ވާހަކަ

ލޯބިން ބުނެލަން

(7 މެއި 2020 އާ ގުޅޭ)

"ހެނދުނު ތިކޮޓަރިއަށް ވެއްދި ކޮފީއަށްވީ ކިހިނެއް؟" ލައިރާ ދުލެއްނުކުރިއެވެ. ލައިތު ބަދިގެއަށް އައީ ކެންޒާ އެކަނި ހުންނާނޭ ކަމަށެވެ. ލައިރާ ފެނުމުން އޭނާ އެނބުރި ނުދާންވެގެން ކޮފީ މެޝިނު ކައިރީ ހުއްޓުނީއެވެ.

އެއްޗެއް ބުނަން އުޅޭ ފަދައަކުން ލައިރާއަށް ބަލާލާފައި ލައިތު ބަދިގެއިން ނުކުތީއެވެ. ކޮފީއެއް ހަދަން އުޅުނުހެން ހީވިޔަސް އެކަމެއް ވެސް އޭނާ ނުކުރިއެވެ. ލައިރާގެ އަނގައިން އަރައިގަތުމަށް ވާހަކަ ގިނަގުނަކުރުމުގެ ގަސްދު އޭނާގެ ނެތީއެވެ.

ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނިމުމާއެކު ލައިރާއާއެކު ކެންޒާ އައިސް އެލެވޭޓާއަށް އެރިއެވެ. ޚާދިމުންގެ ބައިން ކެންޒާ ބޭނުންކުރުމަށް ދެވިފައި ހުރި ކޮޓަރިއަށް ވަނުމަށް ލައިރާ ގަސްދުކުރިއެވެ. ނަމަވެސް އިލިޔާނާ ގާތަށް ދާން ޖެހިގެން އޭނާ އެލެވޭޓާއިން ނުނިކުމެ ދިޔައީ މައްޗަށެވެ.

ކޮލަޖަށް ދިއުމަށް ޔުނީފޯމް އަޅައިގެން ކެންޒާ ނުކުމެ އެލެވޭޓާ އަންނަން ދެން މަޑުކުރިއެވެ. މިއަދު އޮތް ކުލާސްތަކުގެ ތާވަލު ކެންޒާގެ ފޯނުން ބަލަމުންދަނިކޮށް އެލެވޭޓާ ހުޅުވުނެވެ. ވަގުތުން އޭނާ އެތެރެއަށް ދެމިގަތެވެ. މީހަކު ހުރިކަން އެނގުނުއިރު ފުރަތަމަ ވެސް ކެންޒާގެ ލޮލުގައި އަޅައިގަތީ ކޮޅުހިމަކޮށް ހުރި އޮފުއަރާ ކަޅުކުލައިގެ ބޫޓެވެ. އިސްއުފުލާލިއިރު ގަޔަށް ހިފާލާފައި ހުރި ހުދު ގަމީހާއި ކަނޑުނޫކުލައިގެ ހުރަސް ރޮނގެއް ދަމާފައި ހުރި ޓައިއެއް އަޅާފައި ހުރީ ލައިތުއެވެ. އޭނާގެ ތަރުތީބެއްނެތި ނިތްކުރި މައްޗަށް ވެއްޓިފައި އޮންނަ އިސްތަށިގަނޑު މައްޗަށް ވާހެން އޮމާންކޮށް ތަތްކުރެވިފައެވެ. އެތަނަވަސް ނިތްކުރިއާއި މޫނުގެ ފާޅުކަން ބޮޑެވެ. ދެ ޒުވާނުންގެ ނަޒަރު އަމާޒުވިހާ އަވަހަށް ނަޒަރު ވަކިކޮށްލީ ދެމީހުން އެކީގައެވެ. އެލެވޭޓާގެ ފިތްބަރިއަށް ބަލާލަފައި ލައިތުއާ ވީހާ ވެސް ދުރަށް ކެންޒާ ޖެހުނެވެ. އެލެވޭޓާގެ ލޯގަނޑުތަކެއް ފަދަ ބިތްތަކުން ދެ ޒުވާނުންނަށް ވެސް އެކަކުއަނެކަކު ފެނެއެވެ. ކެންޒާ ޖަހާފައި ހުރި ބޮޑީސްޕްރޭގެ ވަސް އަމިއްލަ ނޭފަތާވަކި މުޅިތަން އެއްވަސްކުރުވީ ފިރިހެންވަންތަ ލުއި ސެންޓެއްގެ ވަހުންނެވެ. ޖެހި ބުދެއްހެން ލައިތު ހުރިއިރު އޭނާއަށް ސިއްރުން ކެންޒާ ބަލާކަން ފާހަގަވިއެވެ. މޫނުމަތިން ފާޅުނުވި ނަމަވެސް ކެންޒާގެ އެ ހަރަކާތާމެދު ލައިތު ހިނިއައެވެ.

