ވާހަކަ

ލޯބިން ބުނެލަން

(14 މެއި 2020 އާ ގުޅޭ)

"ވަޓްސް ދެޓް؟" ކެންޒާގެ ކަރުދޮށަށް އިޝާރާތްކުރަމުން ލައިތު އެހިއެވެ. ވަގުތުން ކެންޒާއަށް އެއްއަތުން ކަރުގައިވި މަލަންގަނޑުގައި ހިފަހައްޓާލެވުނެވެ.

ލައިތުގެ ފުރަތަމަ ވިސްނުމަކަށްވީ ކެންޒާއަށް އަނިޔާއެއް ލިބުނީ ކަމަށެވެ. އޭނާއާއި ކެންޒާއާ ދެމެދު ގާތްކަމެއް ނެތްނަމަވެސް ލައިތު ކަންބޮޑުވިއެވެ. ހާމަކުރުމަކާނުލާ އެ އަންހެންކުއްޖާގެ ޠަބީޢަތް ގޯސްވެއްޖެކަން ލައިތު ދެނެގަތެވެ. އޭނާގެ ނަފްސުގައި ނިދާފައި އޮތް ޖަޒުބާތަކާއި ހަވަން ޚިއްޞު އެއްބައިވެ ސަމާލުކަމަށް އައީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.

"އިޓްސް ނަތިންގް" ލައިތު ކުރިއަށް އަންނަން ފެށުމުން ދުރަށް ޖެހެމުން ކެންޒާ ބުނެލިއެވެ.

"ތަދުވަނީތަ؟" ފިޔަވަޅު މަޑުޖައްސާލަމުން ލައިތު އަހާލިއެވެ. ކެންޒާ އަވަސްއަވަހަށް ދެފަރާތަށް ބޯހޫރާލިއެވެ. މިފްރާހަށް އިތުބާރު ނުކުރެވޭ ފަދައިން ކުރިމަތީގައި ހުރި ލައިތަކަށް ވެސް ކެންޒާއަށް އިތުބާރެއް ނުކުރެވެއެވެ. އެހެންވިޔަސް ދޭހަކުރަން އުނދަގޫވީ ލައިތުގެ ލޮލުން ފާޅުވާ ކަންބޮޑުވުމެވެ.

ފަޓުލޫނުގެ ދެ ޖީބަށް އަތްކޮށްޕާލަމުން ލައިތު ފުންނޭވާއެއްލިއެވެ. ކެންޒާއަށް ބަލަން ހުރެ ދެބުމަ ކައިރިކޮށްލިއެވެ. ކެންޒާ ހަރަކާތެއްކޮށްނުލާ ހުންނަން ފެށުމުން ލައިތު ވާހަކަދެއްކިއެވެ.

"ދެން ކޮންކަމަކާ ތި ރޮނީ؟" މިފަހަރު ލައިތުގެ އަޑުގައިވީ ހަރުކަށިކަމެވެ. އޭނާ ކަމަކާ ނުރުހުނީ ކަހަލައެވެ.

"ކަމެއްނުވޭ" ކެންޒާގެ އަޑު މަޑެވެ. ލައިތުއާ ހަތަރުކަޅި ބައްދަލުނުކޮށްވޭތޯ އޭނާ ބެލިއެވެ.

"ކަމެއްނުވެ ރޮއެތަ؟... ކަރަށް ވީގޮތެއް ބުނެބަލަ" ހަރުކަށިކަމާއެކު ލައިތު އެއްސެވެ.

"އަހަރެން ހިނގައިދާނަން" އެނދުމަތީ އޮތް ދަބަސް ތައްޔާރުކުރަން ކެންޒާ ފެށިއެވެ. އެހިނދު ނުރުހުމުގެ އަޑެއް ލައިތު ލައްވާލިއެވެ. އަދި ދެން ފެނުނީ އޭނާ އައިސް ކެންޒާގެ ދަބަހުގައި ހިފެހެއްޓިތަނެވެ.

"އަހަރެން ހިނގައިދާނަމޭ" ކެންޒާއަށް ބުނެވުނެވެ. އެހިނދު ލައިތު ޝަހާދަތްއިނގިލި ކެންޒާއަށް ދިއްކޮށްލިއެވެ. ދަތްކުނޑިވިކާލުމާއެކު އެހާމެ އަވަހަށް އޭނާ އިނގިލި ލައްޕާލިއެވެ.

"މިތަނުން ދާން އަހަރެން ބުނިންތަ؟ ނައު ސްޓޭ ސްޓިލް އެން ޝޯ މީ" ކެންޒާގެ ކޮނޑުގެ ދެފަރާތުން ހިފައި ލައިތުއާ ދިމާއަށް އަނބުރާލިއެވެ.

