(12 މެއި 2020 އާ ގުޅޭ)
"ޔޫ އާ ފްރީ، ލިވް ޔޯ ލައިފް އިން ދީޒް ތްރީ މަންތްސް، އައި ވިލް ކަމްބެކް... އައި ވިލް އޯލްވޭޒް ކަމް ބެކް ފޯ ޔޫ ކިޓީ... އެންޑް އައި ވިލް މޭކް ޔޫ މައިން، ހެ ހެ ހެ... ޑޯންޓް ގެޓް ސްކެއާޑް، ސޫން ޔޫ ވިލް ނޯ ދި ޑާކް ޑިޒެއާޒް އޮފް އެން އަންޓެއިމްޑް ބީސްޓް" މިފްރާހުގެ ސިއްރުވެރި އަޑާއި ލުއި ހުނުމުގައިވީ ތަފާތު އަސަރެކެވެ. އޭނާގެ ނޭފަތުކޮޅުން ކެންޒާގެ ކަންފަތާ ކުޅެލިއެވެ. އަދި ބޮލުގައި ބޮސްދިނުމާއެކު ދަނީކަމުގައި ބުނެ އޭނާގެ ގަޢިދުން ކެންޒާ މިނިވަންކޮށްލިއެވެ.
ދެއަތް މިނިވަންވުމާއެކު ކެންޒާ އެނބުރި މިފްރާހުގެ ގައިގާ ޖެހިއެވެ. ޖެހުނީ ކޮންތާކުކަމެއް ވެސް ނުބަލައެވެ. އަތްހޫރާލި ކޮންމެތާކު ޖެހުނަސް ހެޔޮ ކަމަށެވެ. އޭނާގެ ހިތާއި ސިކުނޑި ހޫނުވެ ކެކިގަތީ ގަދަ ރުޅިންނެވެ. ހޫރާލި އަތުން މިފްރާހަށް އަނިޔާއެއްދޭން ކެންޒާ ގަސްދުކުރި ނަމަވެސް ތަދުވީ އަމިއްލަ އަތަށެވެ. ހީވީ ކޮންކުރީޓުގަނޑެއްގައި ޖެހުނުހެންނެވެ. އެހިނދު މިފްރާހުގެ ހުނުމުގެ އަޑު އިވުނެވެ. ކެންޒާގެ ނަޒަރު އޭނާއާ އަމާޒުވެލިއިރު އޭނާގެ ކޮނޑުގައި ފިރުމާލަނީއެވެ. ދެމީހުންގެ ނަޒަރު އަމާޒުވި ހިނދު ހިނިއައިސްފައި ހުރެ މިފްރާހު ތުންފަތް އޫކޮށްލައި ބޮސްދިނުމުގެ ހަރަކާތެއް ތުންފަތަށް ގެނެސް އެއްލޯ މަރާލިއެވެ. އަދި ހަލުވިކޮށް ބަދިގެއިން އޭނާ ނުކުމެގެން ދިޔައީއެވެ. އެސްފިޔަޖަހާލަން ނޭނގިފައި އިރުކޮޅަކު ކެންޒާއަށް ހުރެވުނެވެ. އެއަށްފަހު ނުރުހުގެ އާހެއް ލައްވާލުމާއެކު ކަނާއަތްފަރާތު ކަންފަތް ކައިރީ ކަރުދޮށުގައި ކެންޒާ އަތްއަޅާލީ އެތަނުގައި މަޑު ދިލައެއް ހުރީމައެވެ.
ލަގެޖު ހިފައިގެން ދޮރޯށި ކައިރިއަށް މިފްރާހު ނުކުމެ ހުރީ ހަމީމާއެކުއެވެ. ހަމީމުގެ އެއްވެސް ކަމެއް ގެއާ ހަމައަށް ނުގެނައުމަށް މިފްރާހު އަނެއްކާ ވެސް ހަނދާންކޮށްދިނެވެ. އަދި ހަމީމާއެކު އުޅޭ އެއްވެސް މީހަކު ވެސް ގެއަށް ވައްދައިގެން ނުވާނޭކަން މިފްރާހު ބުންޏެވެ. ވާހަކައިގަ ތިއްބާ ގިނައިރެއްނުވެ ކަޅުކުލައާއި ރަތްކުލައިގެ ޖޫކް ކާރެއް އައިސް ދޮރޯށި ކައިރިއަށް މަޑުކޮށްލިއެވެ. ދުއްވަން އިން މީހާ ކާރުން ފައިބަން އުޅުމުން މިފްރާހު އަތްހިއްލާލައި އެކަން ހުއްޓުވިއެވެ. އޭނާ ފަހަތަށް ލަގެޖުލުމާއެކު ކާރުގެ އަނެއްފަރާތުން ކުރީ ސީޓަށް އެރިއެވެ.
"އެއީ ހަމްބެ ދޯ... މީ ހަމްމެބެ ގެތަ؟" ކާރު ދުއްވަން އިން ޒުވާނާ ބުނެލީ ދޮރުފަތުގެ ތިރިކޮށްލާފައިވާ ބިއްލޫރިގަނޑު ދޭތެރެއިން ގެއާ ދިމާއަށް ބަލަމުންނެވެ.
"މާބެ ކޮބާ؟" މިފްރާހު އަހާލިއެވެ. އޭނާގެ ޠަބީޢަތާއި ހަރަކާތްތައް ވެސް ބަދަލުވެ މުޅިން އެހެން މީހެއް ފަދައެވެ.
"މާބެ ނުދެކެން، ގުބޭ ތަޅުދަނޑި ދީފަ ބުނީ މިފޫ ބަލާދާށޭ... އޭތް! އެގެ ސަޅިތަ؟ ވަރަށް އޯޕަންތަ؟" އެ އަޑު އަހާފައި މިފްރާހުގެ ދެބުމަ ކައިރިވެލިއެވެ.
"އެއީ ޝާނުއާ ބެހޭކަމެއްނޫން، މިހިސާބަށް އަރައިގެންނުވާނެ... ހަމްބެއަކީ އަހަރެންގެ މީހެއް" މިފްރާހުގެ އަޑުގައިވީ އަމުރެވެ.
"ބްރޯ މަ އަހާލިއްޔޭ" ކާރުދުއްވަން އިން ޝާނު ބުންޏެވެ. ލިބުނު ނުތަނަވަސްކަން ފޮރުވުމަށް އޭނާ ހީނލިގޮތުން މިފްރާހުދެކެ ޖެހިލުންވެއްޖެކަން ގައިމެވެ.
"އަހަރެން މިކޮޅުގައި ނެތަސް އަހަންނަށް ބަރާބަރަށް ޚަބަރު ލިބޭނެކަން ދަންނާތި" އިތުރު އިންޒާރެއް މިފްރާހު ދިނެވެ.
"ޔުސް ބޮސް" މޮޔަފާޑަކަށް ދަތްތައް ފެންނަ ވަރަށް ހީނލަމުން ޝާނު ބުނެލިއެވެ.
* * * * *
ހޫނު ކޮފީތަށިން އާވި އަރައަރާ ހުއްޓެވެ. މޭޒުގެ އެއްފަރާތުގައި ހުރި ބައްތީގެ އަލިފިޔަވައި ހަތަރުފާރުގެ ތެރޭ ދިއްލާފައި ހުތި ބޮތްކެއް ނެތެވެ. މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ފުންނޭވާއެއް ހަށިފުރާ ލައިތު ލީ ގޮތުން ހީވަނީ ވަރުބަލިވީ ހެންނެވެ. މޭޒުމަތީ ތަރުތީބު ގެއްލިފައި ހުރި ކަރުދާސްތައް އެއްކޮށްލިއެވެ. އޭގެ ސަބަބުން ފޮރުވިފައި އޮތް ފޯލްޑަރު ލައިތު ނަގައި އެއްކުރި ކަރުދާސްތައް އެއަށް ލައިފިއެވެ. އަދި ކުރިމަތީ ހުޅުވާފައި ހުރި މެކްބުކްގައި ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަން ސޭވްކުރުމާއެކު ނިއްވާލިއެވެ. ގޮނޑިއަށް ހަށިގަނޑު ދޫކޮށްލީ އެއްއަތުން މެކްބުކް ވެސް ލައްޕާލަމުންނެވެ. މޭޒުމަތީ ހުރި މޮނީޓަރަށް އޭނާގެ ނަޒަރު ދަތުރުކޮށްލިއެވެ. އޮފީހުގެ އެކި ދިމާގެ މަންޒަރުތައް ސީސީޓީވީ ކެމެރާތަކުން ފެންނަން ހުއްޓެވެ. ސަރައްކާލިތަކުގައި ދިއްލާފައި ހުރި ބޮކިތައް ފިޔަވައި ހުރިހާތަނަކަށް އޮތީ އަނދިރިކަން ވެރިވެފައެވެ. މޭޒު ވައަތްފަރާތަށް ދަމާލި އަތުން ކޮފީތަށި ނަގައި ތުނބުގައި ޖައްސާލިއެވެ. އެހެންނަމަވެސް އަލުން ކޮފީޖޯޑު މޭޒުގައި ބެހެއްޓީ ޚިޔާލު ބަދަލުވެގެންނެވެ. ގޮނޑިން އޭނާ ތެދުވިގޮތަށް މޭޒުމަތީ އޮތް ފޯލްޑަރާއި މެކްބުކް ދަބަހަށް ލައިފިއެވެ. އަދި އެއްކޮނޑުގައި ދަބަސް އަޅުވާލުމާއެކު އޮފީހުން ނުކުންނަން ހިނގައިގަތެވެ.
