ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ތަށިބަރީގައި ގެއަށް ވައިރަސް ވަދެދާނެ!

ގޭ ބަތް ތެލީގެ ފޫ ކަހައިލައިފި ނަމަ ޖެހިގެން ހުރި ގެއިން ކާ އެއްޗެހި ގެންދާނެ އެވެ. މިއީ ޒަމާނެއްގައި ދިވެހިންގެ އަވައްޓެރި ކަމުގެ ގުޅުން އޮތް މިންވަރު ހާމަކޮށް ދޭން ބުނެ އުޅޭ އެއްޗެކެވެ. ތެލީގެ ފޫ ކަހާ އަޑު މިހާރު ނީވުނަސް، އެއްގެއިން އަނެއް ގެއަށް އެއްޗެހި ގެންދިއުން މިއީ އަދިވެސް ކުރާ ކަމެކެވެ. ހާއްސަކޮށް ރޯދަަމަހު އެވެ. އެއް ގޭގައި ތެއްލާ ގުޅަ އާއި ބަޖިޔާ ޖެހިގެން ހުރި ދެ ގޭ މީހުން ވެސް ކާނެ އެވެ. އަދި ގެއަަކަށް ގެންދާ ތަށިބަރި ހުސްކޮށް، އަނބުރާ ގެއަށް ގެންނާނީ ވެސް ތަށިބަރި ފުރާލައިގެނެވެ.

މުޅި ދުނިޔެ އަށްވެސް ކުއްލިއަކަށް ދިމާވި ކޮރޯނާ ވައިރަހުގެ ސަބަބުން އެ ކަންކަން މިއޮތީ ބަދަލު ކުރަން ޖެހިފަ އެވެ. ގޭގެއަށް ދިއުން މަނާކޮށް ލޮކްޑައުންވެ އަމިއްލަ ގޭގައި ތިބެން ސިއްހީ މާހިރުން އެންގެވި އެވެ. ރޯދަ އާވެސް ކުރިމަތިލައިގެން މިތިބީ ދުވަހަކު ވެސް ކަމެއް ދުށް ގޮތަކަށް ނޫނެވެ. ތަރާވީހެއް އާއިލީ ރޯދަވީއްލުމެއް ނެތެވެ. ރައްކާތެރި ކަމަށްޓަކައި އެ ހުރިހާ ކަމެއްވެސް މަނަލެވެ.

ރޯދަމަހުގެ ދެވަނަ ދިހައަކަށް ދިޔައިރު ކޮރޯނާ ވައިރަހުގެ އަޕްޑޭޓްތައް ރާއްޖޭގައި ދެއްވާ ސިއްހީ އޮފިޝަލުން އިތުރު ކަމެއް ފާހަގަ ކުރައްވައިފި އެވެ. އެއް ގެއިން އަނެއް ގެއަށް ތަށިބަރި ފޮނުވާ މައްސަލަ އެވެ. މިއީ ކުޑަ ކުޑަ ކަމެއް ނަމަވެސް، އެކަންވެސް ނުކުރުމަށް ޑޮކްޓަރުން އެދި ވަޑައިގަންނަވަނީ އެވެ. ތައްޓަކަށް ދެތިން ހެދިކާލާފައި ގޭގައި ހުންނަ ކުޑަ ކުއްޖާ ލައްވާ ޖެހިގެން ހުރި ގެއަށް ފޮނުވުން ހުއްޓާލަންވީ އެވެ. މާމަ މެން ގެއަށް ފޮނުވާ ކުކުޅު މަސްކޮޅު ވެސް އިހަށް ނުފޮނުވަންވީ އެވެ. އެކަން ވެސް ރައްކާތެރި ނޫނީ އެވެ.

ކޮންމެހެން ފޮނުވަން ޖެހިގެން ނޫނީ އެއް ގެއިން އަނެއް ގެއަށް މި ދުވަސްކޮޅު ތަށިބަރިއެއް ނުފޮނުވަން ވެސް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެ އެވެ. އެހެން ވިދާޅުވާން ޖެހި ވަޑައިގަތީ ރޯދައަށް ވެފައި އެއް ގެއިން އަނެއް ގެއަށް ތަށިބަރި ފޮނުވާކަން ފާހަގަވެފައިވާތީ ކަމަށް އޭނާ ވިދާޅުވެ އެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި މިހާރު އަލާމާތްނެތި ބައްޔަށް ޕޮޒިޓިވްވާ މީހުން ގިނަވަމުން ދާތީ ގޭގައި ބަލި ޖެހިފައި ހުރި މީހަކު ހުއްޓަސް ނޭނގޭނެ އެވެ. ވައިރަސް ހުރީ ގޭގެ ތިރީ ބައިގައި ކަމެއް މަތީ ބުރީގައި ކަމެއް ނޭނގޭނެ އެވެ. އެހެންވެ ތަށިބަރި އާއެކު، އެއްގެއިން އަނެއް ގެއަށް ނުދާން ނިންމަންވީ އެ ތަށިބަރި މެދުވެރިކޮށް ވައިރަސް ގެންދެވިދާނެތީ އެވެ.

މިހެން މިކަން ކުރަން ޑޮކްޓަރުން އެދި ވަޑައިގަތ އާއްމު ގެތަކުގައި ވައިރަސް އުޅޭކަން ޔަގީން ނުވާތީ އާއި ފެތުރިފައި އޮތް މިންވަަރު ބޮޑުކަމުންްނެވެ. އަދި ތަށިބަރިއަކާއެކު ވައިރަސް ގެންދެވިދާނެ ކަމަށް ވެސް ވެދާނެތީ އެވެ.

މިކަންވެސް މިއޮތީ ހުއްޓާލަން ޖެހިފަ އެވެ. އެކަކު އަަނެކަކުގެ ހާލު ބަލާލާައި ގޭގައި ކައްކާ މީރު އެތިކޮޅު ހިފައިގެން ރޯދަ ވީއްލާ ގަޑިއަށް ނުދެވުނަސް ތަރާވީހަށް ނަމަވެސް ގެންދިޔަ ދުވަހެއް ދިޔަ އެވެ. އެއީ އުފާވެރި ދުވަސްތަކެކެވެ. ރޯދަަ ވީއްލާ ގަޑީގައި ކާ މޭޒު ދޮށުގައި ތިބެ "ކޮބާ މިގޭގައި ހެދީ ކޯއްޗެއް، ބޭރުން ލިބުނީ ކޯއްޗެއް" ބުނެ ދިމާކޮށްލާނެ ފުރުސަތު ވެސް މިއަދު ނެތެވެ. މި ދުވަސްވެސް ދާނީ މިގޮތަށް ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެނެވެ.