ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

51 މީހަކު ޕޮޒިޓިވްވެ އަދަދު 955 އަށް

ކޮވިޑް-19 އަށް އިތުރު 51 މީހަކު ރާއްޖެެއިން ޕޮޒިޓްވެއްޖެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރޭގެ ޕްރެސްއިން ފެށިގެން މިރޭގެ ޕްރެސް ފެށުމާއި ހަމައަށް 51 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި، 11 ބަންގްލަދޭޝްގެ މީހަކާއި، އިންޑިއާގެ 26 މީހެއްގެ އިތުރުން ސްރީލަންކާ މީހަކާއި ނޭޕާލް މީހެކެވެ.

އެ މީހުންނާއެކު މިހާރު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 955 އަށް އަރާފައެވެ. މި ވަގުތު ފަރުވާ ދެމުން ގެންދަނީ 910 މީހަކަށެވެ. 40 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ދެ މީހަކު ވަނީ ރާއްޖެއިން ފުރައިގެންގޮސްފައެވެ.

މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ކޮންމެ ދުވަހަކުހެން ގިނަ ބަޔަކު ޕޮޒިޓިވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މި ދެ ހަފުތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ވަގުތު ކަރަންޓީން ފެސިލިޓީގައި 1403 މީހުން އެބަތިއްބެވެ. އަދި 909 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ.