އައްޑު އަތޮޅަކީ އިހުގައި ފުޓަބޯޅައިގެ ފޯރި ގަދަ ހިސާބެކެވެ. ގައުމީ މުބާރާތް ވެސް އައްޑޫގައި 1970ގެ އަހަރުތަކުގައި ބޭއްވި އެވެ. މަޝްހޫރު ޑީއެންސީ ފުޓްބޯޅަ ކުލަބުގެ އިތުރުން އެތަކެއް މޮޅު ކުޅުންތެރިންނެއް ވެސް އައްޑޫން އުފެދުނެވެ. ރާއްޖޭގެ މަޝްހޫރު ކުލަބުތަކުގައި ވެސް އައްޑޫގެ ކުޅުންތެރިން ވިދާލި އެވެ. އައްޑޫ ވިޔަފާރިވެރިން މާލޭގެ ފުޓްބޯޅަ ކުލަބުތަކަށް ހަރަދުކުރަމުން އައި ހޭދަ ހުއްޓާލައި އައްޑު އަށް ނިސްބަތްވާގޮތަށް އައިއެފްސީ ކިޔާ ކުލަބެއް ވެސް ހެދި އެވެ. ހައެއްކަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވެސް ވާދަކުރި އެވެ. އޭގެ ފަހުން އައްޑު އަށް ނިސްބަތްވާ އެފްއޭއެމުގެ މިހާރުގެ ރައީސް މުހައްމަދު ޝަވީދު އިސްކޮށްހުރެ ވީބީ އުފައްދައިގެން ވެސް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އެވެ.
މި ހުރިހާ ސަބަބުތަކާހުރެ މާލެ ފިޔަވައި ފުޓްބޯޅައިގެ އެންމެ ބޮޑު އަދި ދިގު ތާރީހެއް އޮތް ބަޔަކީ މިހާރުގެ އައްޑޫސީޓީ އެވެ. ސަރުކާރުން އެންމެ ފުރަތަމަ ޒޯން ސްޓޭޑިއަމްތައް އަޅަން ފަށައި އެންމެ ފުރަތަމަ ދަނޑެއް އަޅައިދިނީ ވެސް އައްޑޫގަ އެވެ. އެ ދަނޑު ތަރައްގީކޮށް، ރާއްޖޭގައި މިހާތަނަށް ބޭއްވި ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ޗެލެންޖް ކަޕުގެ ގްރޫޕް ބީގެ މެޗުތައް ކުޅުވީ ވެސް އައްޑޫ ފުޓްބޯޅަ ދަނޑުގަ އެވެ. ފުރަތަމަ ފަހަރަށް އެފްއޭއެމުގެ ގޮތްޕެއް ގާއިމް ކުރީ ވެސް އައްޑޫގަ އެވެ.
މިހިރަ އެތައް މުހިންމު ސަބަބުތަކާހުރެވެސްމެ އެންމެ ފަހުން އެތައް އަހަރަކަށް ފަހު ޕްރެޒިޑެންޓްސް ކަޕް ނުވަތަ ރާއްޖޭގެ ފަހުރުވެރި ގައުމީ މުބާރާތް ބާއްވަން އެފްއޭއެމުން ނިންމީ ހދ. ކުޅުދުއްފުއްޓާއި އައްޑޫގަ އެވެ. މުބާރާތުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު ކުޅޭން ހަމަޖެއްސީ ވެސް އައްޑޫގަ އެވެ. އެކަމަކު ޗެމްޕިއަން ޓީމަށް ރައީސުލްޖުމުހޫރިއްޔާގެ ވާދައިގެ ތަށި ލިބޭ މި މުބާރާތް އައްޑޫގައި ބާއްވަންޖެހޭ ސަބަބެއް މުބާރާތް ކުރިއަށްދާއިރު އެސިޓީއަކުން ނުފެނެ އެވެ. ކީއްވެ ހެއްޔެވެ؟
ގަން އިންޓަނޭޝަނަލް އެއާޕޯޓުން ފެށިގެން އައިސް އައްޑޫ ރަސްމީ ފުޓްބޯޅަ ދަނޑު ހުރަސްކޮށް ހިތަދޫގައި އަޅުގަނޑު ހުންނަ ގެއާ ހަމައަށް ހަމައަށް ދިޔައިރު ވެސް މުބާރާތް ކުޅޭ ކަމުގެ ހިލަމެއްވެސްނުވެ އެވެ. ރާއްޖޭގެ ފަހުރުވެރި ތާރީހެއް އޮތް ދެ ޓީމު ކަމަށްވާ އަދި އައްޑޫގެ އެތައް ކުޅުންތެރިންނެއް އެ ދެކުލަބަށް ކުޅެފައިވާ މަޝްހޫރު ވިކްޓަރީ އާއި ވެލެންސިއާ އަދި މިހާރު އެންމެ މޮޅު ކުޅުންތެރިން ގިނަ މާޒިޔާ އާއި ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ އީގަލްސް ހިމެނޭ ގްރޫޕުގެ ފުރަތަމަ ދެ މެޗު ނިމިގެންދިޔައިރު ކުޅިބަލަން ދަނޑަށް ދިޔަ މީހުންގެ އަދަދު ހާހަކަށް ނާރާނެ އެވެ. މިވީ ކީއްހެއްޔެވެ.