"މަތިމަތިން މަލަން އަޅާތަ؟" ކެންޒާގެ އިސްތަށިގަނޑު އެއްފަރާތްކޮށްލަމުން ލައިތު ބުންޏެވެ. އޭނާގެ ސަމާލުކަން ވަނީ ކެންޒާގެ ކަރުދޮށުގައި ހުރި މަލަންގަނޑަށް ހުއްޓިފައެވެ.

"ބޭސް އަޅާނީ ތިހެންނެއްނޫން، ކަމް ވިތް މީ" ލައިތު އެނބުރިލީ ފާޚާނާއާ ދިމާއަށެވެ. އެހެންނަމަވެސް ކެންޒާ ހިނގައިނުގަތުމުން އޭނާ ކެންޒާގެ އަތުގައި ހިފާ ދަމާލިއެވެ.

"އަހަރެން މިބުނަނީނު ކަމެއްނުވެޔޭ، ކީއްވެތަ ތިހެން ތިއުޅެނީ؟ އަހަންނަށް ބޭސްއަޅަން ނޭނގެނީއެއްނޫނޭ... މީ ޔޫ އާ ބެހޭކަމެއްނޫނޭ" ކެންޒާ ފައްޗަކަށް އޭތިމީތި ގޮވާލިއެވެ. ބޭނުމަކަށްވީ ލައިތު ދުރަށްލުމެވެ.

"ދެން ޝޯ މީ، އައި ވޯންޓް ޓަޗް" ކެންޒާގެ އަތުން ދޫކޮށްލުމާއެކު ލައިތު ބުންޏެވެ.

"ނޯ!... ބޭނުމެއްނޫން!" ކެންޒާ ދެފަރާތަށް ބޯހޫރާލިއެވެ.

"އަހަރެން ނައްޓާލަންވީތަ ތި މަލަންގަނޑު" އިންޒާރެއް ފަދައިން ލައިތު ބުނެލިއެވެ. ކެންޒާގެ މޫނުން ފާޅުވެލި މައުސޫމްކަމުގެ ބިރު ލައިތުގެ ޝައުގުވެރިކަން އަތުލިއެވެ. ކެންޒާ ތުންފިއްތާލިއެވެ. ހީވީ ކުޑަކުއްޖަކު ރުޅިއައިސް ބޮޑާހާކާލިހެންނެވެ. ހަރުކަށިކަމުގެ ފަށަލައެއް ލެވިފައިވި ލައިތުގެ ނަފްސުއެކީ ހިނިތުންވެލި ކަހަލައެވެ.

"އައި ޑޯންޓް ވޯންޓް އެނީވަން ޓު ސީ އިޓް" އިސްޖެހިފައި ހުރެ ކެންޒާ ބުންޏެވެ.

"އައި ޑޯންޓް މައިންޑް... ލެޓް މީ ހެލްޕް" ލައިތު ބުނެލީ އޯގާތެރިކަމާއެކުއެވެ. ކެންޒާއަށް އިސްއުފުލާ ބަލާލެވުނީ ޔަގީންކުރަންވީކަމެއް ނޭނގިފައެވެ.

ލައިތު ބޮލުން އިޝާރާތްކޮށްލީ އޭނާ އަތްލުމުގެ ހުއްދައަށް އެދޭފަދައިންނެވެ. އޭރު ލައިތުގެ ވައަތްތިލައިން ކެންޒާ އިސްތަށިގަނޑުން ނިވާކުރަން އުޅޭތީ އެއަތުގައި ހިފާލިއެވެ. ލައިތުގެ ލޮލާއި ބޮލުން އޭނާ ކެންޒާ ނުރުހޭކަމެއްނުކުރާނެކަން ބުނަމުން ދިޔަ ފަދައެވެ. ކެންޒާގެ އިސްތަށިގަނޑު އެއްފަރާތްކޮށްލުމާއެކު މަލަންގަނޑުމަތީ މަޑުމަޑުން ލައިތު ފިރުމާލިއެވެ. ދެމީހުންގެ ނަޒަރު ސީދާވެފައި ހުރިއިރު ކެންޒާގެ ހިތް ނެގިނެގިފައި ޖެހެއެވެ. މަލަންގަނޑު ލައިތު ނައްޓުވާލި ވަގުތު ކެންޒާއަށް އަޑެއްލައްވާލެވުނެވެ.

