ރާއްޖެ ކުޅިވަރު

ފުރަތަމަ ދިވެހި އަންހެން ރެފްރީ ދަނޑަށް

Sep 19, 2015

ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެނަކު ފުޓްބޯޅަ މެޗެއްގެ ރެފްރީއެއްގެ ގޮތުގައި ދަނޑަށް ނުކުމެއްޖެ އެވެ.

މި ޝަރަފު ހޯދީ ފުވައްމުލަކު 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ މަރިޔަމް ސުމަން އަލީ އެވެ.

ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12ގައި ކިޔަވަމުން އަންނަ ސުމަން ބަދަލު ރެފްރީކަން ކުރީ މިއަދު ހަވީރު މިނިވަން50 ޗެމްޕިއަންޝިޕުގައި ދޫޑިގަން އަތުން 2-1އިން ދަޑިމަގު މޮޅުވި މެޗުގަ އެވެ.

އެފްއޭއެމުގެ ރެފްރީޒް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި އަހުމަދު އަމީޒް މިރޭ ބުނީ ސުމަންގެ ސަބަބުން ކުރިމަގުގައި އަންހެން ރެފްރީން އިތުރުވާނެ ކަމަށެވެ.

"މިއީ އާ ފެށުމެއް. މީގެ ސަބަބުން ރެފްރީކަމުން ކުރިއަށްދާން ބޭނުންވާ އަންހެން ކުދިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ. އަދި އޭނާގެ ސަބަބުން ރެފްރީކަން ކުރަންބޭނުންވާ ކުދިން ވެސް އިތުރުވާނެ. ހަމަގައިމުވެސް މިއީ ރަނގަޅު ފެށުމެއް،" ޕްރެޒިޑެންޓްސް ކަޕުގެ މެޗުތަކުގައި ރެފްރީކަން ކުރުމަށް މިވަގުތު އައްޑޫގައި ހުރި އަމީޒް ބުންޏެވެ.

ސުމަން އަކީ އެފްއޭއެމުން މިނިވަން50 އަށް ރެފްރީން ތަމްރީނުކުރުމަށް ބޭއްވި ކޯހުގައި ބައިވެރިވެ ފިޓްނަސް އަދި ތިއަރީ ޓެސްޓުން ފާސްވި ހަމައެކަނި އަންހެންކުއްޖާ އެވެ. އޭނާ އަށް ރެފްރީއެއްގެ ގޮތުގައި ދަނޑަށް ނުކުންނަން ފުރުސަތު ދިނީ ރެފްރީކަން ކުރަން އޭނާ ޝައުގުވެރިވުމާއި އަންހެނުންނަށް މިދާއިރާއިން ފުރުސަތުދިނުމުގެ ގޮތުން ކަމަށްވެސް އަމީޒް ބުންޏެވެ.