"މީހުންނަކަށް ނޭނގެ (ޕްރެޒިޑެންޓްސް ކަޕް) އޮތް ކަމެއް. އެންމެން ވެސް ހީކުރަނީ މިނިވަން50 މުބާރާތަށް އައިސްގެން އުޅޭ ބައެއް ކަމަށް. އަހަންނަށް ވެސް ކުރިން ހީވެފައި އޮތީ އެހެން،" އެހެން ޑްރައިވަރަކު ބުންޏެވެ.
އެކަމަކު މުބާރާތް އޮތްކަން އެނގޭ ޓެކްސީ ޑްރައިވަރަކާ އަޅުގަނޑާ ދިމާވި އެވެ. އޭނާ އަކީ ވަރަށްބޮޑަށް ހަބަރާއި ފުޓްބޯޅަ ބަލައި ހަދާ މީހެއްކަން އޭނާއާ އަނގަތަޅާލުމުން އެނގުނެވެ.
"ނޫނޭ މުބާރާތް އޮތްކަން އެނގޭ. އަބަދު ހަބަރުތަކުން ގޮވާވިއްޔާ. އެކަމަކު ކިހިނެތް ތިތަނަށްދާނީ. މިހާރު އެހާ ފުޓްބޯޅަ ފޯރި މިރަށުގައި ވެސް ނެތް. މީހުން ނޫޅޭ އެހާވަރަކުން. ގިނަ ޒުވާނުން ވެސް އެއުޅެނީ މިނިވަން50 މުބާރާތް އޮތީމަ އެކަމަކާއިގެން ހަވީރު. ކުރިން މި ރަށުގައި ވެލެންސިއާގެ ސަޕޯޓަރުން ވަރަށް ގިނަވާނެ. އެއީ ހިޔަލީމެން (ރައްޔިތުންގެ މަޖިލީހުގެ އައްޑުއަތޮޅުގެ ކުރީގެ މެމްބަރު އަދި ވެލެންސިއާގެ އެއް މުއައްސިސް ހިޔަލީ މުހައްމަދު ރަޝީދު) ވެލެންސިއާ ގެންގުޅުނު ދުވަސްވަރުން ފެށިގެން އޮތް ފޯރިއެއް. އައްޑޫގެ ވަރަށް ގިނަ ކުޅުންތެރިން ވެސް ވެލެންސިއާ އަށް ކުޅުނުވިއްޔާ. އެކަމަކު މިހާރު އެޔަށް (ވެލެންސިއާއަށް) ކުޅޭ މީހަކު އަހަރުމެންނަކަށް އެނގެނީއެއްނޫން،" އަހުމަދުކިޔާ ޑްރައިވަރު ބުންޏެވެ.
އެއީ ތެދެކެވެ. ދާދި ފަހުން ކުޅުން ހުއްޓާލުމަށްފަހު ރަށަށް ދިރިއުޅުން ބަދަލުކޮށްގެންތިބި ކުރީގެ ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ ޝަމްވީލް ގާސިމް (ބޮންޑާ) އާއި އަހުމަދު ސައީދު (އައްމަޓީ) އާއި 80ގެ އަހަރުތަކުގައި ވިދާކު އުދުހޭ މުފީދު ފަދަ ކުޅުންތެރިން މެޗުތައް ކުޅޭއިރު ދަނޑުން ނުފެނެ އެވެ.
އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އައްޑޫ މީހަކު ބުނީ މައްސަލައަކީ ފުޓްސަލްގެ ފޯރި ގަދަވުން ކަމަށެވެ.
"މިރަށުގައި ބޮޑު ދަނޑުގައި ނުކުޅޭތާ އެތައް ދުވަހެއްވެއްޖެ. މިހާރު އެންމެންވެސް ކުޅެނީ ފުޓްސަލް. ބަލާ (ކޮންމެ އަހަރަކު ރޯދަ މަހު ބާއްވާ) ގޯދިއްޔަ (ފުޓްސަލް މުބާރާތް) ކުޅޭއިރު މީހުން އޮވޭ. ދެން މިތަނުގައި ޒުވާނުންގެ މަރުކަޒުގައި އެހެރަ ކުޅެނީ އަންހެނުން އެކި ކުޅިވަރުތައް. ބަލަން ބައިވަރު މީހުން އޮވޭ. ސްޓޭޑިއަމަށް ނުދަނީ ނޭނގޭތީވެ. މިނިވަން50 ކުޅޭއިރު މިއަށްވުރެ ރަނގަޅުވާނެހެން ހީވަނީ،" މުހައްމަދު އަހުމަދު ކިޔާ ޓެކްސީ ޑްރައިވަރު ބުންޏެވެ.