"ސޮރީ..." ލައިތު ނިކަން އަވަހަށް ބުނެލިއެވެ.

ކެންޒާގެ ކަރުދޮށަށްވެފައި ހުރި ގޮތެއް ލައިތު ބަލާލުމާއެކު އޭނާގެ މޫނުން ސީރިއަސްކަން ފާޅުވިއެވެ. މަޑުމަޑުން ކެންޒާއާ ދުރަށް ޖެހިލައި އެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ކެންޒާ އިސްޖެހިގޮތަށް އިސްއުފުލައި ނުލިއެވެ.

"އާ ޔޫ އިންއަ ރިލޭޝަންޝިޕް؟" ލައިތު އަހާލިއެވެ. އޭނާގެ ފޯނު ރިންގުވާން ފެށީ އެވަގުތެވެ. ފަޓުލޫނު ޖީބުން ފޯނުނަގައި ލައިތު ބަލާލިއިރު އޭނާއަށް ގުޅަނީ ސެހްރާނެވެ. ކޯލު ބިޒީކޮށްލުމާއެކު ލައިތުގެ ނަޒަރު އަނެއްކާ ވެސް ކެންޒާއަށް ހުއްޓުނެވެ.

"އިޓްސް އޯކޭ... އައި އޭމް ނޮޓް ޖަޖިން" ލައިތު ބުންޏެވެ. އޭނާ ބުނީ ކިތަންމެ އާދައިގެ ގޮތަކަށް ނަމަވެސް ކެންޒާއަށް އިޙްސާސްކުރެވުނީ އެބުނީ ވަރަށް ބޮޑު އެއްޗެއްކަމެވެ.

"ސޯ... ހޫ މާކްޑް ޔޫ" އިރުކޮޅަކު ހުރެފައި ލައިތު އަހާލިއެވެ.

"ޔޫ ޝުޑް ހޭވް ލެފްޓް މީ އެލޯން" ކެންޒާގެ އަޑު އައީ ކުރެހިގެންނެވެ.

"އަހަރެން ވެސް ހުރީ ތިހެން ހަދާށޭ" ލައިތު ބުންޏެވެ. އޭނާއަށް އަދިވެސް ނުވިސްނެނީ ކެންޒާ ރޯންޖެހުނު ސަބަބެވެ. އޭނާ ހާސްކުރުވީ ކެންޒާގެ ރަތްކަންއެކުލެވިފައިވި ކަރުނަވީ ދެލޮލެވެ. އެކޮޓަރިއަށް އޭނާއަށް ވަދެވުނީ އެހެންވެއެވެ. ކެންޒާއާމެދު ވިސްނާ ފިކުރުކުރެވޭކަން އޭނާއަށް އެނގޭކަށް ލައިތު ނޭދެއެވެ. ދެވަނަ ފަހަރަށް ސެހްރާނު ގުޅީ އެ ދެމެދަށް ހިމޭންކަންވެރިފައި ވަނިކޮށެވެ. ލައިތު ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ.

"ކޮންތާކު؟" ސެހްރާނުގެ އަޑުއިވުނެވެ.

"ބޭރުގައި" ލައިތު ނިކަން އަވަހަށް ބުނެލިއެވެ.

"ބޭރު ކޮންތާކު؟ ކާރު އެބައޮތް... މުޅިގެ ހޯދިއްޖެ، ސައިނުބޮނީތަ؟ މާމައާއި އަންކަލް ސުވާލު އެކުރަނީ މަށާ" ސެހްރާނު ބުންޏެވެ.

"މިދަނީ" ލައިތު މިހެންބުނެ ފޯނުކޯލު ކަނޑާލިއެވެ.

"ކޮންއިރަކުން ކޮލެޖަށްދަނީ؟" ފަޓުލޫނު ޖީބަށް ފޯނުކޮށްޕާލަމުން ލައިތު އަހާލިއެވެ.

"ގެއަށް ދާނީ" ކެންޒާ ބުންޏެވެ.

"ވެއިޓް ހިއާ... އެބަ އަންނަން" ލައިތު ބުންޏެވެ. އަދި އޭނާ ދުރުދުރުގައި ފައިއަޅާލުމާއެކު ހަލުވިކޮށް އެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ފުންނޭވާއެއް ކެންޒާ ލީ ގޮތުން ހީވީ މިހުރިހާއިރު އޭނާ އެ ހުރީ ނޭވާ ހިފަހައްޓާލައިގެން ކަހަލައެވެ. އެނދުގެ ފައިލާކޮޅުގައި ހުރި ދިގު ގޮނޑީގައި ކެންޒާ އިށީނެވެ. ފައިކައިރީ ގޮނޑީގެ އަރިމަތީ ދެއަތުން ހިފަހައްޓާލައިގެން އިސްޖެހިފައި ކެންޒާ އިނީ ވިސްނާށެވެ. ރުޅިއާދެވުނެއްކަމަކު އެ ރުޅި ބޭރުކޮށްލާނޭ ގޮތެއް ނޭނގިފައި ކެންޒާ އިން ކަހަލައެވެ.

ކޮޓަރީގެ ދޮރު ހުޅުވި ލެއްޕުނުއަޑު އިވުނެވެ. ކެންޒާގެ ކައިރިއަށް އައިސް ލައިތު ހުއްޓުމުން ވެސް އޭނާ އިސްއުފުލާނުލިއެވެ. ކެންޒާގެ އަތުގައި ހިފާ ލައިތު އޭނާ ކޮޅަށް ނެގިއެވެ. ފާޚާނާއަށް ވަދެ ބޮޑުލޯގަނޑުގެ ކުރިމަތީ ހުއްޓުމާއެކު ކެންޒާ ބަލާލިއެވެ. ލައިތުގެ އަތުގައި އޮތީ ކްރީމްފުޅިއެކެވެ.

"މި އުނގުޅަންތަ ތިއުޅެނީ؟ އެތަން ފިލާނެތަ؟" ހިތްއަވަސްވެފައި ކެންޒާއަށް އަހާލެވުނެވެ. ބޮޑުކޮށްލެވިފައިވާ އެ ދެލޮލަށް ގެއްލިފައި ލައިތުއަށް ހުރެވުނެވެ. ދެން ފެނުނީ އޭނާ ހީނލިތަނެވެ.

"ޓެލް މީ ދި ޓްރުތް؟ ހައު ދިސް ހެޕެން... ވައި ހީ ލެފްޓް ހިސް ޓީތްމާކް، އެވަރުވީކަން އެވަގުތު ނޭނގުނީ ދޯ" ލައިތު ލާނެތްވެލިއެވެ. ކެންޒާ ހިމޭންވީއެވެ. ލައިތު އެހީކުރާގޮތަށް ވީކަމެއްނޫންކަން ބުނާނޭ ގޮތެއް ކެންޒާއަށް ނުވިސްނުނެވެ.

ކެންޒާގެ ކަރުގައި ރަތްކަން ވެރިވެފައި ހުރި ހިސާބުގައި ލައިތު ކްރީމްކޮޅެއް ޖަހާދިނުމަށްފަހު އިނގިލިތަކުން މަސާޖުކޮށްލިއެވެ. އަދި އެ ކުރީމްފުޅި ކެންޒާއަށްކަން އޭނާ ބުންޏެވެ. އެއީ އެލޯވިރާ ކްރީމްކަމާއި އައިސް އެޅުމުގެ އިތުރުން މޮއިސްޗަރައިޒިން ކްރީމަކުން ނުވަތަ އޮއިލްއަކުން މަސާޖުކުރުމުން އެ ރަތްކަން ފިލާލެއް އަވަސްވާނޭ ކަން ލައިތު ބުންޏެވެ.

"ބޮޑު ބޭސްގަނޑެއް އަޅާހެން ކަވާނުކުރިޔަސް ތުނި ޕެޗެއް ހަރުކޮށްލުމުން ފުދޭނެ، އެކަމަކު އަހަންނަށް ފާހަގަވިހެން އެހެންމީހުންނަށް ވެސް ކަރުގަ އެއްޗެއް އިނީމަ އަޅައިގަންނާނެ، އަންހެންކުދީން އާންމުކޮށް މޭކަޕްއިން ދޯ ފޮރުވަނީ، ވައި ޑޯންޓް ޔޫ ޓްރައި ދެޓް" ލައިތުގެ އަތް ދުރުކޮށްލުމާއެކު ކެންޒާއާ ދުރަށް ޖެހިލިއެވެ.

ލައިތު ގެނައި ކުރީމް އުނގުޅިފަހުން ދިލަނުނަގާކަން ކެންޒާއަށް ފާހަގަވިއެވެ. ހަންގަނޑަށް ފިނިކަމެއް އިޙްސާސްކުރެވުނެވެ. ލައިތުއަށް އެ ހުރިހާ މަޢުލޫމާތެއް އެނގެންވީ ގޮތަކާމެދު ކެންޒާއަށް ވިސްނާލެވުނެވެ. އެއާއެކު ލައިތުގެ ދިރިއުޅުމުގައި ޚާއްޞާ އަންހެންކުއްޖަކު ހުރީކަން ކެންޒާ ޤަބޫލުކުރިއެވެ. އަތްދޮންނަން ހުރި ލައިތުގެ ސޫރައަށް ލޯގަނޑުން ކެންޒާ ބަލާލިއެވެ.

