އެ ސިޓީތަކަކީ ޔާދިންގެ ސޮއިން ނިމިގެންދާނެ ލިޔުންތަކަކަށްނުވާތީއެވެ. އޭގައި ޔާދިންއަށްވުރެ އިސްކޮށް ލައިތުގެ ސޮއި އޮންނާނެތީއެވެ.
މެންދުރުވެގެން އައިއިރު ގަޑިންވީއިރެއް ޔާދިންއަށް އެނގުނީ އަސަދު ގުޅީމައެވެ. އެހެންނަމަވެސް މިއަދު އޭނާގެ ޠަބީޢަތް ރަނގަޅެއް ނޫނެވެ. ބައްޕަގެ ކުރިމަތީ ހުރިހާ ޖަޒުބާތެއް ފާޅުކުރުމަކީ ޔާދިން އާދަވެފައި ހުރި ގޮތެއްނޫނެވެ. މަސައްކަތުގެ ބަހަނާ ދެއްކީ އެހެންވެއެވެ.
* * * * *
ރޭގަނޑުގެ ވަގުތެވެ. ކެންޒާގެ ނަންބަރު ހޯދައިގެން ލައިރާ ގުޅާ ދާނޭ ތަނަކާއި ވަގުތު ކަނޑައެޅީ ހަވީރެވެ. ނުވައެއް ޖަހަންވާއިރަށް އާދައިގެ މަތިން އިލިޔާނާ ނިދައިފިއެވެ. މިރޭ ރަޙުމަތްތެރިއަކާއެކު ބޭރަށް ދާން ލައިރާ އުޅޭތީ ގެއަށް އަންނަންދެން ދަރިފުޅު ބަލާ ދިނުމަށް އޭނާ އެދުނީ މަންމަ ގާތުގައެވެ. އެކަކަށް ވެސް ނޭނގޭކަމަކީ ލައިރާ ބުނާ އެކުވެރިޔަކީ ކެންޒާކަމެވެ. ނުވަގަޑި ބައިވަން ވާއިރަށް ލައިރާ ގެއިން ނުކުންނަން އައެވެ. ކުދީންގެ ދަތުރުތައް އަޅައިދިނުމަށް ހުންނަ ބަންގްލަދޭޝްގެ ޑްރައިވަރު އަދިތު ކާރުގައި ގޭ ދޮރުމަތީ މަޑުކޮށްގެން ހުއްޓެވެ.
"ކޮންތާކަށް؟ އަހަރުން ވެސް ގޮވައިގެން ދާންވީނު" ބޮޑުކޮޓަރީގެ ސޯފާގައި ލައިތުއާއެކު އިން ސެހްރާނު ބުންޏެވެ.
"މިރޭ މީ އަންހެންކުދީންގެ ރެއެއް" އެއްލޯ މަރާލަމުން ލައިރާ ބުންޏެވެ.
"ޝީ ލުކްސް ޑިފަރެންޓް" މައި ދޮރުން ލައިރާ ނުކުމެގެން ދިއުމާއެކު ލައިތު ބުންޏެވެ.
"ހީވޭ ދޯ!... މާލެ އައިފަހުން ކުޑަކޮށް ޑިޕްރެސްކޮށް ދޮން ފެންނަނީ، އެކުވެރިންނާއެކު ބޭރަށް ދާން ނިންމީ އެހެންވެކަންނާނގެ" ސެހްރާނު ބުންޏެވެ.
"މިކޮޅުގައި ކޮން ރައްޓެހިންނެއް؟" ލައިތު ސުވާލުކުރިއެވެ.
"އައި ޑޯންޓް ނޯ، ފާރަލަންވީތަ؟ ކާކުތޯ ބަލަން" ސެހްރާނު ބުނީ ސަމާސާއަށެވެ. ލައިތުގެ މޫނުން ފެންނަނީ ސީރިއަސްކަމެވެ.
"ލެޓްސް ގޯ" ލައިތު ބުންޏެވެ.
"އައި ޑޯންޓް ވޯންޓް ޓު ސްޕޮއިލް ހާ ނައިޓް" ސެހްރާނު ވަގުތުން ދެކޮޅު ހެދިއެވެ.
ލައިރާ ބުނި އެޑްރެސް އަދިތު ހޯދިއެވެ. ހުޅަނގުން އިރަށް އައި ކާރު އުތުރަށް އޮތް މަގަށް އެޅިއެވެ. ކަންމަތީ ހުރި ގޭގެ ދޮރޯށި ފެންނަންވީއިރަށް ލައިރާއަށް ކެންޒާ ފެނިއްޖެއެވެ. ނޫކުލައިގެ ޖިންސެއް ލައިގެން ހުރިއިރު ހުދުކުލައިގެ ތިކިތަކެއް ޖަހާފައި ހުރި ކާޑިގަންގެ އެތެރެއިން ގުޅުވާފައި ހުރީ ކަޅުކުލައިގެ ޓީޝާޓަކާއެވެ. ލައިރާ ވެސް ޚިޔާރުކުރީ ހުދާއިކަޅެވެ. ދެމީހުންގެ ޚިޔާލު އެއްގޮތްކަމާމެދު ލައިރާ ވިސްނާލިއެވެ. އޭނާގެ ލޮލުގައި ދެން އަޅައިގަތީ ކެންޒާ ނުކުމެ ހުރި ދޮރޯށި ކައިރީ ވައަތްފަރާތުން ފާރުގައި ލެނގިލައިގެން ހުރި ޒުވާނާއެވެ. މާނަވީ ހިނިތުންވުމެއް ލައިރާގެ ތުންފަތުގައި ދުވެލިއެވެ. އަދިތު ގާތު ކާރު މަޑުކުރުމަށް ލައިރާ ބުންޏެވެ. ކާރު މަޑުކޮށްލުމުން ކެންޒާގެ ސަމާލުކަން އެ ކާރަށް ހުއްޓުނެވެ.
"ކޮންއިރަކުން އަންނާނީ؟" ކެންޒާ ދޮރާށި ކައިރިން މަގަށް ނުކުތުމުން މިފްރާހު އަހާލިއެވެ.
"ނޭނގެ" ކެންޒާ ނިކަން އަވަހަށް ބުނެލިއެވެ. އެވަގުތު ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލުމާއެކު ލައިރާ ގޮވާލައިފިއެވެ. ކެންޒާ ހަލުވިކޮށް އައިސް ކާރަށް އެރިއެވެ. ފަރުވާތެރިކަމާއެކު އެ ދިމާއަށް ބަލަން މިފްރާހު ހުއްޓެވެ.
"ބުނި ބޯއިފްރެންޑެއް ނުހުރެޔޭ..." އަދިތު ކައިރީ ދާންވީތަން ބުނުމަށްފަހު ކެންޒާގެ ކޮނޑުގައި ޖެހިލަމުން ލައިރާ ވާހަކަދެއްކީ ހިނިއައިސްފައި އިނދެއެވެ.
"ނުހުންނާތިއޭ ނުހުރެއޭ ބުނީ" ކެންޒާ ބުންޏެވެ.
"ދެން އެއީ ކޮން ހޮޓް ގައިއެއް؟، ފެމެލީތަ އަނެއްކާ" ލައިރާ އަހާލިއެވެ.
"އެއީ..." ކެންޒާއަށް މިފްރާހާ އޮތް ގުޅުން ބުނެދޭން އުނދަގޫވިއެވެ. ރަޙުމަތްތެރިއެކޭ ބުނަން ހިތަށް އަރާފައި ވެސް އެހެން ނުބުނީ މިފްރާހާ ވާހަކަދައްކަން ލައިރާ ބޭނުންވެދާނެތީއެވެ.
"ކެންޒާ، ކިހިނެއްވީ؟" ފުން ވިސްނުމަކަށް ކެންޒާ ދިޔަހެން ހީވެ ލައިރާ ގޮވާލިއެވެ.
"ކްރަޝްއެއްތަ އެއީ، އެހެންވެތަ ބުނަން ނުކެރުނީ" ކެންޒާގެ މޫނުން ފާޅުވާ އަސަރުތައް ލައިރާ މާނަކުރީ ތަފާތުކޮށެވެ.
