ދުނިޔެ

އަޅުވެތި ކޮށްފައިވާ ދެހާހަށްވުރެ ގިނަ މަސްވެރިން ސަލާމަތް ކޮށްފި

Sep 17, 2015

އެސޯސިއޭޓެޑް ޕްރެސް އިން ހިންގި ތަހުގީގަކުން ހާމަވި ގޮތުގައި އިންޑޮނޭޝިޔާއިން އެމެރިކާއަށް ގެންނަ މަހުގެ ބާވަތްތައް ބޭނުމުގައި ގިނަ އަދަދެއްގެ އަޅު މަސްވެރިން ގެންގުޅެއެވެ.

ބައިނަލް އަގްވާމީ ޖަމާއަތް ތަކާއި ގައުމުތަކުގެ ސަރުކާރުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަން ތަކުގައި ސަލާމަތް ކުރެވުނު މީހުންގެ ތެރޭގައި މިޔަންމާ، ތައިލޭންޑް، ކެންބޯޑިއާ އަދި ލާއޯ މީހުން ގިނަ އަދަދަކަށް ހިމެނެއެވެ. މީގެ ތެރެއިން ބައެއް މީހުން އެހެން ގައުމުތަކަށް ގެންދަނީ އިމާރާތްކުރުން ފަދަ ސިނާއަތް ތަކަށް ކަމަށް ބުނެއެވެ. އެއަށް ފަހު މަސްވެރިކަން ކުރާ ކުންފުނި ތަކަށް ވިއްކާލަނީ އެވެ. އަނެއްބައި މީހުންނަކީ ކިޑްނެޕް ކޮށް އަޅުވެތި ކޮށްފައިވާ މީހުންނެވެ. ސަލާމަތް ކުރެވުނު ބައެއް މީހުން ބުނީ އެމީހުން އަޅުންގެ ގޮތުގައި އުޅޭތާ މިހާރު ފަސް އަހަރު ވެފައިވާ ކަމަށެވެ.

މީހުން އަޅުވެތި ކޮށްގެން މަސްވެރިކަން ކުރާ މި ކުންފުނި ތަކުން އެމީހުންނަށް އަނިޔާކުރުމާއި ޖަލު ހަދައި އެތަންތާންގައި ބަންދުކޮއްގެން ގެންގުޅޭކަން ވަނީ ހާމަ ވެފައެވެ.

މި ތަހުގީގުން ހާމަވި އެންމެ ހައިރާން ކަން ލިބުނު އެއް ކަމަކީ މިގޮތަށް އަޅުން ލައްވާ މަސްވެރިކަން ކުރުވާ ޖަމާއަތް ތަކުން މަސް ގަންނަ ކުންފުނި ތަކުގެ ތެރޭގައި ދުނިޔެއަށް މަޝްހޫރު އެމެރިކާގެ ބޮޑެތި ކުންފުނިތައް ހިމެނޭ ކަމެވެ. މީގެ ތެރޭގައި ވޯލް މާޓާއި ސިސްކޯ ފަދަ ކުން ފުނިތައް ހިމެނެއެވެ. އެހެން ނަމަވެސް މަސައްކަތް ތެރީންގެ ހައްގު ތަކަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި މިފަދަ އަމަލުތައް ކުރާ ސަޕްލަޔަރުން އަތުން އެކަން އެނގިހުރެ މަސް ނުގަންނަ ކަމަށް މިފަދަ ބޮޑެތި ކުންފުނި ތަކުން ބުނެއެވެ.

މަސްވެރިން އަޅުވެތި ކުރުމާ ގުޅިގެން މަލްޓި މިލިއަން ޑޮލަރުގެ ތައި-އިންޑޮނޭޝިއަން ކުންފުންޏެއް ބަންދުކޮށް ނުވަ މީހަކު ވަނީ ހައްޔަރު ކޮއްފައެވެ.