"އެބޮޑާކަމާއި ހަރުކަށިކަމުގެ ތެރޭ އިންސާނިއްޔަތުކަންވާކަން ޔަގީން، ހީ ޝުއާ ނޯސް ހައު ޓު ކެއާ، އެނީ ގާލް ވިލް ބީ ޕްލީޒްޑް ވިތް ހިމް" ކެންޒާގެ ހިތުގެ އަޑު އެ ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އިވިލިއެވެ.

"އައި ހޭވް ޓު ގޯ" ދެއަތް ފުހެމުން ލައިތު ބުނެލިއެވެ. އެ މޫނަށް ބަލަންހުރެ ކެންޒާއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ ހިތްހަމަނުޖެހޭނެ އެއްވެސް ކަމެއް ލައިތު ނުކުރާކަން ކެންޒާއަށް ފާހަގަވިއެވެ. ލައިތު ޖީބުން ނެގި މަލަންފާޑު ޕެޗެއް ކެންޒާގެ އަތްތިލައަށް ލައިދިން އިރު ވެސް ކެންޒާއަށް ހުރެވުނީ ޚިޔާލުތަކަށް ގެއްލިފައި ހުރި މީހަކު ފަދައިންނެވެ. ލައިތު ދެއްކި ވާހަކައެއް އޭނާއަށް ސާފެއްނުވެއެވެ. އެ ސޫރަ ކުރިމަތިން ގެއްލުމުން ކެންޒާއަށް ހަމަހޭވެރިކަންވީ ކަހަލައެވެ. ލައިތުއަށް ޝުކުރު އަދާކުރަން ކެންޒާ ބޭނުންވިއެވެ. އޭނާ ފާޚާނާއިން ނުކުތްއިރު ލައިތު ކޮޓަރިން ނުކުންނަނީއެވެ. ލައިތުއަށް ގޮވާލަން އުޅެފައި ވެސް ކެންޒާއަށް ނުކެރުނީއެވެ. އޭގެ ބަދަލުގައި ލައިތުގެ ނަން އޭނާ ކިޔާލީ އަމިއްލަ މީހާއަށް އަޑުއިވޭނެހާ މަޑުންނެވެ.

* * * * *

މޭޒުދޮށުގައި އައިސް ލައިތު އިށީނުމާއެކު ކަސްތޫރީ ސުވާލުކުރިއެވެ. ފާޚާނާގައި އުޅެފައިކަން އައީ ލައިތު ބުނެލިއެވެ. ނަމަވެސް ސެހްރާނުގެ މޫނުން ފާޅުވީ ހައިރާންކަމެވެ. އޭނާއަށް ލައިތު ދޮގު ހެދީކަން ޔަގީންވާތީއެވެ. އޭނާ ލައިތު ހޯދުމަށް ނުބަލަނީ ގޭގެ ޚާދިމުން އުޅޭ ބައި އެކަންޏެވެ. އެބަޔަކީ އެތަން ނުބެލީ އެއީ އެމީހުން ވަދެ އުޅޭ ބައެއްނޫންވީމައެވެ.

ސަރަފީނާ އެންޖީއޯގެ ތަމްރީނު ބެޗަކާއެކު ފުރަން އުޅޭކަން ހުރިހާ ކުދީންގެ ގާތުގައި ބުންޏެވެ. މަންމަ އެނބުރި އަންނާނީ ކޮންއިރަކުންތޯ ޖިނާން އެއްސެވެ. އެއްމަސްދުވަހުގެ ދަތުރެއްކަމުގައި ސަރަފީނާ އޮޅުންފިލުވާދިނެވެ. ދަރުމައަށް މަސައްކަތްކުރުމުގައި އެގޮތަށް ފުރައިގެން ދިއުމަކީ ސަރަފީނާގެ ޢާންމު ދިރިއުމުގެ އެއްބައެވެ. މަންމަ ނެތުމުން ލައިރާ އެކަނިވާނޭކަން ސަރަފީނާއަށް އެނގެއެވެ.

"ޒުބިން ކޮންއިރަކުން އަންނަނީ؟" ސަރަފީނާ އަހާލިއެވެ.

"މިކޮޅަށް އަންނަ ވާހަކަ ދެއްކި" ލައިރާ ބުންޏެވެ.

"ޒުބިން ނިމޭކަށް ގިނަދުވަހެއް ނެތެއްނު" އަސަދު ވާހަކަދެއްކިއެވެ. ލައިރާ އެވާހަކައަށް ބޯޖަހާލީއެވެ. މޭޒުދޮށުގައި އިން ސެހްރާނާއި ލައިތުގެ އިތުރުން ޔާދިން ވެސް އިނީ ލައިރާގެ ހަރަކާތްތަކަށް ބަލާށެވެ. އެއިން ކޮންމެ މީހަކަށް ވެސް ލައިރާއަށް ބަދަލުތަކެއް އަތުވެއްޖެހެން ހީވަނީއެވެ.

"އަހަރެން ގުޅާލާނަން ޒުބިންއަށް، ސަރާ ނެތަނަސް އަހަންނާއި މަންމަ ހުންނާނެއެއްނު މިކޮޅުގައި" އަސަދު ބުންޏެވެ.

ކާމޭޒުދޮށުން ފޭބި ގޮތަށް ސެހްރާނު އައީ ލައިތުގެ ފަހަތުންނެވެ. އޭނާ ހެދި ބޮޑު ދޮގުގެ ހަޤީޤަތް ހޯދާށެވެ. ނަމަވެސް ލައިތު ހުރީ ބުނާގޮތަކަށް ނޫނެވެ. އޭނާ މިސްރާބު ޖެހީ ގެއިން ނުކުންނާށެވެ.

"މޯނިންގަ ބޯޑް މީޓިންއެއް އެބައޮތް، އެ ދެމީހުން ނުކުމެގެންދިޔަތަން ނުފެނޭތަ" ލައިތު ބުންޏެވެ. އޭނާ އިޝާރާތް އެކުރީ އޭނާއަށްވުރެ ކުރީން ނުކުމެގެން ދިޔަ ޔާދިންއާއި އަސަދަށެވެ. ސެހްރާނު ބޭނުންވިޔަސް ލައިތު ނުހުއްޓުވޭނެކަން އެނގި އޭނާ ޕޯޓިކޯގައި މަޑުކުރީއެވެ.

އެލެވޭޓާގެ ދޮރު ހުޅުވުނުއިރު އެތެރޭގައި ކެންޒާ ހުރީތީ ލައިރާ ހައިރާންވިއެވެ. ކުލާހަށް އަދި ނުދަންތޯ އޭނާއަށް އަހާލެވުނެވެ. ކެންޒާ މިއަދު އެއްވެސް ކަމެއް ކުރާހިތެއްނެތެވެ. އެހެންވެ އޭނާ ޝެޕްކޯޓު ބާލައި އަލުން އެގެއަށް އައިއިރު ލައިގެން ހުރި ހެދުންލީއެވެ. އަދި އޭނާ އައީ ގެއަށްދާން ގަސްދުކޮށްގެންނެވެ. އެގޭގެ މީހަކާ ދިމާވެދާނެތީ އޭނާ ކުރީބައިގަ ދައްކާނޭ ބަހަނާތައް ރޭވިއެވެ. އެހެންނަމަވެސް ކުރިމަތީ ހުރި ލައިރާ ފެނުމުން ކެންޒާއަށް އެއްޗެއް ބުނަން އުނދަގޫވިއެވެ.

"މިއަދު ނުދަން... ގެއަށް މިދަނީ" ކެންޒާ ބުންޏެވެ.

"ކަމެއްވީތަ؟" ލައިރާއަށް އަހާލެވުނީ ކަންބޮޑުވުމާއެކުއެވެ. އެދިމާއަށް ސެހްރާނަށް އާދެވުނީ އެވަގުތެވެ. ކެންޒާއަށް އިތުރަށް ވާހަކައެއްނުދެއްކުނެވެ.

"ކެން! ހާއި!..." ސެހްރާނަށް ކެންޒާ ފެނުމާއެކު ހިނިތުންވުމަކާއެކު ވާހަކަދެއްކިއެވެ.

"އިހަށް އަހަންނާއެކު ހިނގާ" އެލެވޭޓާގެ ތެރެއަށް ލައިރާ ވަނެވެ. އޭނާގެ ފަހަތުން ސެހްރާނު ވެސް ވަނެވެ.

ކެންޒާ ގޮވައިގެން ލައިރާ ގަސްދުކުރީ އޭނާ އުޅޭ ބަޔަށް ގެންދާށެވެ. ސެހްރާނު އެމީހުންގެ ފަހަތުން އަޅުވާލިއެވެ. އަންހެންކުދީން ދައްކާނީ ނިކަން ޝައުގުވެރިވާހަކައޭ ކިޔަމުން އެމީހުންގެ ފަހަތުން ސެހްރާނުއައެވެ.