"ހެވިން ޑާޓީ ތޯޓްސް" ކުރިމަތިން ފެންނަން ހުރި ބިތުން ކެންޒާގެ ސޫރައަށް ބަލަން ހުރެ ލައިތު ބުންޏެވެ. ވަގުތުން ކެންޒާ ބަލާލީ ހައިރާންކަމާއި ސުވާލުގެ ބެލުމަކުންނެވެ. ލައިތު އެނބުރިލުމާއެކު ކެންޒާއާ ގާތަށް ފިޔަވަޅެއް އަޅާލިއެވެ.

"ރީތިވީތަ؟" ލައިތުގެ އަޑުގައިވީ މަލާމާތެވެ.

"އަމިއްލައަށް މީހާ ފެނިފަ ދޯ ތިހުރީ" ބުނާނޭ އެއްޗަކާމެދު ވިސްނަން ހުރެފައި ކެންޒާ ބުނެލިއެވެ. ލައިތުގެ މޫނުން ފާޅުވި އަސަރުން ކެންޒާގެ މަޤަޞަދު ހާސިލުވެއްޖެކަން ޔަގީންވިއެވެ. ލިބުނު ކުރިއެރުމުން އެއްމިޔަކަނުން ކެންޒާގެ ތުންފަތް ދެމިލިއެވެ. ލައިތުގެ ދެބުމަ ގޮށްޖަހާލިއެވެ. ހަމައެހާ އަވަހަށް އޭނާ ވެސް އެއްމިޔަކަނުން ހީނލައިފިއެވެ.

"ކީއްތިކުރަނީ؟" ކެންޒާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އޭރު ލައިތު ހުރީ ކެންޒާއާ ވަރަށް ގާތުގައެވެ. އެލެވޭޓާގެ ކަނަށް ކެންޒާ ޖެހިލީ ލައިތު މާކައިރިވީމައެވެ.

"އަމިއްލަ ސިފަ ދުށިންތަ؟" ލައިތު ބުނެލިއެވެ. ކެންޒާއަށް ހީވީ އޭނާގެ މައިބަދަ މީހަކު ބިންދާލި ހެންނެވެ. ކޮޅަށް ހުރުމުގެ ބާރުނެތި އިސްޖަހާލެވުނެވެ. އޭނާގެ ސިފައާއި ހުންނަ ގޮތް ނޭނގެނީއެއްނޫނެވެ. ކުރާ މަސައްކަތާމެދު އޮންނަ ޔަގީންކަން އަމިއްލަ ނަފްސުގެ މައްޗަށް ނޯންނަނީއެވެ. އޭނާގެ މަސައްކަތާމެދު މީހަކު ފާޑުކިޔައިފިނަމަ އެކަމަށް ވަގުތުން ރައްދުދެވެއެވެ. އެހެންނަމަވެސް އޭނާގެ ސިފައާއި ހެދުން އަޅާ ގޮތާ ބެހޭ ގޮތުން މީހުން ކުރާ މަލާމާތަކީ ކެންޒާގެ އެންމެ ބޮޑު ބަލިކަށިކަމެވެ. އަމިއްލައަށް ވެސް އޭނާއަކީ ހުތުރު މީހެއްގެ ގޮތުގައި ކެންޒާއަށް ޤަބޫލުކުރެވޭތީއެވެ. ސިފަ ރީތިވުމަކީ އެންމެން ވެސް އެމީހަކު ބަލައިގަންނާނޭކަމެއްކަން ކެންޒާ ޤަބޫލުކުރެއެވެ. އެވިސްނުމުގެ ހަނިކަން އޭނާއަށް އަންދާޒާއެއް ނުކުރެވެއެވެ. އޭނާގެ ސިކުނޑީގައި ރީތި އަންހެނެއް ސިފަ ކުރެވެނީ، ހަމުގެ ކުލަ އަލި ދޮންމީހަކަށް އެމީހަކުވުމެވެ. ހަމައެއާއެކު ކިއްސަރު ރީތިވެފައި ހިމަ ހަށިގަނޑެއް ހުންނަންވާނެއެވެ. ފިރިހެނުންނަށް ކަމުދާނީ އެކަހަލަ އަންހެންކުދީންކަން ނިންމީ ވެސް ޚުދު ކެންޒާ އަމިއްލައަށެވެ. އެހެންވިޔަސް އޭނާ ފަދަ އަންހެންކުދީން ވެސް އުޅޭކަން ފިރިހެނުން ދަންނާނޭނަމައޭ ކެންޒާގެ ހިތަށް އަރައެވެ. ކަމުނުދިޔަޔަސް ބަލާލަން ހުތުރަށް މަލާމާތުގެ ބަސްތައް އަމާޒުނުކުރާނެނަމައޭ ވެސް ކެންޒާގެ ހިތަށް އެރިއެވެ. އެހެންމީހުން ފަދައިން އޭނާގެ ވެސް އެތައް ޖަޒުބާތަކާއި އިޙްސާސްވުމުގެ ބާރު ލިބިފައިވާ ހިތެއް ވެއެވެ. އެފަދަ ހަނގާކުރުންތަކުން އޭނާގެ ހިތުގައި ޖެހެދެއެވެ. ނަފްސު ބަލިކޮށްލާފަދަ ކޫރެއް ޔަގީންކަމުގެ ލޯގަނޑުގައި އެޅިދެއެވެ.

"ކިހިނެއްވީ؟ ދޫ ބަންދުވީތަ؟" ކެންޒާގެ ބޯކައިރިން އެލެވޭޓާގައި ލައިތުގެ ވައަތްޖައްސާލިއެވެ. ކެންޒާ ތުންފިއްތާލުމާއެކު މޫނު އަނބުރާލީ ލައިތުއާ ދުރަށެވެ. އެހެންނަމަވެސް އޭނާއަށް ލައިތުއަށް އެއްވެސްކަމެއް ނުފޮރުވުނެވެ. ލޯގަނޑުތަކެއްފަދަ އެބިތްތަކުން އެ ދެމީހުންގެ ހުރިހާ ހަރަކާތެއް ފެންނަމުންދިޔައެވެ. ލައިތުގެ ތުންފަތުގައިވި މަލާމާތުގެ ހިނިތުންވުން އޭނާގެ ލޮލުގައިވި ބެލުމާ ނުބައްދަލެވެ. އެހެންވާންވީ ކީއްވެކަމެއް ކެންޒާއަށް ނަގައެއްނުގަނެވުނެވެ.

