ދުނިޔެ

އދ. އިން ސުވާލުތަކެއްގެ ޖަވާބު ހޯދަން އީރާނަށް

Sep 19, 2015

އީރާނާއެކު އެމެރިކާ އިސްވެ އޮވެ ހެދި ނިއުކްލިއާ އެއްބަސްވުން ގާއިމް ކުރެވުމުގެ ކުރިން، އދ. އާއި ހުޅަނގުން އެގައުމަށް ކުރިމަތި ކުރުވި ގިނަ ސުވާލު ތަކެއްގެ ޖަވާބު އަދި ވެސް ވަނީ ނުލިބިއެވެ. އަދި މިހާރު ވެސް އެ އެއްބަސްވުމަށް އެގައުމުން އެންމެ ފުރިހަމަ އަށް ބޯލަނބާނެ ކަމާ މެދު ބައެއް ފަރާތްތަކުން ޝައްކު އުފައްދައެވެ.

ޔޫކިޔާ އަމާނޯ މިއަދު އީރާނުގެ އޮފިޝަލުންނާއި ބައްދަލުވުންތަކެއް ބޭއްވުމަށް ތާވަލު ކޮއްފައި ވާއިރު، އެގައުމުގެ ނިއުކްލިއާ ސައިންޓިސްޓުންނާއި ބައްދަލުކުރަން ވެސް އދ. އިން ބޭނުން ވެއެވެ. މި ކަމަށް ޓަކާ ވަރަށް އަވަހަށް އީރާނަށް އިތުރު ދަތުރެއް ކުރުމަށް އދ. އިން ވަނީ ނިންމާފައެވެ. އެހެން ކަމުން މިއަދުގެ ބައްދަލުވުން ތަކުގައި ސައިންޓިސްޓުންނާއި ބައްދަލު ކުރުމަށް މަގު ކޮށާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން އީރާނުން ޔޫރޭނިއަން ފައްކާ ކުރުމުގެ މަސައްކަތްތަށް ހިނގި ޕާޗިން އަސްކަރީ ސަރަހައްދަށް ޒިޔާރަތް ކުރަން ވެސް އދ. އިން މަސައްކަތް ކުރާނެއެވެ. ޝައްކު ކުރެވޭ ނިއުކްލިއާ ހަރަކާތްތަކެއް އީރާނުން ހިންގި ކަމަށް ބެލެވޭ މި ސަރަހައްދު އޮންނަ ހިސާބު އދ. އަށް މިހާރު ވަނީ ހޯދިފައެވެ.

ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އަދި އެފަދަ ރޭވުމެއް ނުވެސް ގެންގުޅޭ ކަމަށް އީރާނުން އަބަދުވެސް އައީ ބުނަމުންނެވެ. އަދި އެގައުމުގެ ނިއުކްލިއާ ޕްރެޖެކްޓަކީ ސުލްހަވެރި ބޭނުންތަކަށް ހަކަތަ އުފެއްދުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެގައުމުން ބުނެއެވެ.