"ކޮބާ އިލިޔާނާ؟... ލައިރާ ބޭރަށް ދާތީ ޝަކުވާ ނުކުރޭތަ؟" ކެންޒާ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. ލައިރާ އެކަން ދެނަހުއްޓެވެ. އޭނާ ވެސް ކެންޒާ ގަޔާނުވާ ވާހަކައެއް ކުރިއަށް ގެންދަން ގަސްދެއްނުކުރެއެވެ.
"ނުވައެއް ޖަހަންވާއިރަށް ނިދަން ބާއްވައިފިން، އަދިވެސް މާލޭގެ ގަޑިތަކަށް މުޅިން ނުހޭނޭ، މަންމަ ގާތު ބުނެފަ މިއައީ ބަލާލަދޭން، ހޭލެވުނަސް ބިރުން ނުރޯނެ... އެވެސް ނަސީބެއް" ލައިރާ ވާހަކަދެއްކިއެވެ.
މެލްރިއޯ ކެފޭއަށް ލައިރާއާއި ކެންޒާ ވަނެވެ. ޖާގައިގެ ގޮތުން ކުޑަތަންކޮޅެކެވެ. އެހެންނަމަވެސް ހިތްފަސޭހައެވެ. ގާތްގަނޑަކަށް ހުރިހާ މޭޒެއްހެން ހުރީ ފުރިފައެވެ. ހާމައަށް ހުރި ބައިގަ ގިނައީ ސިނގިރޭޓު ބޯ މީހުންނެވެ. އެހެންނަމަވެސް ދެ އަންހެންކުދީންނަށް މޭޒެއް ލިބުނީ އެތަނުންކަމަށްވީމަ ވަރިހަމަކޮށްލީއެވެ. ކާއެއްޗިއްސަށް އޯޑަރު ދިނުމަށްފަހު ލައިރާ ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ.
"ބޭރަށް ނުކުމެލެވުނީމަ ބޮލަށް ވަރަށް ލުއިވެއްޖެ" ކެފޭތެރެއަށް ނަޒަރު ހިންގާލަމުން ލައިރާ ބުންޏެވެ.
"އަހަރެން މިތަނަށް މިއައީ އަލަށް" ކެންޒާގެ ނަޒަރު ވެސް ވަނީ ކެފޭގެ ތެރެއަށް އަމާޒުކުރެވިފައެވެ.
"އެއީ ކެންޒާމެން ގެތަ ނޫނީ އުޅޭގަތަ؟" ލައިރާ އަހާލިއެވެ.
"ބައްޕަގެ ގެ" ކެންޒާ ބުނެލިއެވެ.
"ބުރިއަކަށް ނުނަގާ ހުންނަ ގެތައް މާލޭގައި ވަރަށް މަދުވެއްޖެ ދޯ" ލައިރާ ބުންޏެވެ. ކެންޒާ އެއްބަސްވުމަށް ހޫން ލައްވާލިއެވެ. ކެންޒާގެ ކިޔެވުން ނިމެން ކިހާ ދުވަހެއް އޮތްތޯ ލައިރާ އޮޅުން ފިލުވިއެވެ. ކިޔަވާ ނިމުނީމަ ކެންޒާގެ ކުރިމަގު ބައްޓަންކޮށްފައި އޮތީ ކިހިނެއްކަން ވެސް ލައިރާ ސުވާލުކުރިއެވެ. ހަޤީޤަތަކަށް ވާނޭކަން ނޭނގުނަސް ކެންޒާގެ އުންމީދުތައް ލައިރާއާ ޚިއްޞާކުރިއެވެ. އަދި ލައިރާ ކިޔެވީ ކޮން ދާއިރާއަކާ ގުޅޭގޮތުންތީ އެއްސެވެ.
"އައި އޭމް ނޮޓް ސްޕެޝަލް" މާނަވީ ގޮތަކަށް ލައިރާ ބުނެލިއެވެ.
"ދެޓްސް ނޮޓް ޓްރޫ... ކޮންމެ މީހެއްގެ ވެސް ޚާއްޞަކަމެއް ހުންނާނެ" ކެންޒާ ހިނިތުންވެލިއެވެ.
"އެރޭންޖްޑް މެރީއޭޖެއްތަ ނޫނީ ލަވް މެރިއޭޖެއްތަ ކެންޒާ ޗޫޒް ކުރާނީ" ލައިރާ ކުއްލިއަކަށް ކުރީ ކެންޒާ ހިތަށް ވެސް ނާރާ ސުވާލެކެވެ.
