ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަނޑިންމަ މުވައްޒަފު މަރުވި މައްސަލަ މަޖިލީހަށް ބަލައިގެންފި

ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފަކު މަރުވި މައްސަލާގައި ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ އެ ރިސޯޓުގެ މުވައްޒަފަކު ހާލު ސީރިއަސްވުމާއި ގުޅިގެން ދ. އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ. އޭނާގެ ގައިން ކޮވިޑް-19 އިގެ އަލާމާތްތައް ފެނި ޓެސްޓު ކުރުމުން ބައްޔަށް ވަނީ ޕޮޒިޓިވް ވެސް ވެފަ އެވެ. އެއީ ރާއްޖެއިން ކޮވިޑް-19 ގައި މަރުވި 38 ވަނަ މީހާ އެވެ.

އޭނާ ފަރުވާއަށް ފޮނުވުމުގައި ރިސޯޓުގެ ބޮޑު އިހުމާލެއް އޮތް ކަމަށް އެ ރިސޯޓުގައި އޭނާ އާއެކު މަސައްކަތް ކުރާ މުވައްޒަފުންނާއި އާއިލާއިން ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.

ނަސީރުގެ މަރާ ގުޅިގެން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލާގައި ބުނެފައިވަނީ ނަސީރު މަރުވެފައިވަނީ އޭނާއަށް ފަރުވާދިނުން ލަސްވެ، ކޮވިޑް-19 އަށް ޓެސްޓު ނުކުރެވި، ރިސޯޓުގެ މެނޭޖްމަންޓުގެ އިހުމާލުންކަމަށް އާއިލާއިން ތުހުމަތުކުރާތީ، ނަސީރަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ގޮވާލާ ކަމަށެވެ.

ނަސީރުގެ މަރާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު، ކަނޑިންމަ މޯލްޑިވްސްގެ ރިސޯޓު ހިންގުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓަރީން ވަނީ ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ.

މުވައްޒަފު މަރުވި މައްސަލާގައި އެ ރިސޯޓުގެ އިހުމާލު އޮތް ކަމަށްބުނެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފަ އެވެ. އަދި އެޗްއާރްސީއެމުންވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.