* * * * *
ފާޚާނާއިން ނުކުމެގެން އައިސް އެނދުގެ އަރިމަތީ އަސަދު އިށީނެވެ. އެނދުއަރިމަތީ ހުރި ކަބަޑުމަތިން ތަބަކުގައި ހުރި ފެންޖަގު ނެގިއެވެ. ބިއްލޫރި ތަށްޓަށް ފެންފޮދެއް އަޅާލައި ދެތިން ކޯވަރު ބޯލިއެވެ. އަތުކުރީ އޮތް ޑިޖިޓަލް ގަޑިއަށް އަސަދު ބަލާލިއެވެ. އަދި އޭނާގެ ފުރަގަހުން އެނދުގައި ނިދާފައި އޮތް ސަރަފީނާއަށް ބަލާލުމަށް އެނބުރިލިއެވެ. އަނބިމީހާއަށް ބަލަން އިނދެ ފެންތަށި ހުސްކޮށްލުމަށްފަހު ތަބަކުގައި ތަށިބަހައްޓަމުން އަސަދު ތެދުވިއެވެ. ކޮޓަރިން ނުކުތް ގޮތަށް އޭނާ އައިސް އެރީ އެލެވޭޓާއަށެވެ.
"މިރޭ ސެހްރާނާއެކު ލައިތުއެއް ނުފެނޭ... އެކެއް ޖެހިއިރު ވެސް ގެއަކަށް ނާދޭ" ފިރިހެން ކުދީންގެ ކޮޓަރިތައް ހުރި ބަޔަށް އަސަދު އައީ ލައިތުގެ ޚިޔާލުގައި ހުރެއެވެ.
ކޮޓަރި ދޮރުގެ ތަޅުގައި އަސަދު ހިފާލީ މަޑުންނެވެ. ލައިތު ކޮޓަރީގައި އުޅެންޏާ ހުންނާނީ ތަޅުލާފައިކަން އޭނާއަށް އެނގެއެވެ. ދޮރުހުޅުވުމުގެ ކުރީން ލައިތު ގޭގައިނެތްކަން ޔަގީންވީ ތަޅުހުޅުވާފައި ހުރުމުންނެވެ. ކޮޓަރިތެރެއަށް އަސަދު ވަންނަން ދިމާކުރިއިރު އެތަނުގައި އަލިކަމެއްނުވެއެވެ. ކަނާއަތް ފަރާތުން ފާރުގައި އަތްހާކާލުމާއެކު މަތީގައި އެލުވާފައި ހުރި ޗާންދަލިޔާގެ އަލިން ކޮޓަރި ހުޅުދާން ވެއްޖެއެވެ. ކޮޓަރިތެރެ އޮތް ގޮތް ފެނި އަސަދަށް ހިނިތުންވެވުނެވެ. ލައިތަކީ ސާފުތާހިރު ތަރުތީބު ދިރިއުޅުމެއް އުޅޭހިތްވާ ދަރިއެއްކަން އެ ކޮޓަރީގެ ހުރިހާ ދިމާއަކުން ހެކިދެއެވެ. ދޮރު ހުޅުވިގޮތަށް ބަހައްޓާފައި އަސަދު އެތެރެއަށް ވަދެގެން އައިސް ލައިތުގެ އެނދުގައި އިށީނެވެ. ފުން ޚިޔާލަކަށް އޭނާ ގެއްލިފައިވާ ކަހަލައެވެ.
"ޔޫ އާ މައި ސަން... ތީ ރޫމާން އަސަދުގެ ދަރިއެއް... މި ޢާއިލާގެ ކުއްޖެއް، އަހަރެންގެ ލޭ، އެކަން ޤަބޫލުކުރާނީ ކޮންދުވަހަކުންތަ؟" އަސަދުގެ މޭގައި ކަނާއަތުން ފިރުމާލިއެވެ. ލައިތުގެ ޚިޔާލުތަކުން އޭނާގެ ހިތުގައި ރިހެއެވެ. ހަނދާންނައްތާނުލެވޭނެ މާޒީ ކުލަވެ ދެ ލޯ ފެންކަޅި ކުރުވައެވެ.
"ލަ.އި.ތު" މަޑުމަޑުން އަސަދުގެ ދުލުން ކިޔާލެވުނެވެ. ދެއަތްތިލަ މޫނުގައި ހާކާލުމާއެކު ފުންނޭވާއެއް އަސަދު ލިއެވެ. އަދި އެނދުގެ ތަންމައްޗަށް ބަލާލުމާއެކު ކަނާއަތުން އެ ތަންމަތީގައި ފިރުމާލިއެވެ.
* * * * *
ތުވާލިކޮޅާއި އޭގެ ތެރޭގައި އޮތް އައިސްޕެކު އޮތީ އެނދުކައިރީ ތަޅުންމަތީއެވެ. މަތިން އެނބުރެމުންދިޔަ ފަންކާގެ އަޑާއެކު ކެންޒާގެ މަޑު ގުގުރީގެ އަޑު ކޮޓަރިތެރެއިން އިވިއިވި ހުއްޓެވެ. ހިސާބަކަށް ހުޅިވެފައި ހުރި އަނގައިން ސޮނިފައިބާ ބާލީހުގެ ކަނެއްގައި ތަންގަނޑެއް ތެމިފައި ހުއްޓެވެ.