"އައި ޑޯންޓް ނޯ..." ކެންޒާ އަޖައިބުވެފައި އިނދެ ދެކޮނޑު ހިއްލާލަމުން ބޯއަރިކޮށްލާ ބުނެލިއެވެ.
"ލޯބިނުވާ ދެމީހުންނަށް އެކުގައި އުޅެވިދާނެތަ؟" ލައިރާ ދެވަނަ ސުވާލުކުރިއެވެ.
"އައި އޭމް ސޮރީ، ލައިރާގެ ތި ސުވާލުތަކަށް ޖަވާބުދޭނޭ ގޮތެއް އަހަންނަކަށް ނޭނގޭ، އެހެންނޫނަސް ލޯބީގެ ކަންކަމުގައި ލަފާ ދޭން އަހަންނަކަށް ނޭނގޭނެ" ކެންޒާ ބުންޏެވެ.
"އެހެންވިޔަސް ކެންޒާއަށް ފެންނަ ޚިޔާލެއް ދީބަލަ" ލައިރާ އެދުނެވެ.
"އަހަންނަށް ހީވަނީ ލޯބިނެތިއްޔާ ދެމީހުން އެކުގައި އުޅެން އުނދަގޫވާނެހެން، ދެމީހުންނަށް އެކަކުއަނެކަކު މުހިންމުވާނަމަ ދެމެދުގައި ކޮންމެވެސް ސިފައެއްގައި ލޯބި އޮންނާނެ" ކެންޒާއަށް ބުނެވޭ އެއްޗަކާމެދު އަމިއްލަ ނަފްސަށް ޔަގީންކަމެއްނެތެވެ. ލަސްލަހުން ލަފުޒުތައް އަތުރަމުން ވާހަކަދައްކާއިރު އޭނާގެ އަޑުގައި އެ އަސަރުވިއެވެ. ލައިރާ އެދުނީތީ ކޮންމެވެސް އެއްޗެއް ބުނެލި ކަހަލައެވެ.
"ކެންޒާ ލޯބިވިޔަސް އޭނާ ލޯބިނުވާނަމަ ނުގުޅެއްޗޭ، ފަހުން ލޯބިވެދާނެކަމަށް ހީނުކުރައްޗޭ" މޭޒުގައި އުޅަންބޮށިކޮޅު ވިއްދާލުމާއެކު އަތްތިލައިގެ ނުފުށުގައި ލައިރާ ދަތްދޮޅި އަޅުވާލިއެވެ.
"ވައި އާ ޔޫ ސޭޑް" ކެންޒާގެ އަޑުގައިވީ އޯގާތެރިކަމެވެ.
"އައި އޭމް ގެޓިން ޑިވޯސް، މައި މެރިއޭޖް އިޒް އޯވާ" ލައިރާގެ ލޮލުގައިވި ތެތްކަން އިތުރުވިއެވެ. ހިތްހަލާކުވެފައިވާ ފަދަ ހިތްދަތި ހިނިތުންވުމެއް އެ ތުންފަތުގައިވިއެވެ.
"ކީއްވެތޯ އަހަރެން އަހައިފިއްޔާ ލައިރާ ކިޔާދޭނަންތަ؟" ކެންޒާ އަހާލިއެވެ.
"މިރެއަކުނޫން ދޯ... ލެޓްސް ސެލެބްރޭޓް އަވާ ފްރެންޑްޝިޕް އެންޑް ޖަސްޓް އިންޖޮއި ދިސް މީލް، އެއަށްފަހު ހިނގާލާފަ ދޯ ގެއަށް ދާނީ، އަހަރެން އަދިތު ކައިރީ ބުނާނަން ކެންޒާ ގެއަށް ލައިދޭން" ލައިރާ ބުންޏެވެ. އިތުރު ސުވާލެއް ކެންޒާ ނުކުރީ ލައިރާ އެ ވާހަކަތައް ދައްކަން ތައްޔާރުނޫންކަން ބުނީމައެވެ.
ނުކެވޭ ވަރަށް ލައިރާ ކާއެއްޗެހި އޯޑަރު ކުރިއެވެ. ތަފާތު ތަށިތަކުގެ ރަހަތައް ބަލާށެވެ. ފައިސާ ހުރީތީ ބިލަށް އަރާނޭ ވަރާ މެދު އޭނާ ކަންބޮޑެއް ނުވެއެވެ. އެންމެފަހުގެ ތަށްޓަކަށް ދެ ޒުވާނުން އޯޑަރު ދީނީ އައިސްކްރީމްއަށެވެ. އެކައި ނިމި ކެފޭއިން ނުކުތީއެވެ.
މަޑުހިނގުމުގައި ލައިރާއާއި ކެންޒާ އައެވެ. ދުވާލައި ރޭގަނޑު ފަދަ ތަފާތުކަމެއް ދެ އަންހެންކުދީންގެ ސިފައިގައި ވެސް ހުއްޓެވެ. ލައިރާއަށް ބަލާލާފައި އޭނާގެ ދަރިއަކު ހުންނާނޭ ހީނުވެއެވެ. ކެންޒާއަށްވުރެ އުމުރުން ދޮށި ނަމަވެސް ބަލާބެލުމަށް އޭނާ ޅަވައްތަރު ޖަހައެވެ. ދިރިއުޅުމުގެ އެއްވެސް ވާހަކައެއް ލައިރާ ނުދެއްކި ނަމަވެސް އޭނާ އެހެންކަންކަމާ ގުޅުވާ ވާހަކަދެއްކިއެވެ. ބަސްމަދުވެފައި ހުރީ ކެންޒާއެވެ.
ބެލްކަނީގައި ހުރި ޔާދިންއަށް ލައިރާއާއެކު ގޭގެ ގޭޓުން ވަންނަން އައި ކެންޒާ ފާހަގަވިއެވެ. ވަގުތުން އަތުކުރީ އޮތް ގަޑިއަށް އޭނާ ބަލާލިއެވެ. ރޭގަނޑު ބާރަޖަހަނީއެވެ. ކެންޒާއާއެކު ލައިރާ ކުރަނީ ކީއްކަން އެނގެން ޔާދިން ބޭނުންވިއެވެ. ލައިރާއާއި ކެންޒާ ހޯދަން އޭނާ ގޭގެ ތިރިއަށް ފޭބިއެވެ. ބޮޑުކޮޓަރިތެރެއިން ނުފެނިގެން ގޭގެ ބިއްދޮށަށް ނުކުންނަން ޔާދިން އައެވެ. އެހިނދު ބަދިގެއާ ދިމާއިން ދެ އަންހެންކުދީންގެ އަޑު އިވުނެވެ.
"ޔާދިން" ލައިރާ ގޮވާލީ ހައިރާންކަމާއެކުއެވެ. ބަދިގެއަށް ވަން ޔާދިން އައިސްއަލަމާރިން ފެންފުޅިއެއް ނަގައިގެން އައިސް އައިލެންޑް ކައިރީ މަޑުކޮށްލިއެވެ. ނޫންގޮތަކަށް އެތަނުގައި ލައިރާއާއެކު އިން ކެންޒާއަށް އޭނާ ބަލާލިއެވެ.
"އަހަރެން ދަނީ" ކެންޒާ ބުނެލިއެވެ.
"އަދިތު އެއަންނަނީ" ލައިރާ ބުންޏެވެ. ޔާދިން ހުރީތީ ކެންޒާއަށް އުނދަގޫވަނީކަން ލައިރާ ނުދެނަހުއްޓެވެ. ޔާދިންގެ ސިއްރު ބެލުންތައް ފާހަގަވަނީ ކެންޒާއަށް އެކަންޏެވެ. އެ ބެލުމުގައި ހިތްހެޔޮކަމެއް ނެތެވެ. ލަސް ގޮތަކަށް ފެންތަށިން އެތިފޮދު ބޮމުން ދިޔައިރު ޔާދިން އެތަނުން ނުކުންނަން ގަސްދުނުކުރާ ކަހަލައެވެ. ކެންޒާއަށް ލިބެމުންދިޔަ ނުތަނަވަސްކަން އޭނާ ދެނަހުއްޓެވެ. އެއްއަތުން ފެންފުޅީގައި ހިފަހައްޓާލައިގެން ހުރެފައި އޭނާ ކެންޒާއަށް ނިތްއަރުވާލުމާއެކު ފެންފުޅި ދައްކާލިއެވެ. ފެންބޯންވީތޯ އަހާލާ ފަދަ ގޮތަކަށެވެ. ކެންޒާ އަވަހަށް ދެފަރާތަށް ބޯހޫރާލިއެވެ. ޔާދިން އައިނު ނަގާ އައިލެންޑްމަތީ ބޭއްވިއެވެ.
"ނާދޭތަ؟" ކެންޒާއަށް އަހާލެވުނެވެ.
"ގުޅާނެ އައިސްފަ، އަދި ވަގުތުކޮޅެއް ނަގާނެހެން ހީވަނީ... އެބަ އަންނަން އިލީގެ ޚަބަރެއް ބަލާލާފައި، ޔާދު ގިވް ހާ ސަމް ކޮމްޕެނީ ޕްލީޒް" ލައިރާ ގޮނޑިން ފައިބަމުން ބުންޏެވެ. ޔާދިންއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ކެންޒާއަށް ވެސް ވީ އެވަރެވެ.
"ނުވާނެ ގިނައިރެއް، ތި ފެންތަށި ހުސްވަންވާއިރަށް އަންނާނަން" ލައިރާ ހިނގައިގަންނަމުން ޔާދިންގެ އަތުގައި އޮތް ފެންތަށްޓަށް އިޝާރާތްކޮށްލިއެވެ. ޔާދިންގެ ޖަވާބަކަށް ލައިރާ ބޭނުމެއްނުވާ ކަހަލައެވެ.
"މިގަޑީގައި އައީ ކޯއްޗެއް ތައްޔާރުކުރަން" ލައިރާ ނުކުމެގެން ދިއުމުން އިރުކޮޅަކު ހުރެފައި ޔާދިން ވާހަކަދެއްކިއެވެ. އެހެންނަމަވެސް އޭނާ ކެންޒާއަށް ބަލައެއްނުލައެވެ.
"ލައިރާ ބުނެގެން... ބޭރަށް ގޮސްފައި" ކެންޒާ ބުންޏެވެ.
"މިގެއަށް މަސައްކަތްކޮށްދޭން އަންނަ މީހެއްކަން ހަނދާންނައްތާނުލައްޗޭ، ދޮންއަކީ މީހުންނަށް ވަރަށް ފަސޭހައިން އިތުބާރުކުރާ މީހެއް، އެކަމަކު އޭނާގެ ބޮލަށް އެރިގެން ކަމެއް ކުރެވޭނެކަމަށް ނޫޅެއްޗޭ" ޔާދިން ބުނެލިއެވެ.
"ވަޓް؟..." ކެންޒާ ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ޤަބޫލުނުކުރެވިފައި އިންހެން ޔާދިންއަށް ބަލަން ކެންޒާ އިނީ ދެ ލޯ ބޮޑުކޮށްލައިގެންނެވެ.
"ޔޫ އާ ޖަސްޓް ލައިކް ހިމް... ހީކުރަނީ ކީކޭ ކަމައްތަ" ދަތްތަކަށް ބާރުކޮށްލެވުމާއެކު މަޑުމަޑުން ކެންޒާ ބުނެލިއެވެ.
"ކީކޭ..." ޔާދިން ކުރިއަށް ޖެހިލީ ކެންޒާ ބުނި އެއްޗެއް އަޑުއެހުމަށެވެ. ކެންޒާ ތެދުވީ އެވަގުތެވެ. ގާތުގައި ހުރި ޔާދިންއާ ކުރިމަތިލާން އެނބުރިލުމާއެކު ފެންތަށި ހިފައިގެން ހުރި އަތް ޖެހުނީ ކެންޒާގެ މޭމަތީއެވެ. ޔާދިންގެ އަތުން ފެންތަށި ދޫވީއެވެ. އޭނާ ފަހަތަށް ޖެހިލިއިރު ކެންޒާ ވެސް ދުރަށް ޖެހެން އުޅުނެވެ. ފަހަތުގައި ހުރި ގޮނޑީގައި އަޅައިގަނެފައި ފެންތަށްޓާއެކު ކެންޒާ ވެއްޓުނީއެވެ. ފެންތަކުން ކަރުދޮށާއި މޭމަތި ތެމުނުއިރު ވެއްޓުނު ތަށި ނަސީބަކުން ތަޅައިގެނެއް ނުދިޔައެވެ. ފުރޮޅެމުން އެއްފަރާތަށް ތަށި ދިޔައެވެ. ކެންޒާ ތެދުވެ މޭމަތިން ފެން ފޮޅަން ފެށިއެވެ.
