ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެޗްއާރުސީއެމް މެންބަރުންގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް ކުރިއަށް ގެންދަން ޖެހޭ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެޗްއާރުސީއެމް މެންބަރުން ވަކިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް އެދި ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން، މުއައްސަސާއެއްގެ މެންބަރުން ވަކިކުރަން ކޮމިޓީއަކަށް ފެނިއްޖެނަމަ ވަކިކުރުގެ އިޖުރާއަތްތައް ކުރިއަށް ގެންދިއުމުގެ ކުރިން ރިޔާސަތަށް އަންގަން ޖެހެ އެވެ. އަދި މަޖިލީހުގައި ބާއްވާ ޖަލްސާއެއްގައި ރިޔާސަތުން އެ މައްސަލަ ކޮމިޓީއަށް ފޮނުވި ކަން އިއުލާން ކުރަން ޖެހެ އެވެ.

އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީން އެދި ތަޅުމަށް ފޮނުވިއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެޗްއާރުސީއެމްގެ މެންބަރުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓަކީ، ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ އާމްދަނީ އާއި މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުން ލަފާ ދިނުމަށް މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ އެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓެވެ.

އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވިއިރު، އެ ކޮމިޝަންގައި މިހާރު ތިއްބެވި ފަސް މެންބަރުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނަށް އައްޔަން ކޮށްފައިވާ މެންބަރުންނެވެ.

އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު އާއި، މެންބަރު މޫސާ އަލީ ކަލޭފާނާއި މެންބަރު ނައިވީން އަބްދުﷲ ގެ އިތުރުން މެންބަރު އާއިޝަތު އަފްރީން މުހައްމަދެވެ.