އިރުކޮޅަކު ހުރެފައި ކެންޒާގެ އަތާ ދިމާއަށް ލައިތުގެ ކަނާއަތްތިލަ ގެންދިޔައެވެ. އަތުގެ ބީހުން ކިރިޔާ އިޙްސާސްވީ ވަގުތު އެލެވޭޓާގެ ދޮރު ވެސް ހުޅުވިއްޖެއެވެ. ލައިތު ހީވީ ވިއްސައިގެން ގޮސް އެލެވޭޓާގެ އަނެއްކޮޅުގައި މަޑުޖެހުނުހެންނެވެ. ކެންޒާއަށް ވެސް ހުރެވުނީ ގަނޑުވެފައެވެ. ކަރުގައި އޮތް ޓައީ އޭނާ ރަނގަޅުކުރަން ފެށީ ކެންޒާއަށް ފުރަގަސްދީގެން ހުރެއެވެ. އެލެވޭޓާގެ ބިތުން އަމިއްލަ ސޫރައަށް ބަލަން ހުރިއިރު އެ ދެލޮލުގެ ތެރޭ ކެންޒާގެ ސޫރަ ވެސް ގަޢިދުކުރިއެވެ. ހުޅުވުނު ދޮރުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ޔާދިން ފެނުމަކުން ލައިތަށް ބަދަލުތަކެއް ނާދެއެވެ. އެހެންނަމަވެސް ކެންޒާގެ ނޭވާ ހުއްޓުމަކަށް އައިކަހަލައެވެ. ލައިތުގެ އެކުޑަ ބީހިލުމުގެ ސަބަބުން ކެންޒާ ސިހުނީ ދުވަހަކުވެސް ނުސިހޭ ވަރަށެވެ. އެ ސިހުމުން އޭނާ އިތުރަށް ކަންބޮޑުކުރުވީ ޔާދިން ފެނުމުންނެވެ. އަތުގައި ހުރި ފޮތްބައިން ފޮތެއް މަދުވިކަމެއް ކެންޒާ ނުދެނަހުއްޓެވެ. އޭނާ ބެލީ އަވަހަށް އެތަނުން ދުރަށް ދެވޭތޯއެވެ.

* * * * *

ރޭގަނޑުގެ މަސައްކަތްތައް ނިންމާފައި ކެންޒާ ގެއަށް އައިސް ވަންއިރު ސިޓިންރޫމުގެ ހޮޅިބުރި ހުރީ ނުދިއްލައެވެ. އެހެންނަމަވެސް މައިދޮރު ހުޅުވާފައި ހުރުމުންނާއި މަގުމަތީގައި ހުރި ހޮޅިބުރީގެ އަލިން ދޮރުމަތި އޮތީ އަލިކޮށެވެ. ކެންޒާ ވަދެ ކަނާއަތްފަރާތުގައި ހުރި ސުވިޗު ބޯޑުގައި އަތްޖައްސާލިއެވެ. އެހިނދު ސޯފާގައި މީހަކު އިންތަން ފެނި ކެންޒާ ސިހުނެވެ. ވަގުތުން ކާކުތޯ ސުވާލުކުރިއެވެ.

"ބޮކި އަނދާފަ" އިވުނީ މިފްރާހު އަޑެވެ.

ހެޑްސެޓާއި ވަކިކޮށްލުމާއެކު ކެންޒާ ވަގުތުން ފޯނުން އަލިކޮށްލިއެވެ. އޭނާއަށް ލިބުނީ ހައިރާންކަމެވެ. މިފްރާހު ހީވަނީ ކަމަކާ ގަޔާނުވެފައި އިންހެނެވެ. އޭނާ ވާހަކަދެއްކީ ކެންޒާއަށް ބަލާލުމެއްނެތިއެވެ. އޭނާގެ ކައިރީ ހުރި ލަގެޖު ކެންޒާއަށް ފެނުނީ އަލިކޮށްލި ހިނދުއެވެ. އެހެންނަމަވެސް ސުވާލެއް ކުރާކަށް ކެންޒާ ބޭނުމެއްނުވިއެވެ. އޭނާ ނުކުންނަން ހިނގައިގަތުމުން މިފްރާހު ގޮވާލިއެވެ.

"ދަނީތަ؟ ދެންމެ އެއްނު ތިއައީ" މިފްރާހު މިފަހަރު ވާހަކަދެއްކީ ކެންޒާއާ ނަޒަރު ސީދާކޮށްލަމުންނެވެ.