"ސޮރީ... ގަސްދުގައެއްނޫން" ޔާދިން ނިކަން އަވަހަށް ބުނެލިއެވެ. އެމޫނަށް ވެރިވެފައި ހުރި ޖަންބުކުލައިން އޭނާ ލަދުގެންފައި ހުރީހެން ކެންޒާއަށް ހީވިއެވެ. ކެންޒާ އަނގައިން ނުބުނުމުން ޔާދިން ހަލުވިކޮށް އެތަނުން ނުކުމެގެން ދިޔައީއެވެ. އިރުކޮޅަކު ހުރެފައި ކެންޒާއަށް ހެވުނީއެވެ. ޔާދިންގެ ފުށުން ހީނުކުރާ ސިފައެއް ފެނުނީމައެވެ. ޔާދިންގެ ސިފައިގަ މުޅިން އެހެން މީހަކު ކެންޒާގެ ކުރިމަތީ ހުރެފައި ދިޔަ ކަހަލައެވެ.
"ކޮންކަމަކާ ތިހެނީ" ލައިރާގެ އަޑު ފަހަތުން އިވުނެވެ.
"ޔާދު ދިޔައީތަ؟" ލައިރާ އަހާލިއެވެ. ހިނިތުންވުމަކާއެކު ކެންޒާ ބޯޖަހާލީއެވެ.
ފާޚާނާތެރޭގައި ހުރެ ޔާދިން އަތްދޮވުނެވެ. އަތަށް ބަލާލެވޭ ކޮންމެ ފަހަރަކު އޭނާއަށް ވާގޮތެއް ނޭނގެއެވެ. ރުޅިގަދަވަނީއެވެ. ކެންޒާ ގަސްދުގައި ކުރިކަމެއްކަމުގައި ޔާދިން ނިންމީ އަމިއްލަ ސިކުނޑިއަށް ލުޔެއްދޭށެވެ. ކެންޒާގެ އަމިއްލަ އެޖެންޑާއެއް އެބައޮތްކަމުގައި ޔާދިން ޤަބޫލުކުރިއެވެ. ތަޖުރިބާކާރު މޮޅެތި ޝެފުންނާ ގާތް ވެސް ނުކުރެވޭއިރު މާމަގެ ބޮލަށް ކެންޒާ އެރިގެން ހޯދި ފުރުޞަތެއްކަމުގައި ޔާދިން ވިސްނިއެވެ. މިހާރު ދެން އެ އުޅެނީ ލައިރާއާ ގުޅާލަން ކަމުގައި އޭނާ ހީކުރެއެވެ.
* * * * *
ފާއިތުވަމުންދިޔަ ދުވަސްތަކާއެކު ކެންޒާއާއި ލައިރާ ވަގުތު ހޭދަކުރާލެއް ގިނައެވެ. ހަފްތާއަކު ދެތިން ރޭ ދެ މީހުން އެކުގައި ބޭރަށް ދެއެވެ. ޔާދިން އެމީހުންގެ ގުޅުމަށް ފާރަލައެވެ. ކެންޒާއާއެކު ވަގުތު ހޭދަކުރަން ފެށުމުން ލައިރާ ހަމަޖެހިފައި ހުންނަ ވަގުތު ގިނައެވެ. ޢާއިލާއަށް އޭނާގެ ހިތާމަތައް ފަރުދާކުރުން ފަސޭހަވިއެވެ.
ރޭގަނޑުގެ ކެއުން ތައްޔާރުކުރަމުން ދިޔަވަގުތު ކެންޒާއާއެކު ބަދިގޭގައި ލައިރާ ވެސް އިނެވެ.
