ބޮލީވުޑް

ބާންސާލީގެ "ބޭޖޫ ބަވްރާ"ގައި ދީޕިކާ-ރަންބީރު؟

ފިލްމު އިންޑަސްޓްރީ ހުއްޓުމަކަށް އައިސްފައި ވާތީ މިހާރު ޕްރޮޑިއުސަރުންނާއި އެކްޓަރުން އަދި ޑައިރެކްޓަރުންގެ މެދުގައި މުއާމަލާތްތައް ކުރެވެނީ ވީޑިއޯ ކޯލް މެދުވެރި ކޮށެވެ. އަލުން އިންޑަސްޓްރީ ފެށެން ވާއިރަށް ކުރެވެން ހުރި ހުރިހާ ތައްޔާރީތަކެއް މިހާރު ގޭގައި ތިބެގެން އެންމެން ދަނީ ކުރަމުންނެވެ.

ވަރަށް ގިނަ ފިލްމުތަކެއްގެ ރޭވުންތައް މިހާރު ކުރަމުން ދާއިރު ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ މިއުޒިކަލް ޑްރާމާ "ބޭޖޫ ބަންވްރާ" އަކީ ވެސް މިހާރު ރޭވުމުގެ މަސައްކަތް ކުރަމުންދާ ފިލްމެކެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމުގެ ތަރިންގެ ގޮތުގައި ހަމަޖައްސަން ރަންބީރު ކަޕޫރާއި ދީޕިކާ ޕަދުކޯން އާއެކު ބާންސާލީ މިހާރު ގެންދަނީ މަޝްވަރާ ކުރަމުންނެވެ.

ބާންސާލީ ގަބޫލުކުރާ ގޮތުގައި ރަންބީރު އާއި ދީޕިކާގެ ޖޯޑަކީ ސްކްރީނުގައި ޖާދޫ ދައްކާ ލެވޭ ގާބިލްކަން ހުރި ޖޯޑެކެވެ. އެހެންވެ މި ދެ ތަރިން ލައިގެން ފިލްމެއް އުފައްދަން ބާންސާލީ ބޭނުންވީ އެވެ.

މަޝްވަރާތައް ކުރިއަށް ދިޔަސް ދީޕިކާ ވެސް އަދި ރަންބީރު ވެސް މި ފިލްމު ކުޅެން ސޮއެއް ނުކުރެ އެވެ. ދީޕިކާ އާއި ރަންވީރު އާއެކު ބާންސާލީ ގިނަ ފިލްމުތަކެއް އުފައްދާފައިވާތީ ތަފާތު ކޮށްލަން ބާންސާލީ ބޭނުންވާ ކަމަށް އޭނާގެ ޓީމުގައި ހިމެނޭ މީހަކު އިންޑިޔާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

"ރަންވީރު އާއެކު އެހެން ފިލްމުތަކެއްގައި ބާންސާލީ މަސައްކަތް ކުރާނެ. ނަމަވެސް ހުރިހާ ފިލްމެއްގައި ދީޕިކާ އާއެކު ރަންވީރު ބައިވެރި ކުރާނަމަ ބެލުންތެރިންނަށް ފިލްމު ބަލައިގަންނަން އުނދަގޫ ވާނެތީ ތަފާތު ކޮށްލަން މިހާރު ބާންސާލީ ބޭނުންވޭ،" މައުލޫމާތު ދިން މީހާ ބުންޏެވެ.

ރަންބީރު ފިލްމީ ދުނިޔެއަށް ނުކުތީ ވެސް ބާންސާލީގެ ފިލްމަކުންނެވެ. ސޯނަމް ކަޕޫރާއެކު އޭނާ ކުޅުނު "ސާވަރިޔާ" އަށް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބަކާ ކުރިމަތިވި އެވެ. އެހެންވެ މިފަހަރު ދީޕިކާ އާއި ރަންބީރުގެ ޖޯޑު ސްކްރީނަށް ގެންނަން ބާންސާލީ ބޭނުންވީ އެވެ.

އިންޑިޔާ ލޮކްޑައުންއަށް ދިޔައިރު ބާންސާލީ މަސައްކަތް ކުރަމުންދިޔައީ އާލިއާ ބަޓް އާއެކު އުފައްދަމުން ދިޔަ "ގަންގޫބާއީ ކަތިއާވަޅީ" ގެ ޝޫޓިންގް ގައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މި ފިލްމުގެ ޝޫޓިން ކުރިޔަށް ގެންގޮސްފައި ވެއެވެ. ނަމަވެސް ލޮކްޑައުން ނިމުނަސް ފިލްމު ފެށޭނެ ދުވަހެއް މިހާރު ޔަގީނެއް ނޫނެވެ.