"ބޮކި އަމިއްލައަށް ހުރެގެން ނުދިއްލޭނެއެއްނު، ގަނެގެން ގެނެސް ޖެހީމަ ދޯ އަލިވާނީ" ކެންޒާ ބުންޏެވެ.

"ހަމްބެ ވެއްޖެ ގަންނަން ގޮސް، މިހާރު އަންނަން އުޅޭނެ" މިފްރާހު މިހެން ބުނުމުން ކެންޒާއަށް ހީނގަނެވުނީއެވެ.

"އެނގޭތަ ތިކުރެވުނީ ކިހާ މޮޔަކަމެއްކަން، ފައިސާކޮޅުވެސް ދިޔައީ ބޮތްކެއް ވެސް ނުލިބޭނެ" ކެންޒާއަށް ބައްޕަގެ ގޮތް އެނގޭތީ ބުނެލިއެވެ. މިފްރާހު އެއްޗެކޭ ނުބުނުމުން ކެންޒާއަށް ހައިރާންކަން ލިބުނެވެ. އެމޫނުން ހިނިތުންވުމެއް ވެސް ފާޅެއްނުވެއެވެ. ކެންޒާއަށް ބަލާނުލައި ހިމޭންވެފައި އިނުމަކީ މިފްރާހުގެ ފުށުން ފެނުނު ކަންކަމެއްނޫނެވެ.

"ކާންތަ ތިއައީ؟" ކެންޒާ އަހާލިއެވެ. މިފްރާހު އަނގައިން ނުބުނެ ދެފަރާތަށް ބޯހޫރާލީއެވެ.

"ފޯނުގެ ލައިޓް އޯފްކޮށްލަފާނަންތަ؟... ހަމްބެ އަންނަންދެން މިތާ އިށީންނަން އާދެބަލަ" މިފްރާހު ބުންޏެވެ.

"އަހަރެންގެ ބައްޕައަށް އިތުބާރުކޮށްފައި ނީނދެވޭނެ، އަންނާނަން ބޮތްކެއް ގަނެގެން" ކެންޒާ ބުންޏެވެ. މިފްރާހު ސޯފާއިން ތެދުވެގެން އައިގޮތަށް ކެންޒާގެ އަތުގައި ހިފިއެވެ. ދެން ގެނެސް ސޯފާގައި ބޭންދިއެވެ.

"ހަމްބެއަށް އިތުބާރުނުކުރިޔަސް އަހަންނަށް އިތުބާރު ކުރެވިދާނެއެއްނު..." މިފްރާހު ބުންޏެވެ. ހިނދުކޮޅަކަށް ކެންޒާ ބަސްހުއްޓުނީއެވެ. މިފްރާހު އޭނާގެ އަތުގައި ހިފައި ގެނެސް ސޯފާގައި ބޭންދި ގޮތުންނެވެ.

"ލިސެން" އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނދެފައި މިފްރާހު ބަލާލިއެވެ. ކެންޒާގެ ކޯތާފަތުގައި އަތްތިލަ ޖައްސާލަން އޭނާ އުޅުނެވެ. އެހެންނަމަވެސް ކެންޒާ ދުރަށްޖެހުނީތީ މިފްރާހު އަމިއްލަ ނަފްސު ހިފެހެއްޓިއެވެ.

"އަހަރެން ފުރަން މިއުޅެނީ... މިރޭ..." މިފްރާހު ބުންޏެވެ.

"ސޯ.." ކެންޒާއަށް ބުނެވުނެވެ.

"އެނބުރި އަންނާނީ ތިންމަސްދުވަސް ފަހުން، އެންމެ ދުވަހެއްގެ ތެރޭ ވެސް އެތައްކަމެއް ބަދަލުވެދާނެ... އައި ޑޯންޓް ވޯންޓް ދެޓް... ސްޕެޝަލީ ފްރޮމް ޔޫ" އެއްފައި ސޯފާއަށް އަރުވާލުމާއެކު ކެންޒާއާ ދިމާއަށް މިފްރާހު އެއްކޮށް އެނބުރިލިއެވެ.

