ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި ރާއްޖެއިން ތިން ވަނަ މީހަކު މަރުވެއްޖެ

ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި މީހާ މަރުވެއްޖެ އެވެ.

އެއާއެކު ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ. ކޮވިޑްގައި ރާއްޖެއިން ފުރަތަމަ މަރުވީ އުމުރުން ދުވަސްވީ އަންހެނެކެވެ. އޭގެ ފަހުން ބިދޭސީއަކުވެސް ވަނީ މަރުވެފައެވެ.

މިރޭ މަރުވެފައިވާ މީހާއަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކޮވިޑް ސެންޓަރުގެ އައިސީޔޫގައި ފަރުވާ ދެމުންދާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. ފަހުން އެ މީހާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ.

މި ވަގުތުވެސް ދަރުމަވަންތަ ހޮސްޕިޓަލްގައި އިތުރު މީހަކު ވެންޓިލޭޓަރުގައި އެބަ އޮތެވެ.

ކޮވިޑް-19 ޖެހި ފައިވާ ނުވަތަ އެ ބައްޔަށް ޝައްކުވާ މީހުން މަރުވުމުން ކަށުކަމާކެމީގެ ކަންތައްތައް ކުރާނެ ގޮތުގެ ސްޓޭންޑަޑް އޮފް ޕްރޮސިޖާސް (އެސްއޯޕީ) އެއް ރޭ އެޗްޕީއޭއިން ވަނީ އާންމުކޮށްފައެެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މީހަކު މަރުވެއްޖެ ނަމަ ކަށުކަމާކެމީގެ ކަން ކަމަށް ސިފައިން ވަނީ ތަމްރީނު ކޮށްފަ އެވެ. ރާއްޖޭގެ ޑޮކްޓަރުންގެ ލަފާގެ މަތިން ސިފައިންނަށް އެފަދަ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ދީފައިވަނީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ ޕްރަގްރާމެއްގެ ތެރެއިންނެވެ. އެ ތަމްރީންތައް ސިފައިންގެ ދެ ޖިންސުގެ 15 މީހަކަށް ދިނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 648 އަށް އަރާފަ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވީ ފަހުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. ނަމަވެސް މިދިޔަ ހަފުތާގެ ދުވަސްތަކަށްވުރެ މި ހަފުތާގައި ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދު މަދެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކު ޕޮޒިޓްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު އެކަނި ވެސް 191 މީހުން ޕޮޒިޓިވްވި އެވެ.

ސިއްހީ މާހިރުން ވަނީ ކުރިއަށް އޮތް ދެ ހަފުތާގައި މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާ ކޮށްފަ އެވެ.