އުމަރު ނަސީރު

ހަމީދުގެ މައްސަލަ ބަލަން އިމްރާން އަންގަންޖެހޭނެ: އުމަރު

ކޮމިޝަނާ އޮޕް ޕޮލިސް މުހައްމަދު ހަމީދާ ގުޅޭ ގޮތުން ކުރެވޭ ތުހުމަތުތައް ބަލަން ނޭޝެނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މައްސަލަ ހުށައަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް ސަރުކާރަށް އިންޒާރު ދިން މީހުން، ޓްވިޓާގައި އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ހަމީދު އޭނާގެ އަންހެނުންނާއެކު ނައިޓް ކްލަބެއް ފަދަ ތަނެއްގައި ޕާޓީ ކުރަމުންދާ ތަނެވެ. މި ފޮޓޯތަކާ ގުޅިގެން ހަމީދު ވެސް އަދި ސަރުކާރުން ވެސް މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި މިއީ ކޮން އިރެއްގެ ފޮޓޯތަކެއް ކަމެއްވެސް ސާފުވެފައެއް ނުވެއެވެ. ނަމަވެސް މި ފޮޓޯތަކާ ގުޅިގެން ހަމީދަށާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

ހަމީދުގެ އަނބިކަނބަލުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ކޮއްކޯފުޅެވެ. އަދި، ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅެކެވެ.

މި މައްސަލަ ބަލަން ގިނަ ބަޔަކު ގޮވާލަމުން ދާއިރު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ޕޮލިސް ކޮމިޝަނަރާ އާއި ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުން ދާ ފޮޓޯތަކާ ވީޑިޔޯއާ ގުޅިގެން ހޯމް މިނިސްޓަރު، އެމަނިކުފާނު ކުރައްވާފައިވާ ހުވަޔާ އެއްގޮތަށް އަމަލު ކުރައްވަން ޖެހިވަޑައި ގަންނަވާނެ ކަމަަށެވެ.

ދިވެހި ފުލުހުންގެ ގާނޫނުގެ 23 ވަނަ މާއްދާ އާއި އެއްގޮތަށް އެ މައްސަލަ ބަލަން، އެންއައިސީ އަށް މިނިސްޓަރު އިމްރާން މައްސަލަ ފޮނުއްވަން ޖެހިވަޑައިގަންނަވާނެ ކަމަަށްވެސް އުމަރު ވިދާޅުވި އެވެ.

އުމަރު ވަނީ އެމަނިކުފާނުގެ ވަޒީރު ކަމުުގައި ހިނގައިދިޔަ ބައެއް ކަންކަމާއި ގުޅިގެން ބައެއް ފުލުހުންގެ މައްސަލަ ބަލަން ވެސް ފޮނުވި ކަމަށް ވިދާޅުވެފަ އެވެ.

"މަޖީދީމަގުގައި ހުރި ރުއްތަކެއް ފުލުހުންގެ ބަޔަކު ކެނޑިކަމަށް ތުހުމަތު ކުރެވުނު ދުވަހު، މީގެ ކުރިން މިނިސްޓަރު ކަން ކުރެއްވި ބޭފުޅަކު ވަނީ، މި ގާނޫނުގެ ދަށުން އެ މައްސަލަ ބެލުމަށް އެ ކޮމިޝަން އަށް މައްސަލަ ފޮނުއްވާފައި. އަދި އެހެން ވަޒީރަކު އެކަމުގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވުނު ވަގުތު، އެތައް ފިއްތުން ތަކެއްގެ ކުރިމަތީ ފަހަތަށް ނުޖެހި، އެ ވަޒީރުގެ މައްސަލަ ވެސް ތަހުގީގު ކުރުމަށް ފުލުހުންނަށް ލިޔުމަކުން އަމުރު ކޮށްފައި.” ރައީސް ޔާމީންގެ ދައުރުގައި ހިނގާދިޔަ ބޮޑެތި ބައެއް ކަންކަން ހަނދާން އާ ކުރައްވާ އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ހޯމް މިނިސްޓަރު ކަން ކުރެއްވުމަކީ ތޯތޯ ކަމެއް ނޫން ކަމަށާއި ގާނޫނުގެ ކުރިމަތީ އެއްވެސް މީހަކު އިސްތިސްނާ ނުވާކަން އަމަލުން ދައްކުވައިދޭން ވާނެ ކަމަށެވެ. އަދި ކުރައްވާފައިވާ ހުވަޔާ އެއްގޮތަށް އަމަލު ކުރެއްވުމަށް ވެސް އޭނާ އިމްރާނަށް ގޮވާލައްވާފައި ވެއެވެ.

ހަމީދުގެ މައްސަލައާއި ގުޅިގެން އޭނާގެ ދިފާއުގައި ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވައި އެއީ އިހުލާސްތެރިއެއް ކަމަށް ވިދާޅުވެފައެވެ.

މި މައްސަލާގައި ފުލުހުންވެސް އަދި ހޯމް މިނިސްޓަރުވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި ސަރުކާރުގެ އިސްވެރިއަކުވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. މީހެ ކުރިން ހައްދުފަހަނައަޅާފައިވާ ލާދީނީ ޖަމާއަތް، އެމްޑީއެން އިން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން ހަމީދަށް ފާޑު ކިޔުން އަމާޒުވެ ހޫނު ފެނަށް ވެއްޓުނެވެ.