މިފްރާހު ނުކުމެގެން ހިނގައްޖެކަން ހަމީމު ބުނީ ކެންޒާ ބަދިގޭ ދޮރުމަތީ ހުއްޓުން އަރާފައި ހުއްޓައެވެ. އަވަސްއަވަހަށް ކޮޓަރިއަށް އައިސް އަލަމާރި ލޯގަނޑުން ކެންޒާގެ ކަރަށް ވެފައި ހުރި ގޮތެއް ބެލިއެވެ. ލޭއަރާފައި ހުރިހެން ރަތްވެފައި ހުރި ތަންގަނޑެއް ފެނުމުން ކެންޒާގެ ދުލުން ފުރަތަމަ ވެސް ބޭރުވީ ހުތުރު ބަހެކެވެ. އެއާއެކު ފައްޗަކަށް މިފްރާހާ ދިމާއަށް އޭނާ ހުތުރު އެއްޗެހި ކިޔެވެ. ވަގުތުން ފޯނު ނަގައި "ގޫގުލް" ބެލީ ކަރުދޮށުގައި މީހަކު ދަތްއެޅުމުން ދެން ހަދާނޭ ގޮތަކާމެދުއެވެ. ހަމަހުރެފައި ދަތްއެޅީ ނޫންކަމާއި މިފްރާހު ކޮންނިޔަތެއްގައި ކުރިކަމެއްކަން ކެންޒާއަށް ސާފުވީ ދެނެވެ. ލޯބީގެ ނިޝާނެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރާއިރު އަނެއްބައި މީހުން ބުނެފައި ހުރީ އެއީ މީހެއްގެ ހައްޤެއްކަން އަންގައިދޭ ރަމްޒެއްކަމުގައެވެ. މިފަދަ އާ މަޢުލޫމާތުތަކުން ކެންޒާގެ ރުޅި ހައްތަހާ ގަދަވީއެވެ. ކުލަފަނޑުވާނެކަމުގައި ބައެއް ފަރާތްތަކުން ލަފާދީފައި ހުރުމުން ކެންޒާ އައިސްޕެކް ކަރުގައި އެޅީއެވެ. ނިދެންދެން އޭނާ ކުރިކަމަކީ އެއީއެވެ.
އައިސްޕެކުގެ ފިނިން ގަދަރުޅި ފިނިވީ ކަހަލައެވެ. ކެންޒާއަށް ރުޅިއަށްވުރެ ބޮޑަށް ވިސްނެން ފެށީ މިފްރާހު ހުރަސްއެކުރީ އެއްވެސް މީހަކު ހުރަސްކޮށްފައިނުވާ އިމެއްކަމެވެ. އެހާ ގާތަށް އެއްވެސް ފިރިހެނަކަށް އާދެވިފައެއްނުވެއެވެ. ކެންޒާ އެ ފުރުޞަތު ދޭވަރުގެ މީހަކު ހަޔާތަކަށް ނާދެއެވެ. އެހެންނަމަވެސް ކަންބޮޑުވާންޖެހޭ ކަމަކީ ކެންޒާގެ އިޚްތިޔާރެއް ނެތީމައެވެ. ދެވަނަ ފަހަރަށް މިފްރާހު އެހެން ދިމާކޮށްފިނަމަ ވާނީ ކިހިނެއްކަމާމެދު ކެންޒާ ޖެހިލުންވެ ހިތްބިރު ގަނެއްޖެއެވެ. ހަށިގަނޑުން ކެންޒާ ކިތަންމެ ބިޔަވިޔަސް ދެޔޯއަކާ ހަނގުރާމަކުރެވިދާނެކަމާމެދު ކެންޒާއަށް ޝައްކެވެ.
* * * * *
މަހަލްގޭގެ ބިއްދޮށް ފަރާތުން އައިސް ގޭތެރެއަށް ވަންނަން ދިމާކުރި ކެންޒާއަށް ފަތާފެންގަނޑު ކައިރީ ބަހައްޓާފައި ހުރި ދިގު ގޮނޑިތަކުން ގޮނޑިއެއްގައި ލައިތު އޮއްވާ ފެނުނެވެ. ހުއްޓުން އެރި ނަމަވެސް ނުފެންނަ ކަމަށް ހަދާ އޭނާ ހަލުވިކޮށް ވަދެގެން ދިޔައެވެ. ލައިތުއަށް އޭނާ ފެނުނުކަމާއި ގޮނޑިން ތެދުވިކަމެއް ވެސް ކެންޒާ ނުދެނަހުއްޓެވެ.
އާދައިގެ މަތިން ހެނދުނުގެ ނާސްތާގެ ލިސްޓު ކެންޒާ ބަލަންހުއްޓެވެ. އެތަނަށް މީހަކު ވަނުމުން ކެންޒާގެ ނަޒަރު އަތުގައި އޮތް ލިސްޓާ ވަކިވެ ދޮރާ ދިމާއަށް އަމާޒުވެލީ ބޭއިޚްތިޔާރުގައެވެ. ލައިތުކަން ވަނީ އެނގުމުން މިފަހަރު ވެސް އަވަހަށް ނަޒަރު ވަކިކޮށްލީއެވެ.
ބަދިގޭ އައިލެންޑް ދޮށުގައި ލައިތު އިށީންކަން އެނގުމާއެކު ކެންޒާ އަމިއްލަ ނަފްސު ތައްޔާރުކުރީ ލައިތުގެ ރަހުމެއްނެތް ބަސްތަކަށެވެ. އެހެން އިނދެފައި ރަނގަޅު އެއްޗެއް ނުބުނާނޭ ކެންޒާގެ ހިތާއި ސިކުނޑި ވެސް އެއްބަސްވެއެވެ. އޭނާއަށް ފަރުވާލެއްނެތި މަސައްކަތަކައިގެން ކުރިއަށްދާން ކެންޒާ މަސައްކަތް ކުރިއެވެ. އެހެންވިޔަސް ލައިތުގެ ތޫނު ނަޒަރުން ކެންޒާގެ ހަށިގަނޑު ފިއްސަމުންދިޔަ ކަހަލައެވެ.
"އަދި މަތިން އެކަތިލާންވީނު، ވިންޓާ ޖެކެޓެއް ގެނެސްދެންތަ؟ މިތަން ފިނިކަމުން ގަނޑުވެދާނެހެން ވިއްޔަ ހީވަނީ" އިރުގަނޑަކު އިނދެފައި ލައިތު ބުނެލީ ޖެއްސުމުގެ ރާގުގައެވެ.
ކެންޒާގެ ޢާންމު ހެދުމަކީ އަތްދިގު ގަމީހާއި ޖިންސުކަން ލައިތު ދެނެގަތެވެ. ކަރުގޮށް ނޭޅުވިޔަސް ގަމީހުގެ އެހިސާބުގައި ހުންނަނީ ކަޅުކުލައިގެ ކުޑަކުޑަ ކޮކާލެއްހެން އިންނަ ބުރޫޗެއް ހަރުކޮށް ނިވާކޮށްފައެވެ. އަބަދުމެ ފެންނަނީ އިސްތަށިގަޑު މައްޗަށް ނަގައި ހުޅިއެއްޖަހާފައި ހުންނާތީއެވެ. އެހެންފަހަރުތަކާ ޚިލާފަށް މިއަދު ކެންޒާ ހުރީ ކަރުގައި ސްކާފެއް ވެސް އައްސާފައެވެ. އުނދުން ކައިރީ އުޅޭއިރު ހޫނުވާނޭކަން ލައިތަށް ވެސް އެނގެއެވެ. ޓިޝޫއިން ކެންޒާގެ މޫނު ފުހޭތީ ވެސް އޭނާ ދުށްޓެވެ. އެފަދަ އެއްޗެއް ލައިތުއަށް ބުނަން ޖެހުނީ އެހެންވެއެވެ.
"ކައްކާއިރު އަތްކުރި ވެސް އޮޅާލުމެއް ނޯވޭތަ؟" އަނެއްކާ ވެސް ލައިތު ފާޑުކިޔެވެ.
ކެންޒާ ކައްކާ ނިމެންދެން ކޮންމެވެސް އެއްޗެކޭ ކިޔާލަކިޔާލާ ލައިތު އިނެވެ. އޭނާ ބަދިގެއިން ނުކުންނަން އުޅޭހެން ހީވުމުން ލައިތު ގޮވާލިއެވެ. އެއްއަތުން ބެކްޕެކް ހިފަހައްޓާލައިގެން ހުރެ ކެންޒާ މަޑުނުކޮށް ދާން އުޅުމުން އައިލެންޑް ދޮށުން ފުންމާލައިގެން އައިސް ކެންޒާގެ ކުރިމައްޗަށް ލައިތު އެރިއެވެ. ބޮލަށް އުނދަގޫވެފައި ހުރި މީހަކު ފަދައިން ކެންޒާ ދެ ލޯ މަރާލުމާއެކު ފުންނޭވާއެއް ލިއެވެ. އަދި ކުރިމަތީ ހުއްޓުނު ލައިތަށް ބަލާލިއެވެ.
"ކޮންކަމަކާ މޫނު ހަދާފަ ތިހުންނަނީ؟" ލައިތު އަހާލިއެވެ.
"އަހަރެންގެ މަސައްކަތް ނިމިއްޖެ، ދާންވެއްޖެ" ކެންޒާގެ އަޑުގައި ޖަދަލުކުރުމުގެ ރޫހެއް އެއްގޮތަކަށް ވެސް ނެތެވެ.
"ކޮންތާކަށް؟ ކޮލެޖައްތަ؟" ކެންޒާގެ ކުރިމަތިން ދުރަށްދާން ލައިތު ގަސްދުނުކުރާ ކަހަލައެވެ. ލައިތުއަށް ހޫން ލައްވާލަމުން ކެންޒާ ބޯޖަހާލިއެވެ.
"މައްޗަށް އެރީ ކީއްކުރަން؟" ލައިތުގެ ބޭނުމަކަށްވީ އެލެވޭޓާއިން އެ ދެމީހުން ބައްދަލުވާން ޖެހުނު ގޮތެއް ހޯދުމެވެ.
"ރޫމަށް ދިޔައީ" ކެންޒާ ބުންޏެވެ.
"ސްޓާފުން އުޅޭ ފްލޯތަ؟" ލައިތު ޔަގީންކޮށްލިއެވެ. ކެންޒާ ބޯޖަހާލީއެވެ. ކެންޒާ އެގެއަށް ބަދަލުވީ ކަމުގައި ލައިތުއަށް ހީވިއެވެ. އެކަމަކު ކެއުންތައްޔާރު ކުރާ ގަޑިތަކުގައި ނޫނީ ލައިތަށް އެގޭތެރެއިން ކެންޒާ ފެނިފައެއްނުވެއެވެ. ޚިޔާލުތަކުގައި ހުއްޓާ ކެންޒާ އެއްފަރާތަށް ޖެހިލިކަން ލައިތުއަށް އެނގި އަނެއްކާ ވެސް ހުރަސްއެޅިއެވެ.
"ކިހިނެއްވީ މިގެއަށް ބަދަލުވީ؟" ލައިތު އިތުރަށް އޮޅުންފިލުވަން ގަސްދުކުރިއެވެ.
"އަހަންނަށް ވަރަށް ލަސްވޭ" ކެންޒާ އިސްއުފުލާލައި ލައިތުއާ ނަޒަރު ސީދާކޮށްލިއެވެ.
"އަހަރެން ގެންގޮސްދީފާނަން... ކިހާއިރަކަށް ދަނީ؟" ލައިތު ބުންޏެވެ.
"އެތަކުލީފު ނޫފުލިޔަސް ރަނގަޅުވާނެ، އައި އޭމް ޝުއާ އެއަށްވުރެ މުހިންމުކަންކަން އެޓެންޑްވާން ހުންނާނެކަން" ކެންޒާގެ ނަޒަރު އަދިވެސް ހުރީ ލައިތުއާ އަމާޒުވެފައެވެ.
"މީ ކޮންމެ އަންހެންކުއްޖަކަށް ލިބޭނެ ޗާންސެއްނޫން" މާނަވީ ހިނިތުންވުމެއް ލައިތުގެ ތުންފަތުގައި ވިއެވެ.
"ޝުކުރިއްޔާ، އެކަމަކު ތީ އަހަރެންގެ ހައިސިއްޔަތެއްނޫން، އެހެންނޫނަސް އަހަރެން އެރުމުން ކާރަށް ގެއްލުމެއް ވެސް ލިބިދާނެ، އޭތި ދުވާނެކަމެއް ވެސް ނޭނގެ، އަހަރެން ހުންނަ ގޮތް އެނގެއެއްނު..." އެހެންބުނެވުނީ ކީއްވެކަމެއް ޚުދު ކެންޒާއަކަށް ވެސް ނޭނގެއެވެ.
ލައިތުގެ ތުންފަތް އިހުނަށްވުރެ ބޮޑަށް ދެމިލިއެވެ. އޭނާ ހީނގަތް ގޮތުން ހީވަނީ ހުނުންގަނޑު ނުހިފެއްޓުނީ ހެންނެވެ. ކެންޒާ ދިނީ އޭނާ އުންމީދުނުކުރާ ޖަވާބެކެވެ. އަނެއްކޮޅުން އޭނާ ލައިތު ބުނި ބަސްތައް ހިތުގައި އަޅައިގެންކަން އެހުންނަނީ ދެނެގަތެވެ. އެއްފަރާތައް އޭނާ ޖެހިލީ ކެންޒާ ދާން ތަންދެއްކި ފަދައަކުންނެވެ. ފުޅާހިނިތުންވުމަކާއެކު ބޯއަރިކޮށްލައިގެން ކެންޒާއަށް ބަލަން ލައިތު ހުރީއެވެ. ޔަގީން ނުވެފައި ހުރެ ވެސް ކެންޒާ ކުރިއަށް ހިނގައިގަތެވެ. ދެފިޔަވަޅެއްވަރު ކުރިއަށް އަޅާލުމާއެކު ދެން ފެނުނީ ހަލުވިކޮށް ހިނގައިގަތް މަންޒަރެވެ.
އެލެވޭޓާއަށް ކެންޒާ ވަދެ ދޮރުނުލެއްޕެނީސް ލައިތު ވަދެއްޖެއެވެ. ވީހާ ވެސް ލައިތުއާ ދުރުގައި ކެންޒާ މަޑުކުރިއެވެ. ލައިތު ހިނިއައިސްފައި ހުންނަންވީ ސަބަބެއް ކެންޒާއަކަށް ނުވިސްނުނެވެ. އޭނާ ބަލާގޮތުން ހީވަނީ ކެންޒާގެ މޫނުގައި އެއްޗެއް ހުރީ ހެންނެވެ. ނުތަނަވަސްކަމާއެކު މޫނުގައި ދެތިން ފަހަރަށް ކެންޒާއަށް އަތްހާކާލެވުނެވެ. ގިނައިރެއްނުވެ އެލެވޭޓާ ހުއްޓި ދޮރުހުޅުވުމާއެކު ކެންޒާ ނުކުންނަން އަވަސްވެލިއެވެ.
"އައި ވޯންޓް ޓު ނޯ ޔޫ ބެޓާ" އެލެވޭޓާގެ ދޮރުފަތް ލެއްޕެމުންދިޔަ ވަގުތު ލައިތު ބުނެލިއެވެ. އޭނާ ކީ އެއްޗެއް ކެންޒާއަށް އަޑެއްނީވެއެވެ. އޮޅުންފިލުވުމުގެ ޝައުގުވެއް ވެސް އޭނާގެ ނެތެވެ.
ކޮޓަރިއަށް ވަދެ ދޮރުތަޅުލުމާއެކު ކެންޒާ ލައިގެން ހުރި އަންނައުނުތައް ބާލަމުން ފާޚާނާއަށް އައިސް ވަނެވެ. އިސްތަށިގަނޑު ތެމިއްޖެއްނަމަ ހިއްކަން ވަގުތު ނަގާނެކަން އެނގިހުރެ ވެސް ބިއްލޫރި ދޮރު ލައްޕާލުމާއެކު ފެންމާގަނޑު ދަށުގައި ހުއްޓުނެވެ. ހޫނުކަމެއް ހުރި ފެނުން މީހާ ތެމި ފޯވަމުން ދިޔައިރު ކެންޒާގެ ސިކުނޑިއަށް ލުއިވަމުން ދިޔަ ކަހަލައެވެ. އިރުކޮޅަކު ހަރަކާތެއްކޮށްނުލާ ހުރުމަށްފަހު ކަނާއަތްތިލަ ގެނެސް ކަރުދޮށުގައި ޖައްސާލިއެވެ. އޭނާގެ ޠަބީޢަތް ގޯސްކުރުވި މީހަކީ މިފްރާހެވެ. ފެންވަރައިގެން ނުކުމެ ހެއާޑްރަޔަރުން އިސްތަށިގަނޑު ހިއްކުމުގައި ކެންޒާ ހުރީ މޫނުދޮންނަ ތަށި ކައިރީއެވެ. ފާރުގައި ހުރި ބޮޑު ލޯގަނޑުން އޭނާގެ ސޫރަށް ފެނެއެވެ. ކަރުގައި ރަތްވެފައި ހުރި ތަނުގެ ކުލަ ކިރިޔާ ފަނޑުވެލާފައި ހުރި ކަހަލައެވެ. ރޭގައި ހުރި ރަތްކަމުގެ ބަދަލުގައި މިހާރު ހީވަނީ ނޫފައިގަނެފައި ހުރިހެންނެވެ. މިފްރާހުގެ ދަތްޖެހިފައި ހުރިކަމުގެ ދެ ނިޝާނެއް ހުއްޓެވެ. ހަމައެއާއެކު ކެންޒާގެ ލަކުނުން ފުރިފައިވާ ބުރިކަށްޓާއި ދެއަތަށް ބަލާލިއެވެ. އަމިއްލަ ހަށިގަނޑުގައި ހުރި ލަކުނުގެ ނިޝާނަކީ އޭނާއަށް ލިބިފައިވާ އަނިޔާގެ ނިޝާންތަކެވެ. އަހަރުތަކަކަށްފަހު އެލަކުނުތަކަށް ދެ ލޯ ހޭނިފައި ވިޔަސް މިއަދު ކަންފަތަށް އަނެއްކާ ވެސް މަންމަގެ ބާރު ރުއިމުގެ އަޑު އިވުނު ކަހަލައެވެ. ލަކުނުގެ ސަބަބުން ކުރަކިވެފައިވާ ހަންގަނޑުގެ ރީތިކަން ގެއްލިފައިވާއިރު އެ ހަށިގަނޑުގައި ބީހެން އެދޭނީ ކާކުހެއްޔެވެ. ހެއާޑްރަޔާ ނިއްވާލުމާއެކު ކެންޒާ ފިނިނޭވާއެއް ދޫކޮށްލިއެވެ. ފާޚާނާގައި ހުރި ހުދުކުލައިގެ "ބާތްރޯބް" ގަޔަށް ހެޔޮވަރުކޮށްލުމާއެކު ނުކުތެވެ. ރީތިވާ މޭޒުމަތީ އޮތް ފޯނު ބަލާލުމުން މިއަދު އޭނާ ގަޑިޖެހޭނެކަން އެނގުނެވެ. ފުރަތަމަ ގަޑިއަށް ނުދެވުނަސް ދެވަނަ ގަޑިއަށް ދާނީކަމުގައި ކެންޒާ ގަސްދުކުރިއެވެ. އިސްތަށިގަނޑު ތެތްކޮށް އޮތުމުން ދޫދޫކޮށް ގަތާލިއެވެ. ޝެޕްކޯޓު ލުމުން އޭގެ ގިރުވާނުން ކަރުދޮށުގައި ރަތްވެފައި ހުރިތަން އެއްކޮށް ނުފޮރުވުނެވެ.
