ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖޭގެ ކޮންމެ މީހަކަށް ރޯގާ ޖެހޭނެ ކަމަށް ފެނޭ: ނަޝީދު

މުޅި ރާއްޖެ ލޮކްޑައުންގެ ހާލަތުގައި ބާއްވައިގެން ވެސް ކޮވިޑް-19 ގެ ބަލި ފެތުރެމުންދާ ކަމަށާއި ފެންނަ ފެނުމުގައި ކޮވިޑް ރޯގާގެ ބަލި ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށް ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ރައީސް ނަޝީދު ވަނީ ކޮވިޑް-19 ގެ ބަލި ރާއްޖޭގައި ފެތުރޭނެ ގޮތާ މެދު ސިއްހީ މާހިރުންގެ ލަފާތަކާއި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ހާލަތްތައް ވިދާޅުވެފަ އެވެ. އަދި މިއަދުގެ ޖަލްސާގައި އެމަނިކުފާނު ވަނީ މާލޭގައި ތާށިވެފައި ތިބި މީހުން އަނބުރާ ރަށަށް ދެވޭނެ ގޮތް ވުން ލަސްވާތީ ނުރުހުން ވެސް ފާޅުކުރައްވައިފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލެ ސަރަހައްދުގައި ކާފިއު ހިނގާ ގޮތަށް ލޮކްޑައުން ކުރުމަށް ފަހު އަދި އެއް ރަށުން އަނެއް ރަށަށް ހުއްދަ ނެތި ދަތުރު ނުކުރެވޭ ގޮތަށް މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ފަހުގައި ވެސް މި ބަލި ފެތުރެމުންދާ މިނުގައި ފެތުރެމުންދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމަކީ އާންމު ކަމަކަށް ވާއިރު، ރާއްޖޭގެ ހުރިހާ ރަށަކަށް ބަލި ފެތުރުން ގާތް ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް ފެންނަ ތަނުގައި ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށް ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"ލޮކްޑައުނަށް މި ދިޔައީ ކޮވިޑް ފެތުރިދާނެ ކަމަށް ބުނެ ގައިދުރުވުމަށްޓަކައި. އެކަމަކު މިހެން ބަންދުގައި ތިއްބާ ވެސް ރޯގާ ދަނީ އިންތިހާއަށް ފެތުރެމުން، އަޅުގަނޑަށް ފެންނަ ފެނުމުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ރޯގާ ދިއުން ގާތް، އަދި ފެންނަ ފެނުމުގައި ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މިންވަރަކަށް ރޯގާ ފެތުރުނަ ނުދޭން ކުރެވެން އޮތް ގޮތަކީ އެންމެން ބަންދު ކޮށްފައި ބެހެއްޓުން ކަމަށެވެ. ނަމަވެސް އެއީ ޖުމުލަ ހައްލެއް ނޫން ކަމަށާއި ކޮވިޑްގެ ބައްޔާއެކު އާ އާދަކާދަތަކާ އެކު ހުޅުވިގެން ދާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަތޭކަ ޕަސެންޓް މިންވަރަށް ރޯގާ ފެތުރުނަ ނުދިނުމަށް ދެން ހަދާން ޖެހޭނެ ހަމައެކަނި ގޮތަކީ ރާއްޖޭގައި މި އުޅޭ ފަސް ލައްކަ ރައްޔިތުން ކުޑަ ގޮޅިއަށް ލާން ޖެހޭނީ. އަޅުގަނޑު ހިތުން އެއީ އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮޒިޓިވް ވެފައި ވަނީ 904 މީހެކެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭން ޕޮޒިޓިވް މީހަކު ފެނުނު ފަހުން ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ކޭސްތައް ދަނީ ފެންނަމުންނެވެ. އޭގެ ފަހުން ކޮވިޑް ޖެހުނު ތިން މީހަކު ވަނީ މަރު ވެސް ވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ.