އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ އެންމެ ފުރަތަމަ މުބާރާތުން ކެޓި ދެ ޓީމަކަށް ވެލެންސިއާ އާއި މަހިބަދޫވެއްޖެ އެވެ.
ވެލެންސިއާ ކެޓީ އައްޑޫގައި މިއަދު ހަވީރު އީގަލްސް އަތުން 4-2އިން ބަލިވުމުންނެވެ. މަހިބަދޫ ކެޓީ ކުޅުދުއްފުށީގައި 1-0 އިން ބީޖީ އަތުން ބަލިވުމުންނެވެ.
ބާކީ އެއް މެޗު އޮއްވައި ވެލެންސިއާ މިއަދު އީގަލްސް އަތުން ބަލިވުމުން އެ ޓީމަށް ގްރޫޕް ބީގައި އަދި ޕޮއިންޓެއް ނުލިބެ އެވެ. ނަމަވެސް އީގަލްސް އެއްވަނަ އަށް ދިޔައީ ހަތަރު ޕޮއިންޓާއެކުގަ އެވެ. މި ގްރޫޕުގައި މާދަމާ ކުޅޭ މާޒިޔާ އަށް ތިން ޕޮއިންޓް އަދި ވިކްޓަރީ އަށް އެއް ޕޮއިންޓް އެބައޮތެވެ. މިހެންވުމުން މާދަމާގެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ވެލެންސިއާ އަށް ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގައި އީގަލްސްގެ ކެޕްޓަން އިސްމާއީލް އީސާ (މެސީ) އެވެ. މި ލަނޑަށް ފަހު މެޗުގެ ފީރި ގަދަވީ ފަހުހާފުގައި ވެލެންސިއާ އެޓޭކް ވަރުގަދަކޮށް ނަތިޖާ ހަމަހަމަކުރުމުންނެވެ. ވެލެންސިއާގެ ފުރަތަމަ ލަނޑު ޖެހީ އަރިމަތިން ލިބުނު ހުސް ފުރުސަތެއްގައި ކުރިއަށް އަރައި ހުސައިން ނިހާނެވެ. އޭނާ މި ލަނޑު ޖެހިތާ މިނިޓެއް ފަހުން އީގަލްސްގެ ސްޕޭން ފޯވަޑް ޖެރާޑޯ ޖިމެނޭޒް ރޭޔޭސް ލަނޑު ޖެހައި އަނެއްކާ ވެސް ލީޑު ނެގި އެވެ. އެކަމަކު އޭގެ މިނިޓެއް ފަހުން ވެލެންސިއާގެ ކެމަރޫން ފޯވަޑް ހަންސްލީ އަވީލޯ ގޯލު ޖަހައި ނަތިޖާ އެއްވަރުކުރި ނަމަވެސް ކައުންޓަ އެޓޭކްގައި އީގަލްސްގެ އިމްރާން ނަޝީދު އަނެއްކާ ވެސް ލީޑު ނެގި އެވެ. އަދި މެޗު ނިމެން ދެ މިނިޓަށްވީ ފަހުން އަހުމަދު ރިޒްވާން އީގަލްސްގެ ހަތަރުވަނަ ލަނޑު ޖެހި އެވެ.
މެޗަށް ފަހު އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ އޭނާގެ ޓީމު މި މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި މެޗުން މޮޅުވީ ކުރީ މެޗުގައި ހެދުނު މިސްޓޭކްސްތައް ރަނގަޅު ކުރުމުން ކަމަށެވެ.
"މިއަދު އީގަލްސް ބޯޅަ ކުޅެފި. ވަރަށް ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް ކުރި. ވަރަށް ހިތްހަމަޖެހޭ ކުޅުމާމެދު. މިއީ ވަރަސް ބޮޑު ހިތްހަމަޖެހުމެއް. އެއީ މި ނަތިޖާގެ ސަބަބުން މުބާރާތުގައި ދެމިތިބެވޭނެކަން ޔަގީންވެއްޖެމިއަދު،" ސާންތީ ބުންޏެވެ.
ނަމަވެސް ރެފްރީންގެ ފެންވަރާމެދު އޭނާ ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ވެލެންސިއާގެ ކޯޗު މުހައްމަދު އިގްބާލް ބުނީ އޭނާގެ ޓީމަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއްޓީމަށްވި ނަމަވެސް މިހާރުގެ ޓީމުގެ ހާލަތާއި ތިބި ކުޅުންތެރިންނަށް ބަލާއިރު މުބާރާތުން ކެޓުމުން މާޔޫސް ނުވާ ކަމަށެވެ.
"އެކަމަކު ޗާންސްލިބި، ލަނޑު ޖަހައި އޭގެ ބޭނުން ނުހިފުނީމަ ހިތްހަމަނުޖެހޭ އެތަންކޮޅުން. އަނެއްހެން މި ޓީމާއި ކުޅުންތެރިންނަށް ބަލާއިރު ރެގްރެޓެއްނުވޭ މި ނަތިޖާގެ ސަބަބުން،" އިގްބާލް ބުންޏެވެ.
އޭނާ ބުނީ ގިނަ ފަހަރަށް ގޯސް ހެދިފައިވަނީ ޓީމުގައި ތިބޭ އެންމެ ސީނިއާ ކުޅުންތެރިންގެ ފަރާތުން ކަމަށެވެ.
ކުޅުދުއްފުށީގައި ކުޅޭ ގްރޫޕުގައި މަހިބަދޫ އަށް ޕޮއިންޓެއް ލިބިފައިނުވާއިރު އަނެއް ތިން ޓީމަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މުބާރާތުގައި މާދަމާ ކުޅުދުއްފުށީގައި ކުޅެނީ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި ޓީސީ އެވެ. ނިއު ފުރަތަމަ މެޗުގައި މޮޅުވީ ބީޖީ އަތުންނެވެ. ޓީސީ މޮޅުވީ މަހިބަދޫ އަތުންނެވެ.