އޮފީހަށް ދާން ތައްޔާރުވެގެން ލައިތު އެލެވޭޓާއަށް އެރީ ކެންޒާއާ ބައްދަލުވާނޭކަމަށެވެ. އެލެވޭޓާއިން ނުފެނުމުން ދިޔައީ ކަމަށް ހީކޮށް ގޭގެ ބިއްދޮށަށް ނުކުމެ ހުރެ މާމަގެ ޚާއްޞަ ޑްރައިވަރަށް ގުޅިއެވެ. ކޮލެޖަށްދާން ކެންޒާ ނުގުޅާކަން އެނގުނީ ދެނެވެ. ހަލުވިފިޔަވަޅުގައި އެނބުރި އައިސް އެލެވޭޓާއަށް އަރަން ލައިތު އުޅުނެވެ. އެވަގުތު މަރިއްޔާ ފެނި އޭނާ ހުއްޓުވިއެވެ. ކެންޒާގެ ރޫމު ނަންބަރު ލައިތު އެހުމުން މަރިއްޔާ ބުނެދިނެއްކަމަކު ހުރީ އަޖައިބުވެފައި ހުރި މީހަކު ފަދައިންނެވެ. ލެއްޕުނަ ނުދީ ހިފަހައްޓާފައި ހުރި އެލެވޭޓާގެ ދޮރުން ލެއްޕެން ދޫކޮށްލުމާއެކު މަރިއްޔާއަށް ލައިތު ޝުކުރު އަދާކުރިއެވެ.
ކޮޓަރީގައި ޓަކި ދިނުމާއެކު ދޮރާ ދިމާއަށް ކެންޒާއަށް ބަލާލެވުނީ ޔަގީން ނުވެފައި އިނދެއެވެ. ދެވަނަ ފަހަރަށް ޓަކިން ދިން އަޑު އިވުމުން އޭނާ ތެދުވިއެވެ. ނޭފަތް އެތެރެއަށް ދަމާލުމާއެކު އަވަސްއަވަހަށް ދެއަތުން މޫނު ފުހުނެވެ. އެގޭގައި އިނުން ރަނގަޅުކަމަކަށް ނުވާނޭ ކެންޒާއަށް ވިސްނުނީ ދެނެވެ. ދޮރުހުޅުވާލިއިރު ކުރިމަތިން ފެނުނީ ލައިތުގެ ދިގު އިސްކޮޅާއި އެބިޔަ ހަށިގަނޑެވެ.
"ވަޓްސް ރޯންގް؟ ކީއްވެ ރޮނީ؟" ކެންޒާއަށް ނަޒަރު ހުއްޓާލައިގެން ހުރި ލައިތުއަށް އަހާލެވުނެވެ. އޭނާގެ ނަޒަރު ކޮޓަރިތެރެއަށް ވެސް ދަތުރުކޮށްލިއެވެ. ކެންޒާގެ ދެ ލޯ ހެކިދެނީ އޭނާ ރޮއެފައި ހުރިކަމެވެ. ހަމައެއާއެކު ކެންޒާ އަވަހަށް ދެ ލޯ ފުހެލި ގޮތުން ވެސް މެއެވެ. ލައިތު ކުރިއަށް ޖެހިލުމުން ކެންޒާއަށް ފަހަތަށް ފިޔަވަޅު އަޅާލެވުނެވެ.
"އައި އޭމް ގޮއިން" ކެންޒާ އަވަހަށް ބުނެލިއެވެ. ނަމަވެސް ލައިތު ހުރީ ކޮޓަރިތެރެއަށް ވަދެ ދޮރުފަތުގައި ހިފަހައްޓާލައިގެންނެވެ. ޝެފްކޯޓުގައި ކެންޒާ އެ ހުރީ ކޮލެޖަށް ދާން ތައްޔާރުވެގެންކަން ލައިތަށް ވިސްނެއެވެ. އެހެންވިޔަސް ކޮންމެވެސް ސަބަބަކާ ހެދި އެ އަންހެންކުއްޖާ ނުދާން އިންކަހަލައެވެ.
"ވެއިޓް!...މް...މް...ސޮރީ!..." ކެންޒާއަށް ބަލަން ހުރެފައި ލައިތު ބުންޏެވެ. އަނެއްކާ ވެސް ލައިތު ޖެހިލީ ކެންޒާއާ ގާތަށެވެ. ހައިރާންކަމުގެ ބެލުމަކުން ކެންޒާ ބަލަން ހުރިއިރު އޭނާގެ ކަރުދޮށުގައި އަޅާފައި ހުރި މަލަންގަނޑު ލައިތަށް ފާހަގަވިއެވެ. އަދި ކެންޒާ ސްކާފް ބޭނުންކުރީ ކަރުދޮށް ފޮރުވަންކަމުގައި އޭނާ ހީކުރިއެވެ.
"ވަޓްސް ދެޓް؟" ކެންޒާގެ ކަރުދޮށަށް އިޝާރާތްކުރަމުން ލައިތު އެހިއެވެ. ވަގުތުން ކެންޒާއަށް އެއްއަތުން ކަރުގައިވި މަލަންގަނޑުގައި ހިފަހައްޓާލެވުނެވެ.
(ނުނިމޭ)