ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަނޑިންމަ މުވައްޒަފު މަރުވި މައްސަލަ މަޖިލީހަށް

ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފަކު މަރުވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ އެ ރިސޯޓުގެ މުވައްޒަފަކު ހާލު ސީރިއަސްވުމާއި ގުޅިގެން ދ. އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ. އޭނާގެ ގައިން ކޮވިޑް-19 އިގެ އަލާމާތްތައް ފެނި ޓެސްޓު ކުރުމުން ބައްޔަށް ވަނީ ޕޮޒިޓިވް ވެސް ވެފަ އެވެ. އެއީ ރާއްޖެއިން ކޮވިޑް-19 ގައި މަރުވި 38 ވަނަ މީހާ އެވެ.

އޭނާ ފަރުވާއަށް ފޮނުވުމުގައި ރިސޯޓުގެ ބޮޑު އިހުމާލެއް އޮތް ކަމަށް އެ ރިސޯޓުގައި އޭނާ އާއެކު މަސައްކަތް ކުރާ މުވައްޒަފުންނާއި އާއިލާއިން ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.

އެކަން މިހާރު ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނަސީރުގެ މަރާ ގުޅޭ ކުއްލި މައްސަލައެއް ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ނަމަވެސް މިއަދުގެ ޖަލްސާ އަކީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅާ ޖަލްސާ ކަމަށް ވާތީ މިއަދު އެ މައްސަލަ އެޖެންޑާ ކުރެއްވެން ނެތް ކަމަށާއި، މާދަމާ އަށް އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަސީރުގެ މަރާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު، ކަނޑިންމަ މޯލްޑިވްސްގެ ރިސޯޓު ހިންގުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓަރީން ވަނީ ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ.

މުވައްޒަފު މަރުވި މައްސަލާގައި އެ ރިސޯޓުގެ އިހުމާލު އޮތް ކަމަށްބުނެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފަ އެވެ. އަދި އެޗްއާރްސީއެމުންވެސް ދަނީ އެ މައްސަލަ ތަހްގީގު ކުރަމުންނެވެ.