"ވަޓް؟... މިފްރާހުގެ ޒާތީ ދިރިއުޅުމާ އަހަންނާ ބެހޭކަމެއްނޫން" ކެންޒާ ބުންޏެވެ.

"ޑޯންޓް ބީ ޓޫ ނައީވް، މެން އާ ބީސްޓްސް، ސަވެޖް ބީސްޓް ވިތް ޑިޒެއާޒް... ކިޓީ! ޔޫ ކާންޓް އީވަން އިމޭޖިން، ޔޯ އިނެސެންސް... ނޯވަން ހޭސް ޓަޗް އިޓް، އައި ނޯ..." މިފްރާހު ކުރިއަށް ޖެހިލިއެވެ. ކެންޒާ ލޯ ހިމަކޮށްލީ މިފްރާހުގެ ހަރަކާތް ފާހަގަވެއްޖެކަން އަންގާލުމުގެ ގޮތުންނެވެ. ކުރިން ކެންޒާއަށް ފެންނަ މިފްރާހާއި މިހާރު އޭނާގެ ކުރިމަތީ އިން މިފްރާހަކީ ތަފާތު ދެމީހެއް ކަހަލައެވެ. އަނދިރީގައި މިފްރާހާއެކު އިންނަން ކެންޒާގެ ޟަމީރު ދެކޮޅު ހެދިއެވެ. ކައްޓެއްހެން ސޯފާއިން އޭނާ ތެދުވީ އެހެންވެއެވެ. މިފްރާހުގެ ނަޒަރު ހުރީ އޭނާގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެއެވެ.

"ކެ..." މިފްރާހު ސޯފާއިން ތެދުވަމުން ކެންޒާއަށް ގޮވާލަން އުޅުނެވެ. ގޭގެ ދޮރޯށި ހުޅުވުނު އަޑުއިވުނީ އެވަގުތެވެ. ހިނދުކޮޅެއްގެ ތެރޭ ސިޓިންރޫމު ދޮރުން ހަމީމް ވަންތަން ފެނުނެވެ. ބައްޕައާ ދިމާއަށް ކެންޒާއަށް ބަލާލެވުނީ ޤަބޫލުނުކުރެވިފައި ހުރި ފަދައަކުންނެވެ.

"މަށަކަށް ހަރެއްނުކުރެވޭނެ... ބާކީ އަހަންނަށް ދޯ" ހަމީމު އައިސް މިފްރާހު ކައިރީ ހުއްޓިލިއެވެ.

މިފްރާހު ބޯޖަހާލާފައި ހަމީމްގެ އަތުގައި އޮތް ކޮތަޅުގައި ހިފިއެވެ. އަދި އޭނާގެ ޖީބުން ނެގި ފޯނުން އަލިކޮށްލުމާއެކު ހަމީމްގެ އަތަށް ދިނެވެ. ފޯނު ހިފަހައްޓަންވީ ގޮތް އޭނާ ހަމީމް ގާތު ބުންޏެވެ. މިފްރާހު ބުނިހާ ގޮތެއް ހަމީމް ހެދިއެވެ. ސޯފާގައި އެއްއަތުން ހިފާލުމާއެކު ހޮޅިބުރި ހުރި ދިމާއަށް މިފްރާހު އެ ޖައްސާލިއެވެ. އެބޮޑު ސޯފާ އެންމެ އަތަކުން މިފްރާހު ޖައްސާލި ގޮތުން ވެސް ކެންޒާ އަޖައިބުވިއެވެ. ސޯފާ މައްޗަށް އަރާ ހުރެގެން ހޮޅިބުރި ބަދަލުކޮށް ނިންމާފައި ސުވިޗު ޖެއްސުމަށް މިފްރާހު ބުންޏެވެ. އެއާއެކު ހަމީމް ނިކަލް ހަލުވިކޮށް އައިސް ފާރުގައި ހުރި ސުވިޗު ބޯޑުން ހޮޅިބުރި ދިއްލައިފިއެވެ. ކެންޒާއަށް އަވަސްއަވަހަށް އެސްފިޔަޖަހާލެވުނީ ކުއްލިއަކަށް މުޅިތަން އަލިވެގެން ދިއުމުންނެވެ.

