ރަންބީރު ކަޕޫރާއި ދީޕިކާ ޕަދުކޯނަކީ އެއް އިރެއްގައި ވަރަށް ގަދަޔަށް ލޯބިވެގެން އުޅުނު ދެ ލޯބިވެރިންނެވެ. އިންޑިޔާގެ ބައެއް ނޫސްތަކުގައިވާ ގޮތުން މި ދެ އެކްޓަރުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ އެ ދެ ތަރިން އެކުގައި ކުޅުނު "ބަޗްނާ އޭ ހަސީނޯ" ގެ ސެޓުގަ އެވެ. ދާދި އަވަހަށް މި ޚަބަރު އެންމެންނަށް އެނގުނެވެ.
ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އެމީހުން ރުޅިވި ވާހަކަ އިވެން ފެށި އެވެ. އަދި ރަންބީރު އާއި ކެޓުރީނާ ކައިފްގެ މެދުގައި ލޯބީގެ ކަނިތައް ބުރަމުންދާ ކަމުގެ ހަބަރުތައް ލިބެން ފެށި އެވެ.
އެހާ ލޯބިން އުޅެފައި ކުއްލިއަކަށް ރަންބީރާއި ދީޕިކާ ރުޅިވީ ކީއްވެ ހެއްޔެވެ؟ ދީޕިކާ ވަނީ އޭނާ އާއި ރަންބީރު ވަކިވާން ޖެހުނު ސަބަބު ކިޔައިދީފަ އެވެ.
ވާވް މެގަޒިންއަށް 2011 ގައި ދީޕިކާ ދީފައިވާ އިންޓަވިއު އެއްގައި ދީޕިކާ ވަނީ ރަންބީރުގެ ނަން ސީދާ ނުބުނެ އޭނާ ރަންބީރު އާ ރުޅިވާން ޖެހުނު ސަބަބުތައް ކިޔައިދީފަ އެވެ. ދީޕިކާ ބުނި ގޮތުގައި އޭނާ ރައްޓެހިވީ އެއްވެސް މީހަކަށް އޭނާ ބޭވަފާތެރިއެއް ނުވެ އެވެ. އަދި ނުވެސް ވާނެ އެވެ.
"ސިންގަލްކޮށް ހުރެގެން މަޖާ ކުރަން ބޭނުމިއްޔާ ލޯބީގެ ގޮތުން ގުޅޭނެ ކަމެއް ނެތް. މިއީ އަހަރެން ގަބޫލު ކުރާ ގޮތް. ނަމަވެސް މިއީ ހުރިހާ އެންމެން ގަބޫލުކުރާ އުސޫލެއް ނޫން. މާޒީގައި އަހަރެންގެ ހިތް އެހާ ބޮޑަށް ހަލާކުވީ އަހަރެން މިގޮތަށް ގަބޫލުކުރާތީ ކަމަށް ވެދާނެ. އޭނާ އާދޭސް ކުރި ވަރުން ދެ ވަނަ ފުރުސަތެއް ދެވުނީ ވެސް އަހަރެންގެ މޮޔަ ކަމުން. އަހަރެން އޭނަ ރެޑް-ހޭންޑްކޮށް ހިފީ. އެއަށްފަހު ރުޅިވީ. އެ ގުޅުން ކަނޑާލުމުން އަހަރެންނަށް ވަރަށް ހިތާމަ ލިބުނު. ނަމަވެސް ދެން ދުވަހަކު ވެސް އަލުން އޭނާއާ ނުގުޅެން އަހަރެން އެ ފަހަރު ނިންމިން،" ދީޕިކާގެ އިންޓަވިއުގައި ބުނެފައި ވެއެވެ.
ރަންބީރު އާ ރުޅިވާން ނިންމީ ދީޕިކާ ނަަމަވެސް އެކަމުގެ ސަބަބުން އޭނާއަށް ފުން އަސަރުތަކެއް ކޮށް ޑިޕްރެޝަންގެ ޝިކާރައަކަށް ވެގެން ވެސް ގިނަ ދުވަސް ތަކަކު އުޅެން ޖެހުނެވެ.
ރަންބީރު އޭނާއަށް ބޭވަފާތެރިވީ ގޮތުގެ ވާހަކަތައް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ދީޕިކާ ދައްކާފައި ވެއެވެ.
"ފުރަތަމަ ފަހަރަށް އޭނާ އަހަންނަށް ބޭވަފާތެރިވީ ފަހަރު އަހަރެން ހީކުރީ އަހަރެންގެ ނުވަތަ އަހަރެމެންގެ ގުޅުމުގައި މައްސަލައެއް އުޅެނިއްޔޭ. ނަމަވެސް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ތަކުރާރުކޮށް ބޭވަފާތެރިވާން ފެށުމުން މައްސަލަ އުޅެނީ އަހަރެންގެ ނޫންކަން އޭނާގެ ކަން ގަބޫލު ކުރެވުނު. އަހަރެން އެ ގުޅުން ދެމެހެއްޓޭތޯ ވަރަށް މަސައްކަތް ކުރިން. އޭގެ ބަދަލު އަހަންނަށް އެއްވެސް ވަރަކަށް ލިބޭނެ ކަމުގެ އުންމީދެއް ވެސް ނުކޮށް،" ދީޕިކާ ބުންޏެވެ.
ދީޕިކާ ބުނި ގޮތުގައި ކޮންމެ ގޮތެއް ވިޔަސް ވަކިވާން ނިންމީ ބޭވަފާތެރިވެ މަކަރު ހަދާކަން ޔަގީންވީމަ އެވެ. އެފަދަ ކަމެއް ދިމާވުމުން ލޯބިވެރިޔާއަށް ކުރާ އިހުތިރާމް ވަޔަށް އަރައިގެން ދާ ކަމަށާއި އިތުބާރު ގެއްލި އެ ގުޅުމުގެ ބިންގަލަށް ލޮޅުން އަރާކަމަށް ވެސް ދީޕިކާ ބުންޏެވެ.
ދީޕިކާ ބުނި ގޮތަށް އޭނާ ރަންބީރު އާ ދިމާލަށް އެންމެ ފަހަރަކު ވެސް އެނބުރި ބައެއް ނުލަ އެވެ. އެންމެ ފަހުން ރަންބީރު ދީޕިކާ އާ ރުޅިވެފައި ރައްޓެހިވީ އޭނާ އެ ބަތަލާއަކާ އެކު ލޯބީގެ ގުޅުމެއް ބާއްވަނިކޮށް ދީޕިކާ ރެޑް-ހޭންޑްކޮށް ހިފި އެކްޓަރު ކެޓުރީނާ އާ އެވެ. ނަމަވެސް ހަތް އަހަރު ފަހުން މި ފިލްމުވެސް ނިމުނީ ދެރަ ނިމުމަކުންނެވެ.