ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: މަރުގެ އަދަދު 300،000 އަށްވުރެ މައްޗަށް

May 15, 2020

މުޅި ދުނިޔެއަށް ބަލާއާފާތެއްގެ ގޮތުގައި ކަނޑައަޅާފައިވާ އާ ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 300،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

މިދިއަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު ވައިރަސް، މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަނީ ފެތުރިފަ އެވެ. ބަލި ފެތުރުން ހުއްޓުވުމަށް، ގިނަ ގައުމުތަކުން ބޯޑަރުތައް ބަންދުކޮށް، ލޮކްޑައުން ކުރުމާ ގުޅިގެން، މުޅި ދުނިޔެ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެއާއެކު، ދުނިޔޭގެ އިގުތިސޯދު ވަޅުޖެހި، ވިޔަފާރިތައް ބަނގުރޫޓުވަމުން ދާއިރު، އެތަކެއް މިލިއަން މީހުން ވަނީ ވަޒީފާ ގެއްލިފައި އެވެ.

އދ. އިން އަންދާޒާ ކުރާ ގޮތުގައި، މި ބަލިމަޑުކަމުގެ ސަބަބުން އެފްރިކާ ފަދަ ހިސާބުތަކުގައި 34 މިލިއަނަށްވުރެ ގިނަ މީހުން ފަގީރުކަމުގެ ތެރެއަށް ވެއްޓިގެން ދާނެ އެވެ.

އެ ބަލި ޖެހުނު މީހުންގެ އަދަދު 4.4 މިލިއަނަށް ވުރެ މަތިވެފައިވާއިރު، އިގުތިސޯދު އަލުން ހިންގަން މަޖުބޫރު ވެގެން ބައެއް ގައުމުތަކުން އަންނަނީ ލޮކްޑައުންގެ ފިޔަވަޅުތައް ލުއިކޮށް، ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ދޮރުތައް ހުޅުވައި ދެމުންނެވެ. ނަމަވެސް، އެ ފިޔަވަޅުތައް ލުއި ކުރަމުންދާ ގިނަ ގައުމުތަކުގައި، ބަލި ފެތުރޭ މިންވަރު އަނެއްކާ ވެސް ވަނީ އިތުރުވެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ދާދި ފަހުން ބުނެފައިވާ ގޮތުގައި، ކޮވިޑް-19 އަށް ވެކްސިނެއް ހޯދުނު ކަމުގައިވީ ނަމަވެސް، އެ ބަލި މުޅީން ނެތިގެން ނުދާނެ ކަމަށެވެ.