"ކާއެއްޗެއް ދީފިތަ؟" ހަމީމް އަހާލީ މިފްރާހުގެ ގާތުގައެވެ.

"މިރޭ ނުކާނަން" މިފްރާހު ބުނެލީ ސޯފާ އިހުހުރި ދިމާއަށް ޖައްސަމުންނެވެ.

"މާބެތަ އަންނަނީ؟" ހަމީމް އަހާލިއެވެ. އެވަގުތު މިފްރާހުގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. އޭނާ އެ ފޯނުކޯލަށް ޖަވާބު ދީފައި ހަމީމްއާ ވާހަކަދެއްކިއެވެ.

"އެ އަންނަނީ..." މިފްރާހު ބުންޏެވެ. އަދި ކެންޒާއަށް ބަލާލިއެވެ.

"ފެންފޮދެއް ލިބިދާނެތަ؟" މިފްރާހު އަހާލިއެވެ.

ކެންޒާ އެތެރެއަށް ވަދެގެން ދިއުމާއެކު ހަމީމުއަށް މިފްރާހު ފައިސާ ދިނެވެ. ގޭތެރޭގެ ކަންކަމާ ނުބެހުމަށް އޭނާ އަމުރުކުރިއެވެ. ހިނިއައިސްފައި ހުރެ ހަމީމް ބޯޖަހާލިއެވެ. މިފްރާހު ހަލުވިކޮށް ބަދިގެ ފަރާތަށް އައީ އޭގެ ފަހުގައެވެ.

ދޮރުމަތީ މަޑުކޮށްލުމެއްނެތި މިފްރާހު ބަދިގެއަށް ވަނީއެވެ. ކެންޒާ މޭޒުމަތީ ހުރި ތަށްޓަށް ފެން އަޅާފައި ދުރަށް ޖެހުނެވެ. ފެންތަށި ނަގާފައި ދިނުމަށް މިފްރާހު އެދުމުން ވެސް ކެންޒާ ދެކޮޅު ހެދީއެވެ. މޭޒު ކައިރިއަށް ޖެހިލާ ފެންތަށި ނެގި ގޮތަށް އެއްނޭވާއިން މިފްރާހު ފެންތަށި ބޯލައިފިއެވެ. އެވަރުން އޭނާގެ ކަރުހިއްކުން ނުފިލިއެވެ. މޭޒުމަތީ ހުތި ފެންފުޅި ނަގައި އަނގަޔަށް އޮއްސާލިއެވެ.
"އެހާ ގިނައިން ބޭރުގައި ނޫޅެއްޗޭ" ފެންފުޅި ހިފަހައްޓައިގެން ހުރެ މިފްރާހު ބުންޏެވެ.

"ޔޫ އާ އެކްޓިން ވިއާޑް" ކެންޒާ ބުނެލިއެވެ. އެހިނދު މިފްރާހު ޖެހިލީ ކެންޒާއާ ގާތަށެވެ.

"ކީއްވެތަ ދުރަށް ތިދަނީ" ކެންޒާ ދޮރާ ދިމާއަށް އަވަސްވެގަތުމުން އޭނާގެ އަތުގައި މިފްރާހު ހިފެހެއްޓިއެވެ. ދޫކޮށްލާށޭ ކެންޒާ ބުނި އަޑެއް އޭނާއަށް ނީވޭ ކަހަލައެވެ. އަތްފޮޅުވާލަން އުޅުމުން ކެންޒާގެ ފުރަގަށްވާގެން މިފްރާހު އެ އަތް ހައްޔަރުކޮށްލިއެވެ. އަދި އޭނާގެ ހަށިގަނޑުގެ ބާރުގައި ކެންޒާ ކުރިއަށް ކޮށްޕާލުމާއެކު ދޮރުކަނީގައި ޖެހި ފިތުނެވެ.

