ބޮލީވުޑް

"ބްރަމަސްތުރަ": ރަންބީރުގެ މަންމަގެ ބައި ކުޅެނީ ދީޕިކާތަ؟

ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ "ބުރަމަސްތުރަ" ހުކުރު ދުވަހު ރިލީޒްކޮށްފައިވާއިރު އިންޑިއާ އާއި ދުނިޔޭގެ ގިނަ ގައުމުތަކުން މި ފިލްމަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ފިލްމުގެ ވާހަކައާއި ޑައިލޯގާ މެދު ފިލްމު ބެލި މީހުންގެ ޚިޔާލު ވަރަށް ބޮޑަށް ތަފާތު ވެފައިވީނަމަވެސް ވީއެފްއެކްސްގެ މޮޅުކަމަށް އެންމެން ވެސް ތައުރީފުކޮށްފައި ވެއެވެ.

އަދި ފިލްމުގައި މެހެމާނުންގެ ރޯލު އަދާކޮށްފައިވާ މަޝްހޫރު އެކްޓަރުން ހިމެނުމަކީ ވެސް ވަރަށް ގިނަ ބަޔަކު ފާހަގަކުރަމުންދާ ކަމެކެވެ. އެގޮތުން ޝާހްރުކް ޚާންގެ ފެނިލުމަށް ބޮޑު ތަރުހީބެއް ލިބުނުއިރު ފިލްމުގައި ރަންބީރުގެ މަންމަގެ ކެރެކްޓާ ކުޅެފައިވަނީ ދީޕިކާ ޕަދުކޯން ކަމަށްވެސް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ފިލްމާއި ދީޕިކާއާ ގުޅުވައިގެން މިހާތަނަށް އެއްވެސް ޚަބަރެއް އަޑު އަހާފައިނުވާތީ ގިނަ ބަޔަކަށް މިއީ ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް ވެސް ވަނީ ވެފަ އެވެ. އަދި މި ފިލްމުން ފެންނަނީ ހަމަ ހަގީގަތުގައި ވެސް ދީޕިކާ ތޯ ވެސް އެއްބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

ރަންބީރުގެ ކެރެކްޓާ، ޝިވާގެ މަންމަ އޭނާ ވަރަށް ކުޑައިރު މަރުވެފައިވާ ކަމަށް ފިލްމުގައި ދައްކަ އެވެ. އަދި އޭނާގެ އުމުރުން އެއް އަހަރުގައި މަންމަ މަރުވަނީ އަލިފާނުގެ ހާދިސާއެއްގައި ކަމަށްވެސް ފިލްމުގައި ރަންބީރުގެ ކެރެކްޓާގައި ބުނެ އެވެ.

އޭނާގެ މާޒީގެ މި ސަފުހާތައް ރަންބީރު ކިޔައިދެމުންދާއިރު ތުއްތު ޝީވާ އުރައިގެން ހުރި އަންހެނެއްގެ ހިޔަނި ފިލްމުގައި ފެނެ އެވެ. އަދި ސިކުންތެއްހާ އިރުކޮޅަކަށް އެ އަންހެން މީހާގެ ސޫރަ ފެނިފައިވާ ކަމަށާއި އެ ސޫރަ ދީޕިކާއާ ވަރަށް ވައްތަރު ކަމަށްވެސް ފިލްމު ބެލި މީހުން ބުނެފައި ވެއެވެ.

މި ޚަބަރަށް ކޮމެންޓުކުރި އެކަކު ބުނި ގޮތުގައި ފަހަރެއްގައި އަމްރިތާގެ ރޯލު ދީޕިކާ ކުޅެފައި އޭނާގެ ފިރިމީހާ ދޭވްގެ ރޯލު ރަންވީރު ސިންގް ކުޅެނީ ކަމަށް ވެދާނެ އެވެ. އަދި ފިލްމުގެ ޑައިރެކްޓަރު އަޔާން މުކަރުޖީގެ މަންމަ އާއި ބައްޕަ އަށް ކިޔަނީ އަމްރިތާ އާއި ދޭވް ކަން ވެސް މި މީހާ ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް މިހާތަނަށް ފިލްމު ބެލި މީހުންގެ 99 ޕަސެންޓް މީހުންނަށް މި މަންޒަރު ފެނިފައެއް ނުވެ އެވެ.

ސަބަބަކީ މި މަންޒަރު ފެންނަނީ ހަމައެކަނި އިމެކްސް ޕްރިންޓް ދެއްކި ތިއޭޓަރުތަކުން އެކަނި ކަމަށް ވާތީ އެވެ.

މި ފިލްމުގައި ރަންބީރުގެ މަންމަގެ ރޯލު ކުޅެފައިވަނީ ހަގީގަތުގައި ވެސް ދީޕިކާ ނަމަ މި ފިލްމުގެ ދެވަނަ ބައިގައި ދީޕިކާ ލީޑް ރޯލު ކުޅުން އެކަށީގެންވާތީ އެ ފިލްމަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރާ ކަމަށްވެސް ބައެއް ފޭނުން ވަނީ ބުނެފަ އެވެ.