ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުރި ބޭފުޅަކު ރިޓަޔާކުރާ ނަމަ އެ ބޭފުޅަކު 30 އަހަރު ހިދުމަތް ނުކުރި ނަމަވެސް ރިޓަޔާމަންޓް އިނާޔާތުގެ ގޮތުގައި ގަނޑުކޮށް ފައިސާ ދޭއިރު ހިދުމަތުގެ މުއްދަތުގެ ގޮތުގައި 30 އަހަރު ގުނަން ކަނޑައަޅާ "ފުލުހުންގެ ރިޓަޔަމަންޓް ގަވާއިދު" އިސްލާހު ކޮށްފައިވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ހާއްސަކޮށް ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން ހާމަވެއްޖެ އެވެ.
"ފުލުހުންގެ ރިޓަޔަމަންޓް ގަވާއިދު" އިސްލާހުކޮށް އެ ގަވާއިދު ހޯމް މިނިސްޓްރީން ވަނީ ގެޒެޓްކޮށްފައެވެ. ގަވާއިދު އަލުން ގެޒެޓްކޮށްފައިވަނީ މުހިންމު ބައެއް ބަދަލުތަކާ އެކުގައެވެ. އެގޮތުން ރިޓަޔާ ކުރުމުން ފުލުހަކަށް އިނާޔަތް ލިބޭނީ މެދުނުކެނޑި ނުވަތަ މެދުކެނޑިގެން ވިޔަސް ޖުމްލަ 20 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ޖުމްލަ 20 އަހަރު ހިދުމަތް ކޮށްފައިވާ ފުލުހަކު ނިޔާވެއްޖެނަމަ ރިޓަޔާ ކުރުމަށް އެދިފައި ނުވިނަމަވެސް އެ މީހަކަށް އިނާޔަތް ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ގަނޑުކޮށް އިނާޔަތު ފައިސާ ދިނުމުގައި އަމަލުކުރާނެ ގޮތްތައްވެސް ވަނީ ތަފްސީލުކޮށްފައެވެ.
"ފުލުހުންގެ ރިޓަޔަމަންޓް ގަވާއިދު" ގައި ފުލުހުންގެ އެންމެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރިޓަޔާކުރާނަމަ ގަނޑުކޮށް ފައިސާ ދިނުމުގައި އަމަލު ކުރާނެ ގޮތްވެސް ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެއީ ވަރަށް ކުރީން ފެށިގެން ގަވާއިދުގައި ހިމެނިފައިވާ ބައެކެވެ.
ބައެއް ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުން ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުރި ބޭފުޅަކު ރިޓަޔާކުރާ ނަމަ އެ ބޭފުޅަކު 30 އަހަރު ހިދުމަތް ނުކުރި ނަމަވެސް ރިޓަޔާމަންޓް އިނާޔާތުގެ ގޮތުގައި ގަނޑުކޮށް ފައިސާ ދޭއިރު ހިދުމަތުގެ މުއްދަތުގެ ގޮތުގައި 30 އަހަރު ގުނަން ކަނޑައަޅާ "ފުލުހުންގެ ރިޓަޔަމަންޓް ގަވާއިދު" ވަނީ މި ފަހަރު އިސްލާހު ކޮށްފައެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ.
ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުރި ބޭފުޅަކު ރިޓަޔާކުރާ ނަމަ އެ ބޭފުޅަކު 30 އަހަރު ހިދުމަތް ނުކުރި ނަމަވެސް ރިޓަޔާމަންޓް އިނާޔާތުގެ ގޮތުގައި ގަނޑުކޮށް ފައިސާ ދޭއިރު ހިދުމަތުގެ މުއްދަތުގެ ގޮތުގައި 30 އަހަރު ގުނަން ކަނޑައަޅާ "ފުލުހުންގެ ރިޓަޔަމަންޓް ގަވާއިދު" އެކުލަވާލާފައިވަނީ 2008 ވަނަ އަހަރު އެވެ. މިފަހަރު އަލުން އެ ގަވާއިދު އެކުލަވާލިއިރުވެސް އެ މާއްދާއަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.