"މިފްރާހު" ކަންބޮޑުވުމާއެކު ކެންޒާއަށް ގޮވާލެވުނީ ބާރަށެވެ. އެހިނދު އަޑުމަޑުކުރުމަށް މިފްރާހު ބުންޏެވެ.

"ތިންމަސް ދުވަހަކީ އަހަންނަށް ވަރަށް ގިނަ ދުވަސް، އަހަރެން ނެތަސް އަހަރެންގެ މަތިން ކިޓީ ހަނދާންކުރަން އަހަރެން ބޭނުން" ކެންޒާގެ ކަންފަތަށް މިފްރާހުގެ ނޭވާ އިޙްސާސްކުރެވުނެވެ. އެ އަޑުގައިވާ ތަފާތު ބަރުކަން ކެންޒާގެ ހިތްބިރުގަންނަވައިފިއެވެ. ފިނިފެންބުއިމުގެ ސަބަބުން ގަނޑުފެންކޮޅެއްހާ ފިނިވެފައި ހުރި މިފްރާހުގެ ތުންފަތް ކެންޒާގެ ކަރުދޮށުގައި ޖައްސާލުމާއެކު އޭނާ ދިޔައީ ސިހިގެންނެވެ.

"އައްދޯއި!" ކެންޒާއަށް ބުނެވުނީ ނުހަނު ބާރަށެވެ. އެހިނދު ކެންޒާގެ އަތް ހިފަހައްޓައިގެން ހުރި އަތްނޫން އަނެއްއަތުން އޭނާގެ އަނގަމަތީ މިފްރާހު އަތްއަޅާ ބާރުކޮށްލިއެވެ. އަޑުގަދަ ނުކުރުމަށް އިޝާރާތްކުރާ ފަދަ އަޑެއް މަޑުމަޑުން މިފްރާހު ލައްވާލިއެވެ. އެއަތް ނައްޓުވާލުމަށް ކެންޒާ ހިފާލުމުން ހައްތަހާ އަނގަމައްޗަށް ބާރުވެލީއެވެ. ކަރުދޮށުގައި މިފްރާހު ދަތްއަޅަންވީ ސަބަބެއް ކެންޒާއަކަށް ނުވިސްނުނެވެ. އޭނާއަށް ތަދުވީވަރުންނާއި ހިތްބިރުގަތްވަރުން ދެ ލޯ ފެންކަޅިވީ އިސާހިތަކުއެވެ. މިފްރާހު ދޫކޮށްލި ފުންނޭވާގެ ހޫނުކަން ކަރުދޮށުގައި ބީހިލުމުން މިފަހަރު ކެންޒާއަށް ހީވީ ދިލަ އާތްވެއް ހަމުގައި ބީހިލީހެނެވެ.

"ޔޫ އާ ފްރީ، ލިވް ޔޯ ލައިފް އިން ދީޒް ތްރީ މަންތްސް، އައި ވިލް ކަމްބެކް... އައި ވިލް އޯލްވޭޒް ކަމް ބެކް ފޯ ޔޫ ކިޓީ... އެންޑް އައި ވިލް މޭކް ޔޫ މައިން، ހެ ހެ ހެ... ޑޯންޓް ގެޓް ސްކެއާޑް، ސޫން ޔޫ ވިލް ނޯ ދި ޑާކް ޑިޒެއާޒް އޮފް އެން އަންޓެއިމްޑް ބީސްޓް" މިފްރާހުގެ ސިއްރުވެރި އަޑާއި ލުއި ހުނުމުގައިވީ ތަފާތު އަސަރެކެވެ. އޭނާގެ ނޭފަތުކޮޅުން ކެންޒާގެ ކަންފަތާ ކުޅެލިއެވެ. އަދި ބޮލުގައި ބޮސްދިނުމާއެކު ދަނީކަމުގައި ބުނެ އޭނާގެ ގަޢިދުން ކެންޒާ މިނިވަންކޮށްލިއެވެ.

(ނުނިމޭ)