ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވީ އަދަދު 60 އަށް

ކަނޑިންމަ ރިސޯޓުން އިތުރު 10 މީހަކު ޕޮޒިޓިވްވެ އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 60 އަށް އަރައިފި އެވެ.

މިރޭ ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ވިދާޅުވީ ކަނޑިންމަ ރިސޯޓުން އިތުރު ބަޔަކު ޕޮޒިޓިވްވެ އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 60 އަށް އަރާފައިވާ ކަމަށެވެ.

ފަހުން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ކުރިން ޕޮޒިޓިވްވީ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވެގެން ކަރަންޓީން ކުރި މީހުންވެސް ހިމެނެއެވެ. އަލަށް ޕޮޒިޓިވްވި 10 ކޭސްއާ ގުޅިގެންވެސް އިތުރު ބަޔަކު ވަނީ ކަރަންޓީން ކޮށްފައެވެ.

ކަނޑިންމަ ރިސޯޓުން ފުރަތަމަ ޕޮޒިޓިވްވީ އުމުރުން 60 އަހަރުގެ ދިވެއްސެކެވެ. އޭނާ ވަނީ ފަރުވާއަށް ކުޑަހުވަދޫއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ވަޅުލީ ފަހުންނެވެ. އޭގެ ފަހުން ކަނޑިންމަ ރިސޯޓުން ވަނީ ގިނަ އަދަދެއްގެ ސާމްޕަލް ނަގާފައެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކަނޑިންމަ ރިސޯޓްގެ އޮޕަރޭޝަން ވަނީ ހުއްޓުވާފައެވެ. އެ ރަށް އަދިވެސް އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ. އެ އެޖެންސީގެ އެދުމަކަށް ފުލުހުން ގެންދަނީ ކަނޑިންމައިން މަރުވި މީހާއާ ގުޅޭގޮތުން ފެންމަތި ކޮށްފައިވާ މައްސަލަތައް ބަލަމުންނެވެ. ތުހުމަތު ކުރެެވެނީ އެމީހާއަށް ރިސޯޓުން އިހުމާލުވުމެވެ.