ލައިރާގެ އެޕާޓްމެންޓަށް އެންމެން ވަންއިރު އިލިޔާނާގެ ހުނުމުގެ އަޑުއިވިއިވި ހުއްޓެވެ. ބޮޑެތި ސޯފާތަކުގައި އިށީނުމުގެ ބަދަލުގައި ލައިރާ އައީ ދަރިފުޅުގެ ގާތަށެވެ. ކެންޒާ އޭނާއާއެކު އައުމުން ސެހްރާނު ވެސް އެ ދެ އަންހެންކުދީން ފަހަތުން އައެވެ.

"ދަރިފުޅާ... އިލީ!" ލައިރާ ގޮވާލިއެވެ.

ބޯކެހެރިގަނޑެއް ފަދަ ބޮޑު ރަގުގެ މަތީ އިލިޔާނާ އޮތީ ކުޑަފުއްގަނޑެއްކަހަލަ ބުޅަލެއްގައި ބައްދާލައިގެންނެވެ. އެކުއްޖާގެ ބޯކައިރީ ކަޅުކުލައިގެ ބޮޑު ބިޔަ ބުޅަލެއް އިނދެގެން އިލިޔާނާގެ އިސްތަށިގަނޑުގައި ދޫލައި ރީތިކޮށްދެއެވެ. އެ ސޮރު ހީވަނީ ކުޑަވަރެއްގެ ސިންގާއެއްހެންނެވެ. ސިންގާގެ ހުންނަފަދަ ވަރުގަދަ ހުޅިގަނޑެއް އޭގައި އޮތެވެ. ކެންޒާއަށް އެމަންޒަރު ބަލަން ހުރެވުނީ އަޖައިބުވެފައެވެ. އެވަގުތު އެތެރެއިން ބިދޭސީ އަންހެންކުއްޖަކު ދުވަމުން ނުކުމެގެން އައެވެ. އޭނާގެ އަތުގައި އޮތް ކުދި ހަތަރު ބުޅާ އިލިޔާނާ ކައިރީ ރަގުމައްޗަށް ލިއެވެ.

"ސޭމީ!" ޚާދިމުންގެ ޔުނީފޯމްގައި ހުރި ބިދޭސީ ކުއްޖާއަށް ލައިރާ ގޮވާލީއެވެ. އޭނާ އަވަސްއަވަހަށް މަޢާފަށް އެދުނެވެ. އިލިޔާނާ ބުޅާތައް ގޮވައިގެން އައީކަމުގައި ބުންޏެވެ. އެއާއެކު ލައިރާއަށް އަހާލެވުނީ މާމައަށް އެކަން އެނގޭތޯއެވެ. އެހިނދު ސަމަންތާ ބޯޖަހާލީއެވެ.

އެންމެންގެ ސަމާލުކަން އަތުލީ ކެންޒާ ސިހިފައި ދުރަށް ޖެހުނު ގޮތުންނެވެ. އޭރު އޭނާގެ ފައިކައިރިން ފަރިކޮށް "ކެޓްވޯކް"ގައި ދިގުކެހެރިގަނޑެއްގެ ވެރި ހުދު ބުޅަލެއް އައީއެވެ. އެ ސޮރު ގޮސް ރަގުމައްޗަށް އަރައި ޖައްސާލީއެވެ.

"އިސްކަންދަރު" ލައިރާ ގޮވާލިއެވެ. އަދި އައިގޮތަށް އައިސް އިލިޔާނާގެ އިސްތަށިގަނޑުގައި ދޫލަން އިން ބޮޑު ބުޅާ ދުރަށް ޖެއްސިއެވެ.

"ކެން ބިރުގަނޭތަ ބުޅާދެކެ" ސެހްރާނު އަހާލީ ނިކަން ހިނިއައިސްފައި ހުރެއެވެ.

"މަޑުއެއްޗެއް ފައިގަ ހޭކުނީ ސިއްސައިގެން ދިޔައީ، ބިރެއްނުގަނޭ... ކިހާ ލޯބި އެހެން އުޅޭއިރު" ކެންޒާ ވެސް ހިނިތުންވެލީއެވެ. އެވަގުތު އިލިޔާނާ އުރައިގެން އުޅުނު ބުޅާ ހިފައިގެން އައިސް ކެންޒާއަށް ދިއްކޮށްލިއެވެ.

