އަނިޔާގައި ހުއްޓައި ޓީމާއެކު އެ ކުޅުންތެރިއަކު ގެންދިއުމަކީ ދިވެހި ޓީމުތަކުން އާއްމުކޮށް ނުކުރާ ކަމެކެވެ. ހާއްސަކޮށް ކުލަބުތަކުގެ މާލީ ހާލަތު ދަށްވުމާއެކު، ދަތުރުކޮށްފައި އެހެން ތަނަކަށް ކުޅެންދާނަމަ އެއްގޮތަކަށް ވެސް ނުފެނެއާ ބުނުމަކީ ދޮގަކަށްނުވާނެ އެވެ. ނަމަވެސް އަނިޔާވެ، މި ސީޒަނުގައި ކުޅެވޭނެ ކަމުގެ އުއްމީދު ނެތަސް މާޒިޔާއިން ޕްރެޒިޑެންޓްސް ކަޕަށް އައްޑޫސިޓީ އަށް އައިސްވަނީ ކީޕަރު އިމްރާނު މުހައްމަދު ގޮވައިގެންނެވެ.
ޓީމުގެ ކޯޗު އަލީ ސުޒޭނާ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާލުމުން އޭނާ ބުނީ "އިމްރާނަކީ ވަރަށް މުހިންމު މީހެއް،" ކަމަށެވެ.
"ޓީމެއްގައި ލީޑަރޝިޕް ނަގަން އެނގިގެން އެކަން ކުރަންވެއްޖެނަމަ އެކަން ކުރާނެ މީހަކީ އިމްރާން. ކޮންމެ މީހަކަށް ވެސް އިސްވެ ހުރެވިދާނެ. އެކަމަކު ހުރިހާ ކުޅުންތެރިން ގޮވައިގެން، ޓީމު ލީޑްކުރަން އެންމެ ރަނގަޅަށް އެނގޭ މީހަކަށް ވާނެ އޭނާ. އެހެންވީމަ އިންޖަރީގައި ހުއްޓަސް އިމްރާނަކީ މިކަހަލަ މުބާރާތެއްގައި މާޒިޔާ އަށް ވަރަށް މުހިންމު މީހެއް،" ވިކްޓަރީގައި ވެސް އިމްރާނާއެކު އެތައް ދުވަހެއްވަންދެން މަސައްކަތްކޮށްފައިވާ ސުޒޭން ބުންޏެވެ.
ފާއިތުވެދިޔަ 15 އަހަރު ގައުމީ ޓީމުގެ އެއްވަނަ ކީޕަރުކަން ކުރި އިމްރާނަށް އަނިޔާވީ ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮންއާ ދެކޮޅަށް ގައުމީ ޓީމަށް ކުޅެނިކޮށެވެ. މިހެންވެ މި ސީޒަނުގައި މާޒިޔާ އަށް ބަދަލުވި ނިއު އާއި ވިކްޓަރީގެ ކުރީގެ ކެޕްޓަން އަދި ކީޕަރަށް ވަނީ ސީޒަން ނިމިފަ އެވެ. އެކަމަކު ސުޒޭން ބުނީ އިމްރާނުގެ ބޭނުން މާޒިޔާ އަށް ބޮޑު ކަމަށެވެ.
"މިވަގުތު އިމްރާނުވެސް ބޭނުންވޭ ޓީމަށް އެހީވާން. އޭނާގެ ހިދުމަތް ޓީމަށް ދެވެންއޮތްގޮތަށް ދެމުންއެދަނީ. ކުލަބުން އެކަން ބަލައިގަންނަން،" ނިއު އާއި ވިކްޓަރީ ގައުމީ ތަށި މިލްކުކުރި އިރު އެ ދެ ޓީމުގެ ގޯލުބެލެހެއްޓި ކީޕަރާ ބެހޭ ސުޒޭން ބުންޏެވެ.
އައްޑޫގައި މާޒިޔާގެ ކުޅުންތެރިންނާއި މެނޭޖްމަންޓު ތިބެނީ ވަކިންނެވެ. މިހެންވެ ޓީމުގެ ކުޅުންތެރިން މެދުގައި ޓީމުވަންތަކަމާއި ފޯރި ގެނައުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާތަން ފެންނަނީ ވެސް އިމްރާނުގެ ފަރާތުންނެވެ. އަންގިލައްވައިގެން ދަނޑަށް ނުކުމެވޭގޮތް ނުވި ނަމަވެސް މާޒިޔާގެ ޒުވާން ޓީމު އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް އޭނާގެ ތަޖުރިބާގެ ބޭނުން ކޯޗު ސުޒޭން އެދަނީ ވަރަށް ރަނގަޅަށް ހިފަމުންނެވެ.