ކުޅިވަރު

ޕްރިމިއާ ލީގްގެ އެންމެ މޮޅު ޑިފެންޑަރަކީ ވެންޑައިކް

ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް އަކީ، އިނގިރޭސި ޕްރިމިއާ ލީގްގެ ތާރީހްގައި ފެނުނު، އެންމެ މޮޅު ސެންޓްރަލް ޑިފެންޑަރުގެ ގޮތުގައި ވާދަވެރި މެންޗެސްޓާ ސިޓީގެ ކުރީގެ ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ ސިފަ ކޮށްފި އެވެ.

ޖަނަވަރީ 2018 ގައި ސައުތުހެމްޓަން އިން 75 މިލިއަން ޔޫރޯގެ އަގަކަށް ލިވަޕޫލަށް ވެންޑައިކް ބަދަލުވި ފަހުން އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ އަހަރުގެ ބެލަންޑޯ އެވޯޑްގައި ވެންޑައިކް ވަނީ މަޝްހޫރު ލިއޮނަލް މެސީގެ ފަހަތުން ދެ ވަނަ ހޯދާފަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގް ލިވަޕޫލަށް ހޯދައި ދިނުމަށް ފަހު އޭނާ ވަނީ، ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެސީ އާ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު ހޯދާފަ އެވެ.

ބެލްޖިއަމްގެ އަންޑަލެކްޓްގައި ޕްލޭއާ ކޯޗެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ، ކޮމްޕެނީ ބުނީ ޕްރިމިއާ ލީގްގައި މޮޅު ޑިފެންޑަރުންތަކެއް ފެނިފައިވާ ކަމަށާއި އެހުރިހާ ޑިފެންޑަރުންނަށް ވުރެ އުހުގައި ހުރީ ވެންޑައިކް ކަމަށެވެ.

"ފަހަރެއްގައި މިއީ ބަލައިގަންނަށް އުނދަގޫ ކަމަކަށް ވެސް ވެދާނެ ސަބަބަކީ މި ޑިފެންޑަރުން ޕްރިމިއާ ލީގްގައި ހޭދަ ކުރި ވަރުގެ މުއްދަތެއް އޭނާ [ވެންޑައިކް] ހޭދަ ކޮށްފައި ނުވާތީ، ޖޯން ޓެރީ، ރިއޯ ފާޑިނަންޑް ވަނީ ޕްރިމިއާ ލީގްގައި ދިގު މުއްދަތެއް ހޭދަ ކޮށްފައި،" އިންޓަވިއުއެއްގައި ކޮމްޕެނީ ބުންޏެވެ. "އެހެންނަމަވެސް އޭނާ [ވެންޑައިކް] މިފަހުން ދެއްކި ކުޅުމަށް ބަލާއިރު ދައްކައި ދީފި އޭނާ ހުރީ އެންމެ އުހުގައި ކަން."

ކޮމްޕެނީ ބުނީ، ޑިފެންޑަރަކަށް މުޅި ޓީމަށް ތަފާތެއް ގެނެވޭނީ އެމީހެއްގެ ހުންނަ ކޮމިޔުނިކޭޝަން ލެވަލް އާއި އެހެން ކުޅުންތެރިންނާ މެދު އޮންނަ ކޮމްބިނޭޝަންގެ އިތުރުން ޓީމަށް ގެނެސްދޭ ވަރުގަދަ ކަމުން ކަމަށެވެ. ވެންޑައިކް ލިވަޕޫލަށް ބަދަލުވުމުގެ ކުރިން އެ ޓީމު އޮތް ހާލަތު ބަލައި އަދި އޭނާ އެ ޓީމަށް ބަދަލުވުމަށް ފަހު ޓީމަށް އައި ތަފާތު ބެލުމުން އެކަން ފެންނާނެ ކަމަށް، ސިޓީގެ ކުރީގެ ކެޕްޓަން ބުންޏެވެ.

"މި ސަބަބުތަކަށްޓަކައި އަހަރެން އިހްތިޔާރު ކުރަނީ އޭނާ [ވެންޑައިކް] ގެ ނަން." ޕްރިމިއާ ލީގްގެ އެންމެ މޮޅު ސެންޓަރަލް ޑިފެންޑަރުގެ މައުލޫއަށް އިންޓަވިއުގައި ވާހަކަ ދައްކަމުން ކޮމްޕެނީ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ލިވަޕޫލް އެއް ވަނައިގައި އޮތީ 25 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު އެވެ. އެ ޓީމުން ވަނީ ޖުމުލަ 82 ޕޮއިންޓް ހޯދާފަ އެވެ.