މެދުރާއްޖެ ތެރެއަށް ވައިގަދަވެ، ފުރަތަމަ ފަހަރަށް އޮރެންޖު އެލާޓް ނެރެފި އެވެ. އޮރެންޖު އެލާޓް ނެރެފައިވަނީ މިރޭ 7:00 ޖަހަންދެނެވެ.
އޮރެންޖު އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ފ އަތޮޅާ ދެމެދު އެވެ. މޫސުން ލަފާ ކޮށްފައިވާ ގޮތުގައި 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިމުގައި ވައި ޖެހޭނެ އެވެ. ކަނޑުތައް ގަދަވާނެ އެވެ.
އޮރެންޖު އެލާޓަކީ މޫސުމީ އެލާޓްތަކުގެ ތެރެއިން ތިންވަނަ ދަރަޖައިގެ އެލާޓެވެ.
އެހެން ސަރަަހައްދުތަކަށް ވެސް މިއަދު މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން ނ. އަތޮޅުން މ. އަތޮޅާ ދެމެދަށް ވަނީ ޔެލޯ އެލާޓް ވެސް މިރޭ ހަތެއް ޖަހަންދެން ނެރެފަ އެވެ. އަދި، ގއ. އިން އައްޑޫ ސިޓީއާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ އެވެ.
އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވެ އެވެ.
އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ އެވެ. ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވެ އެވެ.