ރާއްޖެ ކުޅިވަރު

ކުޅުން ހުއްޓާލައިގެން ހުރި ބޮންޑާ އަލުން ދަނޑަށް

Sep 19, 2015

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު އަމިއްލަ ރަށަށް ދިރިއުޅުން ބަދަލުކުރި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) އަލުން ކުޅެން ނުޅުންނަން ތައްޔާރުވެއްޖެ އެވެ.

މި ފަހަރު ބޮންޑާ ފެނިގެންދާނީ މިނިވަން50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އޭނާ ރަށު ޓީމު އައްޑޫސިޓީގެ ހިތަދޫ ޓީމުންނެވެ.

އައިއެފްސީ އާއި ވީބީ އަދި ނިއުރޭޑިއަންޓާއި ވެލެންސިއާގެ ކުރީގެ އެޓޭކިން މިޑްފީލްޑަރު އޭނާގެ ރަށުން ބަހުން ވާހަކަ ދައްކަމުން ބުނީ "މި ފަހަރުގެ މުބާރާތުގައި އަހަރެން ކުޅެން،" ކަމަށެވެ.

"ހަމަ ކުޅެލަނީ. ރަށު ޓީމު ވީމަ ކުޅެންވާނެތާ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ އަދިވެސް. ޓީމު ވެސް ރަނގަޅު،" ބޮންޑާ ބުންޏެވެ.

ގައުމީ ފުޓަބޯޅަ ޓީމުގެ މެދުތެރެ އާއި ކުރި ގުޅުވައިދިނުމުގައި އެފަދަ ދެވަނައެއްނެތް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވުނު ބޮންޑާ ކުޅުން ހުއްޓާލީ ކުލަބުތަކުން މުސާރަދިނުމުގައި ބައެއް ފަހަރު އެއްބަސްވާގޮތަށް ކަންތައްތައް ނުކުރުމާއި މާލޭގައި ދިރިއުޅުމުގެ ކަންކަން ހަމަނުޖެހޭތީ އެވެ. ނަމަވެސް އޭނާ ގައުމީ ޓީމުގައި ނެތުމުގެ އުނިކަން އަދިވެސް ކޯޗުންނާއި ސަޕޯޓަރުން ފާހަގަ ކުރެ އެވެ.

ބޮންޑާ ކުޅޭ ހިތަދޫ ޓީމަށް ބިދޭސީ ތިން ކުޅުންތެރިން ގެނައުމަށް ނިންމައި މިހާރު ވަނީ ގާނާގެ ފޯވަޑަކު ވެސް ގެނެސްފަ އެވެ.