"އޭނަ ލައިކްވޭ ކަންނޭނގެ، ވައި ޑޯންޓް ޔޫ ގިވް ހިމް އަ ޗާންސް" ލައިރާ ދެއްކީ މިފްރާހުގެ ވާހަކައެވެ.
"އައި ޑޯންޓް ޓްރަސްޓް ހިމް" ކެންޒާ ބުންޏެވެ.
"ލައި ކީއްވެ ފެމެލީ ކައިރީ ނުބުނަން ތިއުޅެނީ" ލައިރާގެ ވާހަކަތައް ހުއްޓުވުމަށް ކެންޒާ ބުންޏެވެ.
"މެނީ ރީޒަންސް" ލައިރާ ބުންޏެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމާއެކު މޫނުގައި ދެއަތްތިލަ އަޅާލިއެވެ. އެގޮތުގައި އިރުކޮޅަކު އިނދެފައި އޭނާ މޫނުން އަތްނެގިއެވެ.
"އަހަރެން އެންމެ ކަންބޮޑުވަނީ އިލީއާމެދު، އަހަރެން ކުރީބައިގަ މާލެ މިއައީ ވެސް އަހަންނާއި އިލީ ވަކި ދިރިއުޅުމަށް ހޭނޭތޯ، އަހަރެން ވެސް ވަކިވާކަށް ބޭނުމެއްނޫން... އިލީ ވެސް އޭނާގެ ބައްޕަ ބޭނުންވޭ، އަހަންނަށް އަހަރެންގެ ހިތަށް ވިސްނައިދެވޭނެ، އެކަމަކު އެ ދަރިފުޅަށް ވިސްނައިދޭނީ ކިހިނެއް؟ އިލީ އެއީ ހަމައެކަނި އަހަރެންގެ ދަރިއެއް... މަންމަގެ ފެމެލީ މިކަމާ ހިތްހަމަނުޖެހޭނެ، އަހަރެން ކައިވެނިކަމުގައި ޤަބޫލުކުރިޔަސް އޭނާއަށް މީ ކޮންޓްރެކްޓެއް، މުއްދަތު ހަމަވުމުން މިގުޅުން އުވިގެންދާނެ، ފަސް އަހަރު އެކުގައި ހޭދަވީއިރު ވެސް އެ ކޮންޓްރެކްޓް ކައިވެންޏަކަށް ބަދަލެއްނުވި... އެކަމަކު އޭނާއަކީ ގޯސް މީހެއްނޫން، ވަރަށް ކެއަރިން... އިލީދެކެ ވަރަށް ލޯބިވޭ، އެކަމަކު މިދުވަސް އަންނާނޭކަން އެނގޭއިރު ކީއްވެ އިލީއަށް އެހާ ލޯބިދޭންވީ" ލައިރާ ބުންޏެވެ. ކެންޒާގެ ސިކުނޑީގައި އެތައް ސުވާލެއް އުފެދުނެވެ. ލައިރާގެ ދިރިއުޅުން ދެނެގަންނަން ފަސޭހަކަމަކަށް ކެންޒާއަށް ނުވިއެވެ.
އެމީހުންގެ މެދުގައި ދެކެވުނު ވާހަކަ ހުއްޓުމަކަށް އައީ ލައިތު އެތަނަށް އައުމުންނެވެ. ލައިރާގެ ޠަބީޢަތް ވަގުތުން ބަދަލުކޮށްލިއެވެ. ލައިތުއާ ދިމާކޮށްލިއެވެ. މާހެނދުނާ ގޭތެރެއިން މަގު އޮޅުނީތޯ ލައިރާ އެއްސެވެ. އޭނާ ވާހަކަދެއްކުމެއްނެތި ކޮފީ މެޝިނާ ކައިރިވެލިއެވެ.
"ހެނދުނު ތިކޮޓަރިއަށް ވެއްދި ކޮފީއަށްވީ ކިހިނެއް؟" ލައިރާ ދުލެއްނުކުރިއެވެ. ލައިތު ބަދިގެއަށް އައީ ކެންޒާ އެކަނި ހުންނާނޭ ކަމަށެވެ. ލައިރާ ފެނުމުން އޭނާ އެނބުރި ނުދާންވެގެން ކޮފީ މެޝިނު ކައިރީ ހުއްޓުނީއެވެ.
(ނުނިމޭ)