ބޮލީވުޑް

ދީޕިކާ އާއި ރަންބީރު އަދިވެސް އެކުގައި ފިލްމު ކުޅެން ބޭނުންވޭ!

ދީޕިކާ ޕަދުކޯން އާއި ރަންބީރު ކަޕޫރު ފުރަތަމަ ބައްދަލުވީ ދެ މީހުން އެކުގައި ކުޅުނު "ބަޗްނާ އޭ ހަސީނޯ"ގެ ސެޓުންނެވެ. ދެމީހުންގެ ކެމިސްޓްރީ މި ފިލްމުގައި ވަރަށް ރަނގަޅެވެ. އެއާއެކު މި ފިލްމުގެ ސެޓުގައި ދެ ތަރިންނަށް އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވެސް ވެވުނެވެ.

ނަމަވެސް "އަޖަބް ޕްރޭމް ކީ ޣަޒަބް ކަހާނީ"ގެ މަސައްކަތް ރަންބީރު ފެށުމާއެކު ދީޕިކާ ދެކެ ވީ ލޯބި ވަރަށް އަރައިގެން ދިޔަ އެވެ. އަދި ކެޓުރީނާ ކައިފްގެ ޖާދޫގައި ޖެހި ދީޕިކާ އަށް ބޭވަފާތެރިވި އެވެ. އަދި އިޓަލީގެ ރަށެއްގައި ކެޓުރީނާ އާއި ރަންބީރު ޗުއްޓީ ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ނޫސްތަކުގައި ޖެހުމުން ދީޕިކާ އަށް ރަންބީރުގެ ބޭވަފާތެރިކަން މުޅީން ޔަގީންވި އެވެ.

ރަންބީރުގެ ބޭވަފާތެރިކަމުގެ ވާހަކަތައް ދީޕިކާ ވަނީ ފާޅުގައި ނޫސްވެރިންނަށް ކިޔައިދީފަ އެވެ. ނަމަވެސް އެމީހުންގެ މެދުގައި އޮތް ރުޅިވެރިކަން އެއްފަރާތްކޮށް ދީޕިކާ ވަނީ ރަންބީރާއެކު "ޔޭ ޖަވާނީ ހޭ ދިވާނީ" އާއި "ތަމާޝާ" ކުޅެފަ އެވެ.

"ތަމާޝާ"ގެ ޑައިރެކްޓަރު އިމްތިޔާޒު އަލީ ދާދިފަހުން ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި "ތަމާޝާ"ގެ ކުރިން ވެސް ދީޕިކާ އާއި ރަންބީރު އެކުގައި ފިލްމު ކުޅެން ވަރަށް ބޮޑަށް ބޭނުންކަން އޭނާއަށް އެނގެ އެވެ. އަދި އެމީހުންގެ ލޯބީގެ ހަޔާތަށް ކޮންމެ ގޮތެއް ދިމާވިޔަސް އެކުގައި ފިލްމު ކުޅުމުގެ ޝައުގުވެރިކަން އެމީހުންގެ އަދިވެސް އެބަހުއްޓެވެ.

"އެމީހުން ފިލްމަށް އެކްޓިން ކުރާއިރު އެ ކުރަން އޮތް ގޮތަކަށް ވަރަށް ފުރިހަމައަށް އެކްޓްކުރާނެ. އެމީހުންގެ އަމިއްލަ ދިރިއުޅުގައި ދިމާވެފައިވާ ކަންކަމަކަށް ނުވިސްނާނެ،" އިމްތިޔާޒު ބުންޏެވެ.

އިމްތިޔާޒު ބުނި ގޮތުގައި ކުރިޔަށް އޮތް ތަނުގައި ވެސް އެކުގައި ފިލްމު ކުޅުމުގެ ޝައުގުވެރިކަން ދީޕިކާ އާއި ރަންބީރުގެ އެބަހުއްޓެވެ. އަދި އެފަދަ ފިލްމެއް ލިބޭނެ ދުވަހަކަށް އެމީހުން އިންތިޒާރުވެސް ކުރެ އެވެ.