"ބީފީ" އިލިޔާނާ ބުނެލިއެވެ. އޭނާ ބުނިއެއްޗެއް ނޭނގުނެއްކަމަކު ކެންޒާ ބުޅާ އުރާލިއެވެ. މަންމަގެ އަޑުލުމުން ސަލާމަތްވާނޭ ގޮތް ކުޑައެއްކަމަކު އިލިޔާނާއަށް އެނގުނީއެވެ. އެކުއްޖާ އަވަހަށް ބެލީ ކެންޒާއާ ގުޅާލެވޭތޯއެވެ.

"މީ ބީފީތަ؟" ސެހްރާނު އަހާލީ އިލިޔާނާގެ ގާތުންނެވެ. އެހިނދު އަވަސްއަވަހަށް އެކުއްޖާ ބޯޖަހާލިއެވެ. ކެންޒާގެ އަތުގައި ހިފައިގެން ގެންގޮސް ރަގުގައި އިށީނުމަށް ބުންޏެވެ. އެތަނުގައި ތިބި ބުޅާތަކުގެ ނަންތައް ކެންޒާއަށް އިލިޔާނާ ކިޔާދިނެވެ. ކެންޒާ ބުޅަލަށް ބީފީއޭ ގޮވާލުމުން ސެހްރާނު ހޭންފެށިއެވެ.

"އިޓްސް ނޮޓް ދެއާ ރިއަލް ނޭމް، ބީފީ ސްޓޭންޑްސް ފޯ ބީފާނު، އެއީ އެންމެ ކުޑަ، މާމަގެ ފޭވަރިޓް، މީ ރެހެންދީއާއި އިސްކަންދަރުގެ ދަރީން، ކެންގެ ފައިގަ އުނގުޅިލާފަ އައީ ރެހެންދީ، މާމަ ފިޔަވާ ހުރިހާ ބުޅަލެއް ވަކިކުރަން އެނގޭ މީހަކަށް މިގޭގަ އުޅޭނީ ލައިތު..." ސެހްރާނު ބުންޏެވެ. އެހިނދު ކެންޒާއަށް އޭނާއާއި ލައިތުގެ ބައްދަލުވުން ހިނގައިދިޔަގޮތް ހަނދާންވިއެވެ. ބޭއިޚްތިޔާރުގައި ހިއްލާލި އަތުން ކަރުދޮށުގައި އަތްޖައްސާލެވުނެވެ.

* * * * *

އޮފީހުން ނުކުމެ ކާރަށް އެރީއްސުރެ ލައިތުއަށް އިނދެވުނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އޭނާގެ ވައަތްތިލައަށް ނަޒަރު ހުއްޓާލަމުން ބޮޑުވައި އިނގިލިން އަތުގެ އެހެން އިނގިލިތަކުގެ ކޮޅުގައި ހާކާލިއެވެ.

"އައި ލައިކް ޔޯ ހެއާ... ރިއަލްތަ؟" ލައިތުގެ ހަނދާނުގެ ދޮރުތަކުން ދޮރެއް ހުޅުވުނެވެ. އޭނާގެ އިނގިލިތަކަށް ކުރެވުނު އިޙްސާސް އެ އިނގިލިތައް ވެސް ދެނެގަތް ކަހަލައެވެ.

ޚިޔާލުތަކަށް ގެއްލިފައި އިނދެ ލައިތު ކާރު ދުއްވާލިއެވެ. ބޮޑެތިމަގުތަކުން ކުދި މަގުތަކަށްވަދެ ކަންކަންމަތިން ލަނބަމުން އައިސް މަގެއްގެ އެއްފަރާތުގައި ލައިތު ކާރު މަޑުކޮށްލިއެވެ. ކަންމަތީގައި ހުރި ގެއަށް އޭނާ ބަލާލިއެވެ. އިމާރާތަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. އެކަމަކު އޭނާގެ ހަނދާނުގައި ރައްކާކުރެވިފައިވީ ދޮރޯށީ ހުރީ ބަދަލުވެފައެވެ. ހެންވޭރަށް ދިއުމުގެ ބަދަލުގައި އޭނާ އައިސް އެ އިނީ ގަލޮޅުގައެވެ.

"ވައި އެމް އައި އީވަން ހިއާ... ނަތިން އިޒް ލައިކް ބިފޯ" ގޭގެ ނަންބޯޑަށް ބަލާލާފައި ލައިތު އޭނާގެ މޫނުގައި ދެއަތުން ފިރުމާލިއެވެ. ރިނދަލި ގޭ ދޮށަށް އޭނާ އައީ ކޮން ބޭނުމެއްގައި ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.

(ނުނިމޭ)