ބޮލީވުޑް

ހައަހަރު ފަހުން ދީޕިކާއާ ރަންބީރު އެކުގައި ފެނިލަނީ

މި އަހަރުގެ ފިލްމުތަކުން އެކުގައި ފެންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރީ ދީޕިކާ އާއި ރަންވީރުގެ ޖޯޑެވެ. މިދޔަ އަހަރު ފަހުކޮޅު ކުރި ކައިވެންޏަށްފަހު، ފިލްމުތަކުގެ މަސައްކަތްތައް ދެމީހުން ވެސް ވަނީ ފަށާފަ އެވެ. އެކަމަކު، އެންމެންގެ އުއްމީދުތަކާ ހިލާފަށް އެންމެ އަވަހަށް ދީޕިކާ ފެންނާނީ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއެކީ ލަވް ރަންޖަންގެ ފިލްމެއްގަ އެވެ.

ދީޕިކާ ޕަޑުކޯން އާއި ރަންބީރު ކަޕޫރުގެ ޖޯޑަކީ އެއްއިރެއްގައި އެންމެންގެ ވެސް "ފޭވަރިޓް ކަޕުލް" އެވެ. ފިލްމު "ޔޭ ޖަވާނީ ހޭ ދިވާނީ" ގެ ކާމިޔާބަށްފަހު ސްކްރީނުތަކުން މި ޖޯޑު ގެއްލުނަސް ލަވްރަންޖަންގެ ފިލްމުން ބެލުންތެރިންނަށް މި ޖޯޑު އެކުގައި ފެންނާނެ ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ޔަގީންކަން ދެ އެވެ.

ދީޕިކާ އާއި ރަންބީރު އެކުގައި ފެންނަ ލަވްރަންޖަންގެ ފިލްމުގައި ރަންބީރުގެ އިތުރުން، އަޖޭ ދޭވްގަން ވެސް ފެންނާނެ އެވެ. މި ފިލްމުގައި ދީޕިކާ ކުޅޭނީ ވަރުގަދަ އަންހެނެއްގެ ރޯލެވެ. އަދި މި ފިލްމަށް އެއްބަސް ވުމުގެ ސިއްރަކީ މިއީ ކަމަށްވެސް ބެލެވެ އެވެ. ފިލްމުގެ ޝޫޓިންގ ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި ހިސާބުގަ އެވެ.

ދީޕިކާ އާއި ރަންބީރު އަކީ ބޮލީވުޑްގައި އުފެދުނު އެންމެ ލޯބި އެއް ޖޯޑެވެ. މި ގުޅުން ނިންމާލައި ދީޕިކާ ކައިވެނި ކުރި އިރު ރަންބީރު ކަޕޫރު މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބަތަލާ އާލިއާ ބަޓްއާ އެވެ. އަދި މި ފިލްމަށް އެއްބަސްވުން މިއީ ދީޕިކާ އާއި ރަންވީރު ނިންމި ވަރަށް ޕްރޮފެޝަނަލް ނިންމުމެއް ކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެ އެވެ.