އައްޑޫގެ ރަށްތައް މާސިންގާ ދިގު، ލިންކުރޯޑަކުން ގުޅާލާފައި އޮތުމަކީ އެއްރަށުން އަނެއް ރަށަށް ހާއްސަކޮށް ދުރު ހިސާބުތަކަސް ފަސޭހައިން ދަތުރުކުރެވެން އޮތް ފަސޭހަ މަގެކެވެ. އެކަމަކު ކުޅިބަލާ މީހުން މަދުވުމާ އެކަމާ ވަރަށް ބޮޑު ގުޅުމެއް އޮތް ކަމަށް އައްޑޫގައި ގާއިމް ކޮށްފައިވާ ފުޓްބޯޅަ އެސޯސިއޭޝަންގެ ގޮފިން ގަބޫލުކުރެ އެވެ.
"މީހުން އައުމުގައި ދަތުރު ފަތުރުގެ އަގަކީ ވަރަށް މުހިންމު އެއްޗެއް. މިހާރު (ހިތަދުއާ) އެންމެ ކައިރީގައި މި އޮތް މަރަދޫގައި ހުރެފައި ހިތަދުއަށް މިއާދެވެނީ 130ރ. އަށް (ޓެކްސީގައި) އެހެން ހިސާބުތަކުގައި އެއަށްވުރެ އަގުބޮޑުވާނެ. ސިޓީ (ހިތަދޫ) ތެރޭގައި ދަތުރެއް މިކުރަނީ 25ރ. އަށް. މިހެންވީމަ މީހުން ބޭނުމެއްނުވޭނެ އަންނަވެސް އެހާބޮޑު ހަރަދެއްކޮށްލާފައި. އެކަމަކު ކުރިން އޮތް ގޮތަށް ފަބްލިކް ޓްރާންސްޕޯޓް މިބުނީ ބަހުގެ ހިދުމަތް އޮންނަ ކަމަ 11 ނުވަތަ 12 ރުފިޔާ އަށް މި ހިސާބަށް އާދެވޭނެ. އެއީ ދަނޑަށް އަންނަ މީހުން މަދުވާ ސަބަބެއް،" ހިތަދޫ ފުޓްބޯޅަ އެސޯސިއޭޝަނުގެ އޮފިޝަލަކު ބުންޏެވެ.
އެފްއޭއެމުގެ ހިތަދޫ ގޮފީގެ އިސް ބޭފުޅަކަށް ހުންނެވި އަހުމަދު ޝަރީފް ނުވަތަ ޑުންގާ ވިދާޅުވީ މިނިވަން50 ޗެމްޕިއަންޝިޕާއި ގައުމީ މުބާރާތް ބާއްވާ ދުވަސްވަރު ދިމާވުމުން އޭގެ ނޭދެވޭ އަސަރު ޕްރެޒިޑެންޓްސް ކަޕަށް ކުރަމުން އަންނަ ކަމަށެވެ.
"ހުރިހާ ޒުވާން ކުޅުންތެރިން މިއުޅެނީ އެކަމާހެދިގެން. އެމީހުން އޮފީސްތައް ނިންމާފައި ޕްރެކްޓިސް ކުރަންދާނީ ހަވީރު. އަނެއްކާ އެ މުބާރާތް ފަށަން މިހާރު ދެތިން ދުވަސް މިއޮތީ. އެ މެޗުތައް ކުޅޭނީ ކޮންމެ ރަށެއްގެ ރަސްމީ ދަނޑުގައި. އެހެންވީމަ އެރަށެއްގެ ޓީމު ކުޅޭތަން ބަލަން އެތަނަށް މީހުން އެއްވާނީ. މި ދަނޑަށް މީހުން މަދުވާނެ. އެހެންވީމަ އޭގެ އަސަރު ވަރަށް ބޮޑަށް ކުރޭ،" ޑުންގާ ވިދާޅުވި އެވެ.
އައްޑޫގެ ކުރީގެ ބައެއް ކުޅުންތެރިންނަށް ދައުވަތުދީގެން މެޗުތައް ޝަރަފުވެރިކުރުވަން ގެނައުން ފަދަ މުހިންމު މަސައްކަތްތައް މިހާރު ވެސް ޑުންގާމެންދަނީ ކުރަމުންނެވެ. އެކަމަކު ޕްރެޒިޑެންޓްސް ކަޕް ކުޅެން ރާއްޖޭގެ މަޝްހޫރު ޓީމުތަކާއި ކުޅުންތެރިންނާއި ކޯޗުން އައްޑުއަށް ގޮސްގެންއުޅޭކަން ފަހުރުވެރި ގައުމީ ތަށީގެ އެއްފަޅީގައި އަތްޖައްސާލުމުގެ ފަހުރު މ ލިބިފައިވިތިބި އައްޑޫގެ ގިނަ ރައްޔިތުންނަކަށް ނޭނގެ އެވެ.